ވިޔަފާރި

ޓޫރިޒަމް އޮކިއުޕެންސީ ރޭޓް 2.4 ޕަސެންޓް އިތުރުވެއްޖެ

Aug 19, 2019

ރާއްޖޭގެ ޓޫރިޒަމް އޮކިއުޕެންސީ ރޭޓް 2.4 ޕަސެންޓް އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޖޫން މަހުގެ ނިޔަލަށް ޓޫރިސްޓުން ބައިތިއްބާ ތަންތަނުގެ އޮކިއުޕެންސީ ހުރީ 66 ޕަސެންޓުގަ އެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 2.4 ޕަސެންޓުގެ އިތުރުވުމެކެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި މި މުއްދަތުގައި ޓޫރިސްޓުން ރާއްޖޭގައި 5,420,175 ބެޑްނައިޓްސް ހޭދަކޮށްފައިވެ އެވެ. މިއީ 14.7 ޕަސެންޓުގެ އިތުރު ވުމެކެވެ.

ބެޑްނައިޓްސް އިތުރުވި ނަމަވެސް ޓޫރިސްޓުންގެ އެވްރެޖު ސްޓޭ ވަނީ 6.3 ޕަސެންޓް ދަށްވެފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި އަހަރުގެ މިހާތަނަށް 113،457 މީހުން ވަނީ އައިސްފަ އެވެ. މިއީ މިދިޔަ އަހަރު އައި 93،786 މީހުންނާ އަޅާ ބަލާއިރު 21 ޕަސެންޓުގެ އިތުރުވުމެކެވެ.