ޖަރުމަނުގެ ލިޔުންތެރިއެއް ކަމަށްވާ ސޮންޔާ ފްރިޓްޒް، ދިވެހި ބަހާ ގުޅޭ ގޮތުން އޭނާ ހަދާފައިވާ ޕީއެޗްޑީ ތީސިސްގެ ބައެއް ތަރުޖަމާކޮށް ތައްޔާރުކޮށްފައިވާ ފޮތް ނެރެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިއްޔެ އަރުވައިފި އެވެ.
ޖަރުމަންގެ އެ ލިޔުންތެރިޔާގެ ފޮތް ދިވެހި ބަހަށް ތަރުޖަމާ ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރެވެ. އަދި އިއްޔެ މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ތަރުޖަމާ ރައީސަށް ދެއްވީ ވެސް ދިވެހި ބަހުގެ އެކަމަޑީގެ ފަރާތުން ނާޒިމެވެ.
ފޮތް ތަރުޖަމާ ކުރެއްވި ނާޒިމް އަބްދުއްސައްތާރު "އަވަސް" އަށް ވިދާޅުވީ އެ ފޮތް ތަރުޖަމާ ކުރައްވަން ނިންމެވީ އެ ފޮތުގައި ދިވެހި ބަހާއި ދެކުނުގެ އަތޮޅުތަކުގެ ދިވެހި ބަހުގެ ޑައިލެކްޓްތަކާ ގުޅޭ ގޮތުން މުހިންމު މައުލޫމާތުތަކެއް ހުރުމުން ކަމަށެވެ.
"މި ފޮތް ތަރުޖަމާ ކުރަން ނިންމީ މި ފޮތަކީ ދިވެހި ބަހުގެ މައުލޫމާތު ވަރަށް މުއްސަނދި ފޮތަކަށްވާތީވެ، އެ ފޮތުގެ މައުލޫމާތުތައް އާންމު ކުރުމުގެ ގޮތުން، އަދި ކިޔަވައިދިނުމަށް ވެސް ބޭނުން ކުރެވޭނެތީވެ،" ދިވެހި ބަހުގެ ޑިގްރީ ކޯސްތަކުގައި ކިޔަވައިދެއްވާ ނާޒިމް ވިދާޅުވި އެވެ.
ސޮންޔާ ފްރިޓްޖްގެ ތީސީސް ފޮތުގައި ބިނާކޮށްފައިވާ ދިވެހި ބަސް އުފެދި ކުރި އަރައި ދިޔަ ގޮތުގެ މައްޗަށެވެ. އެ ދިރާސާގައި އެވޭލާ އަކުރާއި އެކި ސަރަހައްދުތަކަށް ހާއްސަ ބަހުރުވަތައް އުފެދިގެން އައި ގޮތާއި މައި ބަހާއި އެ ބަހުރަވަތަކާ ހުރި ގުޅުންތައް ފޮތުގައި ދިރާސީ ގޮތެއްގައި ގެނެސްދީފައިވެ އެވެ.
މި ފޮތުގައި ދިވެހި ބަހާއި ސިންހަޅަ ބަހާއި ހުރި ގުޅުން ވެސް ފޮތުގައި ތަފުސީލުކޮށް ގެނެސްދީފައިވެ އެވެ. ދިވެހި ބަސް އުފެދިގެން އައުމުގައި އައްޑޫ، ފުވައްމުލައް، އަދި މާލޭގައި ވާހަކަ ދައްކަމުން އައި ބަހުރުވަތަކުގެ ނުފޫޒު ބޮޑުކަން ފާހަގަކޮށްފައިވެ އެވެ.
މި ފޮތަކީ މިހާރު ވެސް ގައުމީ ޔުނިވާސިޓީގައި ދިވެހި ބަހުގެ ކޯސްތައް ކިޔަވައިދިނުމުގައި ބޭނުން ކުރަމުން އަންނަ ފޮތެކެވެ. އެ ގޮތުން ދިވެހި ބަހުގެ ޑިގްރީ ކޯހުގައި ދަރިވަރުންނަށް ކިޔަވައިދެއްވުމުގައި އެ ފޮތުގެ ބައިތައް މީގެ ކުރިން ވެސް ނާޒިމް ބޭނުން ކުރައްވާފައިވެ އެވެ.