އެމްޑީޕީ

އެމްޑީޕީގެ ފޯރަމުގައި މިނިސްޓަރުންނާ ސުވާލު ކުރުމުގެ ފުރުސަތު ކައުންސިލަރުންނަށް ދެނީ

ލޯކަލް ކައުންސިލް މެންބަރުންގެ ތެރެއިން އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންނަށް އެ ޕާޓީން އިންތިޒާމުކޮށްގެން ބާއްވާ ފޯރަމުގައި މިނިސްޓަރުންނާ ބައްދަލު ކުރައްވައި އެ ކައުންސިލަރުން ކުރަން ބޭނުންވާ ސުވާލުތައް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފު ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ކުރިއަށްދާ އެ ޕާޓީ ކައުންސިލަރުންގެ ފޯރަމުގައި ސަރުކާރުން ލާމަޒުކަޒީ ނިޒާމުގެ ގާނޫނަށް ގެންނަން އުޅޭ އިސްލާހުތަކުގެ މައުލޫމާތު ކައުންސިލަރުންނާ ހިއްސާ ކުރާނެ ކަމަށާއި ކައުންސިލަރުންގެ ހިޔާލާއި މަޝްވަރާ ހޯދާނެ ކަމަށެވެ.

އޭގެ އިތުރުން، އެ ފޯރަމުގެ ތެރެއިން ބުރާސްފަތި ދުވަހުގެ ރޭ ސަރުކާރުގެ މިނިސްޓަރުންނާ ބައްދަލު ކުރަން ބޭނުންވާ ކައުންސިލަރުންނަށް އެ ފުރުސަތު ލިބިގެންދާނެ ކަމަށް އަފްޝަން ވިދާޅުވި އެވެ. އަދި އެ ކައުންސިލަރުން ކުރަން ބޭނުންވާ ސުވާލުތައް ކުރުމުގެ ފުރުސަތު ވެސް ލިބިގެން ދާނެ އެވެ.

"މި ފޯރަމަށް ވަޑައިގެން ކައުންސިލަރުން ފުރަތަމަ ރަޖިސްޓާ ކުރައްވާނީ އެ ކައުންސިލަރުން ބައްދަލު ކުރައްވަން ބޭނުންވާ މިނިސްޓަރަކު. އެ ގޮތަށް ރަޖިސްޓްރީ ކުރެއްވީމަ އަޅުގަނޑުމެން މި ހަމަޖައްސައިދެނީ ބައްދަލު ކުރެވޭނެ ގޮތް. އަދި އެ ބޭފުޅުންގެ ދާއިރާތަކުގައި ހިމެނޭ މަޝްރޫއުތަކާއި ދާއިރާގައި ހުރި މައްސަލަތަކާ ގުޅޭ ގޮތުން ސުވާލު ކުރެވޭނެ،" އަފްޝަން ވިދާޅުވި އެވެ.

އޭގެ ފަހުން، އަންނަ ހުކުރު ދުވަހުގެ މެންދުރުފަހު ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ އިސް ބޭފުޅުން ކައުންސިލަރުންނާ ބައްދަލު ކުރައްވައި، ގައުމީ ތަރައްގީގެ ޕްލޭނާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކުރާނެ އެވެ. އެ ބައްދަލުވުމުގައި ވެސް ސުވާލު ކުރުމާއި ޖަވާބު ދިނުމުގެ ސެޝަނެއް ކުރިއަށް ދާނެ ކަމަށް އަފްޝަން ވިދާޅުވި އެވެ.

ދެ ދުވަހަށް ކުރިއަށް ދާ އެ ފޯރަމް ފެށުމުގެ ރަސްމިއްޔާތު އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު އޮންނާނެ އެވެ. އެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވާނެ އެވެ. އަދި ހުކުރު ދުވަހުގެ ރޭ އެ ފޯރަމު ނިންމުމުގެ ރަސްމިއްޔާތު މުނުފޫހިފިލުވުމުގެ ހަރަކާތްތަކަކާއެކު ބާއްވާނެ އެވެ.

އެ ފޯރަމުގައި ބައިވެރިވެވަޑައިގަތުމަށް އެމްޑީޕީއަށް ނިސްބަތްވާ 300 އަށްވުރެ ގިނަ ކައުންސިލަރުންނަށް ވަނީ ދައުވަތު ދީފަ އެވެ. އަދި މިހާރު ވެސް ގިނަ އަދަދެއްގެ ކައުންސިލަރުން އެ ފޯރަމަށް ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.