ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަކުރުމުގެ ދައުވާގެ ޝަރީއަތުގެ ތިންވަނަ އަޑުއެހުން އަންނަ ބުރާސްފަތި ދުވަހަށް ތާވަލުކޮށްފި އެވެ.
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ މީޑިއާ އޮފިޝަލް ފައިސަލް އާދަމް "އަވަސް" އަށް ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތުގައި ދެން ބާއްވާ އަޑުއެހުން ތަވާލުކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 9:30 އަށެވެ. ޝަރީއަތުގެ އެ އަޑުއެހުން ވެސް ޓީވީތަކުން ލައިވް ކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާ ކުރާ މަނީ ލޯންޑަރިންގެ މައްސަލާގައި މިހާތަނަށް ދެ އަޑުއެހުމެއް ވަނީ ބާއްވާފަ އެވެ. އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ތެރެއިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް މުއައްވިޒު ރަޝީދުގެ ހެކިބަސް ނަގާފަ އެވެ.
އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި މުއައްވިޒުގެ ހެކި ބަސް ނަގާފައިވީ ނަމަވެސް އޭނާ އަދިވެސް ކޯޓަށް ހާޒިރު ކުރާނެ އެވެ. ބުރާސްފަތި ދުވަހު ބާއްވާ އަޑުއެހުމުގައި އޭނާ ޝަރީއަތަށް ހާޒިރު ކުރާނެ ކަމަށް ބެލެވެ އެވެ. އެއީ އެ މައްސަލާގައި އޭސީސީން ތައްޔާރުކޮށްފައިވާ ބަޔާނަކާ ގުޅޭ ގޮތުން ހެކި ބަސް ދިނުމަށެވެ. އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އެ ބަޔާނާ ގުޅޭ ގޮތުން ސުވާލު ނުކުރެވުނީ ރައީސް ޔާމީނަށް އެ ބަޔާން ހަވާލު ކުރެވިފައި ނެތުމުންނެވެ.
އެންމެ ފަހުން ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ދިފާއީ ހެކިތައް ވެސް ހުށަހެޅި އެވެ. އެ ގޮތުން ޝަފަވީ ހެކިންގެ ގޮތުގައި ހުށަހެޅީ އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަޒީމާ އާދަމް އެކަންޏެވެ. ދެން ކިތާބީ ހެއްކެއްގެ ގޮތުގައި ހުށަހެޅީ ވެސް އެންމެ ހެއްކެކެވެ. އެއީ އަލްޖަޒީރާގެ ސްޓީލިން ފެރެޑައިސް ޑޮކިއުމެންޓްރީގައި ކުރާ ތުހުމަތުތައް ދޮގުކޮށް އެމްއެމްއޭއިން ނެރެފައިވާ ނޫސްބަޔާނެކެވެ.
ދެން ބާއްވާ އަޑުއެހުމެއްގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ގިނަ ހެކިން ހާޒިރުކޮށް ހެކި ބަސް ނަގާނެ ކަމަށް އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވި އެވެ. ދެން ތިބި ހެކިންނަކީ ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ސަމީރާއި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީއާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ބީއެމްއެލްގެ ބޯޑުގެ ތިއްބަވާ މުހައްމަދު ޝަރީފާއި މުހައްމަދު ލުވައިޒުގެ އިތުރުން މުހައްމަދު ވަސީމް އިސްމާއީލެވެ.
ކީތާބީ ހެކިންގެ ގޮތުގައި އޭސީސީގެ އެސްކްރޯ އެކައުންޓް އެއްބަސްވުމާއި، އޭސީސީގެ ތަހުގީގު ރިޕޯޓާއި، އެމްއެމްޕީއާރުސީގެ އޮޑިޓް ރިޕޯޓާއި، ރައީސް ޔާމީން އޭސީސީއަށް ދީފައިވާ ބަޔާނާއި، މައްސަލާގައި ހިމެނޭ ޓްރާންސްސެކްޝަންތަކުގެ ޗެކްތަކާއި، ސްލިޕްތަކާއި، ބޭންކް ސްޓޭޓްމަންޓްތަކުގެ އިތުރުން ރައީސް ޔާމީންގެ މާލީ ބަޔާން ވެސް ދައުލަތުން ވަނީ ހުށަހަޅާފަ އެވެ.