ހުޅުމާލެ

ހިޔާ ސަރަހައްދުގެ މަގުތައް 15 ދުވަސް ތެރޭގައި ނިންމަނީ

Feb 21, 2022

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދުގެ ހުރިހާ މަގުތަކެއް ކުރިއަށް އޮތް 15 ދުވަސް ތެރޭގައި ނިންމާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީން މިއަދު ބުނީ ހިޔާ ސަރަހައްދުގެ މަގު ހެދުމުގެ މަސައްކަތުގެ ދަށުން ތާރުއެޅުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ހިޔާ ސަރަހައްދުގެ ހުރިހާ މަގެއްގައި ތާރުއަޅައި، އާންމުންނަށް ބޭނުންކުރެވޭ ގޮތަށް މަގުތައް ހުޅުވާލެވިގެންދާނެ ކަމަށެވެ.

"މިމަސައްކަތް ކުރަމުންދާއިރު ދިމާވެދާނެ ނުރައްކަލަކަށް އެންމެހައި ބޭފުޅުންވެސް ސަމާލުވުމަކީ މިކޯޕަރޭޝަނުގެ ވަރަށް ބޮޑު އެދުމެއް" އެޗްޑީސީން ބުނެފައިވެ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަގުތައް ނިންމަން ހަވާލުކޮށްފައިވަނީ އިންޑިއާގެ ދެ ކުންފުންޏަކުން އުފައްދާފައިވާ ޖޮއިންޓް ވެންޗަ ކުންފުންޏަކަށެވެ.

އިންޑިއާ ކުންފުންޏާ ހަވާލާދީ އެޗްޑީސީން މީގެކުރިން ބުނީ މަގުތައް ނިންމުން ލަސްވީ ކޮވިޑް 19އާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އެޅި ބައެއް ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.

އެޗްޑީސީން ކުރިން ނިންމައިގެން ތިބީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަގު ހެދުމުގެ މައިގަނޑު މަސައްކަތްތައް ނިންމާލެވޭނެ ކަމަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށާފައިވާތީ އެ ސަރަހައްދުގައި އަސާސީ ހިދުމަތްތައް ލިބޭނެ އިންތިޒާމު ވެސް އެޗްޑީސީން މިހާރު ދަނީ ހަމަޖައްސަމުންނެވެ. އެގޮތުން އެ ސަރަހައްދުގައި މިހާރު ވަނީ މިސްކިތެއް އަޅައި ފިހާރަ އަކާއި ސެލޫނެއް ހުޅުވާފަ އެވެ. އަދި ދެވަނަ ފިޔަވައްސަށް ވަނީ ބަހުގެ ހިދުމަތާއި ފުލުހުންގެ ހިދުމަތް ދޭން ފަށާފަ އެވެ.

ދެވަނަ ފިޔަވަހީގައި މިހާރު ދަނީ ސްކޫލުތަކާއި ޕްރީ ސްކޫލުތަކާއި އިތުރު މިސްކިތްތަކާއި ޕާކެއް ހެދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.