ހަނިމާދޫ ވައިގެ ބަނދަރުގައި ޖެއްސި ބޯޓުން ފަސިންޖަރުންތައް ފައިބަން ފެށިއެވެ. ލިއަމްގެ ފަހަތުން އޭނާ ލައިގެން ހުރި ހުދާއި މަޑުނޫކުލައިގެ ރޮނގުދެމި ގަމީހުގައި ހިފަހައްޓާލައިގެން ހޭޒަލް ފޭބިއެވެ. ރަށުގެ ފަސްގަނޑުގައި ފައިޖެހުމާއެކު ލުއި ހިނިތުންވުމެއް ހޭޒަލްގެ ތުންފަތަށް ވެރިވިއެވެ. ހަމައެހިނދު އޭނާގެ ވައަތްތިލައިގައި ހިފާ ލިއަމް ދަމާލަމުން ގާތަށް ގެނެސްފިއެވެ. ކޮނޑުގައި އަތްއަޅުވާލައި ގާތްކޮށްލައިގެން ހުރެ ހޭޒަލް ގޮވައިގެން ފޮށިތައް ނެގުމަށް ލިއަމް އެތެރެއަށް ހިނގައިގަތެވެ.
"އެއީ އަހަރެމެންގެ" ހިނގަހިނގާ ހުރި ބެލްޓު މަތީގައިވާ ފަސިންޖަރުންގެ ފޮށިތަކުގެ ތެރެއިން ފޮށްޓެއް ފެނިގެން އެއަށް ހޭޒަލް އިޝާރާތްކުރިއެވެ. އަދި ލިއަމްގެ އަތަށް ދަމާލާ އެދިމާއަށްދާން އެދުނެވެ.
"ބޭބްސް، އަހަރެމެން އެކޮޅަށް ނުދިޔަޔަސް މި ބެލްޓް މޫވްކުރަންޏާ އެ ފޮށި އަހަރެމެން ތިބި ހިސާބަށް އަންނާނެއެއްނު" ހޭޒަލް ހިފައި ދަމާލި އަތް ގަޔާ ކައިރިކޮށްލަމުން ލިއަމް ބުންޏެވެ. އޭނާ އެ ބުނި އެއްޗެއް ހޭޒަލްއަށް ވިސްނުނީ ދެނެވެ.
"ސްޓުޕިޑް މީ... ދޯ" ލުއި ހީނލުމަކާއެކު ހޭޒަލް ބުނެލިއެވެ. އަދި ލިއަމްގެ މުލައްދަނޑީގައި ހިފާލިގޮތަށް މަޑުކޮށްލައިގެން ހުރީ އެމީހުންގެ ފޮށި ކައިރިވަންދެނެވެ.
ކަޅުކުލައިގެ ބޮޑު ފޮށި ނަގައި ތަޅުންމަތީ ލިއަމް ބެހެއްޓިއެވެ. އެވަގުތު އެ ފޮށްޓާއެކު އައި "ބެކްޕެކް" ވެސް ލިއަމް ނެގިއެވެ. ހޭޒަލްގެ ބޮޑު "ބީޗު" ދަބަސް ވެސް ނަގައި ކޮނޑުގައި އަޅުވައިލައިފިއެވެ. ފޮށީގެ އަތްގަނޑުގައި ލިއަމް ހިފާ މައްޗަށް ދަމާލާފައި ހައްޔަރުކޮށްލިއެވެ. އަދި ފޮށަދަމަމުން އެތަނުން ނުކުމެ ފާލަމާ ދިމާއަށް އެމީހުން މިސްރާބު ޖެހިއެވެ.
"ލޯބީ، މިހާ އަވަހަށް އަންނަން ގަސްދުކުރީ ކީއްވެތަ؟ އައި ހޭވް ޕްލޭންސް ފޯ ޔޫ... ފޯ އަޒް" ކުޑަކޮށް ތުންކޮޅަށް ވައްތަރެއް ޖައްސާލަމުން ހޭޒަލް ބުނެލިއެވެ. އޭނާގެ އެ ހަރަކާތްތައް ދުށް ލިއަމްގެ ފުށުން އިވުނީ ލުއި ހީނލުމެއްގެ އަޑެވެ. ހޭޒަލް އެބުނާ "ޕްލޭންސް" އަކީ ކޮބައިކަން ލިއަމްއަށް އެނގޭ ކަހަލައެވެ.
"އަހަރެން ވެސް ޕްލޭން ކުރީމޭ ކަމެއް، އެހެންވެއޭ މަންމަމެންނާއެކު ބައިވެރިނުވެ، ދެ ދުވަސް ލަސްކުރާނީއޭ ބުނީ" ކަމެއް ސިއްރުކުރާ ފަދަ ގޮތަކަށް ލިއަމް ބުނެލިއެވެ.
"އެކަމަކު... އެހެން ކިޔާފަވެސް އަހަރެމެން މިފުރީ މަންމަމެން ވެސް ފުރި ދުވަހު، ތަފާތީ ދެބައިމީހުން އެރި ފްލައިޓް، މިހާރު ޔަގީން މަންމަމެން ތިބޭނީ ރަށުގަކަން" ހޭޒަލްއަށް ލިއަމްގެ ވާހަކަތަކުން އެއްވެސް ކަމެއް ދޭހައެއްނުވިއެވެ.
"ކަމޯން ބޭބީ، ތި ތުންކޮޅު އޫކުރަންޏާ ދަތްއަޅާފާނަން، ވަރިހަމަ ކިތަންމެ ބައިވަރު ބަޔަކު ތިއްބަސް" ހޭޒަލްގެ ތުންކޮޅަށް ޖައްސާ ވައްތަރުތަކުން ހިނިއައިސްފައި ހުރެ ލިއަމް ބުނެލިއެވެ. ލޯއަޅާލި ނަމަވެސް ހޭޒަލްއަށް ވެސް މިފަހަރު ހެވިއްޖެއެވެ.
"ދެން ބުނެބަލަ، މިހާ ކުރިން އައިއިރު، މަންމަމެންނާ ކީއްވެ ބައިވެރިނުވީ" ހޭޒަލް ސީރިއަސްކަން މޫނުން ފާޅުކޮށްލައި އެއްސެވެ.
"އަހަރެންގެ އަނބިމީހާ ގޮވައިގެން ދާން އޮތް މަންޒިލް ތަފާތުވީމަ" އެއްލޯ މަރާލަމުން ލިއަމް ބުންޏެވެ. ހޭޒަލްގެ މޫނުން ފާޅުވީ ހައިރާންކަމެވެ. ލިއަމް އެ ދައްކާ ވާހަކައެއް ކުޑަކޮށް ވެސް ހޭޒަލްއަކަށް ނޭނގެއެވެ.
ހއ.ކެލައަކީ ލިއަމްގެ މަންމަގެ ރަށެވެ. އެ ރަށުގައި އޭނާގެ ޢާއިލާ މީހުން އެބަތިއްބެވެ. ބޮޑު ޢީދަށް އެ ރަށަށް ދިއުމަށް ލިއަމްގެ ޢާއިލާ އައީ ވަރަށް ކުރީން ތައްޔާރުވަމުންނެވެ. އެކުދީންނަށްވުރެ ބޮޑަށް އެ ދަތުރު ދާން ބޭނުންވެފައި ހުރީ އެމީހުންގެ މަންމަ މުހުސިނާއެވެ. އެހެންވެ ޗުއްޓީ ލިބެންނެތް ކުއްޖެއްނަމަ ކުރީބައިގައި ޗުއްޓީ ހަމަޖައްސަން ވެސް މުހުސިނާ އޮތީ އެދިފައެވެ. އެ ދަތުރުގައި ލިއަމްގެ ދެމަފިރިންނަށް ވެސް ބައިވެރިވާން މަޖުބޫރުވީ އެހެންވެއެވެ. ނަމަވެސް ލިއަމް ވަނީ އޭނާގެ މަންމަ ގާތު ދޮގެއް ހަދާފައެވެ. އޮފީހުގެ ކަންތައްތައް ހުރި ގޮތުން ފުރޭގޮތްވާނީ މަންމަމެން ފުރާތާ ދެ ދުވަސް ފަހުން ކަމުގައި ބުނެފައެވެ. އެ ދޮގު ލިއަމް ހެދީ ހޭޒަލް ވެސް ހުއްޓައެވެ. ހޭޒަލް އެވަގުތު އެއްޗެއް ނުބުނީ އެއީ ލިއަމްއާއި އޭނާގެ މަންމައާ ދެމެދު ދެކެވޭ ވާހަކައަކަށް ވާތީއެވެ. ނަމަވެސް ފަހުން ފިރިމީހާއާއެކު އެކަނިވުމުން ހޭޒަލް އެކަމާ ސުވާލުކުރިއެވެ. ޖަވާބަކަށްވީ މަންމަމެންނާ ވަކިން އެމީހުން ދާން ލިއަމް ބޭނުންވަނީ ކަމެވެ. އެހެންވެ މަންމަމެން ގޮސް ހަމަޖެހިލީމާ ދެން ލިއަމްމެންގެ ދެމަފިރިން ފުރާނީ ކަމަށެވެ. އެކަމަކު އެހެނެއްވެސް ނުވިއެވެ. ހޭޒަލްއަށް އެނގުނީ ލިއަމް ޓިކެޓް ނަގައިގެން އައީމައެވެ. ފުރަންވީއޭ ބުނީމައެވެ. ދެން އަވަހަށް ތައްޔާރުކުރަން ފަށާފައި ހުރި ފޮށީގެ ކަންކަން ނިންމީއެވެ. ފުރަން މިއުޅެނީ ލިއަމްގެ މަންމަމެނާ އެއްދުވަހެއްގަކަމަށްވާއިރު އެކަން އޭނާގެ މަންމަމެންނަށް އަންގަން ވެސް ލިއަމް ދެކޮޅު ހެދީއެވެ.
އަށެއްވީ ބުރާސްފަތި ދުވަހުގެ ވަރަށް ހެނދުނު ލިއަމްގެ ޢާއިލާ ފުރައިފިއެވެ. ހޭޒަލްއާއި ލިއަމް ފުރީ މެންދުރުފަހުއެވެ. އެހެންވެ މިވަނީ ކިހިނެއްކަމެއް ހަމަ އެއްގޮތަކަށް ވެސް ހޭޒަލްއަކަށް ރޭކާއެއްނުލިއެވެ. ދިހައެއްވާ ހޮނިހިރު ދުވަހަކީ ޙައްޖު ދުވަހެވެ. އެ ދުވަހު އެންމެން ވެސް ރޯދައަށް ތިބެންވާނޭކަމަށް މުހުސިނާ އޮތީ އަންގާފައެވެ. އަދި އެ ދުވަހުގެ ރޯދަ ވީއްލުން އޮންނާނީ ރަށުގައި ތިބި ޢާއިލާއާއެކު އެއް ސުފުރާއެއްގެ ދޮށުގައިކަން މުހުސިނާ ބުނީ އެ ޚިޔާލު ހަޤީޤަތަކަށް ހެދުމުގެ ފޮނި އުންމީދުތަކެއް ކުރަމުންނެވެ. އެ އުންމީދު ފުރިހަމަވާނޭކަމަކާމެދު މިހާރު ހޭޒަލް ވެސް ސުވާލު އުފެދިއްޖެއެވެ.
"ލިއަމް ޕްލީޒް... އަހަރެން ނުތަޅުވާ ބުނެބަލަ، މަންމަމެން ގާތަށް ނުދަންޏާ ދެން ކޮންތާކަށްތަ މިދަނީ، މަންމަ ހާދަ ދެރަވާނޭ ލިއަމް ގަސްދުގައި ނުދިޔައީމަ، މިފަހަރު ވާނެ ރޯދަޔަށް ހުންނަން ވެސް... އެއްގޮތަކަށް ވެސް ކަންނެތްވެގެންނުވާނެ" ހޭޒަލްގެ އަޑުގައި ހިސާބެއްގެ ކަންބޮޑުވުން ވިއެވެ.
"ބޭބީ... ޙައްޖު ދުވަހު ހުންނާނީ މަންމަމެން ގާތުގައޭ، އޯކޭނު!... ޒެލްލު ގޮވައިގެން ފެންނަންވާއިރަށް މަންމަގެ މޫޑު ރަނގަޅުވެދާނެ، ދެން ހަނދާނެއްނުހުންނާނެ މޫޑީވީ ކަމެއް" ލިއަމް ބުނެލީ ހަމަޖެހިފައި ހުރެއެވެ.
ލަކުޑި ފާލަމުގެ މަތީ ހުރެ ރަށުގެ ބޮޑު ފަޅަށް ހޭޒަލް ނަޒަރު ހިންގާލިއެވެ. ހަނިމާދޫއަކީ ޤުދުރަތުގެ ފުރިހަމަކަން ލިބިފައިވާ ހިތްގައިމު ރަށެކެވެ. އަބަދު އެރި އޮންނަން ބޭނުންވާ ފަދަ ސާފު ރީތި މޫދެކެވެ. ހުދުހުދު ހިމުން ދޮންވެލިގަނޑެކެވެ. ހަވީރުގެ ހިޔާ އެޅުމަށްވުރެ ދުނިޔެމަތި ފެންނަނީ ބަނަކޮށެވެ. ސާފުވިލާ ކޮޅުތަކުގެ މައްޗަށް އަޅިވިލާތައް ގަދަވެގަންނަމުންދާތަން ފެނެއެވެ. ފަޒާގައިވާ ރޯޅިތަކުގައި ތެތްފިނިކަމެއް ހަރުލަމުންދާ ކަހަލައެވެ.
ބޮލުމެދަށް ޖަހާފައި ހުރި ހުޅި ދޫވެފައި ހުރުމުން ހޭޒަލް އިސްތަށިގަނޑު ނިއުޅާލިއެވެ. މަޑުހިނގުމުގައި ލިއަމްއާ ދުރަށް އޭނާ އައެވެ. އުނަގަނޑުން ތިރިއަށް ބުޑު ފެށޭ ހިސާބުގައި ކޭތިކޭތި ހޭޒަލްގެ އިސްތަށިގަނޑު އޮތެވެ. "ޗެސްޓްނަޓް" ކުލައިގެ އެ އިސްތަށިގަނޑު ދެއަތަށް ހެޔޮވަރުކޮށްލައި އަލުން ހުޅިއެއް ޖެހިއެވެ. އިސްތަށިގަނޑުގައި ފަންކަމެއް ހުއްޓަސް އެއީ އެއްކޮށް ފަން އިސްތަށިގަނޑެކޭ ނުބުނެވޭނެއެވެ. ރާޅުބާނި އިސްތަށިގަނޑަކަށްވުރެ ހޭޒަލްގެ އިސްތަށިގަނޑުގައި ހުރީ ބޮޑެތި ބާނިތަކެކެވެ. ރީތި ވަރަކަށް ބަނޑިބަނޑި ލެވިފައިވާ ބޯ އިސްތަށިގަނޑެކެވެ. އިސްކޮޅުގައި ފަސްފޫޓު ހަ އިންޗި ހުންނަ ހޭޒަލްއަކީ ހުދު ދޮނެއް ލިބިފައިވާ ހަށިގަނޑު ހިމަ ސައްބީސް އަހަރުގެ ޒުވާނެކެވެ. އުސް ކަނދުރާއަކާއި މައުސޫމްކަން ފާޅުވާ ދެ ލޮލެވެ. ހަށިގަނޑުގައި އޭނާ އެންމެ ލޯބިވާ އެއްޗަކީ ބޮލުގެ އިސްތަށިގަނޑެވެ. ކުލަނުޖައްސަން ހުރީ ވެސް އިސްތަށިގަނޑަށް ގޮތެއް ވެދާނޭ ހީކޮށެވެ. ނަމަވެސް ލިއަމްއަށް ރީތިވެގެން ބުނުމުން އޭނާ އެދުނު ގޮތަކަށް މިހާރު ހޭޒަލް އެހުރީ އެކަން ވެސް ކޮށްގެންނެވެ.
"ޒެލްލު... ބޭބްސް... ލޯންޗު..." ދުރުގައި ހުރި ހޭޒަލްއަށް ލިއަމް ގޮވާލި އަޑުއިވުނެވެ. ހުޅިއެއް ޖަހަން ފައިކައިރީ އިހު ބެހެއްޓި ދަބަސް ނަގައި ކޮނޑުގައި އަޅުވާލަމުން ހޭޒަލް ހަލުވިކޮށް ހިނގައިގަތީ ހިނިތުންވެލައިގެން ހުރެއެވެ.
ލާންޗުގައި ހަމަޖެހިލެވުމާއެކު ލިއަމްގެ ލޮލުގައިވި ކަޅުކުލައިގެ "ރޭބަން ކްލަބްމާސްޓާރ" އަވި އައިނު ނަގައި ހޭޒަލްއަށް ދިއްކޮށްލިއެވެ. އޭނާ އެ އައިނު ކޮނޑުން ނަގައި ކައިރީގައި ބަހައްޓާލި ދަބަހުގެ ތެރެއަށް ލައިދިނެވެ. ވިހި މިނެޓު ދަތުރުކުރެވުނު ފަހުން ލޮލަށް ފެނުނު ރަށުގެ މަލަމަތިން ހޭޒަލްއަށް ލިބުނީ ކުއްލި ސިހުމެކެވެ. ވަގުތުން ލިއަމްއާ ދިމާއަށް ބަލާލެވުނެވެ. އޭރު އޭނާ ހިނިތުންވެލައިގެން އިން ގޮތުން އެއީ ހޭޒަލްގެ ފަރާތުން ފެންނާނޭ އަސަރުކަން އެނގޭ ކަހަލައެވެ.
"މި ރަށަށް... ކީއްކުރަން މިރަށަށް... ހާދަ ދުވަހެއް ފަހުންނޭ" ކުއްލިއަކަށް ހޭޒަލްގެ ނަފްސަށް ބަދަލުތަކެއް އައި ކަހަލައެވެ. އިޙްސާސްތަކުގެ އޮއިވަރުގައި ޖެހި މީހާ ޖަޒުބާތީވާގޮތްވީއެވެ. ހަނދާންތަކެއް އިޔާދަވުމަށް ފުރުސަތުދީގެން އިންފަދަ ގޮތަކަށް ލާންޗު ކައިރިވަމުން ދިޔަ ރަށަށް ނަޒަރު ހުއްޓާލައިގެން ހޭޒަލްއަށް އިނދެވުނެވެ. އޭނާއަށް ހަރަކާތެއްކޮށްލަން ވެސް އެނގުނީ ލިއަމްގެ އަތުގެ ހިމާޔަތަށް އެ ހަށިގަނޑު ގެންގޮސް އޭނާގެ ނިތްކުރީގައި ލިއަމްގެ ތުންފަތުގެ ބީހިލުން އިޙްސާސް ކުރެވުމުންނެވެ. ހިތްހަމަޖެހުމުގެ ހިނިތުންވުމަކާއެކު ހޭޒަލް މަޑުމަޑުން ލޯ މަރާލުމަށްފަހު ހުޅުވާލިއެވެ.
"އައި ލަވް ޔޫ" މަޑުމަޑުން ހޭޒަލް ބުނެލިއެވެ.
"އައި ލަވް ޔޫ ޓޫ" ހޭޒަލްއާ ހަތަރުކަޅި ހަމަކޮށްލައިގެން އިނދެ ލިއަމް ބުނެލިއެވެ. އަދި ލޯބިން ހޭޒަލްގެ ކޯތާފަތުގައި ފިރުމާލިއެވެ.
"އަދި މި ފެށުނީ އިނގޭ... މީ އަހަރެންގެ ލޯބިވާ ވައިފަށް ދޭން އޮތް އެނިވާސަރީ ސަޕްރައިޒް، ޒެލްލުއަށް އެކަންޏެއްނޫނޭ ޕްލޭންސްތައް ހެދޭނީ" ފަހު ޖުމްލަ ލިއަމް ބުނެލި ގޮތުން ހޭޒަލްއަށް ހެވުނެވެ. އާންމުކޮށް "ސަޕްރައިޒް" ރޭވުމުގައި ކުރީގައި އުޅޭނީ ހޭޒަލްއެވެ. އެކަމަކު މިފަހަރު ލިއަމް މާ ކުޅަދާނަވެއްޖެއެވެ.
"އޭގެ ފަހުން އަހަރެމެން ބާރަށަކަށް ނާރަމެންނު... އަނެއްކާ ޖެނީތަ ލޯބިއަށް ހުރިހާކަމެއް ހަމަޖައްސައިދިނީ" ހޭޒަލްގެ އަޑުން އޭނާ އެއިނީ ލިއަމްދެކެ އުފަލުންކަން އެނގެއެވެ.
"ދެން އެހެންކާކު... އެ ގޭގައޭ ތިބެނީ، ޖެނިފާ ގޮތެއްދުލެއްނުކުރި، ޒެލްލު ގޮވައިގެން ބާރަށަށް އަރައިފިއްޔާ ފެންވިލާގޭ ނޫންގެއެއްގައި ޒެލްލު ބަހައްޓައިގެން ނުވާނޭ އޮތީ އަންގާފަ... އޭނާގެ ރަށްވީމަ، ރަށަށް ގަދަވާނެއެއްނު، ހުރިހާކަމެއް ހަމަޖެއްސެން ވެސް އޮތީ އޭނާއާ ގުޅައިގެން ވިއްޔަ" ލިއަމް ބުންޏެވެ.
"ކިހިނެއް ޖެނީގެ ނަންބަރު ލިބުނީ، އަހަރެން ބުނީ މެންނު އޭނާ ކުރިން ގެންގުޅުނު ނަންބަރަކަށް ނުގުޅެޔޭ، އޭނާ ވެސް ޚަބަރެއް ނުވާތާ ދެ އަހަރަށްވުރެ ގިނަދުވަސްވެއްޖެ، ވީގޮތެއް ވެސް އަންގާނުލި، ފޭސްބުކް އިން ވެސް ނުފެނޭ" ހޭޒަލްގެ ހިތުގައި އެކުވެރިޔާއާ މެދު ޝަކުވާގެ ކޫރެއް އެޅުނެވެ.
"އޮފީހުގައި އުޅޭ ކުއްޖެއް މެދުވެރިކޮށް ހޯދީ... ކޮންމެހެން ވެސް ހޯދަން ޖެހިގެން" ލިއަމް ބުންޏެވެ.
"ޖެނީ އަންނާނެތަ އަހަރެމެން ބަލާ، އިއްސެ ވެސް ހުންނާނެ ދޯ" ފުޅާ ހިނިތުންވުމަކާއެކު ހޭޒަލް ބުނެލިއެވެ.
"އޭނާ ބުނި އަންނާނަމޭ، އަހަރެން ލޯންޗަށް އަރަމުން މެސެޖު ވެސް ކުރިން، ރިޕްލައިކުރި ބަނދަރުމައްޗަށް އޭނާ އައިސް ހުންނާނެކަމަށް" ލިއަމް އޮޅުންފިލުވައިދިނެވެ.
"އެއީ ހާދަ މަޖާ ދުވަސްތަކެކޭ" މާޒީގެ ކަނެއްގައި ހިފާ ދަމާލަމުން އެ ރަން ހަނދާންތަކުގެ މައްޗަށް ހޭޒަލް ހީނލިއެވެ.
"ޢީދު ކުޅިވަރުގެ ތެރެއިން އަހަރެންގެ ބޮލަށް ގޮންޖެހީމާ ހީކުރީތަ އެހާ ފަސޭހައިން ސަލާމަތްވެވިދާނޭ، ބަލަ އަހަރެން ދުށް މަންޒަރަކަށް ނުވިޔަސް ބާރަށު ބޯށިވަލު ބުޅާފާޠިމާގެ ރެހެންދި ގޮއްޔެއަށް ވީގޮތް ތުންތުންމަތިން އޮތީ އިވިފައޭ" ލާނެތް ހިންޏެއް އައިސްފައި އިނދެ ލިއަމް ބުންޏެވެ. ހޭޒަލްއަށް ހީނލެވުނީ ލިއަމްގެ އަޅިފެހި ކުލައިގެ ކަޅިން އޭނާއަށް ބަލަން އިން ގޮތުންނެވެ. އެ ބެލުމުގައިވަނީ ކީކޭކަން އެނގިގެންނެވެ.
ހއ. ބާރަށަށް ފައިބާ ލިއަމްގެ ދެމަފިރިން ވަށައިގެން ހޯދާލަން ވާއިރަށް އެ މީހުންނާ ދިމާއަށް ދެއަތް ހޫރަމުން ކުޑަކުއްޖަކު ގާތުގައި ބަހައްޓައިގެން އަންނަ ޖެނިފާ ފެނިއްޖެއެވެ.
"ސުބުޙާނައްﷲ... މިރަށް މަތިން ހަނދާންވީ އަނެއްކާ ވެސް ގަނޑެއް ގަނެލަންވީތަ؟ މިހާރު ދެން ޢީދު ގޮންޖެހުމުގެ ބޭނުމެއްނެތް، ތިޔަ ތިބީ ހުރިހާކަމެއް ނިންމައިގެންނު" ޖެނިފާގެ ސަކަ މިޒާކުގައި ބުނެލިއެވެ. ވާހަކަދެއްކުމުގައި އޭނާއަށް މަޑެއްކޮށް އެއްޗެކޭ ނުބުނެވޭނެއެވެ.
"އަނެއްކާ ވެސް ކަމެއްވޭތޯ މިއައީ" ލިއަމް ލާނެތްވެލިއެވެ.
"ހޫމް... ހޫމް... މީނަ ދުވަހެއް ދުވަހަކަށް ހެންޑްސަމް ދޯ ވަނީ... ޒެލްލު!... ބަލައިގެން އުޅޭތި" އަނގަޔަށް ގޮތެއް ހަދާލާފައި ލިއަމްއަށް ރަނގަޅަށް ބަލާލަމުން ޖެނިފާ ބުންޏެވެ.
"އެއްކަހަލަ ޖެނީ" ޖެނިފާގެ ކޮނޑުގައި ބޮނޑިއެއް އަޅައި ކޮށްޕާލަމުން ހޭޒެލް ހޭންފެށިއެވެ.
"ހިނގާ ގޭދޮށަށް ދަމާ، ދެން ގޮސް އަނގަތަޅާނީ" ޖެނިފާ ބުންޏެވެ. ހޭޒަލް ހޫން ލައްވާލިއެވެ.
ފެންވިލާގޭ އިމާރާތަށް ހިސާބެއްގެ ބަދަލުތަކެއް އައިސްފައި ހުރިކަން ހޭޒަލްއަށް ފާހަގަވިއެވެ. އޭރު ވެސް އޭނާގެ ސަމާލުކަންވަނީ ޖެނިފާގެ ގާތުގައި ހުރި ކުޑަ ފިރިހެން ސޮރަށް ދެވިފައެވެ. އެވަރުގެ ކުއްޖަކު އެގޭގައި ނުހުންނާނޭކަން ހޭޒަލްއަށް އެނގެއެވެ. ޖެނިފާއަކީ އޭނާގެ މަންމަ އާބިދާއަށް ލިބުނު ހަތަރު ކުދީންގެ ތެރެއިން އެންމެ ހަގު ކުއްޖާއެވެ. ދޮށްޓަށް ތިބި ކުދީންގެ ދަރިއަކަށް ވެދާނޭކަމަށް ހޭޒަލް ހީކޮށްލީ އެހެންވެއެވެ. ޖެނިފާގެ ޚަބަރެއް ނުވާތާ ގިނަ ދުވަސްތަކެއްވެފައިވާއިރު އޭނާގެ ދިރިއުޅުމުގެ ހާލަތެއް ވެސް ނޭނގެއެވެ. ފެނިގެން ވާހަކަދެއްކި ދެއްކުމުގައި އެއީ އަދިވެސް ކުރީގެ ޖެނިފާއޭ ހީވެއެވެ.
ދޮރޯށްޓާއި މައިގެއާ ދެމެދު ބޮޑު ހުސްތަނެއް އޮތްއިރު ގޯތީގެ ދެފަރާތުން ފާޅުވަނީ ފެހިކަމެވެ. ކުލަކުލައިގެ މާތަށް ބައެއް ގަސްތަކުން ފެނެއެވެ. އިރުއޮއްސެން ކައިރިވާތީ އެ މާތައް ފެންނަނީ މޯޅިވެފައި ވާތަނެވެ. ނޫނީ ފަޒާގައި އެނބުރެމުންދާ ރޯޅިތަކުގެ ފިނީގެ އަސަރު ކުރީއެވެ. ދޮރުން ވަންނައިރު ކަނާއަތް ފަރާތުގައި މަރިޔާދު ގެއެއް ހަދާފައި ހުރިއިރު އެ ގޭތެރޭ ބޮޑު އުނދޯއްޔެއް އެލުވައިފައި ހުއްޓެވެ. އެތާ ކައިރީ ހަ މީހުންގެ ޖާގަ ހުރި ދިގު ޖޯލިފައްޗެއް ވެސް ބަހައްޓާފައި ހުއްޓެވެ. ޖެނިފާގެ ފަހަތުން އައި ހޭޒަލްއާއި ލިއަމް ވެސް އެމީހުންގެ ފައިވަންތައް އުސް އޮޅީގެ މަތީ ބަހައްޓާލާފައި އެތެރެއަށް ވަނެވެ. ކުރިން ފެނުނު ތަޅުމުގެ ބަދަލުގައި ފައިތިލަ ޖެހުނީ އޮމާން މުށީގައެވެ. ބޮޑު ސިޓިންރޫމުގެ ތެރެއިން ކޮޓަރި ބަރިތަކާ ދިމާއަށް އައެވެ.
"މީ ޒެލްލުމެން ކޮޓަރި، މީ އަހަރެންގެ" ކުރިމަތިވާ ގޮތަށް ހުރި ދެ ކޮޓަރިއެއް ދައްކާލަމުން ޖެނިފާ ބުންޏެވެ.
"ތޭންކްސް ބަޑީ" ލިއަމް ބުނެލިއެވެ.
"މަންމަވީ ދޮންތަމެން ގެއަށް ގޮސް، ބުނި ޒެލްލުމެން އައިމަ ސައިދޭން، ރެޑީ ވެސް ކޮށްފަ ހުރީ، އެއްޗެހި ބަހައްޓާފަ ދަމާ، ނޫނީ ފްރެޝްވެލަން ބޭނުންތަ؟" ޖެނިފާ އަހާލިއެވެ.
"އާބިދާ ދައްތަގެ ބޯކިބާ އެޅުމެއް ނެތްތަ މިފަހަރު ޢީދަށް، އެ ހަނދާން އާވީމަ ކުޅުދިޔާ ވެއްޖެ، ބޯކިބާ ކާހިތްވެއްޖެ" ހޭޒަލް ބުންޏެވެ.
"މީނަ ބޯކިބަލަކަށް ހަދާލާކަށް ނުވޭތަ ލިއަމް، ކަލެއަށް ހާދަ ކަމެއްނުވެޔޭ ދޯ" ޖެނިފާ ބުނެލީ ވަރަށް މާނަފުން އެއްޗެކެވެ. ހޭޒަލްއާއި ލިއަމްގެ ދެމެދުގައި އަވަސް ނަޒަރެއް ބަދަލުކޮށްލެވުނެވެ.
"އެކަމާއޭ މަމި ވިސްނަނީ" ލިއަމް ބުނެލިއެވެ.
"ކޮބާ އިއްސެ؟" ހޭޒަލް އަހާލިއެވެ. ޖެނިފާ ވެސް ޒާތީ ކަމަކަށް އިޝާރާތްކޮށްލީތީ ހޭޒަލް ވެސް އެ ފުރުޞަތުގެ ބޭނުން ހިފީއެވެ.
"އޭނާ ދޯ... ހިނގާ އިހަށް ސައިބޯން" ޖެނިފާ ބުންޏެވެ. އަދި ކާގެއާ ދިމާއަށް ދާން ހިނގައިގަތެވެ. ފަޅި ސިކުންތެއްގެ ތެރޭ ޖެނިފާގެ މޫނުން ފާޅުވި ހުރިހާ އަސަރަކާއި ކުލައެއް ހޭޒަލްއަށް ފެނިއްޖެއެވެ. އޭނާ މޫނު އަނބުރާލައި އެ ދިޔައީ ސިއްރުތަކެއް ހިފައިގެންކަން ހޭޒަލްއަށް ޔަގީން ކުރެވުނެވެ.
(ނުނިމޭ)