ވާހަކަ

ބޭނުންވަނީ ޔާރާ

(14 އޯގަސްޓް 2019 އާ ގުޅޭ)

"މަގޭ ކައިރީ މަންހާގެ ވާހަކަ ދައްކާނެކަމެއްނެއް، އެންމެ ފަހުން ބޮނޑިއެއް ލިބުނީކަންނޭގެ، ޔަގީނޭ އެދާއިންއަކު އޭނަ ވަރިކުރަން އުޅުނީކަން، އެވީ ހަމަ ވާންވިގޮތަށް.........." ސަޢީދުގެ ވާހަކަ އަޑުއެހުމެއްނެތި ވަސީމާ ކިޔަންފެށިއެއްޗެހިން ސަޢީދު ވަގުތުން ރުޅިގަދަވިއެވެ.

"ވަސީމާ...........ދެންހެޔޮ، އަހަންނަށް މިހާރު ޔަގީންވެއްޖެ ކަލޭގެ ދަރިއެއްނޫންކަން މަންހާއަކީ، އެދަރިފުޅަކީ އަހަރެންގެ ފުރާނަފަދައިން ލޯބިވާ ދަރިއެއް، އެހެންއެއްވެސް ކުއްޖަކަށްވުރެ ބޮޑަށް އަހަރެން މަންހާދެކެ ލޯބިވޭ، މިއަދު އެދަރިފުޅުގެ ހާލު އެނގުނީމަވަސް ވަސީމާއަށް ބުނަން އެނގުނު އެއްޗަކީ ތީ ދޯ، އަހަންނަށް ވަރިހަމަ ވަސީމާ މަންހާދެކެން ނުދިޔަޔަސް، ދެން ގެންދާކަށް ބޭނުމެއްވެސް ނޫން" ސަޢީދު ހަޅޭލަވައިގަތަވެ. ވަސީމާ އިނީ ބުނާނެ އެއްޗެއް ނޭގިފައެވެ. ދުވަހަކުވެސް ސަޢީދު އާއި ކައިވެނިކޮއްގެން މިއަދާހަމައަށްވެސް ސަޢީދު އެގޮތަށް ވަސީމާ އާއި ދިމާލަށް ރުޅިއައިސްގެން ހަޅޭކެއްނުލަވައެވެ. ސަޢީދު ހިތްހަމަނުޖެހޭފަދަ ކަމެއް ވަސީމާ ކުރިކަމުގައިވިޔަސް އަބަދުވެސް ސާޢީދު މަސައްކަތް ކުރަނީ ލޯތްބާއި އޯގާތެރިކަމާއިއެކު ވިސްނާދެވޭތޯއެވެ. ކޮޓަރި ދޮރު ބާރަށް ޖެހުމާއިއެކު ސަޢީދު ނުކުތުމުން ވަސީމާއަށްވެސް އޭނަގެ ފަހަތުން އައިސް ދޮރުހުޅުވާލެވުނެވެ. އޭރު ޖޫން އާއި ޝިމާދު ހާސްވެފައި ހުއްޓެވެ.

"ކީއްވެތަ މަންކޮއަށް އެހެންވީ، ކުއްލިއަކަށް މީހަކު ހުރެފަ މޮޔަވޭތަ..........ގަބޫލެއް ނުކުރެވޭ..........ކިހިނެއްތަވީ ދާއިން، މަންކޮއަށް ކިހިނެއްތަވީ" ޖޫން ދާއިންގެ ކުރިމައްޗަށް ހުއްޓި ސުވާލުކުރަންފެށިއެވެ.

"ޝަރަފް އެބައާދޭ" ސަޢީދު ޝިމާދުއަށް ސުވާލުގެ ނަޒަރަކުން ބަލާލުމާއިއެކު ބުނެލިއެވެ.

"މަންހާ ގެންގޮސްފިތަ" ސަޢީދު ދާއިންއަށް ބަލާލަމުން އަހާލިއެވެ. ކޮންމެ މީހަކު ހާސްވެފައިވަނީ މަންހާގެ ހާލާމެދުގައެވެ. ވާނީވެސް އެހެންތާއެވެ. އާއިލާގެ ހުރިހާކުދިންގެ ހިތްހަމަޖެހުން ކަމުގައި މަންހާވަނީ ވެފައެވެ. މަންހާގެ އުފާވެރިކަމީ އެމީހުންގެ ހިތްހަމަޖެހުމެވެ. ދާއިން އާއި ކައިވެނިކުރުމަށް ގަބޫލުވެވުނީވެސް އެހެންވެއެވެ. ހަމައެކަނި މަންހާގެ އުފަލައްޓަކައެވެ.

"ހޮސްޕިޓަލުގަ އެޑްމިޓް ކޮއްފަ" ދާއިންއަށް މިހިސާބަށް ބުނެވުނު ތަނާހެން ދުވެފައި ގޭތެރެއަށް ވަތް ޝަރަފް ދާއިންއަށް ފެނުނެވެ. ސަޢީދު އެދުނީ އެމީހުން މަންހާގެ ގާތަށް ގެންދިއުމަށެވެ. ޝަރަފް ދާއިންއަށް ބަލަހައްޓައިގެން ހުރިއިރު ހީވަނީ އޭނަގެ ކުރިމަތިން ފެންނަމުން ދިޔައީ ބިރުވެރިކަމެއްހެންނެވެ. ދާއިން ފޯނުނަގާ ޒައުލްއަށް ގުޅާލިއެވެ. އަދި މަންހާގެ އާއިލާ މަންހާދެކެން ބޭނުންވާ ވާހަކަ ބުންޏެވެ.

"ކާކަށް ތިގުޅަނީ" ހަރުކަށި ރާގެއްގައި ސަޢީދު އެހިއެވެ.

"މަން.........މަންހާގެ ޑޮކްޓަރަށް.........." ދާއިން ޖެހިލުންވެފައި ހުރެ ބުނެލިއެވެ.

"އަހަރެން އޭނަ އާއި ވާހަކަ ދައްކަން ބޭނުން........" ސަޢީދު މިހެން ބުނެ ދާއިންގެ ފޯނަށް އަތްދިއްކޮއްލިއެވެ. ދާއިން އޭނަގެ ފޯނު ސަޢީދުގެ އަތަށް ދިނުމާއިއެކު ޒައުލް އާއި ދެން ވާހަކަދެއްކީ ސަޢީދުއެވެ. އެންމެންނަށް ނުކުތުމަށް ސަޢީދު އިޝާރާތްކުރިއެވެ. ޖޫންއަށް އޭނަގެ ދަރިފުޅު އެކަނިކޮއްލާފަ ދެވެންނެތުމާއިއެކު އޭނަގެ ކައިރީ ދެން މަޑުކުރީ ޝަރަފް އާއިއެކު އެގެއަށް އައިސް ވަތް ޖެނީއެވެ.

ހޮސްޕިޓަލުގައި މަންހާ ބާއްވާފައިވާ ކޮޓަރިއާއި ހަމައަށް އެންމެންނަކަށް ނާދެވުނެވެ. އެހެންނަމަވެސް ޝަރަފް އާއި ޝިމާދުގެ ފޯންކޯލުތަކަކަށްފަހު ޒައުލްއަށް އަށް ޖެހުނީ އެމީހުން މަންހާގެ ކޮޓަރި އާއި ހަމައަށް ގެންދާށެވެ. މަންހާއަށް އަދިވެސް ރޮވެނީއެވެ. ޒައުލް މަންހާގެ އާއިލާ އެބައާދެއޭ ބުނުމުން އަދިވަކިން ބޮޑަށް ރޮވެނީއެވެ. އެމީހުންނާ ކުރިމަތިލާން މަންހާ ބޭނުމެއްނުވެއެވެ. ޒައުލް މަންހާ ބޭނުންވިގޮތަކަށް ކަންތައް ކުރުމަށް ވަރަށް މަސައްކަތްކުރިއެވެ. އެހެންނަމަވެސް އެކޮޓަރިތެރެއަށް މަންހާގެ އާއިލާގެ މެންބަރުން ވަނެވެ. ކުއްލިއަކަށް އެނދުގެ ބިއްދޮށަށް ފައިބަން އުޅުނު މަންހާއަށް ތަޅުންގަނޑުމަތީ ޖައްސާލެވުނީ ތަދުވެފައިވާ ފައެވެ. އެހިނދު އަރިއަޅާލުމާއިއެކު އެނދާ ފާރާދޭތެރެއަށް މަންހާވެއްޓުނެއެވެ. ފާރުގައި އަތުގެ އުޅަންބޮށިކޮޅު ޖެހި ހަންމަށައިގެން ދިއުމާއިއެކު އެދޭތެރޭގައި ހުރި ޑަސްބިންގަޖެހި އެވެސް ވެއްޓުނެވެ.

"މަގޭ ދަރި...." ސަޢީދުއަށް ދުވެލާފައި އަންނަފަދަ ގޮތަކަށް މަންހާ އާއި ދިމާލަށް އާދެވުނެވެ. އެހިނދު މަންހާގެ ބާރު ހަޅޭކުގެ އަޑު އެންމެންވެސް ސިއްސުވާލިއެވެ.

"ނާންނާތި......އަތްނުލާތި......އެކަކުވެސް އަތްނުލާތި.....ދޭ......ދޭ މިތަނުން، ކަލޭމެން އެންމެންވެސް ދޭ....ނާންނާތި" މަންހާ ހަޅޭލަވަމުންދިޔައެވެ. ހުއްޓުން އަރާފައި ހުރި ސަޢީދުގެ ދެލޮލާއިއެކު ފަހަތުގައި ހުރި ދާއިންގެ ދެލޯވެސް ފުރިގެންދިޔައެވެ. މީހަކަށް އެމަންޒަރު ފެނުމުގެ ކުރިން ދާއިން އަވަސް އަވަހަށް ބޭރަށް ނުކުމެ އެއްއަތުން އޭނަގެ ދެލޯ ފޮހެލިއެވެ.

ރީތި ލަވައަކުން ހޫ އަޅުވާލާފައިވާ ޒާރާ މަންހާގެ އަލަމާރީގައިވާ ހެދުންތައް ހާވަމުންދިޔައެވެ. ދޭތެރެއަކުން މަންހާގެ ޓޮޕްކޮޅެއް ނޫނީ ސްކާޓެއްނަގާ ގައިގާ ޖައްސާލަމުން އިސްކޮޅުވަރުގެ ބޮޑު ލޯގަނޑުން ބަލާލައެވެ. ތުންފަތަށް ވައްތަރެއް ޖައްސާލަމުން ކަމުނުދާ ހެދުމެއްވެއްޖެޔާ އަލުން ހެދުން އަޅުވާތަނުގައި އަޅުވާލަނީއެވެ. މަންހާ އަރަން ގެންގުޅޭ ބޫޓު ތަކާއި ފައިވަންތަކާއި ހުރިހާ އެއްޗެއް ޒާރާ ހާވަމުންދިޔައެވެ. މަންހާގެ ބައެއްހެދުން ލައިގެން އައިސް ރީތިވާ މޭޒުގެ ކައިރީ އިށީނދެ މަންހާގެ ސެންޓުފުޅިތަކުން ސެންޓުޖަހައެވެ. އަދި އިސްތަށިގަނޑު ނިއުޅާލުމަށްފަހު ލޯގަނޑުން ބަލާލައެވެ. އެގޮތް ކަމަކު ނުދިޔައެވެ. އޭނަގެ އިސްތަށިގަނޑު މަންހާގެ އިސްތަށިގަނޑުހާ ދިގެއްނޫނެވެ. ފޫހިކަމާއިއެކު ޒާރާ އަނެއްކާވެސް ގޮސް އަލަމާރި ހަދާފައިވާ ކޮޓަރީގެ ތެރެއަށްވަނެއެވެ. އަދި ހެދުން ބަދަލުކޮއްލުމަށްފަހު އެއެއްޗެއް ހުންނަތަނުގައި ބަހައްޓާލިއެވެ.

މަންހާ ހަޅޭލަވަމުންދިޔައެއްކަމަކު ޝަރަފް އެއަޑެއް ނޭހިއެވެ. އޭނައަށްވެސް ވަނީ ކުއްލި ސިހުމެއް ލިބި ގަބޫލުކުރަން ދަތިވެފައެވެ. ކުރިއަށް ފިޔަވަޅު އަޅާލީ މަންހާގެ ގައިގާ އައިސް ހިފަހައްޓަންވެގެންނެވެ. އެހެންނަމަވެސް ޒައުލް ޝަރަފްގެ އަތުގައި ހިފިހެއްޓިއެވެ.

"މަންހާ އެހާލުގައި ވަނިކޮށް އޭނަ ނުގަބޫލު ކަމެއް ކުރަން އުޅެނީތަ، އަޅުގަނޑު ތިބޭފުޅުންނަށް މަނާ މިކުރަނީ ޑޮކްޓަރެއްގެ ހައިސިއްޔަތުން، މިވަގުތު އިތުރަށް އޭނަގެ ސިކުނޑިއަށް ބުރަވާނޭފަދަ ކަމެއް ނުކުރައްވާ.........އޭނަގެ ހާލާމެދު ވިސްނާލައްވާ" ޒައުލް މަންހާގެ އާއިލާއަށް އިލްތިމާޒްކުރެއްވީ އަދަބުވެރިކަމާއިއެކުއެވެ. އެހިނދު އެއްޗެއް ބުނަންނޭގި ގަބުވެފައި ހުރި ސައީދުވެސް ޝަރަފްގެ ކޮނޑުގައި އަތްޖައްސާލަމުން ޒައުލްގެ ވާހަކަ ގަބޫލުކުރުމަށް ބުނީ ބޮލުގެ އިޝާރާތުންނެވެ. ސަޢީދު އާއިއެކު އޭނަގެ ކުދިންވެސް އެތަނުން ނުކުތުމުގެ ކުރިން އަދިވެސް އެއްފަހަރު މަންހާއަށް ބަލާލިއެވެ. ނަމަވެސް މަންހާ އިނީ އެހުރިހާ އެންމެނަށް ފުރަގަސްދީގެންނެވެ. ހިފެހެއްޓުމެއްނެތި އެދެލޮލުން ފައިބަމުންދިޔަ ވޭނީ ކަރުތަށް ފޮރުވަމުންނެވެ.

މަންހާ ބާއްވާފައި އޮތް ކޮޓަރީގެ ބޭރުގައި ހުރި ދާއިންގެ ދެލޯވެސް ވަނީ ކަރުނުން ފުސްވެފައެވެ. ސަޢީދު އާއި ފިރިހެން ދެދަރިން އެކޮޓަރިން ނުކުތްތަން ފެނި އަވަސް އަވަހަށް ދެލޯ ފޮހެލަމުން ހިންދިރުވާލެވުނީ އެމީހުން ބުނާނެ އެއްޗެއް ނޭގޭތީއެވެ. ކޮންމެ ގޮތަކަށް ކަންތައްވެގެންދިޔަ ކަމުގައިވިޔަސް އޭނަ އެކަމާ އެހެރީ ކުރިމަތިލާށެވެ. އެހެނަސް ކަންވީ ހީކުރިގޮތަކަށް ނޫނެވެ. ސަޢީދު ދާއިންއަށް ބަލާލާފައި އެތަނުގައި އެންމެ ހިނދުކޮޅަކުވެސް މަޑުކުރާކަށް ބޭނުމެއްނުވިއެވެ. ދާއިންއަށް އެއްވެސް ސުވާލެއްވެސް އިތުރަށް ކުރަން އޭނަ ބޭނުންނުވީއެވެ. ޝަރަފް އާއި ޝިމާދުގެ ފަރާތުން ފެނުނީ ރުޅިވެރިކަމުގެ ބަލާލުމެކެވެ. ކުރިއަށްވުރެވެސް ބޮޑަށް ފާރާ ގާތްވެލަމުން އިސްޖަހާލުން ފިޔަވާ ދާއިންއަށްވެސް އިތުރު ހަރަކާތެއް ގެންނާކަށް ނުކެރުނެވެ. އެމީހުންގެ ފަހަތުން ނުކުތް ޒައުލްއަށްވެސް މިމަންޒަރު ފެނުނެވެ. އޭނަ އައިސް ދާއިންގެ ކޮނޑުގައި މަޑުމަޑުން ޖަހާލީ ހިތްވަރު ކުރާށޭ ބުނާފަދަ ގޮތަކަށެވެ. އަދި ޒައުލް ހިނގައިގަތީ ސަޢީދުގެ ފަހަތުން އެމީހުންނާ ވާހަކަ ދެއްކުމަށެވެ. އެހިނދު ދާއިން މަޑުމަޑުން ކޮޓަރީގެ ދޮރު ހުޅުވާލަމުން އެތެރެއަށް ބަލާލިއެވެ. އޭރު އެއްފަރާތަކަށް ކަހަލަ ގޮތަކަށް މަންހާ އެނދުމަތީ ބާލީހުގައި މޫނު ފޮރުވާލައިގެން އޮތެވެ. މަންހާގެ ރުއިމުގެ އަޑު ބާރުނުވިޔަސް ދާއިންއަށް މަންހާ ރޯކަން އެނގުނެވެ. ނަމަވެސް މަންހާ އާއި ދިމާލަށް ކުރިއަށް އެންމެ ފިޔަވަޅެވެސް އަޅާކަށް ދާއިންއަކަށް ނުކެރުނެވެ. ބަލަހައްޓައިގެން ހުރުން ނޫން ކަމެއް އޭނައަކަށް ނުވިއެވެ.

ދާއިންގެ ފަރާތުން އެއްވެސް ޚަބަރެއް ނުވުމުން އިތުރަށް ޒާރާއަށް ކެތެއްނުވިއެވެ. އަނެއްކޮޅުން ނިދިފައި އޮތް ނެހާ ހޭލައިގެން ރޮނީއެވެ. އެކުއްޖާ މަސަލަސްކުރެވޭތޯ ވަރަށް މަސައްކަތް އޭނަ ކޮއްފިއެވެ. ބަނޑުހައިވެގެން ކަމަށް ހީކޮށް ބުއްފުޅިއެއް ހަދައިގެން ގެނެސް ޖައްސައިފިއެވެ. ނަމަވެސް އޭގެން އެންމެ އެދި ފޮދެއްވެސް ނުބުޔެވެ. ކޮންމެވެސް ވަރަކަށް ރުޅިވެސް ގަދަވާގޮތްވެފައި ޒާރާ ހުއްޓެވެ.

"އަޅެފަހެ އަހަންނަށް ޖެއްސުމަށްތަ ތިރޮނީ، ނެހާގެ މަންމައެއް ދެނެއް ނާންނާނެ، އަހަންނަށް މަންމަ ކިޔައިގެން އަހަރެންގެ ބަސްއަހައިގެން ދެން އުޅެން ޖެހޭނީ" ޒާރާ އުނަގަނޑުގައި ދެއަތްވިއްދާލުމާއިއެކު ބޮނޑުއެނދުގައި ބާއްވާލާފައި އޮތް ނެހާއަށް ބުނެލީ އެކުއްޖާއަށް އޭނަ ދައްކާ ވާހަކަ އެނގެންޖެހޭނެއޭ ހީވާފަދަ ގޮތަކަށެވެ. އަދި އަލުން ޒައުލްގެ ފޯނަށް ގުޅަންފެށީ އޭނަ ފޯނު ނަގާފާނެކަމަށެވެ. ދެންވެސް ޒައުލް ފޯނެއްނުނެގިއެވެ. ޒާރާ ނެހާއަށް ރުޅިވެރި ނަޒަރަކުން ބަލާލިއެއްކަމަކު ނެހާ އުރާލައިގެން ދެކޮޅަށް ނާނާ ކިޔަމުން ހިނގަންފެށިއެވެ.

ދާއިން ގެއަށް އައި އިރު އެކެއްޖަހަނީއެވެ. އައިގޮތަށް އޭނަ ވަނީ މަންހާގެ އެޕާޓްމެންޓަށެވެ. އޭރު އެނދުގައި ޒާރާ އޮތްތަން ފެނުމުން ވަގުތުން ހިތްހަމަނުޖެހެވުނެވެ. އެނދުގެ ހުރަހަށް ނެހާ ކައިރިއަށް ލައިގެން ނިދާފައި އޮތް ޒާރާ ފެނުމުން އިތުރަށް މަންހާގެ ހިޔާލުތައް އުނދަގޫކުރުވީއެވެ. އަދި އެކޮޓަރިއަކީ އޭނަ އާއި މަންހާއަށް ޚާއްޞަކުރެވިފައިވާ ތަނަކަށްވެފައި މިހާރު އަދިއަމުދުން އެހެންމީހަކު މަންހާގެ އެއްޗެއްގައި އަތްލަން ދާއިން ބޭނުންނުވަނީއެވެ.

"ޒާރާ...ޒާރާ...." ދާއިން ޒާރާގެ ފައިގާ ކޮއްޓާލަމުން ގޮވިއެވެ.

"ދާން..........ތިއައީތަ........ކޮންއިރެއް އަހަރެން ގުޅާތާ، މިކޮޅުގެ ހާލަކީ ކޮބާކަމެއް ދާއިންއަށް އެނގޭތަ، ކީއްތަވާނީ އަހަރެން އެވަރަށް ގުޅީމަ ދެން އެންމެ ފަހަރަކުވިޔަސް ފޯނު ނެގިނަމަ" ނިދި ބަރުއަޑަކާއިއެކު ދާއިންއަށް ގޮވާލި ޒާރާއަށް އޭނައަށް ގޮވަނީ ދާއިންކަން ޔަގީންވުމާއިއެކު އެދެލޮލުން ނިދިވެސް ފިލާދިޔަކަހަލައެވެ. ހިތްހަމަނުޖެހިފައި ނުރުހުމުގެ ރާގެއްގައި ދާއިން އާއި ވާހަކަދައްކަން ފެށިއެވެ.

"ނެހާ ގޮވައިގެން ހިނގާ ތިރިއަށް ދާން، އަހަރުމެންގެ އެޕާޓްމެންޓަށް" ދާއިން ޒާރާގެ ވާހަކަތަކަށް ސަމާލުކަމެއް ނުދީ ބުނެލިއެވެ.

"މިރެއަކު ނުދެވޭނެ، ދެންމެ އެކުއްޖާ އެނިދީ...........އަހަންނަކަށް ނޭގެ ނެހާއަށްވީ ކިހިނެއްކަމެއް، ނިދާ ހޭލިގޮތަށް ހަމަ ރޮނީ، ބުއްފުޅި ޖެއްސީމަ އެއެއްވެސް ނުބުއި، އޭނަ ގޮވައިގެން ދެކޮޅަށް ހިނގާ ހިނގާ މިހާރު އަހަރެންގެ ބުރަކަށީގަ އެބަ ރިއްސާ..........ދާއިންއަށްވެސް އަންނަން ތިއެނގުނީ އަދިކިރިޔާވިއްޔަ" ޒާރާ އަދިވެސް ނުރުހުންވެފައި ހުރެ ބުނެލިއެވެ. އޭނައަށް ނިދާބޮކީގެ ފަނޑުއަލިކަމުގެ ތެރެއިން ދާއިންގެ ރޮއެ ރޮއެ ރަތްވެފައިވާ ދެލޮލާ އެމޫނުމަތީގައިވި މޮޅިވެރިކަން އެއްގޮތަކަށްވެސް ފާހަގައެއްނުކުރެވުނެވެ.

"އަހަރެން ބުނީމަ ބުނާގޮތް ހަދަންވީނު، އަހަރެން ދިޔައީ މަންހާގެ ކައިރިއަށްކަން ޒާރާއަށް ހަމަ ރަނގަޅަށް އެނގޭނެ، އެހާ ވަގުތުކޮޅަކަށްވެސް ޒާރާއަށް ނެހާ އާއިއެކު ކެއްކޮނުލެވުނީތަ..........ބަލަ އެއީ އަހަރެންގެ ދަރިއެއްނު، މިއަދު އެކުއްޖާގެ މަންމައަކީ ޒާރާއެއްނޫންތަ.............މަންހާއަކީ އަހަރެންގެ އަންބެއްނު، އަދިވެސް އެއީ އަހަރެންގެ އަންބެއް.........ނެހާ އާއި މަންހާ އާއި ދުވަހަކުވެސް އަހަންނާ ވަތްކެއްނުވެވޭނެ...............މީ އަހަރެންގެ މިއޮއް ދަރިފުޅުގެ މަންމައަށް ޚާއްޞަކުރެވިފައިވާ ތަނެއް، މީގެ ފަހުން އަހަންނާ ޒާރާ އާއި ނެހާ އުޅޭނީ ތިރީގަ، މިބަޔަށް އެއްވެސް ކަމަކު އައިސްގެން ނުވާނެ...........މިހާރު ހަމަ މިވަގުތު ނެހާގެ ހުރިހާ އެއްޗެއް ތިރިއަށް ބަދަލުކުރަން އަހަރެން މިއުޅެނީ...........މަންހާ އެނބުރި އަންނަންދެން މިއެޕާޓްމެންޓުގައި ހުރި އެއްޗެއް އެހުރިގޮތަކަށް ބަހައްޓާފައި އަހަންނާއިއެކު އާދޭ ދާން" ދާއިންގެ އަޑު ބާރުވިއެއްކަމަކު އެއަޑުގައި ރުޅިވެރިކަމެއް ނުވެއެވެ. ޒާރާ ހުއްޓުން އަރާފައި ހުރީ ބުނާނެ އެއްޗެއް ނޭގިގެނެއްނޫނެވެ. އެކަމަކު މިވަގުތު ދާޢިން ބުނާގޮތް ނުހަދައިފިއްޔާ އޭނަގެ ރޭވުންތައް ބޭޒާރުވެދާނެތީއެވެ. ޒައުލްވެސް ފާޅުކޮށް އޭނަ އާއި ދޭތެރޭ ޝައްކުކުރާކަން ވަނީ ހާމަކޮއްފައެވެ. ވީއިރު އެއިން އެއްވެސް ކަމަކަށް އޭނަ އާއި ދިމާލަށް އިނގިލިދިއްނުކުރާވަރު އޭނަ ކުރާނެތާއެވެ. ޒާރާ ހަރަކާތެއްނެތިފައި ހުއްޓައި ދާއިން އެނދުގައި އޮތް ނެހާ ނަގާ އެބޮޑުއަތުގެތެރޭ ފޮރުވާލިއެވެ. އަދި ކޮޓަރީގެ ހުދު އަލި ހުރި ލައިޓު ދިއްލާލުމާޢިއެކު ދާއިން ބޭރަށް ނުކުމެ ސިޓިންރޫމު ފާރުގައި ހުރި ފޯނުން ސޯފިއާއަށް ގުޅިއެވެ. އަދި އޭނަ އަންނައިރު އިމީ ގޮވައިގެން އައުމަށް ބުންޏެވެ.

ދަންވަމުންދިޔައެއްކަމަކު ދާއިން އޭނަ ބޭނުންވިގޮތަށް ކަންތައް ކުރިއެވެ. ނެހާއަށް ބޭނުންވާނެ ހުރިހާ އެއްޗެއް އޭނަ އާއި ޒާރާ އާއި އުޅޭބަޔަށް ގެނައުމާއިއެކު މަންހާގެ އެޕާޓްމެންޓުގެ ހުރިހާ ދޮރުތަކެއް ތަޅުލައިފިއެވެ. ދަރިފުޅު އުރާލައިގެން ހުރެ އެއްއަތުން ދާއިން އެޕާޓްމެންޓުގެ ބޭރުދޮރު ލައްޕާ ތަޅުލައިފިއެވެ. އަދި އަތުގައި އޮތް ދަރިފުޅުގެ ނިތުގައި ބޮސްދެމުން އެދަރިފުޅުގެ މަންމަ އަނބުރާ ގެނެސްދޭނަން ކަމުގައި ދާއިން ބުންޏެވެ.

މަންހާގެ ރުއިމާ އާދޭހާއެކުހެން ޒައުލް އޭނަ ބޭނުންވި ގޮތަށް ކަންތައްތައް ކުރަން ނިންމިޔަސް އަދި ފަހުން މަންހާގެ މިނިންމުން ބަދަލުވާނެކަމުގައި އޭނަ ވިސްނިއެވެ. މިވަގުތު މަންހާގެ ސިކުނޑިއަށް ލިބިފައިވާ ހާސްކަމުގެ ތެރެއިން އޭނަ ކުޑަ ބްރޭކެއް ބޭނުންވަނީ ކަންނޭގެއެވެ. ގުރައިދޫ ފެރީގައި އެތަނަށް ގެންދާ އެހެން ބަލިމީހުންނާއިއެކު ޒައުލް މަންހާ ގެންދަން ބޭނުންނުވާތީ އޭނަގެ ހަރަދުގައި ވަކިން ލޯންޗެއް ހަމަޖެއްސިއެވެ. ހެނދުނު ނުވައެއްޖެހިފަހުން ހޮސްޕިޓަލުގެ ބަހެއްގައި ޒައުލް ފުރަން ހަމަޖެހިފައި އޮތް ސަރަހައްދަށް ދިޔައެވެ. ޒައުލްގެ އެހީގައި މަންހާ ލޯންޗަށް އެރިއިރު ދުރުގައި އޭނަގެ އާއިލާ އާއި ދާއިން ހުއްޓެވެ. ދާއިންގެ އަތުގައި އިން ކުޑަކުޑަ ނެހާ ފެނި މަންހާގެ ފިޔަވަޅު ހުއްޓިގެން ދިޔައެވެ. ދެލޯފުރިގެންދިޔައިރު އޭނައަށް ހަމައެވަގުތު ދާއިންގެ ކައިރިއަށް އައިސް ހުއްޓި ނެހާގެ ސޮނިފޮހެލި ޒާރާ ފެނުމުން ދެލޮލަށް ޖަމާވި ކަރުނަތައްވެސް ހިންދާލަން މަސައްކަތްކުރިއެވެ. އެހެނީ ފަހަރެއްގަވެސް އޭނަ ދާއިން އާއި ދަރިފުޅާ ދުރަށް އެދަނީ އޭނައަކީ ބަލިކަށި އަންހެނަކަށްވީމައެއްނޫނެވެ. އެއާއި ހިލާފަށް އޭނައަކީ އަމިއްލަ އެދުމުން ފުރިގެންވި މީހަކަށް ނުވުމަށްޓަކައެވެ. ގުރުބާންވެސް އޭނަ ދަންނަންކަން އަންގާދެމުންނެވެ. އެއީ އަމިއްލަ ހިތް ފޮތިފޮތި ކޮއްލުންކަމުގައި ވީ ނަމަވެސްއެވެ. ޒައުލް މަންހާގެ ކޮނޑުވަށާލިއަތުން އޭނަ ގާތްކޮއްލިއެވެ. އަދިވެސް ނިންމުން ބަދަލުކުރެވިދާނެކަން އަންގައިދޭ ފަދަ ގޮތަކަށެވެ. މަންހާ އިސްޖަހާލަމުން ދެފަރާތަށް ބޯހޫރުވާލީ އެގޮތް ބޭނުންނުވާތީއެވެ.

މަންހާ އާއި ޒައުލް އާއިއެކު ލޯންޗު ދުއްވާލުމާއިއެކު ފެންކަޅިވެ ނުރޯން ހުރި ސަޢީދުއަށް ރޮވިއްޖެއެވެ. ޝަރަފް އާއި ޝިމާދުއަށް މިކަމުގެ ސަބަބުން ވަރަށް ފުން އަސަރެއް ކުރުވިއެވެ. އެނޫނީ ދުވަހަކުވެސް އެމީހުންގެ ބައްޕަ ރޮނިކޮށް ނުދެކެއެވެ. މިއަދު އެމީހުންނަށްވެސް ޔަގީންވާ ކަމެއްއޮތެވެ. ސަޢީދު އެމީހުންގެ ތެރެއިން އެންމެ ލޯބިވަނީ މަންހާދެކެ ކަމެވެ. ހިނިއައިސްފައި އެކަން ނުދައްކާ އުޅެމުން އައީ ސަޢީދުގެ ހިތަށް މިއަދު ކުޅަދާނަނުވީއެވެ. ދޮށީ ދަރިފުޅު ޝިމާދު ގާތްވުމާއިއެކު އަވަސް އަވަހަށް ސަޢީދު ދެލޯ ފޮހެލަމުން ނޭފަތް އެތެރެއަށް ދަމާލިއެވެ. އެމީހުންގެ ތެރެއިން އަބަދުވެސް އެންމެ ރުންކުރުކޮށް އުޅޭ މީހަކީ ޝަރަފްއަށްވެފައި މިފަހަރުވެސް އޭނަ އުޅުނީ ދާއިން އާއި ދިމާލަށް ދާށެވެ. ސަޢީދު ކުރެހިފައިވާ އަޑަކުން ޝަރަފުގެ އަތުގައި ހިފަހައްޓާލާފައި ގެއަށްދާންވީ ކަމުގައި ބުންޏެވެ.

"މަންކޮގެ ބޭބީ ބަލާނީ އަހަރުމެން، އެ ދާއިން ގަސްދުގަ ކުރިކަމެއް އެއީ" ޝަރަފް ނުރުހިފައިބުނެލިއެވެ. އޭނަ އުޅުނީ ދާއިންގެ އަތުގައި އޮތް ނެހާ އަތުލުމަށެވެ. ޝީމާދު ތަންކޮޅެއް ބާރަށް ޝަރަފްއަށް ގޮވާލުމާއިއެކު އޭނަ މައިތިރިވެ އާއިލާގެ އެހެން މެންބަރުންނާއިއެކު ކާރަށް އަރަން ހިނގައިގަތެވެ. އެމީހުންނާއިއެކު އެތަނުގައި ނެތީ ހަމައެކަނި ވަސީމާއެވެ. ސަޢީދުއަށް އެހާބޮޑު އަސަރެއް ކުރުވީ އެހެންވީމައާއިއެކުއެވެ.

ލޯންޗު ލޮލުކޮޅަށް ގޮސް ގެއްލެންދެން ދާއިން އެދިމާލަށް ބަލަހައްޓައިގެންހުރުމަށްފަހު ގޮސް ކާރަށްއެރިއެވެ. އޭރު ޖެހިގެން އިން ކުރީ ސީޓުގައި ޒާރާ ނެހާގޮވައިގެން އިނެވެ. ދާއިން އެއްވެސް އެއްޗެއް ނުބުނެ ކާރު ދުއްވާލީއެވެ. ޒާރާ ފާޑަކަށް ހިތްހަމަނުޖެހިފައި ދާއިންއަށް ބަލާލާފައި ނެހާ އާއި ވާހަކަދައްކަންފެށިއެވެ.

"ދަރިފުޅުގެ ޑެޑީ އެހުންނަނީ މަންމަދެކެ ރުޅި ދުރުވެފަ، ރޭގަވެސް ވާހަކައެއް ނުދެއްކި، މިއަދުވެސް އެހުންނަނީ ވާހަކަ ނުދައްކަން ކަންނޭގެ، ދަރިފުޅު ހީލަބަލަ ނިކަން، އޭރުން ޑެޑީގެ ރުޅިމަޑުވެދާނެ..........ދެން ބުނޭ މަންމަ ޑެޑީގެ ބަސްއަހާނަމޭ........." ޒާރާ މަސައްކަތް ކުރީ ދާއިންގެ ހިތް ރުއްސޭތޯއެވެ. މިހާރުއްސުރެ އޭނަގެ މަސައްކަތް ފެއްޓޭތޯއެވެ. ދާއިންގެ ހިތުން މަންހާއަށް ދެވިފައިވާ މަގާމު ފޮހެލެވޭތޯއެވެ. ޒާރާގެ ރޭވުމާއި އެއްގޮތަށް އަޅާލި ފުރަތަމަ ފިޔަވަޅުންވެސް އޭނައަށް ކާމިޔާބު ލިބުނީ ދާއިންއަކީ ސާފުހިތެއްގެ ވެރިއަކަށްވީތީއެވެ. ޒާރާގެ ވާހަކަތައް އަޑުއަހަން އިނދެފައި އޭނަ ޒާރާއަށް ބަލާލީ ހިނިތުންވެލަމުންނެވެ. އަދި ނެހާ އުނގުގައި ބާއްވާލައިގެން އިން ޒާރާގެ އަތުގައި ފިރުމާލަމުން ސޮރީއޭ ބުނެލިއެވެ. ދާއިން އެގޮތަށް ކަންތައްކުރީ ޒާރާ ހިތްހަމަޖައްސާލުމަށެވެ. ހަގީގަތުގައި އޭނަގެ އެހިނިތުންވުމުގައި އެއްވެސް ދިރިމެއްނުވެއެވެ.

ސަޢީދު ގެއަށް ވަދެގެން އައިގޮތަށް ވަނީ ކޮޓަރިއަށެވެ. އޭރު ކޮޓަރިތެރޭ ކަންބޮޑުވުމާއިއެކު ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ވަސީމާ އެއްޗެއް ބުނަން އަނގަހުޅުވާލަފަވެސް އެއްޗެއް ނުބުނެވުނެވެ. ސަޢީދުގެ ފެންކަޅިވެފައިވާ ދެލޯ ފެނުމާއިއެކު ވަސީމާއަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގަތްހެންނެވެ.

"އަހަންނަށް ކިޔާދީބަލަ.........ސަޢީދު އަހަންނަށް ކިޔާދީބަލަ.........." ވަސީމާގެ ހިތް ހީވީ ކުދިކުދިވަމުން ދިޔަހެންނެވެ.

"ވަސީމާގެ އަންހެން ދަރިއަކު ހުރިކަމެއް އަހަރެން ނުދެނަހުރިން، އެކުއްޖާ އާއިބެހޭ ވާހަކަ މިއަދުތަ އަޑައަހަން ބޭނުންވަނީ، މީ ހަމަ ވަސީމާގެ ކަންތައް........" ސަޢީދުގެ އަޑުގައި ތުރުތުރެއް ހަރުލާފައިވިއެވެ. މިފަދަ ވަގުތެއްގައި ރުޅިއިސްނުކޮށްވޭތޯ އޭނަ ވަރަށް މަސައްކަތްކުރިއެވެ. ވަސީމާ ކުއްލިއަކަށް ސަޢީދުގެ އަނގަމަތީ އަތްއެޅުމާއިއެކު ރޮއެގަނެވިއްޖެއެވެ. ސަޢީދު މޫނު ފޮޅުވާލުމާއިއެކު އައިސް އެނދުގެ ފައިލާކޮޅުގައި އިށީނދެއްޖެއެވެ. ވަސީމާވެސް އައިސް ސަޢީދުގެ ފައިކައިރީ ކާޕެޓުމަތީ އިށީނދެ ސަޢީދުގެ އަތްތިލާގައި ދެއަތުން ހިފާލީ އާދޭސްކުރާފަދަ ގޮތަކަށެވެ.

"ވަސީ ބޭނުންވި ގޮތަށް ހުރިހާ ކަމެއްމިވީ، އަހަރެންގެ މަންހާއަށް އެކުއްޖާ ބޭނުންވިފަދަ އުފާވެރި ދިރިއުޅުމެއް ނުލިބުނު، މިއަދު ދަރިއަކު ލިބި ދިރިއުޅުން އެންމެ ހަމަޖެހެންވީ ވަގުތު އެދަރިފުޅު އެދިޔައީ މޮޔައިންގެ ތެރެއަށް..........ސިކުނޑި ހަމަނުޖެހޭ ބަލިމީހެއްގެ ގޮތުގަ..........ދުލުން ބަހެއް ބޭރުކުރާއިރު އަބަދުވެސް ބުނަން، އެހެންމީހުންނަށް ނުބައިގޮތްވުމަށް ނޭދޭށޭ.........ދުވަހަކުވެސް ތިނޫނީ އަހަރެން ނުދެކެން، މައެއް އޭނަގެ އަމިއްލަ ދަރިއާމެދު އެފަދަ ނުބައި ދުއާއެއް ކުރާއަޑެއް....................މިއަދު ވަސީ ބޭނުންވިގޮތަށް ކިތަންމެ ރަނގަޅަށްވެސް ވެއްޖެ، ހުރިހާ ދެރައެއް ލިބުނީ އަހަރެންގެ މަންހާއަށް............އަހަރެންގެ ހުރި ހަމައެކަނި އަންހެން ދަރިފުޅަށް، މިއާއިލާގެ އުފާވެރިކަމާޢި ހިތްހަމަޖެހުން ކަމުގައިވި އަހަރެންގެ ދެލޮލުގެ ނޫރަށް.............." ކުރެހިފައިވާ އަޑަކާއިއެކު ފުންނޭވާއެއް ސަޢީދު ބޭރުކޮއްކޮއްލީ ލޮލުގައި ޖަމާވަމުންދިޔަ ކަރުނަތައް ހިފަހައްޓާ އެތެރެއަށް ހިންދާލެވޭތޯ މަސައްކަތް ކުރަމުންނެވެ. ވަސީމާ ސަޢީދުގެ ކަކުލުގައި ނިތްޖައްސާލައިގެން އިނދެ ރޮމުންދިޔައީ އިތުރަށް ބުނާނެ ބަހެއްނެތިގެންނެވެ. އޭނައަށް ބުނަންނުވާވަރު އެއްޗެއް ދުލުން ބޭރުކުރެވިއްޖެއެވެ. އެކަމަކު އޭނަގެ ހިތުގައި އެދަރިފުޅުދެކެ ވާލޯބި އޭގެ އެތަށް ގުނައެއް އިތުރުވެގެންވެއެވެ. ކުޑަދުވަސްކޮޅަކަށް އެލޯބި އޭނަ ހާމަކުރުން ހުއްޓާލީއެވެ. އޭގެ މާނައަކީ އޭނަ އެދަރިފުޅު ދެކެ ލޯބިނުވަނީއެއްނޫނެވެ. އަދި އެދަރިފުޅުގެ ދިރިއުޅުން ނަރަކައަކަށްވާން ބޭނުންވީއެއްވެސް ނޫނެވެ. އެހެންނަމަވެސް އެވާހަކަ ގަބޫލުކުރާނީ ކާކުހެއްޔެވެ. މައިންބަފައިންގެ ރުޅިއަކީ އެމީހުންގެ ލޯތްބެއްނޫންހެއްޔެވެ.

"އަހަރެންގެވެސް ދަރިއެއް އެއީ، އަހަރެން އެންމެ ލޯބިވާ ދަރިފުޅުއެއީ، މަންހާއެއީ މަގޭ ދަރިއެއް.....ނުވަމަސްދުވަހު އަހަރެންގެ ބަނޑުގައި އެދަރިފުޅު އޮތީ، ރިވެތި އަޙްލާގު އެދަރިފުޅަށް ދަސްކޮއްދިނިން.....އަމިއްލަ ދިރިއުޅުމެއްފަށާ ދުވަހު އަހަރެން އެދަރިފުޅަށް ދިން ތަރުބިއްޔަތުގެ ފައިދާ ކުރާނެކަމުގެ އުއްމީދުގަ.....ސަޢީދު، މަންހާ އެއީ އަހަރެންގެވެސް ދަރިއެއް......އަހަރެންގެވެސް ދަރިއެއް....މިއަދު އެހެންނޫންނަމަ އަހަރެންގެ ހިތަށް މިވާއުނދަގުލެއް ނުވީސްކަން ގައިމު، އަހަންނަށް މާފުކުރޭ ސަޢީދު..........އަހަރެން މަންހާގެ ކައިރިއަށް ގެންގޮސްދީބަލަ....އަޅެ އަހަރެން ގެންގޮސްދީބަލަ އެމަންޖެ ގާތަށް...." ވަސީމާ ރޮމުން ވާހަކަދެއްކިއެވެ. ސަޢީދުއަށް އިތުރަށް ވަސީމާ ރޯތަންދެކެން ކެތެއްނުވިއެވެ. އޭނައަށް ވަސީމާ މަންހާދެކެ ލޯބިވާވަރު އެބަފެނެއެވެ. ސަޢީދު ވަސީމާގެ ކޮނޑުގައި ހިފާލާފައި އޭނަގެ ގާތުގައި ތެދުވެ އިށީނުމަށް އެދުނެވެ.

"އަހަންނަށް އެނގޭ ވަސީ ވަރަށް ދެރަވެގެން ތިރޮނީ، އެކަމަކު އަހަންނަށް ވަސީ ތިއެދޭ ކަންތަކެއް ނުކޮށްދެވޭނެ...އަހަންނަށް މަންހާ އާއި ހަމައަށް ވަސީ ގެންގޮހެއް ނުދެވޭނެ، މަންހާ ބޭނުމެއްނުވޭ އެކަކާވެސް ބައްދަލުކުރާކަށް، ވަސީ، އަހަރެންގެ މިކަންފަތުން އަޑުއެހީ އެކުއްޖާގެ ހަޅޭކުގެ އަޑު....އޭނަގެ ކުރިމަތިން އެންމެން ދިއުމަށް އިންޒާރު ކުރަމުންދިޔައީ، ޑޮކްޓަރު އެދުނީ މިވަގުތަށް މަންހާ ބޭނުންނުވާ އެއްވެސް ކަމެއް ނުކުރުމަށް، އަދި އޭނައަށް މަޖޫބުރުކުރުވާފަދަ ކަމެއްވެސް ނުކުރުމަށް....އެދެލޯވަނީ ރަތްވެގެންގޮސް ދުޅަވެފަ....ފައިގެ ކުޑަހުޅާއިއެކުވަނީ ބެންޑޭޖުކުރެވިފަ، ޑޮކްޓަރު ބުނަނީ ވެއްޓިގެން ލިބުނު އަނިޔާއެއްކަމަށް..."ސަޢީދު ވަސީމާއަށް މަންހާގެ ހާލު އޮޅުންފިލުވާދެމުންދިޔައެވެ.

"ދާއިން އެމަންޖެއަށް ހަމަ ރަނގަޅުތަ، އަހަރެންގެ ހިތް ބިރުގަންނަނީ އެހެންވެއޭ...މަންހާއަކީ އުމުރުގެ ގޮތުން އެތަށްއަހަރެއް ހަގުކުއްޖެއް، ދިރިއުޅުމުގެ ކަންތައްތައް ރަނގަޅަށްނުވެސް އެނގޭނެ، މަންހާއަށް މިހެން ދިމާވާން މިޖެހުނީ.....އަނެއްކާ....އަނެއްކާ ދާއިން......އޭނަ ކީކޭތަ ބުނަނީ" ވަސީމާ ގިސްލެވުމާއިއެކު ސުވާލުކުރިއެވެ.

(ނުނިމޭ)