ފަހަތުން އަރައި ކާމިޔާބު ކުރި ލަނޑުތަކުން، ފްރާންސް ލީގްގެ ޗެމްޕިއަން ޕީއެއްސްޖީ ގެ މައްޗަށް ސްޓާޑޭ ރެނޭ އެފްސީން 2-1 ކާމިޔާބު ހޯދައިފި އެވެ.
މެޗު ފެށިގޮތަށް ޕީއެސްޖީން ފުލުފުލުގައި، ރެނޭގެ ފަހަތަށް ބާރު ބޮޑު ކުރަމުން ދިޔަ އެވެ. ގޯލް ފޫއަޅުވާލުމުގައި އެ ޓީމަށް ކާމިޔާބު ހޯދޭ ގޮތެއް ނުވި އެވެ. މެޗުގެ ފުރަތަމަ ލީޑް ޕީއެސްޖީ ނެގީ، ރެނޭގެ ކެޕްޓަން ޑަމިއަން ޑަ ސިލްވާ އަށް ހެދުނު މިސްޓޭކަކުންނެވެ.
މެޗުގެ 36 ވަނަ މިނެޓްގައި، ޓީމުގެ ފަހަތުން، ބޯޅަ ކޮންޓްރޯލް ކޮށްލާފައި އޭނާ މަސައްކަތް ކުރީ، އެ ޓީމުގެ ކީޕަރު ރޯމަން ސަލިންއަށް ދިނުމަށެވެ. އޭރު ސަލިއަންއަށް ހުރެވުނު ޕޮޒިޝަންގެ ގޮތުން އޭނާ ފަސްދީފައި ދިޔަ ބޯޅަ ގޯލްގެ ތެރެއަށް ވައްދާލީ ޕީއެސްޖީގެ އެޑިންސަން ކަވާނީ އެވެ.
އޭގެ ފަހުން، މެޗުގެ ލީޑް ފުޅާކުރަން ޕީއެސްޖީގެ ތަރި ކިލިޔަން އެމްބާޕޭ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ އޭރިއާގެ ތެރެއަށް ވަދެ އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ދަނޑިއަށެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެނޭއިން ނަތީޖާ ހަމަހަމަ ކުރި އެވެ. އެ ޓީމުގެ ލަނޑު 44 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އެންބޭ ނިއަންގް އެވެ. ހަމަރީ ޓަރައޯރޭ އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ، ނިއަންގްއަށް ލިބުނު އިރު، އޭނާ ހުރީ ގޯލަށް ފުރަސްގަސް ދީގެންނެވެ. އޭނާ މާކުކޮށްގެން ޕީއެސްޖީގެ ޑިފެންޑަރުން ތިއްބެވެ. އެހެންނަމަވެސް އެނބުރިގެންފައި ގޯލްގެ ކަނަށް ބޯޅަ ވައްދާލި އެވެ.
ދެ ވަނަ ހާފުގައި ކުޅެން ނިކުމެ ހަތަރު ވަނަ މިނެޓްގައި ރެނޭ އިން ލީޑު ނެގި އެވެ. އެޓީމުގެ އެޑްއާޑޯ ކަމަވިންގާ ޕީއެސްޖީގެ އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ ރޯމަން ޑެލް ކަސްޓިލޯ ބޮލުން ފޮނުވާލީ ޕީއެސްޖީގެ ޑިފެންޑަރުންނަށް އެއްވެސް ފުރުސަތެއް ނުދީ އެވެ.
ރޭ ގެ މެޗަކީ، ނޭމާ ޓީމުގައި ނުހިމަނައި ޕީއެސްޖީން ކުޅުނު ދެ ވަނަ މެޗެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން ޕީއެސްޖީގެ ކޯޗް ތޯމަސް ޓޫހުލް ބުނީީ ނޭމާ ކުޅޭ މަގަމަށް ރަނގަޅު ހައްލެއް ނުހޯދައި އޭނާ ދޫކޮށްލެވެން ނެތް ކަމަށެވެ.