ކުޅިވަރު

ލިވަޕޫލް އާއި އާސެނަލް ރޭހުގެ ކުރިއަށް

ބާންލީގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، އާސެނަލް ރޭހުގައި ދެމެހެއްޓިއިރު، ސައުތު ހެމްޓަންގެ މައްޗަށް 2-1 އިން މޮޅުވެ ލިވަޕޫލްވެސްއެ ޓީމު ކުޅުނު ދެ ވަނަ މެޗު މޮޅުވެ ރޭހުގައި ދަމަހައްޓައިފި އެވެ.

އާސެނަލް އާއި ބާންލީ، އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، ތަރި އަކަށްވީ އާސެނަލްގެ ހޯމް ދަނޑުގައި ފުރަތަމަ މެޗަށް ނުކުތް މިޑްފީލްޑާ ޑެނީ ސެބާޔޯސް އެވެ. ރެއާލް މެޑްރިޑްގެ ލޯން އެއްބަސްވުމުގެ ދަށުން އާސެނަލްއާ ގުޅުނު މިޑްފީލްޑަރު ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދާފަ އެވެ.

އާސެނަލްގެ ދެ ލަނޑުވެސް، ކާމިޔާބު ކުރީ ސެބާޔޯސް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. ފުރަތަމަ ލަނޑު މެޗުގެ 13 ވަނަ މިނެޓްގައި އެލެގްޒެންޑާ ލަކެޒެޓް ކާމިޔާބު ކުރީ ސެބާޔޯސް ނަގައިދިން ކޯނަރަކުން ތަނަވަސްވި ބޯޅައިންނެވެ. ބާންލީގެ ޑިފެންޑަރުން، ލަކެޒެޓް ވަރުގަދައަށް މާކު ކޮށްފައި ވަނިކޮށް އޭނާ ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލީ ވެއްޓިގެންފަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާންލީން އިން ނަތީޖާ ހަމަހަމަ ކުރި އެވެ. އެ ޓީމުގެ ލަނޑު 43 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އެޝްލީ ބާންސް އެވެ. އާސެނަލްގެ ދެ ވަނަ ލަނޑު، ޕިއާ އެމްރިކް އޮބާމަޔަންގް ކާމިޔާބު ކުރީ 64 ވަނަ މިނެޓްގަ އެވެ. އާސެނަލްގެ ހާފުގެ މެދުތެރެއިން ސެބާޔޯސް ދިން ބޯޅަ ހިފައިގެން، ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ އޮބާމަޔަންގް އެ ބޯޅަ ފޮނުވާލީ ބާންލީގެ ޑިފެންޑަރުވެސް ކަޓުވާލުމަށް ފަހު އެވެ.

ސައުތުހެމްޓަން އާއި ލިވަޕޫލް މެޗުގައި ލިވަޕޫލްގެ ފުރަތަމަ ލަނޑު ޖޭމްސް މިލްނާ ތަނަވަސް ކޮށްދިން ފުރުސަތކުން ކާމިޔާބު ކުރީ، ސެޑިއޯ މާނޭ އެވެ. ދެ ވަނަ ލަނޑު ރޮބާޓޯ ފިރުމީނޯ ކާމިޔާބު ކުރީ މެޗުގައި 71 ވަނަ މިނެޓްގައި މާނޭ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

މެޗުން 2-1 އިން ލިވަޕޫލް މޮޅުވި ނަމަވެސް، ސައުތު ހެމްޓަން އަތް ދަށު ނުވެ ލިވަޕޫލް ސަލާމަތް ކޮށްދިނީ، ލިވަޕޫލްގެ ކީޕަރު އެޑްރިއަންއެވެ. ފުރަތަމަ މެޗުގައި، އެއް ވަނަ ކީޕަރު އެލިސަން ބެކާއަށް އަނިޔާވުމުން، ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް އޭނާ އަށް ފުރުސަތު ދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.

މި ހަފުތާގައި ކާމިޔާބު ކުރި، ޔޫއެފާ ސުޕަ ކަޕްގެ ތަށިވެސް ލިވަޕޫލަށް ހޯދައިދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރީ އެޑްރިއަން އެވެ. އެ މެޗަށް ފަހު ސަޕޯޓަރަކާއެކު އުފާފާޅު ކުރަނިކޮށް އޭނާއަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއް ކުރިމަތިވެ، ސައުތުހެމްޓަން އާ ދެކޮޅަށް ނުކުޅެވިދާނެ ކަމުގެ ބިރުވެސް ހީވި އެވެ. އެހެންނަމަވެސް މެޗުގައި އޭނާ ވަނީ ނުރައްކާތެރި ބޯޅަ ތަކެއް ދިފާއު ކޮށްފަ އެވެ.

ސައުތުހެމްޓަންގެ ހަމައެކަނި ލަނޑު 89 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޑެނީ އިންގްސް އެވެ.

ނޯވިޗް ސިޓީ އާއި ނިއުކާސަލް ޔުނައިޓަޑް ކުޅުނު މެޗުގައި، ޓީމޫ ޕަކީ ގެ ހެޓްރިކުން ނޯވިޗް މޮޅުވީ 3-1 އިންނެވެ.