ކުޅިވަރު

ޔޫރަޕްގައި ހިނގަނީ އާ ތަރިންގެ ޖޯޝް!

ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެރިއަރުގެ ޓްވިލައިޓް ދޯދިތަކާ ހަމައަށް ވާސިލު ވީ އެވެ. ދެ ކުޅުންތެރިންގެ އުމުރުން ވެސް ތިރީހުން ލަނބާލައިފި އެވެ. އެވެ. ކިތަންމެ ބޭނުން ނުވިޔަސް، ފުޓްބޯޅަ ކުޅުންތެރިޔެއްގެ ކެރިއަރު ނިންމާލަން ޕްލޭން ކުރާނެ ވަގުތު ދެ ކުޅުންތެރިންނާ ވެސް ވަނީ ދާދި ގާތުގަ އެވެ.

ފުޓްބޯޅައިގެ ކޮންމެ ޕްލެޓްފޯމަކަށް އެރިޔަސް ދެކެވޭ އަދި މަޝްވަރާ ކުރެވޭ ވާހަކައަކީ، ރޮނާލްޑޯ، މެސީގެ ޑޮމިނޭޝަނަށް ފަހު އަލުން އަރަން ތިބީ ކޮންތެރިންނާމެދު އުފައްދާ ސުވާލުތަކުގެ ވާހަކަ އެވެ. ޔޫރަޕްގެ އާ ފުޓްބޯޅަ ސީޒަން ފަށައިގެން މަޑުގިނީގައި ކުރިއަށް އެބަދެއެވެ. ސީޒަންގެ މިހާ ކުރީ ކޮޅުވެސް ޔޫރަޕްގެ އެކި ސަރަހައްދުތަކުން ގުގުމަމުން ދަނީ އާ ޒުވާން ކުޅުންތެރިގެ ވާހަކަ އެވެ.

އާދިއްތަ ދުވަހުގެ ރޭ ޔޫރަޕްގެ އެންމެ ބޮޑު ލީގްގެ ތެރެއިން ތިން ލީގެއްގައި ކުޅުނު މެޗުތަކުން އާ ތިން ކުޅުންތެރިންގެ ވާހަކަ ތިލަ ވެއްޖެ އެވެ. ފްރާންސް ލީގްގައި، ވަރުގަދަ ޕީއެސްޖީގެ މައްޗަށް ސްޓާޑޭ ރެނޭ އެފްސީ މޮޅު ކޮށްދިނުމުގައި ތަރިއަކަށްވި، ސެންޓަރަލް މިޑްފީލްޑާ އެޑްވާޑޯ ކެމަވިންގާ އެވެ. ޖަރުމަންގެ ބުންޑެސް ލީގާގެ ބަޔާން ލެވަކޫސަންގެ ފޯވަޑް ކައި ހާވަޓްސް އެވެ.

އުމުރުން 16 އަހަރުގެ ކެމަވިންގާ އުފަންވީ، އެވަޓަންގައި، ވޭން ރޫނީ އާސެނަލް ކޮޅަށް ވައްދާލި މަޝްހޫރު ގޯލް ޖެހި މަސް ކަމަށްވާ، ނޮވެމްބަރު 2002 އެވެ. ޕީއެސްޖީގެ މެޗުގައި އެކަނިވެސް، ކެމަވިންގާގެ މެޗުއާރިޓީ ފެނުނެވެ. އެ ޓީމުގެ މާކޯ ވެރާޓީ އާއި މާކްއިނޯސް އަށްވެސް ކެމަވިންގާ މެދުތެރެއިން ފޯރުކޮށްދެމުން ގެންދިޔަ ބޯޅަތައް ހުއްޓުވުމުގައި އުނދަގޫ ކުރިމަތި ވި އެވެ.

އެ މެޗެކީ ރެނޭގެ ސީނިއާ ޓީމަށް ކެމަވިންގާގެ ކުޅުނު 10 ވަނަ މެޗެވެ. ޓީމު މޮޅުކޮށް ދިން ލަނޑު ޖަހަން ރޯމަން ޑެލް ކަސްޓިލޯއަށް ފުރުސަތު ލިބުނީ، ކަމަވިންގާ ނަގައިދިން ބޯޅައިންނެވެ. މިދިޔަ ސީޒަންގެ ބައެއް މެޗުތަކުގައި މަދުމަދުން ލިބުނު ފުރުސަތުތަކާއެކު މި ސީޒަން އޭނާ ފެށީ އުންމީދަކާއެކު އެވެ. ސީޒަންގެ ފެށުމުންވެސް އޭނާގެ މުހިންމު ކަން ރެނޭގެ ކޯޗް ހޫލިއަން ސްޓެފަންއަށް ވިސްނަން މަޖުބޫރު ކުރުވައިފި އެވެ.

އެންގޯލާއަށް އުފަން ކެމަވިންގާގެ އާއިލާ ފުރާންސަށް ހިޖުރަ ކުރީ އޭނާގެ އުމުރުން ދެ އަހަރު އެވެ. ފްރާންސްގެ ލީ ކީޕުން ބުނާ ގޮތުގައި، ރެނޭ އަށް ކެމެވިންގާ އެންމެ ފުރަތަމަ އަޅައިގަތީ ރެނޭއާ 50 ކިލޯމީޓަރު ދުރުގައިވާ ފުޖެއާގައި ފުޓްބޯޅަ ކުޅެމުން ދަނިކޮށެވެ. އޭރު އޭނާގެ އުމުރުން 13 އަހަރެވެ.

ފްރާންސްގެ ދާއިމީ ރަށްވެހިކަން ލިބުމުގެ މަރުހަލާގައިވާ ކެމެވިންގާއަށް ފްރާންސްގެ ރަށްވެހިކަން ލިބުމުގައި މިހާރު ފަސޭހަ ވެގެންދާނެ އެވެ. އެއީ އޭނާއަށް ފްރާންސްފެ ގައުމީ ޓީމުން ފުރުސަތު ދިނުމުގެ ޝައުގުވެރިކަން އެ ގައުމުގެ ފުޓްބޯޅަ އިދާރާއިން ގެންގުޅޭތީ އެވެ.

ކައި ހާވަޓްޒްގެ ރެކޯޑްތައް

ބަޔާން ލެވަކޫސަން ބުންޑެސް ލީގާގެ އެންމެ ފަހުން ކުޅުނު މެޗުގައި ޕާޑޯ ބޯންގެ މައްޗަށް ލެވަކޫސަން މޮޅު ކޮށްދިނުމުގައި އުމުރުން 20 އަހަރުގެ ކައި ހާވަޓްޒް މޮޅު ކުޅުމެއް ދެއްކި އެވެ.

ލެވަކޫސަން އާއެކު އޭނާގެ ސީނިއާ ކެރިއަރު ފެށިފަހުންވެސް ހާވަޓްސް ސީޒަން ނިންމާލަނީ ރެކޯޑްތަކާއެކު އެވެ. ލެވަކޫސަންގެ ސީނިއާ ޓީމާއެކު 2016 ވަނަ އަހަރު ކެރިއާ ފަށައި އޭނާ އަކީ ބުންޑެސް ލީގާގައި މެޗެއް ކުޅުނު އެންމެ އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ.

މިދިޔަ އަހަރު އޭނާ ނިންމާލީ ބުންޑެސް ލީގާގައި ޖުމުލަ 50 މެޗު ކުޅުމަށް ފަހު އެއީ ބުންޑެސް ލީގާގައި 20 އަހަރުން ދަށުގެ ކުޅުންތެރިޔަކު 50 މެޗު ކުޅުނު ފުރަތަމަ ފަހަރެވެ. މިދިޔަ ސީޒަންގައި އޭނާ ވަނީ 17 ލަނޑު ޖަހާފަ އެވެ، އެއީ ފުރާވަރު އުމުރުގެ ކުޅުންތެރިޔަކު ޖަރުމަންގެ ޕްރިމިއާ ޑިވިޝަންގައި މިހާތަނަށް ޖެހި އެންމެ ގިނަ ލަނޑެވެ.

މިދިޔަ ސީޒަންގެ ޖަރުމަންގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާވަޓްޒް ވަރަށް ގާތުން ވާދަ ކުރި އެވެ. ޖަރުމަންގެ މީޑިއާތަކުން ބުނާ ގޮތުގައި ހަވާޓްޒް އަށް ޔޫރަޕްގެ ބޮޑެތި ކުލަބުތަކުގެ ޝައުގުވެރިކަން ވަނީ ލިބިފަ އެވެ.

މި ލިސްޓްގައި، އެތުލެޓިކޯ މެޑްރިޑްގެ ޔޯއާ ފެލިކްސްގެ ނަން ހިމަނަން ޖެހޭނެ އެވެ. އުމުރުން 19 އަހަރުގެ ފޯވަޑް ސީނިއާ ކެރިއާ ފެށީ ޕޯޗްގަލްގެ ބެންފީކާއިންނެވެ. މިދިޔަ ސީޒަން ނިމުނު އިރު އޭނާގެ މަގުބޫލުކަން ވަރަށް ބޮޑށް އިތުރުވި އެވެ.

އެންޓްއާން ގުރީޒްމަން ބާސެލޯނާއަށް ދޫކޮށްލުމަށް ފަހު އެތުލެޓިކޯ މެޑްރިޑުން ޔޯއާ ފެލިކްސްގެ ސޮއި ހޯދީ 142 މިލިއަން ޑޮލަރު ހޭދަ ކުރުމަށް ފަހު އެވެ. އޭނާއަށް އެވަރުގެ ބޮޑު އަގެއް ހައްގުކަން އެތުލެޓިކޯ ގެ ސީޒަންގައި ކުޅުނު ފުރަތަމަ މެޗުންވެސް ސާބިތު ކޮށްދިންނެވެ.

ގެޓާފޭ އާ ދެކޮޅަށް ކުޅުނު މެޗުގައި، އެތުލެޓިކޯގެ ލަނޑު ކާމިޔާބު ކޮށްދިނުމުގައި ފެލިކްސްގެ ބޮޑު ހިއްސާއެއް އޮތެވެ. އަދި އޭނާ ވަނީ އެތުލެޓިކޯއަށް ޕެނަލްޓީއެއްވެސް ހޯދައިދީފަ އެވެ. ސީޒަންގެ ފުރަތަމަ މެޗުންވެސް އޭނާ ވަނީ އެތުލެޓިކޯގެ ސްޓައިލް އާއި ސްޕެނިޝް ލީގަށް ހޭނިލާފަ އެވެ.