ގައުމީ ފުޓްބޯޅް ޓީމް

ސެންޓޭ އާއި ރިޒޭ ޓީމާއެކު ނުދިޔަ ސަބަބު!

ވޯލްޑް ކަޕް ކޮލިފިކޭޝަންގައި، ގުއާމް އާއި ޗައިނާއާ ދެކޮޅަށް ކުޅެން އެކުލަވާލި ސްކޮޑުގައި، ކުލަބު އީގަލްސްގެ ދެ ފޯވަޑުން ކަމަށްވާ، އަލީ ފާސިރު (ސެންޓޭ) އާއި އަހްމަދު ރިޒްވާން (ރިޒޭ) ޓީމާއެކު ލަންކާއަށް ނުދެ އެވެ.

އެމެރިކާ ސަރުކާރުގެ ބާރުގެ ދަށުގައި އޮންނަ ގުއާމް އާ ދެކޮޅަށް އެ ގައުމުގައި ކުޅޭ މެޗަށް ތައްޔާރުވުމަށް އެމެރިކާގެ ވިސާ ޖެހުމަށާއި ޓްރެއިނިން ކޭމްޕަށް ގައުމީ ޓީމު ވަނީ ލަންކާގައި ކޭމްޕް ކޮށްފަ އެވެ.

މިދިޔަ އަންގާރަ ދުވަހު، ލަންކާއަށް ފުރި ޓީމާއެކު ސެންޓޭ އާއި ރިޒޭ ބައިވެރި ނުވާކަން ވަނީ އެނގިފަ އެވެ. ގައުމީ ސްކޮޑަށް ނަގާފައި ވަނިކޮށް، ސެންޓޭ އާއި ރިޒޭ ޓީމާއެކު ނުދިޔައީ އަމިއްލަ ކަމެއް ދިމާވެގެން ކަމަށް އެފްއޭއެމުން ބުންޏެވެ.

"އާއިލީ ކަމެއް ދިމާވެގެން މިފަހަރު ޓީމުގައި ދެވެން ނެތް ކަމަށް އެ ކުޅުންތެރިން ވަނީ އަންގާފައި،" އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު ވިދާޅުވި އެވެ.

ގުއާމް އަށް ދަތުރު ނުކުރެވުނަސް، މާލޭގައި ޗައިނާ އާ ދެކޮޅަށް ކުޅޭ މެޗުގައި އެ ކުޅުންތެރިންނަށް ބައިވެރި ވުމުގެ ފުރުސަތު އޮންނާނެ ތޯ ސުވާލު ކުރުމުން، ޖަވާ ވިދާޅުވީ މެޗުން ފުރުސަތު ދޭނެ ކުޅުންތެރިން ކަނޑައަޅާނީ ގައުމީ ކޯޗް ކަމަށެވެ.