އެމްއެމްޕީއާރްސީ

އެމްއެމްޕީއާރުސީއަށް ދޫކުރި އެމްޕީއެލްގެ ފައިސާގެ މައްސަލަ ކޯޓުން ބޭރުން ހައްލު ކުރަނީ

ޑޮލަރު ގަތުމަށް ކަމަށް ބުނެ އެމްޕީއެލްއިން އެމްއެމްޕީއާރުސީއަށް ދޫކޮށްފައިވާ ފައިސާގެ މައްސަލަ ކޯޓުން ބޭރުގެ ހައްލު ކުރުމަށް މަޝްވަރާ ކުރަމުންދާ ކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެ އެވެ.

ދެހާސްސާދަ ވަނަ އަހަރު އޮޑިޓާ ޖެނެރަލް ނެރެފައިވާ އެމްއެމްޕީއާރުސީގެ ހާއްސަ ރިޕޯޓުގައިވާ ގޮތުން ޑޮލަރު ގަތުމަށް ކަމަށް ބުނެ އެމްޕީއެލްއިން އެމްއެމްޕީއާރުސީއަށް 77.1 މިލިއަން ރުފިޔާ ދޫކުރަން ވަނީ އެއްބެސްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްއެމްޕީއާރުސީގެ އެމްޑީ ތޮއްޔިބު މުހައްމަދު ވިދާޅުވީ އެމްޕީއެލަށް އެ ކުންފުނިން ދައްކަން ޖެހެނީ 6.3 މިލިއަން ޑޮލަރު ކަމަށެވެ. އޭގެ ތެރެއިން 778،000 ޑޮލަރު ދައްކާފައިވާ ކަމަށާއި، ބާކީ ނުދައްކާ އޮތީ 5.5 މިލިއަން ޑޮލަރު ކަމަށް އޭނާ ވިދާޅުވި އެވެ.

ތޮއްޔިބު ވިދާޅުވި ގޮތުގައި އެ މައްސަލަތައް ކޯޓުން ބޭރުގައި ހައްލު ކުރުމަށް ފިނޭންސް މިނިސްޓްރީއާއި އެމްޕީއެލްއާއެކު މަޝްވަރާކޮށްފައިވާ ކަމަށެވެ. އެ ގޮތުން އެމްޕީއެލްއާއެކު ވަކިން އަދި ފިނޭންސް މިނިސްޓްރީއާއެކު ވަކިން މަޝްވަރާ ކުރިއިރު، ދެ ކުންފުންޏާއި މިނިސްޓްރީއާއެކު ވެސް ބައެއް މަޝްވަރާތައް ކުރިއަށް ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ފިނޭންސް މިނިސްޓްރީއާއި އެމްޕީއެލްއާ ވަކިން ވެސް މި މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދައްކާފައިވާ ކަމަށް ތޮއްޔިބު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީއާއި ދެ ކުންފުނިން މަޝްވަރާ ކުރީ ކޮން ކަމަކާ ގުޅޭ ގޮތުން ކަމަށް މެންބަރަކު ސުވާލު ކުރެއްވުމުން ތޮއްޔިބު ވިދާޅުވީ އެމްއެމްޕީއާރުސީގެ ފަރާތުން އަންގާފައި ވަނީ އެމްޕީއެލްއަށް ދައްކަން ޖެހޭ ފައިސާ ދެއްކުމުގެ ގާބިލު ކަމެއް ކުންފުނީގެ މާލިއްޔަތުގައި ނެތް ކަމަށެވެ. ނަމަވެސް އެ ފައިސާ އަލުން އެމްޕީއެލްއަށް ދައްކަން އެ ކުންފުނިން ބޭނުންވާ ކަމަށާއި އެ ފައިސާ ދެއްކުމަށް އޮޑިޓާ ޖެނެރަލް ވެސް ލަފާ ދީފައިވާ ކަމަށް ތޮއްޔިބު ވިދާޅުވި އެވެ.

"އެމްޕީއެލްއިން އެދެނީ އެ ފައިސާ ދައްކަން، އެކަމަކު އެމްއެމްޕީއާރުސީގައި އެ ފައިސާއެއް ނެތް، އެހެންކަމުން އެ ފައިސާ ދައްކަން ވެސް މި ޖެހެނީ ދައުލަތަށް، އެއް އަތުން އަނެއް އަތަށް މި ދޭން ޖެހެނީ، ސަރުކާރު ކުންފުންޏަކުން ސަރުކާރުގެ އެހެން ކުންފުންޏަކަށް ދޭން މި ޖެހެނީ، އެހެންވެ މި ކަމުގައި ހައްލު ހޯދަން މަޝްވަރާ މި ކުރަނީ، އަދިވެސް ދަނީ ކުރަމުން،" ތޮއްޔިބު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ހާއްސަ ރިޕޯޓުގައިވާ ގޮތުން، އެމްއެމްޕީއާރުސީއަށް ޑޮލަރު ގަތުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށާއި އެމްޕީއެލްއަށް ލިބެން ޖެހޭ ފައިސާ ދައުލަތުން ހޯދަން ޖެހޭނެ ކަމަށެވެ. މި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދަނީ ތަހުގީގު ކުރަމުންނެވެ.