ރައްޔިތުންގެ މަޖިލިސް

އާދީއްތަ އާއި ބުރާސްފަތީގައި ވެސް ޖަލްސާ ބާއްވަނީ

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުތަކާއި އެޖެންޑާގައި ހުރި އެހެނިހެން މަސައްކަތްތައް ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ނިންމުމަށް ހަފުތާގައި އާންމުކޮށް ބާއްވާ ތިން ޖަލްސާގެ އިތުރަށް ޖަލްސާތަކެއް ބާއްވަން ޖެހޭނެ ކަމަށް މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި ތިން ބިލަކާއި ދެ ގަރާރެއްގެ އިތުރަށް ކޮމިޓީތަކުން އައިސްފައިވާ ދެ ރިޕޯޓެއްގެ މަސައްކަތް ކުރަމުންދާ ކަމަށާއި ފުރަތަމަ ކިއުން އިއްވުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހަ ބިލެއް އައިސްފައިވާ ކަމަށެވެ.

އެހެންކަމުން ކުރިއަށް އޮތް ދެ ހަފުތާގައި މަޖިލީހުގައި ކުރަން ޖެހޭ މަސައްކަތްތައް ވަރަށް ގިނަ ކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ އެމަނިކުފާނު ގަސްދު ކުރައްވަނީ މިރޭ ޖަލްސާއެއް ބޭއްވުމަށެވެ. އަދި ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހާއި އަންނަ އާދިއްތަ ދުވަހު ވެސް މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ގަސްދު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި މި މަޖިލިހުގައި ކުރަން ހުރި މަސައްކަތްތައް ވަރަށް ގިނަ. އަޅުގަނޑުގެ އަމާޒަކީ ސަރުކާރުން ހުށަހަޅާފައިވާ ހަ ބިލު ވެސް ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ނިންމައި އެ ހަ ބިލު ތަސްދީގު ކުރުމަށް ފޮނުވޭ މިންވަރަށް އަޅުގަނޑުމެންގެ މަސައްކަތް ކުރިއަށް ގެންދިއުން." ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން އާންމުކޮށް ޖަލްސާތައް ބާއްވަނީ ކޮންމެ ހޯމަ، އަންގާރަ އަދި ބުދަ ދުވަހުގަ އެވެ. އޭގެ އިތުރަށް ޖަލްސާތައް ބާއްވަނީ މުހިއްމު ކަމެއް އޮންނަ ނަމައެވެ. ނަމަވެސް މި މަޖިލިސް ހުވާކުރި ފަހުން މަޖިލިހުގެ ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުންދާތީ ވަގުތީ ގޮތުން އެ ގަވާއިދަށް އަމަލު ކުރުން ވަނީ މަޑުޖައްސާލައިފަ އެވެ.

ސަރުކާރުގެ ފަރާތުން ހަ ބިލެއް ހުށަހަޅާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު، ރައީސް އޮފީހުން އިއްޔެ ބުނި ގޮތުގައި ހަ ބިލަށް ވުރެ ގިނަ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ފޮނުވާފަ އެވެ. އޭގެ ތެރޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު އަލުން އެކުލަވާލުމުގެ ބިލާއި ކުޑަކުދިންގެ އަދުލުގެ ބިލާއި ދަނޑުވެރިކަން ކުރުމުގައި ޕެސްޓިސައިޑްސް ބޭނުން ކުރާނެ ގޮތުގެ ބިލެއް ފޮނުވާފަ އެވެ.

މިދިޔަ ސަރުކާރުން ބަދަލު ގެނެސްފައިވާ ތިން ގާނޫނެއް އަލުން ބަަދަލު ކުރުމަށް ވެސް ފޮނުވާފައިވެ އެވެ. އޭގެ ތެރޭގައި ބޭރު ގައުމެއްގެ ހިމާޔަތް ދޫކޮށްލިތާ މަދުވެގެން 10 އަހަރު ވުމުން ނޫނީ ރައީސް ކަމަށް ކުރިމަތިނުވޭ ގޮތަށް ރިޔާސީ އިންތިހާބުގެ ގާނޫނުގައި އޮންނަ ބައި އުނި ކުރުން ހިމެނެ އެވެ. އަދި މާލޭގައި އެއްވުމެއް ބޭއްވުމުގެ ކުރިން ހުއްދަ ނަގަން ޖެހޭނެ ކަމަށް އެއްވެ އުޅުމުގެ މިނިވަން ކަމުގެ އޮންނަ ބައި އުނި ކުރުން ވެސް ހިމެނެ އެވެ.

އޭގެ އިތުރުން މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި އެ މެންބަރުންގެ އާއިލާ ބޭފުޅުންގެ މާލީ ބަޔާންތައް ހާމަކުރުން ލާޒިމު ކުރާ ގޮތަށް ބައެއް ކޮމިޝަންތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުތައް ވެސް ހިމެނެ އެވެ. އެ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލްގެ ގާނޫނާއި، އޮޑިޓާ ޖެނެރަލްގެ ގާނުނާއި، ސިވިލް ސާވިސް ކޮމިޝަންގެ ގާނޫނާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގާނޫނާއި އިލެކްޝަންސް ކޮމިޝަންގެ ގާނޫނުގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވެ އެވެ.