ހަބަރު

ފީނަން ފޭބި ފަތުރުވެރިއަކު ގެއްލިގެން ހޯދަނީ

Aug 18, 2019

ފީނަން ފޭބި ފަތުރުވެރިއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ ކަނޑޫމާ ތިލަ އަށް "އޯސީއޭ އެމް ސެވަން އެސް" ސަފާރީގައި ޑައިވް ކުރަންފޭބި އަންހެން ފަތުރުވެރިއެއްގެ ހަބަރެއް ނުވެގެން ހޯދަން ފަށާފައިވާ ކަމަށެވެ. އެކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު މެންދުރުފަހު 1:10 ހާއިރު ކަމަށެވެ.

ފަތުރުވެރިޔާ ފީނަން ފައިބާފައިވަނީ 22 ގެސްޓުން ހިމެނޭ ގުރޫޕަކާއިއެކު ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ. ގެއްލިގެން ހޯދަމުންދަނީ ކޮން ގައުމެއްގެ އަދި ކިތައް އަހަރުގެ އަންހެނެއް ކަމެއް އެމްއެންޑީއެފުން ހާމަކޮށްފައެއްނުވެ އެވެ. އަދި އެކަމާ ގުޅޭ އިތުރު ތަފްސީލެއްވެސް ނުދެ އެވެ.