ކުޅިވަރު

އެތުލެޓިކޯ ތަފާތެއް ނޫން، ލޮޕެޓެގީގެ ފެށުން މޮޅަކުން

ބޮޑެތި ޓްރާންސްފާތަކާއެކު، އާ ސީޒަނަށް ކުރިމަތިލި އެތުލެޓިކޯ މެޑްރިޑް ގެޓާފޭއާ ދެކޮޅަށް ކުޅުނު މެޗު 1-0 މޮޅުވެ އާދައިގެ ފެށުމަކުން ފަށައިފި އެވެ.

ޕްރީ ސީޒަންގައި، ވާދަވެރި ރެއާލް މެޑްރިޑްގެ މައްޗަށް 7-3 ހޯދި މޮޅާއި، ޔުވެންޓަސް ބަލި ކުރުމުން އެތުލެޓިކޯއަށް ގިނަ ބައެއްގެ ތައުރީފު އޮހުނެވެ. ނަމަވެސް ސީޒަންގެ ފުރަތަމަ މެޗުގައި ރޭ ގެޓާފޭ އާ ދެކޮޅަށް ލަނޑު ޖަހާނެ ފުރުސަތުތައް ލިބުނަސް އެ ޓީމު މޮޅުވީ އުނދަގުލުންނެވެ.

އެ ޓީމުގެ ހަމައެކަނި ލަނޑު، މެޗުގެ 23 ވަނަ މިނެޓްގައި މޮރާޓާ ކާމިޔާބު ކުރީ ކީރަން ޓްރިޕިއާ ނެގި ބޯޅަ ބޮލުން ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ. ލަނޑުޖާހަނެ ތަނަވަސް އެހެން ފުރުސަތެއްވެސް މޮރާޓާ އަށް ލިބުނެވެ.

މެޗުގެ 56 ވަނަ މިނެޓްގައި، ގެޓާފޭގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އެތުލެޓިކޯގެ ޔޯއާ ފެލިކްސް އަތުން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި، ގެޓާފޭގެ ބުރުނޯއަށް ޖެހުނީ ފައުލް ކުރާށެވެ. އެފައުލާއެކު ލިބުނު ޕެނަލްޓީ މޮރާޓާ ގޯލްގެ ކަނަށް ވާގޮތަށް ފޮނުވާލުމުން ގެޓާފޭގެ ކީޕަރު ޑޭވިޑް ސޯރިއާ އެ ބޯޅަ ދިފާއު ކުރީ ހުށިޔާރު ކަމާއެކު އެވެ. ދަނޑިއާ ވަރަށް ކައިރިން ފޮނުވާލި ނަމަވެސް އެ ބޯޅަ ދިފާއު ކުރުމުގައި ސޯރިއާގެ ތަޖުރިބާ ވަރަށް ރަނގަޅަށް ބޭނުން ކުރި އެވެ.

ދެ ވަނަ ހާފު އެއްކޮށް ދެ ޓީމުންވެސް ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. ފުރަތަމަ ހާފުގެ 36 ވަނަ މިނެޓްގައި ގެޓާފޭގެ ޖޯޖް މޮލިނާ ކުރި ޓެކުލަލާއެކު އޭނާއަށް ވަގުތުން ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލި އެވެ. އޭގެ ހަ މިނެޓް ފަހު އެތުލެޓިކޯގެ މީޑްފީލާޑާ ލެނަން ލޯޑީއަށް ދެ ވަނަ ރީނދޫކާޢެކު ރަތް ކާޑު ދެއްކި އެވެ.

ރެއާލް މެޑްރިޑްގެ ކޯޗް ކަމާ ހަވާލުވެ ހަތަރު މަސް ފަހުން މިދިޔަ ސީޒަންގައި ވަކި ކުރި، ހުލެން ލޮޕެޓެގީ މި ސީޒަންގައި ހަވާލުވީ ސެވިއްޔާ އެވެ. އެ ޓީމުންވެސް ވަނީ ޓްރާންސްފާގައި ބޮޑެތި ހަރަދުތަކެއް ކޮށް ޓީމު ޓްރާންސްފޯމު ކުރުމަށް މަސައްކަތްކޮށްފަ އެވެ.

ލޮޕެޓެގީއާއެކު ސެވިއްޔާ ކުޅުނު ފުރަތަމަ ރަސްމީ މެޗު އެސްޕަންޔޯލްއާ ދެކޮޅަށް ފެށީ މޮޅަކުންނެވެ. އެ ޓީމުން މެޗު ކާމިޔާބު ކުރީ 2-0 އިންނެވެ. މިދިޔަ ސީޒަންގައި ރަނގަޅު ނަތީޖާތަކެއް ހޯދި އެސްޕަންޔޯލް ފެނުނީ ވަރުގަދަ ކޮށެވެ. ފުރަތަމަ ހާފުގައި ސެވިއްޔާއިން ލީޑް ނެގީ އެސްޕަންޔޯލްއިން ވަރަށް ރަނގަޅަށް ކުޅެމުން ދަނިކޮށެވެ.

ސެވިއްޔާގެ ފުރަތަމަ ލަނޑު މެޗުގެ 44 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، ސާޖިއޯ ރެގީލޮން އެވެ. އެ ޓީމުގެ ދެވަނަ ލަނޑު ޖެހުމުގައިވެސް ރެގީލޮންގެ ހިއްސާ އޮތެވެ. މެޗުގެ 88 ވަނަ މިނެޓްގައި ނޮލީޓޯ ކާމިޔާބު ކުރީ ރެގީލޮން ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.

ރެއާލް މެޑްރިޑްގެ ލޯން އެއްބަސްވުމުގެ ދަށުން، ސެވިއްޔާ އަށް ބަަދަލުވި ރެގިލޮން އަކީ، މިދިޔަ ސީޒަންގައި ރެއާލް މެޑްރިޑްގެ ސީނިއާ ޓީމުން މުޅިން އަލަށް ލޮޕެޓެގީ ފުރުސަތު ދިން ޑިފެންޑަރެކެވެ. އޭނާ ވަނީ މިދިޔަ ސީޒަންގައި މޮޅު ކުޅުމެއް ދައްކާފަ އެވެ.