އެމްއެމްޕީއާރުސީގެ ހިޔާނާތް

14 މިލިއަން ޑޮލަރު ހޯދަން ތިން ކުންފުންޏަކަށް އެމްއެމްޕީއާރްސީ ދައުވާކޮށްފި

އެމްއެމްޕީއާރުސީއަށް ފައިސާ ދައްކަން ޖެހޭ ގޮތަށް އެ ކުންފުނިން ފައިސާ ދޫކޮށްފައިވާ ތިން ކުންފުންޏެއްގެ މައްސަލައެއް ދައުވާ ކުރުމަށް ކޯޓަށް ހުށަހަޅާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުވެވަޑައިގެން އެމްއެމްޕީއާރުސީގެ އެމްޑީ ތޮއްޔިބު ވިދާޅުވީ ޑިސެމްބަރު 9، 2015 ގައި ސަރުކާރުން އެ ކުންފުންޏަށް ސިޓީއެއް މެދުވެރިކޮށް އަންގާފައި ވަނީ ޓޫރިޒަމަށް ރަށްރަށާއި ފަޅުތައް ދޫކުރުމުގެ މަސައްކަތް އެ ކުންފުނިން ނަގާފައިވާ ކަމަށެވެ. އެހެންކަމުން އެ ކުންފުނިން ދޫކުރި ރަށްތަކާއި ފަޅުތަކުގެ މައްސަލަތަކާ ޖާބާރުދާރީވާނީ ޓޫރިޒަމް މިނިސްޓްރީން ކަމަށް އެ ސިޓީގައިވާ ކަމަށް ތޮއްޔިބު ވިދާޅުވި އެވެ.

"ކުންފުނިން ދޫކުރި ރަށްތަކާއި ފަޅުތަކުގެ މައްސަލަތަކާ ސީދާ ޑީލް ކުރާނީ ޓޫރިޒަމް މިނިސްޓްރީން ކަމަށް ސަރުކާރުން ކުންފުންޏަށް ފޮނުވި ސިޓީގައި އަންގާފައިވޭ، އެހެންކަމުން އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާއެއް ނުލިބޭ ކަމަށްވާނަމަ އެ ފައިސާއެއް ހޯދުމުގެ މަސައްކަތް ކުރާނީ ވެސް ޓޫރިޒަމް މިނިސްޓްރީން ކަމަށް ފާހަގަކުރަން،" ތޮއްޔިބު ވިދާޅުވި އެވެ.

އެހެން ނަމަވެސް އެމްއެމްޕީއާރުސީން އެހެން ފަރާތަކަށް އަނބުރާ ދައްކާ ގޮތަށް ދޫކޮށްފައިވާ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ތޮއްޔިބު ވިދާޅުވި އެވެ. އެ ގޮތަށް އެމްއެމްޕީއާރުސީން ފައިސާ ނަގާފައިވާ ތިން ކުންފުންޏަކަށް ދައުވާ ކުރުމަށް ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަތަކުގެ ޝަރުއީ މަރުހަލާ ކުރިއަށްދާ ކަމަށް ތޮއްޔިބު ވިދާޅުވި އެވެ.

އޭގެ ތެރޭގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާއަށް ހިޔާނާތްތެރިވި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ މައްސަލަ ވެސް ހިމެނެ އެވެ. އެ ގޮތުން އެސްއޯއެފުން ހޯދުމަށް ދައުވާ ކުރަނީ 10.7 މިލިއަން ޑޮލަރެވެ. އަދި މިލީނިއަމް ކެޕިޓަލް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ކުންފުނިން 2.5 މިލިއަން ޑޮލަރު ހޯދަން ދައުވާކުރިއިރު، މޮންޓެލިއަން އިންޓެލިޖެންސް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްއަށް 1.47 މިލިއަން ޑޮލަރު ހޯދަން ދައުވާ ކޮށްފައިވެ އެވެ. އެހެންކަމުން އެއީ ޖުމުލަ 14 މިލިއަން ޑޮލަރެވެ.

"މި ފައިސާތައް ހޯދުމުގެ މަސައްކަތް މި ކޯޕަރޭޝަނުން ކުރަމުން ދަނީ އެޓާނީ ޖެނެރަލްގެ އޮފީހުގެ އެދިވަޑައިގަތުމުގެ މަތިން އެ ފައިސާއަކީ ސީދާ އެމްއެމްޕީއާރުސީއަށް ވަންނަން ޖެހޭ ފައިސާތަކަކަށްވާތީވެ، މި ހިޔާނާތާ ގުޅިގެން ދައުލަތަށް ލިބެން ޖެހޭ އެހެނިހެން ފައިސާތައް ހޯދުމުގެ މަސައްކަތް ކުރަނީ ދައުލަތުގެ ފަރާތުން އެޓާނީ ޖެނެރަލްގެ އޮފީހުން ކަމަށް ލިބިފައިވޭ،" ތޮއްޔިބު ވިދާޅުވި އެވެ.

ތޮއްޔިބު ފާހަގަކުރެއްވި ގޮތުގައި، އެ ތިން ކުންފުނިން އެމްއެމްޕީއާރުސީއަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން މިހާތަނަށް އެއްވެސް މިންވަރެއްގެ ފައިސާ އެ ކުންފުންޏަށް ލިބިފައެއް ނުވެ އެވެ. މީގެ ކުރިން ވެސް އެމްއެމްޕީއާރުސީއަށް ލިބެން ޖެހޭ ފައިސާގެ މައްސަލައެއްގައި އެސްއޯއެފް ގޮވައިގެން ކޯޓަށް ގޮސްފައިވެ އެވެ.