ހަބަރު

ކުޑަކުދިންގެ އަދުލުގެ ބިލާއި ހައްގުތަކުގެ ބިލް ފާސްކޮށްފި

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު އަލުން އެކުލަވާލުމުގެ ބިލާއި ކުޑަކުދިންގެ އަދުލުގެ ބިލް ރަައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސަރުކަރުގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ހުށަހަޅުއްވާފައިވާ ކުޑަކުދިންގެ އަދުލުގެ ބިލް ފާސް ކުރީ މަޖިލީހުގެ މިއަަދުގެ ޖަލްސާގައި އެ ކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެންބަރުންގެ ވޯޓުންނެވެ.

ސަރުކާރުގެ ފަރާތުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހަޅުއްވާފައިވާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު އަލުން އެކުލަވާލުމުގެ ބިލް ފާސް ކުރީ މިއަދުގެ ޖަލްސާގައި އެ ކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެންބަރުންގެ ވޯޓުންނެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ބިލުގައި ކަނޑައަޅާފައިވާ ކުޑަކުދިންނަށް ލިބިދޭން ޖެހޭ ހައްގުތަކުގެ ތެރޭގައި ތަފާތު ނުކުރުމާއި، ދިރިހުރުމާއި ހެދިބޮޑުވުމުގެ ހައްގާއި، ކުއްޖާގެ މަސްލަހަތަށް އިސްކަން ދިނުމާއި، އަޅާލުމާއި ހިމާޔަތް ލިބުމާއި، އަނިޔާ ކުރުމާއި ގޯނާކުރުމާއި އަޅާނުލުމުން ރައްކާތެރިކަން ލިބުން ހިމެނެ އެވެ.

އޭގެ އިތުރުން މައިންބަފައިން އެނގުމާއި އެމީހުންގެ އަޅާލުން ލިބުމުގެ ހައްގާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހާއްސަ އަޅާލުމާއި ރައްކާތެރިކަން ލިބުމުގެ ހައްގާއި، ދުޅަހެޔޮ ސިއްހަތާއި ސިއްހީ ފަރުވާ ލިބުމުގެ ހައްގާއި އުނގެނުމުގެ ހައްގާއި، ލާއިންސާނީ އަދަބު ނުދިނުމާއި ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ މައުލޫމާތު އާންމު ނުކުރުގެ ހައްގުތައް ހިމެނެ އެވެ.

އުމުރުން 18 އަހަރުން ދަށުގެ ކުޑަކުދިންގެ ކައިވެނި އެ ބިލުގެ ދަށުން މަނާ ކުރެ އެވެ. އަދި 18 އަހަރު ނުވާ ކުޑަކުދިންނަށް މަރުގެ އަދަބު ދިނުން ވެސް އެ ބިލުން މަނާކުރެ އެވެ.

ބިލުގައިވާ ގޮތުން ޖިނާއީ މަސްއޫލިއްޔަތު އުފުލަން ފެށޭ އުމުރަަކީ 15 އަހަރެވެ. އެ ގޮތުން 15 އަހަރުގެ ދަށުގެ ކުދިންނަށް އެއްވެސް ކުށެއްގެ ޖިނާއީ ދައުވާ ނުއުފުލޭނެ ކަމަށް ބިލުގައިވެ އެވެ. އެ އުމުރު ކަނޑައެޅީ އިސްލާމީ ގައުމުތަކުގައި އެ ކަމަށް ކަނޑައަޅާފައިވާ ރިއާޔަތްކޮށްފައި ކަމަށް ސަރުކާރުން ބުނެ އެވެ.

އެ ގޮތުން ކުޑަކުދިންގެ އަދުލުގެ ބިލުގައިވާ ގޮތުން، ކުޑަކުދިން ކުރާ ޖިނާއި ކުށުގެ މައްސަލަތައް ހާއްސަ ތަމްރީނުތަކެއް ލިބިފައިވާ ފަނޑިޔާރުން ތިބޭ ޖުވެނައިލް ކޯޓެއް ކަނޑައެޅި، މާލޭގައި މިހާރު ގާއިމުކޮށްފައިވާ ޖުވެނައިލް ކޯޓުގެ އިތުރުން އެ ކޯޓުގެ ސަރަހައްދީ ޑިވިޝަންތަކެއް އަތޮޅުތެރޭގައި ގާއިމު ކުރަން ޖެހޭނެ އެވެ.

ހޯމް މިނިސްޓްރީގެ ދަށުން ހިނގަމުންދާނެ ސަރުކާރުގެ އިދާރާއެއްގެ ގޮތުގައި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ނަމުގައި އިދާރާއެއް އުފައްދައި، އެ އިދާރާގެ މަސްއޫލިއްްޔަތުތައް ބިލުގައި ކަނޑައަޅާފައިވެ އެވެ. ބިލު ގާނޫނަކަށްވެ އަމަލު ކުރަން ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި ކުޑަކުދިން ބަންދު ކުރާ މަރުކަޒުތައް ސަރުކާރުން ހެދުމަށް ބިލުގައި ލާޒިމު ކުރެ އެވެ.

އޭގެ އިތުރުން ކުޑަކުދިންނާ ބެހޭ ސިޔާސަތުތައް ކަނޑައެޅުމުގައި ޖެންޑާ މިނިސްޓްރީއަށް ލަފާ ދިނުމުގެ ގޮތުން ކައުންސިލެއް އުފެއްދުމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އަދި އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތުތައް ހަވާލު ކުރުމުގެ ގޮތުން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއެއް އުފައްދަން ޖެހޭނެ ކަމަށް ވެސް ބިލުގައިވެ އެވެ.

ކުޑަކުދިންގެ ހައްގުތަކުގެ ގާނޫނު ތަންފީޒު ކުރެވޭ މިންވަރު ބަލައި މޮނިޓާ ކުރުމަށްޓަކައި މިނިވަން މުސްތަގިއްލު ޗިލްޑްރަންސް އެމްބަޑްސްމަނެއް އައްޔަން ކުރަން ޖެހޭނެ ކަމަށް ވެސް ބިލުގައިވެ އެވެ. އެ އޮމްބަޑްސްމަންގެ އޮފީހަކީ ހިއުމަން ރައިޓްސް ކޮމިޝަންގައި ގާއިމުކުރެވޭނެ އިދާރާއެއް ކަމުގައި ބިލުގައި ބުނެ އެވެ.