އަބްދުﷲ ޖާބިރު

މަސްވެރިކަމުގެ ގިނަ ބާވަތްތައް މަނާކުރާތީ ޖާބިރު ހިތްހަމަނުޖެހިއްޖެ

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މަސްވެރިކަމުގެ ބިލުގައި މަސްވެރިކަމުގެ ބައެއް ބާވަތްތައް މަނާކޮށްފައިވަތީ އެ ކަމުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތް ކުރިއަށް ނުދާނެ ކަމަށް ޑީއާރުޕީގެ ލީޑަރު، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މިއަދު ވިދާޅުވެއްޖެ އެވެ.

އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި ބިލުގައިވާ ގޮތުން ހަތް ބާވަތެއްގެ މަސްވެރިކަން ކުރުން މަނާވެ އެވެ. އެއީ ބޮޑުދަލުގެ މަސްވެރިކަމާއި، އޮޔާދާ ދަލުގެ މަސްވެރިކަމާއި، ދަމާ ދަލުގެ މަސްވެރިކަމާއި، އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމާއި، އެންވެރިކަން ފިޔަވައި ދާ ބޭނުން ކޮށްގެން ކުރާ މަސްވެރިކަމާއި، ދޫކުރާ ދަނގަޅު ބޭނުން ކުރާ މަސްވެރިކަމުގެ އިތުރުން، ގޮވާ އެއްޗެއް ނުވަތަ ވިހައެއް ނުވަތަ އެފަދަ އެހެން ކެމިކަލެއް ބޭނުން ކޮށްގެން ކުރާ ކޮންމެ މަސްވެރިކަމެވެ.

މަސްވެރިކަމުގެ ބިލަށް ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ ރާއްޖޭގައި މިއަދު ދިމާވެގެން އުޅޭ އެންމެ ބޮޑު އެއް މައްސަލައަކީ ވިޔަފާރިތައް ހިންގަން ދަތިވާ ވަރަށް އެ ވިޔަފާރިތައް ރެގިއުލޭޓް ކުރުން ކަމަށެވެ. އެގޮތުން މަސްވެރިކަމުގެ ބިލުން ވެސް ފެންނަނީ ގިނަ ބާވަތްތަކުގެ މަސްވެރިކަން މަނާ ކުރާ މަންޒަރު ކަމަށާއި އެ ކަމުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް ވެސް ކުރިއެރުން ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މި ގާނޫނުން ފެންނަނީ ހުރިހާ ކަމެއް މަނާ ކުރާ ތަން، މި ކަންކަން މަނާ ކުރުމުން ލިބެންވާ އާމްދަނީ ހޯދަން ހުރަސް އެޅޭ މަންޒަރު، އަޅުގަނޑުމެން ކީއްވެގެން ހެއްޔޭ ވަކި ހިސާބުތަކެއް ދާ ނޭޅެންވީ، އަޅުގަނޑުމެންގެ އަމާޒަކަށް ވާން ޖެހޭނީ މަސްވެރިކަމުގެ ކެޕޭސިޓީ އިތުރުކޮށް ލިބޭ އާމްދަނީ އިތުރު ކުރުން،" ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވި ގޮތުގައި، ނިމިދިޔަ އީދު ބަންދުގައި އޭނާ ކުރެއްވި ދަތުރުތަކުގައި ގިނަ އަދަދެއްގެ މަސްވެރިންނާ ބައްދަލު ކުރެއްވި އެވެ. އަދި މިހާރު ވެސް މަސްވެރިން ބާނާ މަހަށް ވަގުތުން ފައިސާ ނުލިބޭ ކަމަށް ޖާބިރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މަސްވެރިކަމުގެ ގާނޫނުން ރެގިއުލޭޓް ކުރަންވީ މަސްވެރިން ބާނާ މަހަށް ވަގުތުން ފައިސާ ނުލިބޭ ފަދަ މައްސަލަތަކެވެ.

"މަސްވެރިން ބާނާ މަހުގެ ފައިސާ މިހާރު ވެސް އެ މަސްވެރިންނަށް ލިބެމުން ދަނީ ވަރަށް ލަހުން، ގާނޫނު ހަދާއިރުގައި ރެގިއުލޭޓް ކުރަންވީ މި ކަންކަމަށް ނޫންތޯ، މަސްވެރިކަމުގެ ސިނާއަތުގައި އުޅޭ މީހާ ދުވަހަކު ވެސް ތަނަވަހެއް ނުވޭ، އަޅުގަނޑުމެން އޯވާ ރެގިއުލޭޓް ކޮށްގެންނެއް ނުވާނެ،" ޖާބިރު ވިދާޅުވި އެވެ.

ޓޫރިޒަމް ސިނާއަތެކޭ އެއް ގޮތަށް މަސްވެރިކަމުގެ ސިނާއަތް ވެސް ބޮޑު ތަނުން ހުޅުވާލައި މަސްވެރިންނަކީ ވެސް ވަޒީފާ އަދާ ކުރާ ބައެއްގެ ގޮތުގައި ހަމަޖެހި މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކުގެ އާމްދަނީ އިތުރު ކުރަން ޖެހޭ ކަމަށް ޖާބިރު ވިދާޅުވި އެވެ. އަދި ވިދާޅުވީ ބިލު ކޮމިޓީއަކަށް ގެންގޮސް އެފަދަ ކަންކަން އިސްލާހު ކުރަން ޖެހޭ ކަމަށެވެ.