ވާހަކަ

ދާނޭހެ ޔާދުން ހިތާއޭ

(18 އޯގަސްޓް 2019 އާ ގުޅޭ)

"އޭނާ ދޯ... ހިނގާ އިހަށް ސައިބޯން" ޖެނިފާ ބުންޏެވެ. އަދި ކާގެއާ ދިމާއަށް ދާން ހިނގައިގަތެވެ. ފަޅި ސިކުންތެއްގެ ތެރޭ ޖެނިފާގެ މޫނުން ފާޅުވި ހުރިހާ އަސަރަކާއި ކުލައެއް ހޭޒަލްއަށް ފެނިއްޖެއެވެ. އޭނާ މޫނު އަނބުރާލައި އެ ދިޔައީ ސިއްރުތަކެއް ހިފައިގެންކަން ހޭޒަލްއަށް ޔަގީން ކުރެވުނެވެ.

ގެނައި ސާމާނުތައް ކޮޓަރީގައި ބަހައްޓާފައި ލިއަމްއާއި ހޭޒަލް ނުކުތީ ފޯނު ހިފައިގެންނެވެ. އަދި ޖެނިފާ ގޮސް ވަން ކާގެއަށް އެ މީހުން އައިސް ވަނެވެ. އޭރު ކަޅުސައިތަށްޓެއް ގިރާލަ ގިރާލަ ޖެނިފާ ހުރީ ކަމަކަށް ގެއްލިފައި ހުރި ފަދައަކުންނެވެ.

"ޖެނީ..." ހޭޒަލް ގޮވާލިއެވެ. އަސަރެއްނެތިފައިވި މޫނުމައްޗަށް އަވަސް ހިނިތުންވުމެއް ވެރިކޮށްލަމުން ޖެނިފާ އެ މީހުންނާ ކުރިމަތިލިއެވެ.

"އިށީނދޭ!... މީ މަންމަ ހަދާފަ، ނުބައިނުވާނެކަން ގެރެންޓީ އިނގޭ" ޖެނިފާ ބުނެލިއެވެ. އަދި މޭޒުމަތީ ސައި އަޅާފައި ހުރި މުށި ކުރާއާއި ހަކުރުތަށި ހޭޒަލްއާ ކައިރިކޮށްލިއެވެ.

ސައިބޯން ހުރީ މަސްރޮށްޓާއި ފުށްގުޅައިގެ އިތުރުން ކުޅިބޯކިބަލާއި ހަލުވިދާއެވެ. އެމީހުންނަށް ޚާއްޞަކޮށް ތައްޔާރުކުރެވިފައެވެ. ސައިތަށްޓެއް އަޅަންވާއިރަށް ލިއަމް ސައިބޯން ފަށައިފިއެވެ.

"މީ ކޮންކުއްޖެއްތަ؟" ލިއަމްގެ ސައިތަށި ގިރައިދެމުން ހޭޒަލް އަހާލިއެވެ.

"އަހަރެންގެ" ލުއި ހިނިތުންވުމެއް ޖެނިފާ ބަދަލުކޮށްލިއެވެ.

"ނުވާނެ ބަޑީ... ކަލޭ ކޮންމެފަދަ އެއްޗެއް ވެސް ބުނެދާނެ، ޒެލްލު ބްލީވް ނުކުރައްޗޭ، އަހާލަންވާއިރަށް އެބުނެލީނު، ރަނގަޅަށް ވެއްޖެއްޔާ މީނަ ކޮންމެވެސް ތަނަކުން ފަހަތުލައިގެން އުޅޭ ސޮރަކަށްވާނީ، ކޮއްކޮ ކޮބާ މަންމަ؟" ލިއަމް އަހާލިއެވެ. އަދި ކުޑަކޮށް އެނބުރިލީ ޖެނިފާގެ ކައިރީ ހުރި ގޮނޑީގައި އިން ކުޑަ ފިރިހެންކުއްޖާއާ ދިމާއަށެވެ. އެކުއްޖާ ބީރައްޓެހި ގޮތަކަށް ލިއަމްއަށް ބަލަން އިނީއެވެ. ބަހެއްނުބުނެ ޖެނިފާއަށް ބަލާލާފައި އަލުން ލިއަމްއަށް އޭނާ ބަލާލިއެވެ.

"ކޮބާ ހީވޭ ކަމެއްހެން!... މީނަގެ ދަރިނަމަ މިހާ މަޑަކުން ނީންނާނެ، އަގަގަދަ މިތުރެއްހެން ހުއްޓާނުލާނެ" ލިއަމް ބުނެލީ ހިނިއައިސްފައި އިނދެ ސަމާސާގެ ރާގުގައެވެ. ނަމަވެސް ހޭޒަލްއަށް އިނދެވުނީ ޖެނިފާއަށް ނަޒަރު ހުއްޓާލި ގޮތަށެވެ. ލިއަމްއަށް ފާހަގަނުވިޔަސް އޭނާއަށް ޖެނިފާގެ ހިނިތުންވުމުން އުފާވެރިކަން އިޙްސާސެއް ނުވެއެވެ. ލިއަމްގެ ވާހަކަތަކަށް ޖެނިފާ ރައްދުނުދިނީތީ އެކަން ވެސް ހޭޒަލްއަށް ފާހަގަވިއެވެ.

"ވަރަށް ލޯބި... ޖެނީއާ ވައްތަރުގޮތެއް އެބަހުރި، ކޮއްކޮއަށް ކޮންނަމެއް ކިޔަނީ... މީ ޒެލްލު ދައްތަ، މަންމަގެ ވަރަށް ކްލޯޒް ފްރެންޑެއް އިނގޭ" ސަޔަށް އިންސާފުކުރަމުން ހޭޒަލް ހިނިއައިސްފައި ވާހަކަދެއްކިއެވެ. ނަމަވެސް އަމިއްލަ ޟަމީރު ހޭޒަލްއަށް ބުނެވުނު އެއްޗަކާމެދު ސުވާލު ކުރިއެވެ. ޖެނިފާގެ ގާތް ރަޙުމަތްތެރިއަކަށް ހޭޒަލްއަށް ވެވުނު ބާއެވެ. ގާތް އެކުވެރިންނަށް އެކަކުއަނެކަކުގެ ހާލު ނޭނގި އޮވެދާނެބާއެވެ.

"މިކްޔާލް ކިޔަނީ" ޖެނިފާ ބުންޏެވެ.

އެންމެފަހުން ހޭޒަލްމެން ބޭރަށް އައިއިރާ މިހާރާ ރަށަށް އައިސްފައި ހުރި ބަދަލުތަކުގެ ވާހަކަ ދެކެވެމުންދިޔައެވެ. ސައިބޮއި ނިމުނީ އެކަހަލަ ވާހަކަތަކެއްގައެވެ. ސައިބޮއި ނިންމާލާފައި ލިއަމް ތެދުވިއެވެ.

"ޖެނީ، އަދިވެސް އެ ފަރާތުގައި ޖޯލިތައް އެބަހުރިތަ؟" ލިއަމް އަހާލިއެވެ. ޖެނިފާ ބޯޖަހާލީއެވެ. އެއާއެކު ލިއަމް ދެން ބަލާލީ ހޭޒަލްއަށެވެ.

"އަހަރެން މިހުރީ އެފަރާތުގަ... ކުޑަކޮށް..." މިހެން ކިޔާ ލިއަމް ދައްކާލީ އޭނާގެ ސޯޓުގެ ޖީބުން ނެގި ވޭޕެވެ. ހޭޒަލް ހިނިއައިސްފައި ބޯޖަހާލިއެވެ.

"ދުންގަނޑު އަރުވަންދާންވީ ދޯ؟" ހޭޒަލް ބުންޏެވެ.

"ބޭބީ އެއީ ދުމެއްނޫނޭ... އެއީ ކްލައުޑްސް..." ހިނިއައިސްފައި ހުރެ ލިއަމް ބުނެލިއެވެ.

"ހޫން!... އަހަންނަށް ފެންނަނީ ދުންއަރާތަން، ވިލާތަކުގެ ތެރޭ އުޅެވޭތަނެއްނޫން" ހޭޒަލް ބުނެލިއެވެ. ހެމުންހެމުން ލިއަމް ހިނގައިގަތީ ނުކުންނާށެވެ.

"ލިއަމް، މިކްޔާލު ގޮވައިގެންދޭބަލަ.... މިއްކު، ދޭ އެ ބޭބެއާއެކު، އެއީ މަންމަގެ ފްރެންޑެކޭ، މަންމަ މިދަނީ ތަށިތައް ނަގާފައި" ޖެނިފާ ބުންޏެވެ. އެއާއެކު ނިކަން ބަސްއަހާ ކުއްޖެއްފަދައިން ގޮނޑިން ފައިބައިގެން ލިއަމްއާއެކު މިކްޔާލު ހިނގައްޖެއެވެ.

"އަހަރެން ހެލްޕްވާނަން" ހޭޒަލް ބުނެލީ ޖެނިފާ ތަށިތައް ނަގަންފެށިތަން ފެނިފައެވެ. އަދި ކުރީބައިގައި ސައިބުއި ޖޯޑުތައް ހިފައިގެން އައިސް ސިންކު ކައިރީ ހުއްޓި އިސްކުރު ދޫކޮށްލައިފިއެވެ. ހޭޒަލްގެ ހަރަކާތްތަކަށް ބަލަން ޖެނިފާއަށް ހުރެވުނީއެވެ. އޭނާގެ ސިކުނޑީގައި އުފެދެން ފެށި ޚިޔާލުތަކުން މަޑުމަޑުން އިސްޖަހާލިއެވެ. ދެން ފެނުނީ ޖެނިފާ އައިސް ހޭޒަލްގެ ފުރަގަހުން ބައްދާލައި އޭނާގެ ކޮނޑުގައި ބޯއަޅާލިތަނެވެ.

"އައި މިސްޑް ޔޫ... ޒެލްލު އަހަރެންގެ ގާތުގައި ހުރިނަމައޭ ހިތަށްއެރި އެތައްފަހަރެއް ދިޔަ" ކުރެހިފައިވީ އަޑަކުން ޖެނިފާ ބުންޏެވެ. އޭނާގެ އެ ޢަމަލުތަކުން ހޭޒަލްއަށް ލިބުނީ ސިހުމާއި ހައިރާންކަމެވެ. އަވަސް އަވަހަށް ދެއަތް ދޮވެލުމާއެކު އެނބުރިލެވުނީ ޖެނިފާއާ ކުރިމަތިލާށެވެ. ކަންބޮޑުވީ ޖެނިފާގެ ލޮލުން ކަރުނަ ހިލިފައިވީތީ ފެނުމުންނެވެ.

"ޖެނީ... އަހަރެންގެ ހިތްބުނި ޖެނީއަށް ކޮންމެވެސް ކަމެއްވެއްޖެޔޭ، އެކަމަކު އަހާލަން ނުކެރިފަ މިހުރީ" ޖެނިފާގެ ކޮނޑުގައި ފިރުމާލަމުން ހޭޒަލް ބުންޏެވެ. އަދި ޖެނިފާ ގޮވައިގެން އައި ކާމޭޒު ކައިރީ ގޮނޑިއެއްގައި އިށީނދެއްޖެއެވެ.

"އަހަރެން ހާދަ ވަރަކަށް ގުޅީމޭ، މިރަށުގަ ޖެނީ ނޫނީ ދަންނަ އެކަކު ވެސް އަހަރެންގެ ނުހުންނާނެކަން އެނގެއެއްނު، ފޭސްބުކްއިން ވެސް މެސްޖު ކުރިން، ޖަވާބެއް ނުދިނީމަ ވަރަށް ދެރަވި، ރިމީއަށް ވެސް ގުޅިން ޖެނީއަށް ވީގޮތެއް އެނގޭތޯ" ހޭޒަލް ބުންޏެވެ.

"ޒެލްލު ހާދަ ނަސީބުގަދައޭ، ލިއަމް ހާދަ ލޯބިވެޔޭ ޒެލްލުދެކެ... އަހަރެން ވެސް ބޭނުންވީ ތި ދެމީހުން އުޅޭ ފަދަ އުފާވެރި ދިރިއުޅުމެއް، ލިއަމް ކިހާ ލޯބިން އެ އުޅެނީ، އަހަރެމެން ދެ މީހުން ވެސް ކައިވެނީ ކުރީ އެކީގަ، އެކަމަކު އަހަރެންގެ ދިރިއުޅުން ފުނޑުފުނޑުވެއްޖެ، އަހަރެންދެކެ ލޯބިވާނޭ މީހަކުނެތް" ޖެނިފާގެ އަޑުގައިވަނީ ހިތްދަތިކަމާއި ޝަކުވާއެވެ.

"ތި ދެ މީހުން ވަރިވީތަ؟" ހޭޒަލްއަށް އަހާލެވުނެވެ. ޖެނިފާ މަޑުމަޑުން ބޯޖަހާލީ އެއްބަސްވުމަށެވެ. ހޭޒަލްއަށް އިތުރަށް ބުނާނޭ އެއްޗެއް ނޭނގުނެވެ. ހިތުގައި ސުވާލުތައް ފުނިޖެހިފައިވީ ނަމަވެސް އެއްވެސް ސުވާލެއް ކުރާނޭ ހިތްވަރު ނެތީއެވެ. ބުނެވޭ އެއްޗަކުން އިތުރަށް ޖެނިފާ ހިތްދަތިވެދާނޭ ހީކުރެވެނީއެވެ. ހޭޒަލްއާ ނަޒަރު ސީދާކޮށްލި ޖެނިފާ ވާހަކަދައްކަން ފެށީ އޭނާގެ އެކުވެރިޔާއަށް ހަޤީޤަތް ހާމަކުރުމަށެވެ.

"ބާރަބަރު ދެ އަހަރުވީ، އިއްސެ ބަދަލުވާން ފެށީ... އަހަރެންނާ ދުރުވާހެން ހީވެ އެކަމާ ސުވާލު ވެސް ކުރިން، އެކަމަކު އެއްވެސް ޖަވާބެއް ދޭކަށް ބޭނުމެއްނުވޭ، އޭނާ އެހެން ކަންތައްކުރަންވީ ސަބަބެއް ވެސް ނުބުނޭ، އެހެން އުޅެފަ ދޭތެރެއަކުން ވަރަށް ކެއާރިންކޮށް ލޯބިން އުޅޭނެ، އެކަހަލަ ދުވަސްކޮޅެއްގަ އަހަރެން ޕްރެގްވީ، އަހަރެން ޕްރެގްވީމަ ވަކިން ބޮޑަށް އިއްސެ ދުރުވީ... ރޭގަނޑަށް އަންހެންކުދީން ގޮވައިގެން ބުރުޖަހަން އުޅޭ ވާހަކަތައް އަހަރެންނަށް އިވެންފެށީމަ ސުވާލުކުރިން، ލިފްޓެއް ދިނުން އެއީ އެވަރުކަމެއްހޭ ބުނީ... ދެން އިތުރަކަށް ވާހަކައެއްނުދައްކާނެ... އަހަރެން ހުރީ ބޯގޮވާވަރުވެފަ، ހިޔެއްނުކުރަން ދުވަހަކުވެސް މިހެންވާނެއެކޭ، އިއްސެ އަމިއްލައަށް އަހަރެން ގާތު ބުނީ ވަރިވާށޭ މިހާރު ބޭނުމީ... ކީއްވެހޭ އެހިން، އަހަރެމެންގެ ދަރިފުޅަށް ވާނީ ކިހިނެއްތޯ އެހިން... ޒެލްލު!... އޭނާގެ ދެލޮލުން އަހަރެންނަށް ޓަކައި އެއްވެސް ޖަޒުބާތެއް ފާޅެއްނުވި... ބުނީ މިހާރު ލޯތްބެއްނުވެޔޭ، އެކުގައި އުޅޭން ވަރަށް އުނދަގުލޭ، ދަރިފުޅު ނުބެލެންޏާ އޭނާ ގެންގޮސްދާނަމޭ، އެހެންނޫނީ އަހަރެންގެ ގާތުގައި މިކްޔަލް ބެހެއްޓުމަށް، ދަރިފުޅު ބޭނުންވަންޏާ ދުށުމަށް އަންނާނެކަމަށް، ޚަރަދު ވެސް ދޭނަންކަމަށް... އެކަމަކު ދެން ކައިވެނިކޮށްގެން ނޫޅެވޭނެކަމަށް... އެ ހުރިހާ އެއްޗެއް ކިޔާފަ ބުނީ ޖެނިފާ ވަރިކޮށްފީމޭ... އަހަރެންނަކަށް ނޭނގުނު އިއްސެއަށް އެވީ ގޮތެއް، އޭނާ ބަދަލުވާންވީ ސަބަބެއް، ކުރިން ލޯބިވެފައި މިހާރު ލޯބިނުވާންވީ ސަބަބެއް ވެސް އޮންނަންޖެހޭނެއެއްނު، އެންމެންނާ ގުޅުން ކަނޑާލެވުނީ އެހެންވެ، އެކަމާ ބޯގޮވައިގެން... އަހަރެން ހުރީ އިއްސެއާ ވަކިވާން ތައްޔާރަކަށްނޫން، އުނގުގައި ދަރިއަކު ވެސް އެބައޮތް" ކަރުނުން ތެމެމުންދިޔަ ކޯތާފަތް ޖެނިފާ ދެއަތުން ފުހުނެވެ.

"އަހަރެން ވެސް ހިޔެއްނުކުރަން ތިހެން ވެދާނެއޭ... އަހަރެންގެ ފަރާތުން ޖެނީ ބޭނުންތަ އެއްވެސް ކަމެއް، އެނގޭ ދެ މީހުން މިތިބެނީ މުޅިން ދެތަނެއްގަކަން، ޖެނީ... ދަތިވަންޏާ ވެސް ބުނައްޗޭ، އަހަރެންނަށް އެހީތެރިވެވެން އޮތް ގޮތަކުން ޖެނީއަށް އެހީވާނަން، އެކުގައި އުޅެން ބޭނުންނުވާ މީހަކާއެކު ނޫޅެވޭނެ... އިރާދަކުރެއްވިއްޔާ ތި ހިތާމަތައް ފިލާ ދިރިއުޅުން އާބާދުވެދާނެ، ކެތްތެރިވޭ، ﷲއަށް އިތުބާރުކުރޭ" ހޭޒަލްއަށް ބުނެވުނެވެ.

"ޒެލްލު ފެނުމުން، މި ވާހަކަތައް ޚިއްޞާ ކޮށްލެވުނީތީ ހިތްހަމަޖެހިއްޖެ... ތި ދެމީހުން މިކޮޅުގައި ދުވަސްކޮޅަކު މަޑުކޮށްލާނެނަމައޭ ހިތަށް އަރާ" ކަރުނަތައް ހިނިތުންވުމަކުން ފަރުދާކުރަން ޖެނިފާ މަސައްކަތް ކުރިއެވެ.

"ލިއަމް މި ދަތުރު ރޭވިކަމެއް ނުވެސް އެނގޭ، އަސްލު މީ އޭނާގެ މަންމަމެންނާއެކު ކެލައަށް ރޭވި ދަތުރެއް، ނޭނގި ނަމަވެސް އޭނާ މި ދަތުރު ރޭވިކަން ނަސީބެކޭ ހިތަށްއަރާ، އެހެންނޫންނަމަ އަހަރެން ހުންނާނީ ޖެނީއަށް ވީގޮތެއް ނޭނގިފަ" ހޭޒަލް ބުންޏެވެ.

"އެނގޭތަ!... ލިއަމް އެ އުޅެނީ ބޮޑު ފޮޓޯ ޝޫޓެއް ރާވައިގެން، އޭނަ ޕޮލިހުން ކެނޑުނީތަ؟ ބޯ ހާދަ ދިގުކޮށްލާފައޭ އެ ހުރީ" ވާހަކައިގެ މިސްރާބު ޖެނިފާ ބަދަލުކޮށްލިއެވެ.

"ނުކެނޑޭ، ޗުއްޓީވީމަ ބޯނުކޮށަން އެހުންނަނީ" ހޭޒަލް ބުންޏެވެ. ކާގޭ މޭޒުމަތި ރަމަތަކޮށްލާފައި ހޭޒަލް ގޮވައިގެން ޖެނިފާ ނުކުތީ ގޭގެ ބިއްދޮށުގައި އޮތް ހުސްތަންކޮޅަށެވެ. އެތަނުގައި ހުރި ޖޯލިފަތީގައި ލިއަމްއާއި މިކްޔާލު ތިއްބެވެ. މިކްޔާލް ހިނިއައިސްފައި އިން ގޮތުން ލިއަމް މަޖާ ވާހަކައެއް ދައްކަނީކަން އެނގެއެވެ.

* * * * *

ފެންވަރާލައިގެން ފާޚާނާއިން ނުކުތް ލިއަމް ބަލާލީ އެނދުގައި އޮތް ހޭޒަލްއަށެވެ. ލާނެތް ހިންޏެއް އައިސްފައި ހޭޒަލް ވެސް އޮތީ ބަލާށެވެ. ލިއަމްއަށް ލިބިފައިވާ އަޅިފެހި ކުލައިގެ ކަޅިއަކީ އެ ޢާއިލާގެ ހުރިހާ ކުދީންނަށް ލިބިފައިވާ ޤުދުރަތުގެ ހަދިޔާއެކެވެ. އެ ޢާއިލާގެ އެހެން ކުދީންނެކޭ އެއްގޮތަށް ލިއަމްއަކީ ހަމުގެކުލަ ދޮން މީހެކެވެ. އަވީގައި އުޅުމުން ނިކަން ފަސޭހައިން އޭނާގެ ހަންގަނޑު ރަތްވެ އަނދާގޮތް ވެއެވެ. އެ މޫނަށް ބަލާލައިފިނަމަ ފުރަތަމަ ވެސް އަޅައިގަންނާނީ އޭނާގެ ދެ ލޮލުގައެވެ. ތުނިކޮށްހުރި ތުނބުޅިމަތިމަހުންނާއި ކަތުރުކަށިގަނޑުގެ ބައްޓަން ރީތިވުމުގެ ސަބަބުން އެ ފިރިހެންވަންތަކަން އެތައްގުނައެއް އިތުރުކޮށްދެއެވެ. އާދަކޮށް ޖިމްއަށް ނުދިޔަނަމަވެސް އޭނާގެ ފަސްފޫޓު ނުވަ އިންޗި ހުންނަ ހަށިގަނޑު ފެންނަނީ ބާރު ހުރި ފިރިހެނެއްގެ ހަށިގަނޑު ފަދައިންނެވެ. ބޮލުގެ އިސްތަށިގަނޑު ކުރުކޮށް ބެހެއްޓިޔަސް އަބަދު ނިތްމަތިން ފަހަތަށް ވާހެން ފުނާއަޅާއަޅައި އިސްތަށިތައް ހުންނަނީ ސްޕައިކް ޖެހިފައެވެ. ޖެލްނުލާނަމަ ދެތިން އިސްތަށި ނިތްކުރި މައްޗަށް އަބަދުވެސް ވެއްޓިފައި ހުރެއެވެ.

"ތައްޔާރައްތަ ތިއޮތީ" ހީނލަމުން އެނދާ ދިމާއަށް އައި ލިއަމް ބުނެލިއެވެ.

"ލިއަމް ރެޑީވިއްޔާ އަހަރެން ވެސް ރެޑީ" ތިރީ ތުންފަތުގައި ދަތްއަޅާލި ގޮތުން ހޭޒަލްގެ ތުންފަތަށް ލޭކުލަ ވެރިވިއެވެ.

ދެމަފިރިންގެ އުފާވެރި ވަގުތުކޮޅު ނިމުމަކަށް އައިއިރު ދެ ހަށިގަނޑު ވެސް ވަނީ ވަރުބަލިވެފައެވެ. ލިއަމްގެ އަތުގެ ތެރޭ އޭނާގެ އަތުގައި ބޯއަޅާލައިގެން ހޭޒަލް އޮތެވެ. ދެތިން ފަހަރަށް އޭނާގެ ނިތްކުރީގައި ލިއަމް ބޮސްދިނުމަށްފަހު ވަރަށް ލޯބިވާކަން ހާމަކުރިއެވެ. ހޭޒަލްގެ ފަރާތުން އިޝާރާތެއް ނުވުމުން ލިއަމް ގޮވާލިއެވެ.

"ނިދިއައީ ދޯ" ލިއަމް ބުންޏެވެ.

"ޖެނީ މިއަދު ކިޔައިދިން ވާހަކަތައް މަތިން ވިސްނާލެވުނީ... ލިއަމްއާ ނުލާ އަހަރެންނަށް އުޅެން ޖެހިދާނެ..." ހޭޒަލްގެ ވާހަކަ ލިއަމް ހުއްޓުވިއެވެ. އެތުންފަތުގައި ބޮސްދެމުންނެވެ. ދެން އަނެއްކާ ވެސް ދުރަށްޖެހިލައި ހޭޒަލްގެ މޫނަށް ލިއަމް ބަލާލިއެވެ.

"އެކަހަލަ އެއްޗެއް ދެން ހިތަށް ނާރުވައްޗޭ، ތީ ހޭޒަލްގެ ދެރަތަންކޮޅަކީ، ތަނަކުން ވާހަކައެއް އަޑުއިވޭއިރަށް އަމިއްލަ ލައިފާ ގުޅުވާލާކަށް ނުވެއެއްނު، އަހަރެންމީ އިއްސެއެއްނޫން، ތީ ޖެނީއެއް ވެސް ނޫން، މި ލިއަމް ދުވަހަކުވެސް ހޭޒަލްއަކާ ވަތްކެއްނުވާނެ، ގޯޑް ޕްރޮމިސް... ދެން ހިނގާ ނިދަން، މާދަމާ ވަރަށް ހެނދުނާ ތެދުވަންޖެހޭނެ، އަހަރެން ނަގައްޗޭ ކޮންމެހެން ވެސް، އެހާވަރުން ރޭވި އެނިވާސަރީގެ އެއްވެސް ޕްލޭނެއް ފަނިވާކަށް ބޭނުމެއްނޫން... ފޯނު ވެސް އެލާމްކޮށްފަ އެއޮތީ" ލިއަމްގެ ވާހަކައިން ހޭޒަލްގެ ވިސްނުން އެހެން ދިމާއަކަށް އަނބުރާލިއެވެ.

ހަޤީޤަތުގައި ވެސް ލިއަމް އެހާ ލޯބިން އުޅޭތީ ހޭޒަލް ޝުކުރުވެރިވެއެވެ. ދުނިޔެމަތިން އޭނާއަށް ލިބޭނެ އެންމެ ރަނގަޅު ފިރިޔަކީ ލިއަމްކަން އޭނާ ޤަބޫލުކުރެއެވެ. ކައިވެންޏަށް ހަތް އަހަރުވީއިރު ވެސް ކައިވެނި ކުރިއިރުގެ ލިއަމްއާ މިއަދު ފެންނަ ލިއަމް އެއްވެސް ތަފާތެއްނެތެވެ. ހޭޒަލްއަށް ބޭނުންވާނޭ ހުރިހާކަމެއް ލިއަމް ހުންނަނި ކޮށްދީފައެވެ. ބައެއްފަހަރު ނުބުނަނީހެވެ. އަނެއްބައި ފަހަރަށް ބުނުން ލަސްވާނީއެވެ. ވަގުތުން އެކަމެއް ފަހިކޮށްދޭނެއެވެ.

* * * * *

ހެނދުނު ލިއަމްއަށް ހޭލެވުނީ އެނދުން ވައްޓާލާވަރު ހޭޒަލް ކުރިފަހުންނެވެ. ތާޒާވެލައިގެން ނުކުމެ ދެމަފިރިން އެކުގައި ސައިބޮއެގެން ޖެނީއާއެކު ނުކުތީ ބޭރަށެވެ. ސަޤާފީ ކުލަ ޖެހިފައިވާ ފޮޓޯ ޝޫޓުގެ މަސައްކަތް ކުރުމަށެވެ. ހޭޒަލްއަށް ކަސަބުއެޅި ރަތްލިބާހަކާއި އެއާއެކު ބޭނުންވާނޭ ގަހަނާ ހޯދުމަށެވެ.

މެންދުރު ފަހު ތިނެއްޖަހަންވާއިރަށް ހުރިހާކަމެއް ހުރީ ނިމިފައެވެ. ފޮޓޯނަގާ މީހާއާއި ލިއަމްއާ ދެމެދު ޚިޔާލުތައް ބަދަލުކުރެވުނެވެ. ރަތްކުލައިގެ ކަސަބު ލިބާހުގައި ހޭޒަލް ފެންނަނީ ފަތްމިންޏެއްހާ ނަލަކޮށެވެ. ލިއަމް ހުރީ ބޮލުގައި ފޮށައެއް އޮޅައި އުނުގައި ފޭލި އަނދެފައެވެ. އިހު ޒަމާނުގެ ތާރީޚީ މަންޒަރެއް ލޯތަކަށް ފެންނަ ފަދައެވެ. ބާރަށުގައި އޮންނަ ކަމަނާމަގު މި މަގަކީ ޢީދު ކުޅިވަރު ކުޅުނު ދުވަހު މުޙަންމަދު ތަކުރުފާނު ބޮލަށް ގޮންޖެއްސެވި ބާރަށު ބޯށިވަލު ބުޅާފާޠިމާދި ރެހެންދި ގޮއްޔެ ގޮވައިގެން އިރުމަތި ފުއްޓަރު ފަރާތަށް ގެންދިއަ މަގެވެ. ފުރަތަމަ ޝޫޓިން އޮތި އެ މަގުގައެވެ. ލިއަމްގެ ކަނާތު ކޮނޑުމަތީ ހޭޒަލް އޮތެވެ. އެކި ގޮތްގޮތަށް ފޮޓޯ ނެގުނެވެ. އަތްދަނޑި މައްޗަށް އުފުލާލައިގެން ތިބެ ވެސް ފޮޓޯނެގިއެވެ. ދެން އެމީހުންގެ މަންޒިލަކަށްވީ ކަމަނާ އޮޅެވެ. ބާރަށުގައި އޮންނަ ކަމަނާއޮޅަކީ އުތީމު މުޙަންމަދު ތަކުރުފާނުގެ ބޮލަށް ޢީދު ގޮންޖެހި ދުވަހު ބާރަށު ރެހެންދި ގޮއްޔެ މުޙަންމަދު ތަކުރުފާނު ކޮނޑަށް ލައިގެން މިރަށު ފުއްޓަރު ފަރާތަށްގޮސް ވާހަކަ ދައްކަން ރާޅުގަނޑު ތެރެއަށް އެރިހުރި ދިމާލެވެ. އެހެންވެ ތާރީޚުގައި ލިޔެފައި ހުރި ގޮތަށް އެ މަންޒަރު ލިއަމްއާއި ހޭޒަލް ފޮޓޯތަކަށް ކުޅެލައިދީފިއެވެ. ހިތްގައިމު އެތައް ފޮޓޯއެއް ނެގުމަށްފަހު މަސައްކަތްތައް ނިންމާލެވުނީ ފަހެއް ޖެހުމާ ކައިރިވެފައި ވަނިކޮށެވެ.

ފޮޓޯނެގުމަށް ކުރި މޭކަޕާއި އެޅި ހެދުން ބާލައި ފެންވަރާ ތާޒާވެލައިގެން ނުކުމެ މަރިޔާދުގޭ އުނދޯލީގައި ހޭޒަލް އިނެވެ. ދޮރޯށްޓަށް ކުރިމަތިވާނޭހެން އުނދޯއްޔަށް އެއްފައި އަރުވާލައިގެން މަގަތު ދަނގަޑުގައި ބުރަކަށި ޖައްސާލައިގެންނެވެ. އެހެން އިންދާ ގާތުން އިވުނީ ޖެނިފާގެ އަޑެވެ.

"ކޮން ޚިޔާލެއްގަ؟" ޖެނިފާ އައިސް އުނދޯލީގެ އަނެއްކޮޅުގައި ހޭޒަލްއަށް ކުރިމަތިވާނޭހެން އިށީނެވެ.

"އަހަރެން ހަނދާނެއްނުނެތޭނެ އަހަރެމެން އެންމެން މިކޮޅަށް ޢީދު ފާހަގަކުރަން އައި ފަހަރުމަތިން، ކުޅިވަރުގެ ތެރެއިން މަޖަލަކަށް އަހަރެން އެ ދުވަހު ގޮސް ލިއަމްގެ ގަޔަށް ކުލަޖަހާ ގޮންޖެހީ، ހިޔެއްނުކުރަން އޭނާ ވެސް ހިސްޓްރީ ސީންއެއް ކުޅެލަފާނެއެކޭ... މިއަދު ވަކިން އެ ދުވަސްތައްމަތިން ހަނދާންވެއްޖެ" ބޭއިޚްތިޔާރުގައި ހޭޒަލްއަށް ބުނެވުނެވެ. ޖެނިފާ އަނގައިން ނުބުނީތީ އޭނާއަށް ހޭޒަލް ބަލާލިއެވެ. ދެއްކުނު ވާހަކައާ މެދު ހޭޒަލްއަށް ވިސްނާލެވުނީ ދެނެވެ.

އެއީ މީގެ ހަތްއަހަރު ކުރިއެވެ. ޖެނިފާއާއި ހޭޒަލްއަކީ މާލޭގައި އެކުގައި ކިޔަވަން އުޅުނު ދެ ކުދީންނެވެ. އޭރު ހޭޒަލް އުޅެނީ ލިއަމްއާ ރައްޓެހިވެގެންނެވެ. ސުކޫލު ނިންމާފައި ކުލާސް ހުރިހާ ކުދީންގެ މެދުގައި ރޭވުނު ދަތުރެކެވެ. ލިއަމްއަށް އެކަން އެނގުމުން އޭނާ ވެސް ޗުއްޓީ ނަގައިގެން ގުރޫޕަކާއެކު އައީއެވެ. އެފަހަރު ޢީދުގައި ކުޅިވަރަކަށް ހަދައި މަޖާކުރުމުގެ ތެރެއިން ޒުވާން އެތައް އަންހެންކުދީންނެއް ހުސްހަށިބަޔަށް ތިބި ޒުވާން ފިރިހެން ކުދީންގެ ބޮލަށް ގޮންޖެއްސެވެ. އިސްމާޢިލާއި ލިއަމް ގަސްދުކުރީ އެ ތާރީޚީ ދުވަހު ކަންތައް ހިނގައިދިޔަ ގޮތަކަށް ޢަމަލު ކުރުމަށެވެ. ޖެނިފާއާއި ހޭޒަލް ގޮވައިގެން ގޮސް ކައިވެންޏަށް ހުށަހެޅީއެވެ. ބޮޑު ޢީދަށް ރޭވި އެ ދަތުރު ނިމުނުއިރު އޮތީ ކައިވެންޏަށް ތައްޔާރުވާން ވެފައެވެ. މިއަދު އެ ހަނދާންތައް ފޮނި އުފާވެރި ހަނދާންތަކަކަށްވީ ހޭޒަލްއަށެވެ. ޖެނިފާއަކަށްނޫނެވެ.

"ކޮންއިރަކުން ދޮންތަމެން އަންނާނީ، ދިއުމުގެ ކުރީން އެންމެންނާ ވެސް ބައްދަލުކޮށްލަން ބޭނުން، ދެން ނޭނގެ އާދެވޭނެ ދުވަހެއް" ހޭޒަލް ބުންޏެވެ.

ހޭޒަލްއާއި ލިއަމް ބާރަށުން ފުރީ ޙައްޖު ދުވަހު ހެނދުނެވެ. ކެލައަށް އެރިއިރު ލިއަމްގެ މަންމައާއި އެއްބަނޑު އެއްބަފާ ދެ ދައްތަ އެމީހުން ބަލާ އައިސް ތިއްބެވެ.

"މީ ލިއަމްގެ އަންހެނުން... ހޭޒަލް" މުހުސިނާ މިހެން ބުނެ ލިއަމްގެ ގާތުގައި ހުރި ހޭޒަލްގެ އަތުގައި ހިފާ ގާތަށް ދަމާލިއެވެ.

"މީ މަންމަގެ ކޮއްކޮ ޝަހީދާ، ދެން މިހުރީ ވަހީދާ، މަންމަގެ ދައްތަ" ޢާއިލާއަށް ހޭޒަލް ތަޢާރަފުކޮށްދޭން މުހުސިނާ ހުރީ ކެތްމަދުވެފައި ކަހަލައެވެ. ހުރިހާ އަންހެނުންތަކުގެ ފަހަތުން ލިއަމް ހުރެ އާދެއެވެ. އެންމެންނަށް ވެސް ލިއަމްއަށްވުރެ ހޭޒަލް މުހިންމު ކަހަލައެވެ.

"ޒެލްލު، ލިއަމް ރޯދަތަ؟" ގޭގެ ދޮރޯށިން ވަންނަމުން ސިއްރުން ކަހަލަ ގޮތަކަށް މުހުސިނާ އަހާލިއެވެ. ހިނިއައިސްފައި ހުރެ ލިއަމްއަށް ބަލާލާފައި މުހުސިނާއަށް ހޭޒަލް ބަލާލިއެވެ. އަދި ބޯޖަހާލަމުން ރޯދައޭ ބުނެލިއެވެ. ދިނީ ކަންކަމަށް ލިއަމް ފަރުވާކުޑަކަމުން މުހުސިނާ ނުހަނު ކަންބޮޑުވެއެވެ.

"ކޮބާ ދޮންބެއާއި ވީރާ؟" ލިއަމް އަހާލިއެވެ.

"ވަހީދާ ދައްތަގެ ކުދީންނާއެކު އެބައުޅޭ އެފަރާތުގައި" މުހުސިނާ ބުންޏެވެ. ލިއަމް ހީވީ އެ އަންހެނުންތަކުގެ ތެރެއިން ދުރަށްދާން އޭނާ ބޭނުންވެފައި ހުރީ ހެންނެވެ.

މުހުސިނާއާއި ޝަމާޢިލްއަށް ލިބުނީ ތިން ކުދީންނެވެ. އެންމެ ދޮށްޓަށް ހުންނަނީ ޒައިދަންއެވެ. ދެން ހުންނަނީ ލިއަމްއެވެ. ހަގަށް ހުންނަނި އަންހެން ދަރިފުޅު ވީރާއެވެ. ރަފާއާއި އިނދެގެން ޒައިގެން އުޅެނީ މުހުސިނާމެންނާއެކުއެވެ. ގ.ކްރިސްޓަލް ގެ ބަހައި ޝަމާޢިލްއަށް ލިބުނު ބައި ހަދައިގެން އެ ގޭގައެވެ. ޒައިދަންއާއި ރަފާ ކައިވެނި ކުރީ ލިއަމްއާއި ހޭޒަލްއަށް ވުރެ ފަހުންނެވެ. އެހެންނަމަވެސް އެކުދީންނަށް ﷲގެ އިރާދަފުޅުން އަންހެން ދަރިއަކު ވަނީ ލިބިފައެވެ. އެ ގޭގައި މީހަކާ ނީނދެ މިހާރު ހުރީ ވިރާ އެކަންޏެވެ. ހުރިހާ ކުދީން ވެސް ތިބީ މަތީ ތަޢުލީމު ހާސިލުކޮށް ސަރުކާރުގެ ރަނގަޅު ވަޒީފާ ތަކުގައެވެ. ޢާއިލާއާ ގުޅުނަސް އެހެން ކުދީންނަށްވުރެ މުހުސިނާއާއި ޝަމާޢިލް އެދޭ އެދުންތައް ފުރިހަމަކުރުމަށް އިސްނެގިޔަސް ލިއަމްއަކީ އެހެން ކުދީންނާ ވަރަށް ތަފާތު މިޒާޖެއްގެ ކުއްޖެކެވެ. ހޭޒަލްއާ ކައިވެނި ކުރުމަށްފަހު އެ ދެމަފިރިން ވަކިން އުޅެން ނިންމި ނިންމުމަކީ ލިއަމްގެ ވިސްނުން ހުރި ގޮތެވެ. އޭނާ ބޭނުންވަނީ ވަރަށް މިނިވަން ދިރިއުޅުމެއް އުޅޭށެވެ. އޭނާއާއި ހޭޒަލްގެ އުޅުން ހުންނަ ގޮތް ފެނި އެކަމާ އެއްވެސް މީހަކު އެއްޗެއް ބުނެފާނެކަމަށެވެ. މައިންބަފައިންނާ ޚިޔާލު ތަފާތުވެ ދެބަސްވުމަކަށް ފުރުޞަތު ނުދޭންވެގެންނެވެ.

ރޯދަ ވީއްލި ގޮތަކަށް ވަރުބަލިވެފައޭ ކިޔާ ލިއަމް އޮށޯވެ ނިދީއެވެ. ޢީދު ވިލޭރެއަށް ރަށުތެރޭގައިވާ ތައްޔާރީތައް ބަލަން ހުރިހާ ކުދީން ނުކުންނަން އޮތީ ހަމަޖެހިފައެވެ. ޢީދު ހުޅު ޖަހާތަން ބަލަން ހޭޒަލް ވެސް ދާން ބޭނުންވިއެވެ. ކޮޓަރިން ނުކުތް ހޭޒަލް ތައްޔާރުނުވެ ހުރުމުން އެކަން ފާހަގަވީ މުހުސިނާއަށެވެ. އޭނާ ސުވާލުކުރުމުން ލިއަމް ނިދާފައި އޮތް ވާހަކަ ހޭޒަލް ބުންޏެވެ.

"އޭނާ ހޭލާހާއިރެއްވަންދެން ކުޅިވަރިތައް ފަށާކަށް މަޑެއްނުކުރާނެ، ދޮންބެ ހުންނާނެ، ރަފާއާއި ވީރާ ވެސް ދާނެ، އެމީހުންނާއެކު ޒެލްލު ވެސް ދޭ... ލިއަމް ހޭލައިފިއްޔާ މަންމަ ބުނާނަން ހޭޒަލް ދިޔައީ މަންމަ ފޮނުވައިގެންނޭ" މުހުސިނާ ބުނެލިއެވެ. ލިބުނު ފުރުޞަތު ދޫކޮށްލާކަށް ހޭޒަލް ވެސް ބޭނުމެއްނޫނެވެ. ލިއަމް ނުލާ ދިއުމުން ފޫހިވާނެކަން ވެސް އެނގެއެވެ. އެހެންވިޔަސް ރަށްރަށުގެ ޢީދު ކުޅިވަރުތަކަކީ މާލޭފަދަ އިމާރާތްތަކުން ފުރިފައިވާ ކޮންކުރީޓު މާޙައުލަކުން ފެންނާނޭ ކަންތައްތަކެއްނޫން ވިއްޔާއެވެ.

އަލިފާންގަނޑު ރޯކުރަން ހަމަޖައްސާފައި އޮތް ދިމާ އަތިރިމައްޗަށް ރަށުގެ ކުދިބޮޑު އެންމެން ކަހަލަ ގޮތަކަށް ޖަމާވެފައި އޮތެވެ. ވީރާއާއި ހޭޒަލްއާ ދެކުދީން އެކަކު އަނެކަކުގެ އަތުގައި ހިފައިގެން ޒައިދަންގެ ދެމަފިރިންނާއި ތިމާގެ ކުދީންތަކާއެކު އެ ދިމާއަށް ފޭބިއެވެ. އެ ހިސާބުގައި މާބޮޑު އަލިކަމެއް ނެތެވެ. މީހުންގަނޑުގެ ތެރެއިން ގެއްލިދާނެތީ އެކަމާ ހޭޒަލް ހުރީ ވިސްނައިގެންނެވެ. އަލިފާންގަނޑު ރޯކުރުމަށް އިސްކޮށް ހަރަކާތްތެރިވާތީ ފެނުނު ޒުވާނުންތައް ދަންމަރު ރޯކޮށްލިއެވެ. އެއާއެކު ދެން ފެނުނީ މޫދުގެ ތެރެއިން ބޮޑު އެއްޗެއްގައި ރޯވާން ފެށިތަނެވެ. ހުޅުގަނޑު ހިފަމުން އެރީ މައްޗަށެވެ. މުޅި ހިސާބަށް އަލިފާންކުލަ ވެރިވެ ހުޅުދާންވިއެވެ. ހޯބޯ ލެވުމުގެ އަޑުފަށްގަނޑު ގަދަވިއެވެ. ޒުވާނުންތައް އެމީހުންގެ ސްމާޓް ފޯނުތަކުން ނަފްސީތަކާއި ވީޑިއޯތައް ކުރަން ތެޅިފޮޅެނީއެވެ.

"ލިއަމްއަށް ދައްކަން ވީޑިއޯ ކޮށްލާނަން" ހޭޒަލް އަވަސް އަވަހަށް ހަށިގަނޑުގެ ހުރަހަށް އަޅުވާލެވިފައިވާ އަތްދަބަހުގެ ތެރެއިން އޭނާގެ ފޯނު ނެގިއެވެ.

"ޒެލްލު... ޔޫ ގެ ލެފްޓް ސައިޑަށް ވާހެން ދުރުގައި އެ ހުރި ބޯއީ ހާދަ ވަރަކަށް އެބަ ބަލައޭ" ހޭޒަލް ފޯނު ނަގައިގެން މަންޒަރުތައް ރިކޯޑުކުރުމުގައި އުޅެނިކޮށް އޭނާގެ އަތަށް ދަމާލައި ކަންފަތްދޮށުގައި ވީރާ ސިއްރުން ބުނެލިއެވެ.

ވީޑިއޯ ކުރުން ހުއްޓާލައިފަ ހޭޒަލް ބަލާލި ވީރާ ބުނި ދިމާއަށެވެ. ހުޅުގަނޑުގެ އޮރެންޖު އަލިން ދުރުގައި އެ ހުރި ޒުވާނާގެ ފެންނަނީ އެއްފަޅިއެވެ. ހޭޒަލް ބަލަން ހުއްޓައި އޭނާ ދުރަށް ހިނގައިގެންފާ އަނެއްކާ ވެސް އެނބުރިއްޖެއެވެ. އެއާއެކު ތަނަށް ވެރިވެފައި އޮތް ހުޅުގަނޑުގެ އަލިން އެއީ ކާކުކަން ހޭޒަލްއަށް އެނގުނެވެ.

(ނުނިމޭ)