ހަބަރު

ހުޅުމާލޭގައި އަލުން ވެހިކަލް ރަޖިސްޓްރީ ކުރަން ހުއްދަ ދެނީ

Aug 19, 2019
1

ހުޅުމާލޭގައި ވެހިކަލް ރަޖިސްޓްރީ ކުރުން މަޑު ޖައްސާލުމަށްފަހު ރަޖިސްޓްރީ ކުރުމުގެ ހުއްދަ ދޭން، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.

ހުޅުމާލޭގައި ވެހިކަލް ރަޖިސްޓްރީ ކޮށްދިނުން މެދުކަނޑާލާފައިވަނީ މި އަހަރު މެއި މަހު ކުރީކޮޅެވެ.

އެޗްޑީސީއިން މި މަހުގެ ހަތް ވަނަ ދުވަހު ނެރެފައިވާ އިއުލާނެއްގައި ބުނީ ގޯއްޗާއި ރޯހައުސް އަދި މިކްސްޑް އަދި ޕިޔޯ ރެސިޑެންޓް ފްލެޓްތަކުގެ ތެރެއިން ގަރާޖު ހަދާފައިވާ އިމާރާތް އަދި ފްލެޓް އިމާރާތުން ޕާކުކުރުމުގެ ޖާގަ ކަށަވަރުވެފައިވާ ތަނެއް ނަމަ، އެތަނުގެ ވެރިފަރާތް ނުވަތަ ފްލެޓް ވިއްކުމުގެ އެގްރިމަންޓް ހަދާފައިވާ ފަރާތްތަކުން އެހެން ފަރާތަކަށް ޕާކިން ޖާގަ ދޫކުރަން އެދޭ ނަމަ ދެ ފަރާތުން ވެފައިވާ އެއްބަސްވުމުގެ ކޮޕީއެއް ހުށަހެޅުމުން އެ ފަރާތެއްގެ ނަން މަތީގައި އެ އުޅަނދެއް ރަޖިސްޓްރީ ކޮށްދޭނެ އެވެ.

ނަމަވެސް، ކުރިއެކޭ އެއްގޮތަށް ގަރާޖު ނެތް ތަންތަނަށާއި ރަޖިސްޓްރީ ބާތިލުކުރުމަށް ފަހު އޭގެ ބަދަލުގައި އާ އުޅަނދެއް ގެންނަނަމަ ހުއްދަ ދޫކުރަން ނިންމާފައިވާ އުސޫލަށް ބަދަލެއް ނުގެންނަ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

މާލެ އާއި ހުޅުމާލެ ބްރިޖުން ގުޅާލުމާއެކު، ހުޅުމާލޭގެ އާބާދީ ބޮޑުވެ ބޭނުންކުރާ އެއްގަމު އުޅަނދުގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެގެން ގޮސްފަ އެވެ. އެހެންވެ ހުޅުމާލެ އަށް ވެހިކަލް އެތެރެކުރަން ބޭނުންވާ މީހުންގެ އަދަދު ދެނަންނަން އެޗްޑީސީއިން ވަނީ ސާވޭއެއް ފަށާފަ އެވެ.