ރައްޔިތުންގެ މަޖިލިސް

ގެއްލުންވާ ކުންފުނިތައް ޕްރައިވަޓައިޒް ކުރާ ގަރާާރު ބޭރުކޮށްލައިފި

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ގެއްލުމުގައި ހިންގަމުންދާ ކުންފުނިތައް ޕްރައިވަޓައިޒް ކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު މަޖިލީހުގެ ތަޅުމުން ބޭރުކޮށްލަން މިއަދު ފާސްކޮށްފި އެވެ.

ޑީއާރުޕީގެ ލީޑަރު، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ ގަރާރު ތަޅުމުން ބޭރުކޮށްލަން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 61 މެންބަރުންގެ އިއްތިފާގުންނެވެ.

ޖާބިރުގެ އެ ގަރާރުގައި ވަނީ، ގެއްލުމުގައި ހިންގަމުން އަންނަ ކުންފުނިތަކަށް އަހަރުން އަހަރަށް ނަގަމުން އަންނަ ދަރަންޏަށް ސަރުކާރުން ޒިންމާވެ އެ ދަރަނިތައް ދައްކަން ޖެހުމަކީ ސަރުކާރަށާއި ރައްޔިތުންނަށް އިތުރު ގެއްލުންތަކެއްވާ ކަމެއް ކަމަށެވެ.

ސަރުކާރުގެ ބައެއް ވިޔަފާރިތައް ޕްރައިވަޓައިޒް ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެއް ކަމަށާއި އެ ވައުދު ފުއްދަން، ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ގެއްލުމުގައި ހިންގާ ވިޔަފާރިތައް ޕްރައިވަޓައިޒް ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރުން މިހާރަށް ފެށުމަށް އެ ގަރާރުގައި ގޮވާލާފައިވެ އެވެ.

ޖާބިރުގެ ގަރާރަށް ބަހުސް ކުރެއްވި އެމްޑީޕީގެ މެންބަރުން ވަނީ ޖާބިރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެ ގޮތުން އެފަދަ ގަރާރުތައް ހުށަހަޅުއްވަނީ ރައްޔިތުން ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތަށް ހުރަސް އެޅުމަށް ކަމަށް ގަރާރަށް ބަހުސް ކުރެއްވި އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވި އެވެ. އަދި ބަހުސް ކުރެއްވިއިރު ވެސް ވީ އެންމެ އަވަހަކަށް އެ ގަރާރު ބޭރުކޮށްލަން އެމްޑީޕީގެ މެންބަރުން ގޮވާލެއްވި އެވެ.

މިދިޔަ މެއި މަހުގެ ފަހުކޮޅު ހުވާކުރި ނަވަރާވަނަ ރައްޔިތުންގެ މަޖިލީހަށް ޖާބިރު މިހާތަނަށް ވަނީ ގިނަ އަދަދެއްގެ ގަރާރު ހުށަހަޅުއްވައިފަ އެވެ. އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން ޖާބިރު މިހާތަނަށް ހުށަހެޅުއްވި ހުރިހާ ގަރާރެއް ވެސް މަޖިލީހުގެ ތަޅުމުން ވަނީ ބޭރުކޮށްލައިފަ އެވެ.