ހަބަރު

"ޕޯސްޓް މެދުވެރިކޮށް ގެންނަ ބޭސް ވިއްކާނަމަ ފިޔަވަޅު އަޅާނަން"

އޮންލައިންކޮށް ނުވަތަ ޕޯސްޓް މެދުވެރިކޮށް ބޭސް ރާއްޖެ އިމްޕޯޓްކޮށް، ބޭނުން ކުރުމާއި، ވިޔަފާރި ކުރުމަކީ މަނާކަމެއް ކަމަށާއި، އެކަން ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ހެލްތު މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ބޭހާއިބެހޭ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދުގައިވާ ގޮތުގެ މަތިން އިންޓަނެޓް ނުވަތަ ޕޯސްޓް މެދުވެރިކޮށް ބޭސް ނުވަތަ ބޭހުގެ މާއްދާ އެކުލެވޭ ބާވަތްތައް އަމިއްލަ ބޭނުމަށް އެތެރެ ކުރަންވާނީ، ސައްހަ ބޭސް ސިޓީއެއް އޮވެގެން ކަމަށާއި، ވިޔަފާރީގެ ގޮތުގައި އިންޓަނެޓް ނުވަތަ ޕޯސްޓް މެދުވެރިކޮށް ބޭސް ނުވަތަ ބޭހުގެ މާއްދާއެއް އެކުލެވޭ އެއްވެސް ބާވަތެއް އެތެރެކޮށް ވިއްކުމަކީ މަނާކަމެއް ކަމަށެވެ.

އެކަން އެގޮތަށް އޮތް ނަމަވެސް، އޮންލައިންކޮށް ގަނެގެން ޕޯސްޓުގެ ޒަރީއާއިންނާއި، އަތްމަތީ ގެނެސްގެން ވިޔަފާރީގެ ގޮތުގައި އިޝްތިހާރުކޮށް، އެކިގޮތްގޮތަށް، ބޭސް ނުވަތަ ބޭހުގެ މާއްދާއެއް އެކުލެވޭ ބާވަތްތަކުގެ ބޭސްތައް ވިއްކަމުންދާކަން ފާހަގަ ކުރެވެމުންދާ ކަމަށާއި، އެފަދަ ގޮތްގޮތަށް އެތެރެކުރާ ބޭސްތަކަކީ އެ މިނިސްޓްރީގައި ރަޖިސްޓްރީކޮށް އޭގެ ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ ބޭހެއް ނޫން ކަމަަށެވެ.

މީގެ އިތުރުން، ބައެއް ބޭހުގައި އެކުލެވިގެންވާ ހުރިހާ މާއްދާތައް ލޭބަލްގައި ހިމަނާފައި ނުވާކަން ފާހަގަ ކުރެވުމާއިއެކު، ބޭހުގައި އެކުލެވިގެންވާ މާއްދާތައް ކިޔަން އެންގޭނޭހެން ލޭބަލްތަކުގައި ނުހުންނަ ކަންވެސް ފާހަގަ ކުރެވޭ ކަމަށާއި، އެހެން ކަމުން، ގަވާއިދާއި އެއްގޮތަށް އެ މިނިސްޓްރީން ނަގަންޖެހޭ ހުއްދަތައް ނުނަގާ އެގޮތަށް ބޭސް އިމްޕޯޓްކޮށް ވިއްކުމަކީ މަނާކަމެއް ކަމަށާއި، އެފަދަ ފަރާތްތަކާއިމެދު ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެކަމަށްވެސް އެ އިއުލާނުގައި ވަނީ ބުނެފަ އެވެ.