ރެއާލް މެޑްރިޑް

މޮޑްރިޗަށް ރަތް ކާޑު ދެއްކިޔަސް ރެއާލް މޮޅަކުން ފަށައިފި

މިޑްފީލްޑާ ލުކަ މޮޑްރިޗަށް ރަތް ކާޑު ދެއްކުމުން 10 ކުޅުންތެރިންނަށް މަދުވި ނަމަވެސް، ސެލްޓަ ވީގޯ އާ ދެކޮޅަށް 3-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ރެއާލް މެޑްރިޑް މޮޅަކުން ލީގް ފަށައިފި އެވެ.

ދެ ވަނަ ހާފު ފެށިގެން 10 ވަނަ މިނެޓްގައި، މޮޑްރިޗަށް ރަތް ކާޑު ދެއްކީ، ސެލްޓަގެ ޑެނިސް ސުއަރޭޒްގެ ފަހަތުން އޭނާ އަށް ޓެކްލު ކުރުމުގެ ގޮތުން ފައި މައްޗަށް އެރުމުންނެވެ. ރެފްރީ ފުރަތަމަ އެއްވެސް ކާޑެއް ނުދައްކައި ފައުލު ކުރި ތަނުން ސެލްޓަ ވިގޯއަށް ދިނީ ހިލޭ ޖެހުމެކެވެ.

ހިލޭ ޖެހުން ޖަހަން ތައްޔާރު ވެގެން ސެލްޓައިން ތައްޔާރުވި ތަނުން، މެޗުގެ ރެފްރީ ވީއޭރް ޓީމާ ވާހަކަ ދައްކަމުން ދިޔަ އެވެ. ވީއޭރުން ރިޕްލައިން ބަލަން ދަނޑުން ފޭބުމަށް ފަހު އެނބުރި ދަނޑަށް އައިސް މޮޑްރިޗަށް އޭނާ ދެއްކީ ސީދާ ރަތް ކާޑެކެވެ. އެކަމާ މެދު ރެއާލްގެ ކުޅުންތެރިން ވަނީ ހިތްހަމަވެސް ނުޖެހިފަ އެވެ. ފުޓްބޯޅައިގައި އަލަށް އަމަލު ކުރަން ފެށި ގަވާއިދުގައި މޮޑްރިޗް ކުރި ފައުލަކީ ވަގުތުން ރަތް ކާޑު ދައްކަން ޖެހޭ ފައުލެކެވެ.

އޭރުވެސް، ރެއާލް ވަނީ، ފުރަތަމަ ހާފުގައި ބެންޒެމާ ކާމިޔާބު ކުރި ލަނޑުން ލީޑް ނަގާފަ އެވެ. ޕްރީ ސީޒަންގައި ދަށް ނަތީޖާތަކެއް ހޯދުމުން ސީޒަނާ ކުރިމަތިލިއިރު ރެއާލްގެ ޓީމަށް ވަރަށް ބޮޑަށް ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ. ނަމަވެސް ސީޒަންގެ ފުރަތަމަ މެޗުގައި ރެއާލްގެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.

ޕްރީ ސީޒަންގައި ރެއާލްގެ އާ ޕްލޭންގައި ނުހިމެނޭނެ ކަމަށް ބުނި ގެރެތު ބޭލް ފުރަތަމަ 11 ގައި ހިމަނައިގެން ނުކުތް ރެއާލްއަށް ފުރަތަމަ ލީޑް ނަގައިދިނުމުގައިވެސް ބޭލް ވަނީ މުހިންމު ހިއްސާއެއް ވެފަ އެވެ. މެޗުގެ 12 ވަނަ މިނެޓްގައި ބެންޒެމާ ލަނޑު ޖެހީ ބޭލް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. އެ ލަނޑު ޖެހުމުގެ ކުރިން ރެއާލްގެ މިޑްފީލްޑާ ކެސެމީރޯ ފައުލު ކުރި ކަމަށް ސެލްޓަގެ ކުޅުންތެރިން އެޕީލް ކުރި ނަމަވެސް ފައުލެއް ދައްކަން ޖެހޭވަރުގެ ކަމެއް ހިނގާފައެއް ނުވެ އެވެ.

ސެލްޓަގެ ގެބްރިއަލް ފެނާންޑޭޒް އަށް ހުރަސް އެޅުމުގެ ގޮތުން ކެސެމީރޯ އޭނާގެ ކުރިމައްޗަށް ނުކުމެ ބޯޅައަށް ހުރަސް އެޅި އެވެ. ކެސެމީރޯގެ ގައިގައި ޖެހިފައި ފެނާންޑޭޒް ވެއްޓުނު ނަމަވެސް ފައުލެއް ދައްކަން ޖެހޭވަރުގެ ކަމެއް ހިނގާފައި ނުވާ ކަމަށް ރެފްރީ ނިންމި އެވެ.

ރެއާލް ލީޑު ނެގިފަހުން، ސެލްޓަ ވީގޯގެ އިއާގޯ އެސްޕަސް ލަނޑެއް ކާމިޔާބު ކުރިނަމަވެސް، އެލަނޑު ޖެހުމުގެ ކުރިން އޭނާ ހުރީ އޮފްސައިޑްގަ އެވެ.

ދެ ވަނަ ހާފުގެ ކުރީ ކޮޅު މޮޑްރިޗަށް ރަތް ކާޑު ދެއްކުމުން 1-0 އިން ލީޑް ކުރަމުން ދިޔަ ރެއާލްގެ މައްޗަށް ސެލްޓަ ވިގޯއަށް އެޑްވާންޓޭޖު ނޭގޭނެ ކަމަށް ބެލެވުނެވެ. ނަމަވެސް އޭގެ ހަ މިނެޓް ފަހުން މިޑްފީލްޑާ ޓޯނީ ކުރޫޒް ވައްދާލި މޮޅު ގޯލާއެކު ސެލްޓަގެ ކުޅުންތެރިން ކުރަމުންދިޔަ ހިތްވަރަށް އަސަރު ކުރި އެވެ. ސެލްޓަގެ ހާފުގެ މެދެއްހާ ހިސާބުން އޭރިއާގެ ބޭރުން ކްރޫޒް ފޮނުވާލި ބޯޅަ ގޯލްގެ ތެރެއަށް ވަނީ ހުރަސް ދަނޑީގައި ޖެހިފަ އެވެ.

މޮޑްރިޗްގެ ރަތް ކާޑާއެކު އެތަން ފޫބައްދަން، ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން ގެނައީ އޭޓެކިން ބަދަލުތަކެކެވެ. އޭނާ ގެނައި ބަދަލުތަކުން، ރެއާލް އަށް ނަތީޖާގެ ފަރަގު ބޮޑު ކުރެވުނެވެ. ރެއާލްގެ ތިން ވަނަ ލަނޑު 80 ވަނަ މިނެޓްގައި ލޫކަސް ވަޒްކުއޭޒް ކާމިޔާބު ކުރީ މާސެލޯ ވިއޭރާ އާއި ބެންޒެމާ ދެ ކުޅުންތެރިން ކޮމްބިނޭޝަން ބޭނުން ކޮށްގެން ތަނަވަސް ކުރި ބޯޅައިންނެވެ. ޕެނަލްޓީ އޭރިއާގެ ރޮނގު މަތީގައި ހުރެފައި ބެންޒެމާ ބޯޅަ ދިނީ ވަރަށް ބާލާލާފައި އެ ބޯޅައަށް ލޫކަސް ވަޒްކުއޭޒް އަރާނެކަން އެނގިގެންނެވެ.

ސެލްޓަގެ ލަނޑު ކާމިޔާބު ކުރީ، އެ ޓީމުގެ ބީ ޓީމުން ސީނިއާ ޓީމަށް ޕްރޮމޯޓް ކުރި ޒުވާން ކުޅުންތެރިޔާ އިކާ ލޮސަޑާ އެވެ. އޭނާގެ ސީނިއާ ކެރިއަރުގެ ފުރަތަމަ މެޗުގައި ލަނޑު ޖެހުމަކީ އޭނާއަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމެކެވެ.