ހަބަރު

ކުޑަކުދިންގެ އަދުލުގެ ބިލާއި ހައްގުތަކުގެ ބިލު މަޖިލީހަށް ހުށަހަޅައިފި

އުސްފަސްގަނޑުގައި ކުޑަކުދިންތަކެއް ގުޑިއަރުވަނީ: ކުޑަކުދިންގެ އަދުލުގެ ބިލާއި ކުޑަކުދިންގެ ހައްގުތަކުގެ ބިލު ސަރުކާރުން މަޖިލީހަށް ފޮނުވައިފި -- އަވަސް ފޮޓޯ | އަހުމަދު ޝުރާއު
0%
0%
0%

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު އަލުން އެކުލަވާލުމުގެ ބިލާއި ކުޑަކުދިންގެ އަދުލުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ސަރުކާރުގެ ފަރާތުން ފޮނުވައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނި ގޮތުގައި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނެއް އަލުން އެކުލަވާލުމަށާއި އަދުލުގެ ބިލެއް ހުށަހަޅަން ސަރުކާރުން ނިންމީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު ބައްޓަންކުރެވިފައި ވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބައިނަލްއަގްވާމީ މުއާހަދާގައި ބަޔާންކޮށްފައިވާ ހައްގުތައް އޭގެ އެންމެ ފުޅާ މިނުގައި ލިބިދެވޭ ފަދަ ގޮތަކަށް ކަމުގައި ނުވާތީ އެވެ.

ބިލުގައި ކަނޑައަޅާފައިވާ ކުޑަކުދިންނަށް ލިބިދޭން ޖެހޭ ހައްގުތަކުގެ ތެރޭގައި ތަފާތު ނުކުރުމާއި، ދިރިހުރުމާއި ހެދިބޮޑުވުމުގެ ހައްގާއި، ކުއްޖާގެ މަސްލަހަތަށް އިސްކަން ދިނުމާއި، އަޅާލުމާއި ހިމާޔަތް ލިބުމާއި، އަނިޔާކުރުމާއި ގޯނާކުރުމާއި އަޅާނުލުމުން ރައްކާތެރިކަން ލިބުން ހިމެނެ އެވެ.

އޭގެ އިތުރުން މައިންބަފައިން އެނގުމާއި އެމީހުންގެ އަޅާލުން ލިބުމުގެ ހައްގާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހާއްސަ އަޅާލުމާއި ރައްކާތެރިކަން ލިބުމުގެ ހައްގާއި، ދުޅަހެޔޮ ސިއްހަތާއި ސިއްހީ ފަރުވާ ލިބުމުގެ ހައްގާއި އުނގެނުމުގެ ހައްގާއި، ލާއިންސާނީ އަދަބު ނުދިނުމާއި ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ މައުލޫމާތު އާންމު ނުކުރުގެ ހައްގުތައް ހިމެނެ އެވެ.

އުމުރުން 18 އަހަރުން ދަށުގެ ކުޑަކުދިންގެ ކައިވެނި އެ ބިލުގެ ދަށުން މަނާ ކުރެ އެވެ. އަދި 18 އަހަރު ނުވާ ކުޑަކުދިންނަށް މަރުގެ އަދަބު ދިނުން ވެސް އެ ބިލުން މަނާކުރެ އެވެ.

ބިލުގައިވާ ގޮތުން ޖިނާއީ މަސްއޫލިއްޔަތު އުފުލަން ފެށޭ އުމުރަަކީ 15 އަހަރެވެ. އެ ގޮތުން 15 އަހަރުގެ ދަށުގެ ކުދިންނަށް އެއްވެސް ކުށެއްގެ ޖިނާއީ ދައުވާ ނުއުފުލޭނެ ކަމަށް ބިލުގައިވެ އެވެ. އެ އުމުރު ކަނޑައެޅީ އިސްލާމީ ގައުމުތަކުގައި އެ ކަމަށް ކަނޑައަޅާފައިވާ ރިއާޔަތްކޮށްފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ގޮތުން ކުޑަކުދިންގެ އަދުލުގެ ބިލުގައިވާ ގޮތުން، ކުޑަކުދިން ކުރާ ޖިނާއި ކުށުގެ މައްސަލަތައް ހާއްސަ ތަމްރީނުތަކެއް ލިބިފައިވާ ފަނޑިޔާރުން ތިބޭ ޖުވެނައިލް ކޯޓެއް ކަނޑައެޅި، މާލޭގައި މިހާރު ގާއިމުކޮށްފައިވާ ޖުވެނައިލް ކޯޓުގެ އިތުރުން އެ ކޯޓުގެ ސަރަހައްދީ ޑިވިޝަންތަކެއް އަތޮޅުތެރޭގައި ގާއިމު ކުރަން ޖެހޭނެ އެވެ.

ހޯމް މިނިސްޓްރީގެ ދަށުން ހިނގަމުންދާނެ ސަރުކާރުގެ އިދާރާއެއްގެ ގޮތުގައި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ނަމުގައި އިދާރާއެއް އުފައްދައި، އެ އިދާރާގެ މަސްއޫލިއްްޔަތުތައް ބިލުގައި ކަނޑައަޅާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ބިލު ގާނޫނަކަށްވެ އަމަލު ކުރަން ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި ކުޑަކުދިން ބަންދު ކުރާ މަރުކަޒުތައް ސަރުކާރުން ހެދުމަށް ބިލުގައި ލާޒިމު ކުރެ އެވެ.

އޭގެ އިތުރުން ކުޑަކުދިންނާ ބެހޭ ސިޔާސަތުތައް ކަނޑައެޅުމުގައި ޖެންޑާ މިނިސްޓްރީއަށް ލަފާ ދިނުމުގެ ގޮތުން ކައުންސިލެއް އުފެއްދުމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އަދި އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތުތައް ހަވާލު ކުރުމުގެ ގޮތުން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއެއް އުފައްދަން ޖެހޭނެ ކަމަށް ވެސް ބިލުގައިވެ އެވެ.

ކުޑަކުދިންގެ ހައްގުތަކުގެ ގާނޫނު ތަންފީޒު ކުރެވޭ މިންވަރު ބަލައި މޮނިޓާ ކުރުމަށްޓަކައި މިނިވަން މުސްތަގިއްލު ޗިލްޑްރަންސް އެމްބަޑްސްމަނެއް އައްޔަން ކުރަން ޖެހޭނެ ކަމަށް ވެސް ބިލުގައިވެ އެވެ. އެ އޮމްބަޑްސްމަންގެ އޮފީހަކީ ހިއުމަން ރައިޓްސް ކޮމިޝަންގައި ގާއިމުކުރެވޭނެ އިދާރާއެއް ކަމުގައި ބިލުގައި ބުނެ އެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ކުޅުދުއްފުށީ މުސްކުޅިބެ

ކުޑަކުދިން ނުރައްކަލުގެ ތެރެއަށް ވައްޓާލާނެ ބިލެއް ، ތޭރަ ސާދަ އަހަރުގެ ކުދިން ރެކްރޫޓް ކުރާނެ ގޭންގު ތަކުން އަދި އެކުދިންލައްވާ މީހުން މެރުމާ މަސްތުވާތަކެތި ވިއްކުން ކަހަލަ ޖަރީމާ ހިންގާނެ ، ކޮބައި ޖެންޑާ މިނިސްޓަރ މިކަމާ އެއްޗެއް ނުބުނޭ.

ހަމަ

ކޮން ހައްގެއް ހޯދަދެވޭނީ ؟ ނިމިގެންދިޔަ އީދުގެ މާލިތަކުގަވެސް އޭގެކު ރިންވެސް، ސިޔާސީކުލަޖެހި އޭގަ ވަނީ ކުޑަކުދިން ބައިވެ ރިކު ރުވާފަ. މިއީ ކުޑަ މިސާލެއް. މެޑަލް ޖަހަން ހަދާ ގާނޫނު ތަކެއް

ނާޅި

ހިދާޔަތުގެ މަގެއް ނުލިބިގެން އުޅޭ ބަޔެއްހެން ހީވަނީ ބަލަ އިސްލާމް ދީން ދަސްކޮށްގެން އެޔާއި އެއްގޮތަށް އުޅެވޭތޯ ބަލާބަލަ! ހިނައި ތާހިރުވާން ނޭގޭ މީހުން ޤާނޫނު ހަދަން މިއުޅެނީ ! ކޮބައިތޯ ތިބުނާ ބައިނަލް އަޤުވާމީ ޤާނޫނަކީ ހަވާ ނަފުސައް ކުދިން ބޮޑުކުރާ ޤާނޫނުތޯ !

ލަކޫ

ފުރަތަމަ ދައުލަތުން ކުދިންނަށް ފޯރު ކޮށްދޭންޖެހޭ ކަންކަން ފޯރު ކޮށް ދީބަލަ މައިން ބަފައިން ގަޑުތެޅިގެން ދަރިން ބަލާ ބޮޑު ކުރަނީ ގިނަ ފަހަރު ދައުލަތުގެ އެހީތެރިކަން ލިބެންޖެހޭ ކަންކަމުގައި ނުލިބި ! އަބަދު ޤާނޫނު ނެހެދިގެން އުޅޭ ބައިގަޑެއް ! ފުރަތަމަ ކުދިން ދުނިޔެއަށް އަންނަ ނިޒާމް ރަގަޅު ކޮށްބަލަ !

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345