ލައިފްސްޓައިލް

އަންހެނުން ބަރު އުފުލަންވީ މި ސަބަބުތަކާ ހުރެ

ދުވަން ދިއުމާއި ޖިމްތަކަށް ގޮސް ކަސްރަތުކޮށް އެކްޓިވް ލައިފްސްޓައިލެއް ހިޔާރު ކުރާއިރުވެސް ގިނަފަހަރަށް އަންހެނުން ބަރު އުފުލުމަށް ޖެހިލުންވެއެވެ. އެންމެ ގިނައިން އިވޭ އެއް އަޑަކީ މާ "ފިރިހެން" ވާކަށް ބޭނުމެއް ނޫނޭ ނުވަތަ ބޮޑީ ބިލްޑަރެއްހެން ހުންނާކަށް ބޭނުމެއް ނޫނޭ ބުނާ އަޑެވެ.

އެހެންނަމަވެސް، ހަށިގަނޑުގައި ބާރު ޖެއްސުމަށާއި، ކެލޮރީ އަންދާވަރު އިތުރުކުރުމަށް ކުރެވޭނެ އެންމެ ރަނގަޅު އެއް ކަމަކީ ބަރު އުފުލުމެވެ. އަންހެނުން ބަރު އުފުލި ކަމުގައިވީ ނަމަވެސް "ފިރިހެންވެ" ބޮޑީބިލްޑަރެއްގެ ސިފަ އެއް ނާންނާއެވެ. ސަބަބަކީ އަންހެނުންގެ ހަށިގަނޑުގައި އުފައްދާ ޓެސްޓޮސްޓްރޯން އަކީ ފިރިހެނެއްގެ ގައިގައި އުފައްދާ ވަރާއި ބަލާއިރު އެންމެ 5-10% އެވެ. ބަރުއުފުލާ އަންހެނުން ކޮންމެހެން ބިޔައެއް ނުވާނެެއެވެ. އެހެންނަމަވެސް ގައިގަ މަސަލްތަށް ފާޅުވާ ވަރު އިތުރުވެދާނެއެވެ.

ބަރުއުފުލުމުން ކެލޮރީ އަނދާ ވަރު އިތުރުވޭ!

ބަރު އުފުލުމުން ހަށިގަނޑުގެ މަސަލް މާސް އިތުރުވެއެވެ. ނަތީޖާއެއްގެ ގޮތުން ބަރު އުފުލާނަމަ ހަށިގަނޑުގެ ކެލޮރީ އަންދާވަރު އިތުރުކޮށްދެއެވެ. ޖިމަށް ގޮސް ބަރުއުފުލައިގެން މަސަލް އުފެއްދުމަށް ވަގުތު ނަގާފާނެއެވެ. ބަރު އުފުލައިގެން މަސަލް އިތުރުވެފައިވާ ނަމަ ކާލާ އިރަށް ބަރުދަން އިތުރުވުމުންވެސް ދުރުކޮށްދީ މީހާގެ މެެޓަބޮލިޒަމް އަވަސްކޮށްދެއެވެ. ބަރު އުފުލާނަމަ އެއްވެސް ކަމެއް ނުކޮށް ހުންނަ އިރުވެސް ހަށިގަނޑުން ކެލޮރީ އަނދާ މިންވަރު އިތުރުކޮށްދޭނެއެވެ.

ބަރު އުފުލާނަމަ ކަށި ވަރުގަދަވޭ

ބަރުއުފުލާ ނަމަ އޮސްޓިއޯޕްރޮސިސް، އުމުރުން ދުވަސްވުމުން މީހާގެ ކަށި ފީވުން ފަދަ ބަލިބަލިން ރައްކާތެރިކޮށްދެއެވެ. ވެއިޓްޓްރެއިނިންގ ހަދާ ނަމަ މަސަލްގެ އިތުރުން ކަށިތަށްވެސް ޓްރެއިންކޮށްދެއެވެ. މިގޮތުން މިސާލަކަށް ބަރެއްގައި ހިފާ ކާލް އެއް ހަދާ ނަމަ މަސަލްތަށް ކަށީގައި ރަނގަޅަށް ހިފަހައްޓާލާއެވެ. މީގެ ސަބަބުން ކަށިގަނޑުގެ ސެލްތަކުން އެހެން އާ ކަށި ސެލްތަކެއް ހެދުމަށް ރިއެކްޝަން އުފެދެއެވެ. އަދި ގިނަދުވަސްވުމުން ކަށީގައި ވަރުޖެހި ބާރުގަދަކޮށްދެއެވެ.

ބަރުއުފުލާ ނަމަ އަނިޔާވުމާއި ދުރުވޭ

ބަރުއުފުލުމުން ހަށިގަނޑުގެ ކޯ، ޓެންޑަން އަދި ލިގަމެންޓްގެ އިތުރުން ކަށީގައި ވަރުޖެހެއެވެ. މީގެ ސަބަބުން މީހާގެ ހަށިގަނޑުގެ ފިޓްނަސް ލެވެލް އިތުރުވެ އަދި ނަތީޖާއެއްގެ ގޮތުން މީހާ އަނިޔާނުވެ ހަރަކާތްތެރިވުމުގު ފުރުސަތު އިތުރުވެއެވެ.

ބަރުއުފުލާ ނަމަ ހިތުގެ ސިއްހަތު ރަނގަޅުވޭ

ބަރުއުފުލާ ކަސްރަތުކޮށް ނިންމާލާ އިރު ވަގުތުން މީހާގެ ބްލަޑް ޕްރެޝަރު މަތިވެދާނެއެވެ. އެހެންނަމަވެސް ރިސާޗުން ބުނާގޮތުގެ ބަރުއުފުލުމަކީ ހިތުގެ ސިއްހަތަށް ފައިދާކުރާ ކަމެކެވެ. ބަރުއުފުލާ އިރު ހިތުން ލޭ ދައުރުވާ މިންވަރު އިތުރުކޮށްދީ ހިތް ވަރުގަދަކޮށްދެއެވެ.

ބަރުއުފުލާ ނަމަ ބަނޑު ހިންދަން ފަސޭހަވޭ

ރިސާޗުން ބުނާގޮތުގައި ހަމައެކަނި ކާޑިއޯ ކަސްރަތުކުރުމުގެ ބަދަލުގައި ބަރު އުފުލާނަމަ ބަނޑުގައި ޖަހާ ސަރުބީ ވިރުވާލަން މާ ފަސޭހައެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގެ ބަރުދަން ލުއިކުރުމުގެ އިތުރުން ޑައެބެޓީސް، މެޓަބޮލިކް ސިންޑްރޯމް އަދި ބައެއް ކަހަލަ ކެންސަރުންވެސް ދުރުކޮށްދިނުމަށް އެހީތެރިވެއެވެ.

ބަރުއުފުލުމަކީ މީހާ ބާރުވެރިކޮށްދޭ ކަމެއް

ބަރުއުފުލުމަކީ މީހާ ބާރުވެރިކޮށްދޭވެސް ކަމެކެވެ. ބަރުއުފުލާ މީހާ ވަރުގަދަ ނަމަ މީހާގެ ސެލްފް ކޮންފިޑެންސް އިތުރުވެއެވެ. އަމިއްލަ ނަފްސަށް ކުރެވޭ އިތުބާރު އިތުރުވެއެވެ. ދުވަހީ ގޮތެއްގައި ކުރާ ކަންކަމުން ވަރުބަލިވުން ކުޑަވެ ކޮންމެ ކަމައްވެސް ކުރެވިދާނެ ކަހަލަ ޕޮޒިޓިވް އިހުސާސްތަކެއް ކުރެއެވެ. އަދި ދުވަހަކުވެސް ނުކުރެވޭނެ ކަމަށް ކަނޑައަޅާފަ ހުންނަ ކަންކަމާއިވެސް ކުރިމަތިލުމަށް ހިއްވަރެއް ލިބެއެވެ.