ކުޅިވަރު

ކުޓީނިއޯގެ އެއްބަސްވުން ދާއިމީ ކުރުމުގެ ފުރުސަތު

ލޯން އެއްބަސްވުމުގެ ދަށުން، ބަޔާން މިޔުނިކަށް ބަދަލު ވުމަށް ހަމަޖެހިފައިވާ ބާސެލޯނާގެ އެޓޭކިން މިޑްފީލްޑާ ފިލިޕޭ ކުޓީނިއޯ ދާއިމީ ކުރުމަށް ބަޔާން މިޔުނިކުން ވިސްނުންތަކެއް ގެންގުޅެން ފަށައިފި އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ފެށި ސްޕެނިޝް ލީގްގެ ފުރަތަމަ މެޗުގައި، އެތުލެޓިކް ކުލަބު އަތުން ބާސެލޯނާ ބަލިވި މެޗުގައި، ކުޓީނިއޯ ޓީމާއެކު ދަތުރު ކުރި ނަމަވެސް އޭނާ ހުރީ ސްޓޭޑިއަމްގެ ލޮބީގައި މެޗު ބަލާށެވެ.

މެޗުގެ ސްކޮޑުގައި ކުޓީނިއޯ ހިމެނިފަހުން ބަޔާން އިން ވަނީ ލޯން އެއްބަސްވުމުގެ ދަށުން ކުޓީނިއޯ ދޫކޮށް ދިނުމަށް ބާސާގެ ކައިރިން އެދިފަ އެވެ. ބާސާ އާއި ބަޔާން އާ ދެމެދުވީ އެއްބަސްވުމުގެ ދަށުން، މި ސީޒަން ނިމެންދެން އޭނާ ބަޔާންގައި މަޑު ކުރާނެ އެވެ.

އެއްބަސްވުމުގައި ވާ ގޮތުން، ބަޔާންއިން ބޭނުންވެއްޖެނަމަ ކުޓިނިއޯގެ އެއްބަސްވުން ދާއިމީ ކުރުމުގެ ފުރުސަތު އެ ޓީމަށް އެބައޮތެވެ. ކުޓީނިއޯގެ ފެންވަރު ބަޔާންގައި އޭނާ ސާބިތު ކޮށްދީފިނަމަ އޭނާ ލައްވައި ދާއިމީ އެއްބަސްވުމެއްގައި ސޮއި ކުރުމަށް ބަޔާންގެ ވެރިން ބޭނުންވެ އެވެ.

ލިވަޕޫލުން 2018 ވަނަ އަހަރު ޖަނަވަރީ މަހު ބާސާއަށް ވިއްކާލި ކުޓީނިއޯގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ބާސާއަށް ނުހިފުނެވެ. އެތުލެޓިކޯ މެޑްރިޑް ދޫކޮށް ފްރާންސްގެ އެންޓްއާން ގުރީޒްމަން ބާސާއާ ގުޅުމުން ކުޓީނިއޯއަށް ބާސާއިން ލިބޭ ފުރުސަތު ހަނިވެގެން ދާނެތީ އޭނާ އެހެން ކުލަބަކަށް ދޫކޮށްލުމަށް ބާސާއިން އޮތީ ތައްޔާރު ވެފަ އެވެ.

ބާސާއިން އެންމެ ފުރަތަމަ މަސައްކަތް ކުރީ ނޭމާ އަލުން އެ ޓީމަށް ގެނައުމަށްޓަކައި، ޕީއެސްޖީއާ އެކު ވެވޭ އެއްބަސްވުމުގެ ދަށުން ކުޓިނިއޯ ޕީއެސްޖީއަށް ބަދަލު ކުރުމަށެވެ. ނޭމާގެ ޓްރާންސްފާ އާ މެދު ވަކި ގޮތެއް މުޅިން ހަމަ ނުޖެހޭތީ ބަޔާން އަށް ކުޓީނިއޯ ދޫކޮށްލުމަށް ބާސާއިން ނިންމީ އެވެ.