ހަތަރު ރަށެއްގެ މަޝްރޫއުތައް ހިންގަން ފައިސާގެ އެހީ ދޭން ހޯމް މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުން ތަކުގައި ސޮއިކުރީ އއ. ހިމަންދޫ ކައުންސިލާއި ނ. ހޮޅުދޫ ކައުންސިލާއި ތ. ވިލުފުށި ކައުންސިލާއި ނ. ކުޑަފަރި ކައުންސިލާއެކު އެވެ. މީގެ ތެރެއިން ވިލުފުށްޓާއި ކުޑަފަރި ކައުންސިލާއެކު ސޮއިކުރީ މިއަދު އެވެ.
ކުޑަފަރި ކައުންސިލަށް ފައިސާ ދޭން އެއްބަސްވީ އެ ރަށުގެ މަގުތަކުގައި މަގުބައްތި ޖެހުމަށެވެ. މި އެއްބަސްވުމުގެ ދަށުން މިނިސްޓްރީން ދޭން ހަމަޖެހިފައިވަނީ ތިން ލައްކަ ރުފިޔާ އެވެ. މި މަސައްކަތައް އެ ރަށު ކައުންސިލުން ހަރަދުކުރަނީ 251،642.00 ރުފިޔާ އެވެ.
ވިލުފުށި ކައުންސިލަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެނީ ކުޑަކުދިންގެ ޕާކެއް އަޅަންށެވެ. މި މަޝްރޫއަށް މިނިސްޓްރީން ހަރަދުކުރަނީ 289،131.15 ރުފިޔާ އެވެ. އަދި އެ ރަށު ކައުންސިލުން 170،000.00 ހަރަދުކުރާނެ އެވެ.
މި މަހުގެ އަށް ވަނަ ދުވަހު ނ. ހޮޅުދޫ ކައުންސިލަށް ފައިސާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ވަނީ ސޮއި ކޮށްފަ އެވެ. އެ ކައުންސިލަށް ފައިސާ ދެނީ ކޮމިއުނިޓީ ޕާކެއް ހެދުމަށެވެ. އެމަޝްރޫއަށް މިނިސްޓްރީން ހަރަދުކުރަނީ 284،450.00 ރުފިޔާ އެވެ. ހޮޅުދޫ ކައުންސިލުން 216،000.00 ރުފިޔާ މި މަޝްރޫއަށް ހަރަދުކުރާން ނިންމާފަވެ އެވެ.
މީގެ އިތުރުން ކުޑަކުދިންގެ ޕާކެއް އަޅަން ހޯމް މިނިސްޓްރީން ވަނީ ހިމަންދޫ އަށް ވެސް ފައިސާގެ އެހީ ދޭން އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އެ މަޝްރޫއަށް މިނިސްޓްރީން ދޭން ހަމަޖެހިފައިވަނީ ތިން ލައްކަ ރުފިޔާ އެވެ. ހިމަންދޫ ކައުންސިލުން 502،000.00 ރުފިޔާ މި މަޝްރޫއަށް ހަރަދުކުރާނެ އެވެ.
މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު އެވެ. އަދި ރަށްތަކުން ސޮއިކުރީ އެ ރަށެއްގެ ކައުންސިލުން ނެވެ.
މި މަޝްރޫއުގެ ދަށުން 17 ރަށަކަށް އެހީ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ ޕާކް ހެދުމާއި މަގުބައްތި ޖެހުމަށް ހަ ރަށަކަށާއި ގަބުރުސްތާން ވަށާފާރު ރޭނުމަށް ހަތަރު ރަށަކަށާއި އަދި ނެރުބައްތި ޖެހުމަށް އެއް ރަށަ ކަށެވެ. ރަށްތައް ކަނޑައެޅީ އާއްމުކޮށް ހުޅުވާލައި، ކައުންސިލް ތަކުން ހުށައެޅި ޕްރޮޕޯސަލްތައް ބެލުމަށްފަހު އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށައެޅި ރަށްތައް ބަލައިގެންނެވެ.