ކުޅިވަރު

ޕޮގްބާގެ ޕެނަލްޓީ ނާކާމިޔާބުވެ ޔުނައިޓަޑަށް މާޔޫސްކަން

ތާވަލުގެ އެއްވަނައަށް ދާން މެންޗެސްޓާ ޔުނައިޓަޑަށް ފުރުސަތު ލިބި ވޮލްވާ ހެމްޓަން ވޮންޑާސް (ވޯލްވްސް) އާ ދެކޮޅަށް ޕައުލް ޕޮގްބާ ޖެހި ޕެނަލްޓީ، ނާކާމިޔާބު ވުމުން، އެ ފުރުސަތު ޔުނައިޓަޑަށް ގެއްލިއްޖެ އެވެ.

ވޯލްވްސް އިން ނަތީޖާ ހަމަހަމަ ކުރިތާ، 13 މިނެޓް ފަހުން ޔުނައިޓަޑަށް ޕެނަލްޓީއެއް ލިބުނެވެ. އެއީ ވޯލްވްސްގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އެ ޓީމުގެ ޑިފެންޑަރު ކޮނާ ކޯޑީ، ޕޮގްބާއަށް ކުރި ފައުލާ ގުޅިގެން ދިން ޕެނަލްޓީ އެކެވެ. ޕޮގްބާ ފޮނުވާލި ޕެނަލްޓީ ވޯލްވްސްގެ ކީޕަރު ރުއީ ޕެޓްރީޝިއާ ދިފާއު ކުރި އެވެ.

މެޗުގައި ފުރަތަމަ ލީޑް ނެގީ ޔުނައިޓަޑުންނެވެ. އެ ޓީމުގެ ލަނޑު 27 ވަނަ މިނެޓްގައި، އެންތޮނީ މާޝިއަލް ކާމިޔާބު ކުރީ މާކޯސް ރަޝްފާޑް ދިން ހިތްގައިމު ޕާހަކުންނެވެ. އޭރިއާގެ ބޭރުން ރަޝްފާޑް ޕާސް ދިނީ ޔުނައިޓަޑްގެ ޑެނިއަލް ޖޭމްސް އާއި މާޝިއަލް ދެ ކުޅުންތެރިންނަށް ބޯޅަ ލިބޭ ގޮތަށެވެ. ޑިނިއަލް އާ ދިމާލަށް އެ ބޯޅަ ދިން ނަމަވެސް، ވޯލްވްސްގެ ޑިފެންސުން ނެއްޓި ބޯޅަ އެންމެ ފަސޭހައިން ފޮނުވާލެވުނީ މާޝިއަލް އެވެ.

ވޯލްވްސްގެ ރައުލް ހިމެނޭޒް އަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފަ އެވެ. ވޯލްވްސްއަށް ލިބުނު ހިލޭ ޖެހުމުން ޔުނައިޓަޑްގެ އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ ހިމެނޭޒް ބޮލުން ފޮނުވާލުމުން، ދަނޑީގައި ޖެހިފައި ރީބައުންސް ވެގެން އައިސް އެ ބޯޅަ ޖެހުނީ ޔުނައިޓަޑްގެ ކީޕަރު ޑޭވިޑް ޑެހެއާ ގައިގަ އެވެ. އޭނާ ގައިގައި ޖެހުނު ބޯޅަ ދެން ވޯލްވްސްގެ ކުޅުންތެރިންނަށް ބޭނުން ނުކުރެވުނެވެ.

ވޯލްވްސްއިން ނަތީޖާ ހަމަހަމަ ކުރީ، މެޗުގެ 55 ވަނަ މިނެޓްގަ އެވެ. އެ ޓީމުގެ ރުބެން ނާވަސް އަށް ލިބުނު ބޯޅަ ޑީއޭރިއާގެ ރޮނގުމަތިން އޭނާ ފޮނުވާލީ ގޯލްގެ މަތީ ކަނަށެވެ. އެބޯޅަ ދިފާއު ކުރަންކީޕަރު ޑެހެއާ މަސައްކަތް ކުރި ނަމަވެސް އޭނާއަށް އެ ބޯޅަ ސަލާމަތެއް ނުކުރެވުނެވެ.