އީވާ އަބްދުﷲ

މަސްވެރިންނަށް ޕެންޝަނެއް ދިނުމަށް ބިލުގައި ހިމަނަން ޖެހޭ: އީވާ

މަސްވެރިކަމުގެ ސިނާއަތުގައި ގިނަ ދުވަސްތަކެއް ވަންދެން ހަރަކާތްތެރިވެފައިވާ މަސްވެރިންނަށް ވެސް ޕެންޝަން ސްކީމެއް ހައްގު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި މަސްވެރިކަމުގެ ބިލުގައި މަސްވެރިކަމުގައި ގިނަ ދުވަހު މަސައްކަތް ކުރި މީހުނަށް ޕެންޝަނެއް ކަނޑައަޅަން ހިމާނަފައެއްް ނެތެވެ. ނަމަވެސް މަސްވެރިކަމުގައި ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް ޕެންޝަނެއް ގާއިމުކޮށްދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ.

މަސްވެރިކަމުގެ ބިލަށް ބަހުސް ކުރައްވަމުން އީވާ ވިދާޅުވީ މަސްވެރިކަމުގެ ބިލުގެ މަގްސަދުތަކުގެ ތެރޭގައި މަސްވެރިކަން ކުރާ މީހުންނަށް ރަނގަޅު އާމްދަނީ ނަފާ ހޯދައިދިނުން ހިމަނަން ޖެހޭ ކަމަށެވެ. އީވާ ވިދާޅުވި ގޮތުގައި ސަރުކާރުން އެ ބިލު ހުށަހެޅި މައިގަނޑު ސަބަބަކީ ވެސް އެއީ އެވެ.

އީވާ ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގައި އިންތިހާބުގައި އެމްޑީޕީން މައިގަނޑުކޮށް ވިއްކި އެއް ވާހަކައަކީ ވެސް މަސްވެރިންގެ އާމްދަނީއާއި ނަފާ އިތުރު ކުރާ ވާހަކަ އެވެ. އެ ގޮތުން މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކާއި މައްސަލަތައް ހައްލުކޮށްދޭން ސަރުކާރުން ވައުދުވިކަން އޭނާ ފާހަަގަކުރެއްވި އެވެ.

"40 އަހަރާއި 50 އަހަރު މަސްވެރިކަން ކޮށްފައި ތިބި މީހުން އެބަތިބި، މަސައްކަތް ނުކުރެވޭ ވަރަށް އުމުރުން ދުވަސްވީމަ ޕެންޝަނެއް ލިބެން ޖެހޭނެ، އޭގެ މަންފާ ލިބެން ޖެހޭނެ، ރިޓަޔަމެންޓް ސްކީމެއް ބިލުގައި އޮންނަންވާނެ،" އީވާ ވިދާޅުވި އެވެ.

އޭގެ އިތުރުން ޒުވާނުން މަސްވެރިކަން ކުރުމަށް ބާރު އަޅާނެ ގޮތްތަކެއް ވެސް އެ ބިލުގައި ހިމަނަން ޖެހޭނެ ކަމަށާއި ކިޔަވާ ކުދިންގެ ތެރެއިން އެ މަސައްކަތް ކުރުމަށް ބޭނުންވާ ކުދިންނަށް ތަމްރީންތަކެއް ދެވޭނެ ގޮތެއް ހިމަނަން ޖެހޭނެ ކަމަށް އީވާ ވިދާޅުވި އެވެ. އެހެންނޫންނަމަ މިހާރު ކުރިއަރަމުންދާ ޒަމާނީ މަސްވެރިކަން ހުއްޓިގެން ގޮސްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަސްވެރިކަމުގެ ސިނާއަތުގައި ދިވެހި އަންހެނުން ކުރާ މަސައްކަތްތައް ވެސް ބަލައިގަންނަން ޖެހޭނެ ކަމަށް އީވާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މަސްވެރިކަން ކުރުމަށް ވެސް އަންހެނުން ބާރު އަޅަން ޖެހޭނެ ކަމަށާއި ބިލުގެ މަސައްކަތް ކޮމިޓީ މަރުހަލާއިން ނިމިގެން އަންނައިރު އެފަދަ ކަންކަމަށް ރިއާޔަތް ކުރާނެ ކަމަށް އުއްމީދު ކުރައްވާނެ ކަމަށެވެ.