ވިޔަފާރި

ހާބަރުގެ ތިން ފުޑްކޯޓެއް ކުއްޔަށް ދެނީ

Aug 20, 2019

ހާބަރު ފުޑް ކޯޓުތަކުގެ ތެރެއިން ހިދުމަތް ނުދީ ހުރި ތިން ޔުނިޓެއް އެސްޓީއޯ އިން ކުއްޔަށް ދޭން ހުޅުވާލައިފި އެވެ.

އެސްޓީއޯ އިން ބުނީ މިހާރު ހުސްކޮށް ހުރި ތިން ފުޑް ކޯޓަށް ބިޑް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 28 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން ކުއްޔަށް ދޫކުރަނީ ފުޑް ކޯޓުތައް ހުރި އިއްޒުއްދީން މަގާ ވީ ފަޅީގައި ހުރި ޔުނިޓް ނަމްބަރު 26 އާއި ޔުނިޓް ނަމްބަރު 22 ގެ އިތުރުން އަމީނީ މަގާވީ ފަޅީގައި ހުރި ނަމްބަރު 10 އެވެ.

އިއްޒުއްދީން މަގާ ވީ ފަޅީގައި ހުރި ޔުނިޓް ނަމްބަރު 26 ވަނަ ފުޑް ކޯޓަކީ 960 އަކަ ފޫޓެވެ. އަދި ޔުނިޓް ނަމްބަރު 22 ގެ ބޮޑު މިނަކީ 1660 އަކަފޫޓެވެ. އަދި އަމީނީ މަގާވީ ފަޅީގައި ހުރި ޔުނިޓުގެ ބޮޑު މިނުގައި 960 އަކަފޫޓް ހުރެ އެވެ.

އެސްޓީއޯ އިން ފުޑް ކޯޓުތައް ކުއްޔަށް ދެނީ އަކަފޫޓެއް 53 ރުފިޔާގެ ރޭޓުންނެވެ.

މަޝްހޫރު "ކަޑަ" ތައް ހުރި ސަރަހައްދު ހުސްކޮށް މި ތަނުގައި ޒަމާނީ ފުޑް ކޯޓު ތަކެއް ހަދާފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އަދި މިތަން ހަދާފައިވަނީ ދުނިޔޭގެ އެހެން ގައުމުތަކުގައި މިފަދަ ތަންތަން ހުންހެން ހިތްގައިމު ކޮށެވެ.