ހަބަރު

ބަންދު ދުވަސްތަކުގައި ޓީޗަރުން މަސައްކަތަށް ނުނެރެން އަންގައިފި

Aug 19, 2019
4

ބަންދު ދުވަސްތަކާއި ހުކުރު ދުވަސްތަކުގައި ޓީޗަރުން މަސައްކަތަށް ނުނެރުމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގައިފި އެވެ.

އެޑިޔުކޭޝަނުން އިއްޔެ ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ އެ މިނިސްޓްރީގެ ދަށުން ހިންގާ ތައުލީމީ އިދާރާތަކާއި ސްކޫލުތަކުގައި މަސައްކަތްކުރާ މުވައްޒަފުން، ސަރުކާރު ބަންދު ދުވަސްތަކާއި ހުކުރު ދުވަހު މަސައްކަތަށް ނެރުން ހުއްޓާލަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

"ވީމާ، މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިނގާ އެންމެހައި އިދާރާތަކާއި ސްކޫލުތަކުގެ މަސައްކަތްތައް ކުރުމުގައި ސަރުކާރުގެ އާއްމު ބަންދު ދުވަސްތަކާއި ހުކުރު ދުވަސްތަކުގައި މުވައްޒަފުން މަސައްކަތަށް ނުނެރެ ވާނެގޮތަކަށް މަސައްކަތްތައް ރޭވުމަށް ދަންނަވަމެވެ،" އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސޮއިކުރައްވައި ފޮނުއްވި ސާކިއުލާގައިވެ އެވެ.

ނަމަވެސް ގައުމީ މުނާސަބަތެއް ފާހަގަކުރަން އެ ސްކޫލަކަށް ހަވާލުކޮށްފައިވާ މަސައްކަތެއް ކުރަން ބޭނުންވާ މުވައްޒަފުން، މިނިސްޓްރީގެ ހުއްދައާއެކު ނެރެވޭނެ ކަމަށް އޭގައި ލިޔެފައިވެ އެވެ.

މިނިސްޓްރީން މި ގޮތަށް ނިންމާފައިވަނީ ގިނަ ސްކޫލްތަކުގައި ޓީޗަރުން ހޭދަކުރަންޖެހޭ ވަގުތު އިތުރުވާކަމަށް ބުނެ ޒަމާނުއްސުރެ ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށެވެ. ރަސްމީ މަސައްކަތުގެ އިތުރުން، ސްކޫލުން ހިންގާ އެކިއެކި ހަރަކާތްތަކުގައި ޓީޗަރުން އިސްކޮށް އުޅެންޖެހުމުގެ ސަބަބުން ރަސްމީ ގަޑީގެ އިތުރުން ބަންދު ދުވަސްތަކުގައި ވެސް މަސައްކަތް ކުރަންޖެހެ އެވެ.

ޓީޗަރުންނަށް މިހާރު ލިބޭ އިނާޔަތްތައް އިތުރުކޮށްދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެގޮތުން، ޓީޗަރުންގެ މުސާރަ ބޮޑުކުރުމަށްޓަކައި މުސާރައިގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ.

އޭގެ އިތުރުން ޓީޗަރުންގެ އޯވާ ޓައިމްގެ އުސޫލުތަކަށް ވެސް ހެޔޮ ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އިތުރު އިނާޔަތްތަކެއް ވެސް ޓީޗަރުންނަށް ހަމަޖައްސައިދިނުމަށް މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.