ވާހަކަ

ބޭނުންވަނީ ޔާރާ

(19 އޯގަސްޓް 2019 އާ ގުޅޭ)

"ދާއިން އެމަންޖެއަށް ހަމަ ރަނގަޅުތަ، އަހަރެންގެ ހިތް ބިރުގަންނަނީ އެހެންވެއޭ...މަންހާއަކީ އުމުރުގެ ގޮތުން އެތަށްއަހަރެއް ހަގުކުއްޖެއް، ދިރިއުޅުމުގެ ކަންތައްތައް ރަނގަޅަށްނުވެސް އެނގޭނެ، މަންހާއަށް މިހެން ދިމާވާން މިޖެހުނީ.....އަނެއްކާ....އަނެއްކާ ދާއިން......އޭނަ ކީކޭތަ ބުނަނީ" ވަސީމާ ގިސްލެވުމާއިއެކު ސުވާލުކުރިއެވެ.

"މަންހާ ދާއިން އާއިވެސް ވާހަކައެއް ނުދެއްކި، އޭނަވެސް ހުރީ ރޮވިފަހުރިހެން........އަހަރެންގެ ހިތެއް ނުބުނޭ ދާއިން އާއި ގުޅިންހުރިކަމެކޭ މީ" ސަޢީދުގެ ހުރިހާ ވާހަކައެއް ނުނިމެނިސް އެކޮޓަރީގެ ދޮރުގައި ޓަކި ޖަހާލިއަޑުއިވުނެވެ.

މަންހާ ގޮވައިގެން އޮފީހެއް ގޮތަށް ހަދާފައި ހުރި ބަޔަކަށް ޒައުލް ވަނެވެ. އެތަނުން އޭނަ އާއި ބައްދަލުކުރީ ޒުވާން އަންހެން ކުއްޖެވެ. މޫނުމަތިންނާ ވާހަކަދެއްކި ގޮތުން ހިތްހެޔޮކަން ފާހަގަވިއެވެ.

"ޝަފާ، މީ މަންހާ..........މަންހާ މީ ޑޮކްޓަރ ޝަފާ، ސައިކަޓްރިސްޓެއް..........މިކޮޅުގެ ކަންތައްތައް ބަލަހައްޓާ ސީނިއަރ ޑޮކްޓަރުންގެ ތެރެއިން ޑޮކްޓަރެއް" ޒައުލް ތަޢާރަފްކޮއްދިނެވެ. އަދި އަތުގައި ހުރި ހުރިހާ ލިޔުމެއް ޑޮކްޓަރ ޝަފާގެ އަތަށް ދެމުން ޒައުލް މަންހާއަށް އިށީނުމަށް އެތަނުގައި ހުރި ގޮނޑިއެއް ދެއްކިއެވެ. އެބައަންނަން ކަމުގައި ބުނެ ޒައުލް އެޒުވާން ޑޮކްޓަރާއި ވާހަކަދައްކަން އެތެރެއަށް ދެވެން އޮތް މަގަކުން ހިނގައިގަތެވެ. މަންހާ އިންތަނާ މާދުރުނޫން ހިސާބެއްގައި މޭޒެއްގެ ދޮށުގައި ދެބައި އުމުރުގެ އަންހެނަކުއިނެވެ. އޭނަ ސިއްރުގޮތަކަށް މަންހާގެ ހަރަކާތްތަކަށް ބަލާކަން ފާހަގަކުރެވުނެވެ. މަންހާގެ ފައިކައިރީ އޭނަގެ ބައެއް ހެދުންތައް އަޅާފައިވާ ދަބަހެއްހުއްޓެވެ. އެއީ ހެނދުނު ދާއިން ގެނެސް ޒައުލް އާއި ހަވާލުކުރި ދަބަސް ކަމުގައި ޒައުލްބުނެފައިވާ ދަބަހެވެ. މަންހާ ކުޑަކޮށް ގުދުވެލާފައި ކުރިއަށްވުރެވެސް ބޮޑަށް އޭނަގެ ގޮނޑިއާއި ދަބަސް ކައިރިކޮއްލިއެވެ. އަދި އިންތިޒާރު ކުރަމުން ދިޔައީ ޒައުލް އަންނާނެ އިރަކަށެވެ. އޭނަ އެތަނަކަށް އަންނަން ތައްޔާރުވެފައި ހުރިއިރު އެތަނުގައި މަންހާއަށް އުޅެންޖެހޭނީ ކިހިނެއްކަން އޭނައަށް ކުރިން ވިސްނާލެވިފައިނެތެވެ. އެހެންވެ ހިތާ ސިކުނޑިއަށް ތަފާތު ހިޔާލުތައް ވެރިވަމުންދިޔަ ވަރަކަށް ވަށައިގެންވި މާހައުލަށް ނަޒަރު ހިންގޭލެއް ގިނަވެގެންދިޔައެވެ. އޭނަ އިންތަނުން ފެންނަމުންދިޔައީ ހަމައެކަނި އެތަނުގައި މަސައްކަތް ކުރާ ސްޓާފުންނެވެ. ކޮންމެ މީހަކުމެ ބީރައްޓެހި ބަލާލުމަކުން މަންހާއަށް ބަލަމުންދިޔައެވެ.

ސަޢީދު އޭނަގެ ދެލޯ ފޮހެލަމުން ތެދުވެގެން ގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އޭރު ކަންބޮޑުވެފައި ހުރި ޝިމާދު ދޮރުމަތީ ހުއްޓެވެ.

"ކިހިނެއްވީ ޝިމާދު" ސަޢީދު އަހާލިއެވެ.

"ބައްޕާ، ޝަރަފް......." ޝިމާދު ބުނަން އުޅޭއެއްޗެއް އޭނަ ބުނުމުގެ ކުރިން ސަޢީދުއަށް ނަގައިގަނެވިއްޖެއެވެ. ޝަރަފްގެ ރުޅި މަޑުނުވާނެކަން ސަޢީދުއަށް މާކުރިންވެސް އެނގެއެވެ. އެހެންނަމަވެސް ރުޅި އަކީ މިވަގުތު އެއާއިލާއަށް ލިބިފައިވާ ހިތާމަވެރި ޚަބަރު ހިންދާލެވޭނޭވަރުގެ އެއްޗެއް ނޫނެވެ. އޭގެ އިތުރުން ރުޅީގެ ސަބަބުން ކަންތައްތައް އިތުރަށް ގޯސްވުން ނޫންކަމެއް ނުވާނެކަން ސަޢީދުއަށް ވިސްނެއެވެ.

"ބައްޕަ ޝަރަފް އާއި ވާހަކަ ދައްކާނަން، މިދަނީ އިރުކޮޅަކުން" ސަޢީދު ދަތްދޮޅީގައި އަތްހާކާލަމުން ބުނެލިއެވެ. މުޅި އާއިލާގެ ހަމަޖެހުން ގެއްލި ގޭތެރެއަށް އާދަޔާއި ހިލާފު ހިމޭންކަމެއް ވެރިވެފައިވެއެވެ. ޝިމާދު ބޯޖަހާލަމުން ދާން އެނބުރިލިއެވެ. ސަޢީދު އެނބުރި ކޮޓަރިތެރެއަށްވަނީއެވެ.

"ޝަރަފްއަށް ކިހިނެއްވީ" ސަޢީދު ކޮޓަރީގެ ދޮރުލައްޕާލުމާއިއެކު ވަސީމާ އެހިއެވެ.

"އޭނަގެ ކަންތައް ހުންނަގޮތް ވަސީއަށްވެސް އެނގޭނެ، ރުޅި ގަދަވެގެން އެއުޅެނީ ދާއިންގެ އަތުން މަންހާގެ ދަރިފުޅު އަތުލަންވެގެން........." ސަޢީދު ބުނެލިއެވެ.

"ޝަރަފް އެބުނާހެން މިހުރިހާކަމެއް މަންހާއަށް ދިމާވީ ދާއިންގެ ސަބަބުން ކަމަށްވެސް ވެދާނެއެއްނު، އެހެންނަމަ މަންހާގެ ދަރިފުޅު އެމީހުންގެ ގާތުގައި ބަހައްޓާކަށް އަހަންނަކަށްވެސް ނުފެނޭ" ވަސީމާ އެނދުން ތެދުވެ ސަޢީދުގެ ކުރިމަތީ ހުއްޓެމުން ބުނެލިއެވެ.

"ވަސީ، ތިފަދަ ވާހަކައެއް ނުދައްކަބަލަ، އަހަރުމެންނަށް ޔަގީންނުވާ ކަމެއްގެ ތުހުމަތު ދާއިންގެ ބޮލުގައި އަޅުވަނީތަ؟ ކީއްވެ؟ މިވަގުތު އޭނަވެސް ހުންނާނީ ވަރަށް ދެރަވެ ހާސްވެފަ.........އޭނައަށްވެސް އެނގޭނެ މިފަދަ ކަމެއް ދިމާވުމުން އަހަރުމެންގެ ފަރާތުންވެސް އޭނައަށް އިނގިލި ދިއްކުރާނެކަން، އެކަމަކު އެހެންވާކަށް އަހަރެން ބޭނުމެއްނޫން، އަހަރުމެން ނުވާނެ ހަނދާން ނައްތާލައިގެން މަންހާގެ ދަރިފުޅުގެ ބައްޕަކަން ދާއިންއަކީ" ސަޢީދުގެ ވާހަކަ ހުރިގޮތުން އޭނަ ދެއާއިލާގެ ދޭތެރޭ އެއްވެސް ހަމަނުޖެހުމެއް ހިނގަން ބޭނުންނުވާކަން އެނގެއެވެ.

"ތިކަންވެސް އެނގެޔޭ، އެކަމަކު ސަޢީދު ވިސްނާލަބަލަ، އެ ދާއިން އޭނަގެ ކުރީގެ އަނބިމީހާ އާއިއެކު އެއުޅެނީ، ކިހިނެއް އެނގެނީ އެދެމީހުން އެކުގައި އުޅެން ނޫންކަމެއް މަންހާއަށް އެހެން އެހެދީކީ، އަހަންނަށް އަޑުއިވިފަ އޮތްގޮތުގަ ދާއިންގެ ކުރީގެ އަނބިމީހާއަކީ ދަރިމައިނުވާ އަންހެނެއް، ވީމަ ދާއިން މަންހާ އާއި ކަވެނިކުރީ ހަމައެކަނި ދަރިއަކު ހޯދަން ކަމަށްވެސް ވެދާނެއެއްނު، އޭގެ ފަހުގަ އެކުއްޖާ ސިކިނޑިހަމަނުޖެހޭ މީހަކަށް ހަދާލާފަ ގުރައިދޫއަށް ފޮނުވާލީ އެމީހުންގެ ރޭވުމުގެ ދަށުންކަންވެސް ނޭގެ..............ހުރިހާ ދެރައެއް މިލިބުނީ އަހަރުމެންގެ މަންހާއަށް" ވަސީމާ މިހެންބުނެ އަނެއްކާވެސް ރޯންފެށިއެވެ. އޭނަގެ ދަރިފުޅުގެ ދިރިއުޅުމުގައި އުފާވެރިކަމާއި ހަމަޖެހުން ގެއްލިފައިވާ ކަމުގައި ހީކުރެވިގެންނެވެ. ސަޢީދު ވަސީމާ ގެނެސް މޭގައި ޖައްސާލަމުން ބޮލުގައި ފިރުމާލިއެވެ.

"ދެން ނުރޮއެ ވަސީ.......މިދުވަސްވެސް މިއޮތީ ދެކެންޖެހިފަ، ދެން ރުއިމަކުން ވަކި އެއްވެސް ކަމެއް ބަދަލެއް ނުވާނެ، ދާއިންއަކީ އަހަރެން ދެކޭ ގޮތުގަ ވަރަށް ހަރުދަނާ މީހެއް އަދި މަންހާ އާއި ނެހާ ދެކެ ވަރަށް ލޯބިން އޭނަ އުޅެނީ، އަހަރެން ނުދެކެން އެގެއަށް ދާފަހަރަކުވެސް މަންހާ ހިތާމަ ކުރަނިކޮށް، އަދި ދާއިން އާއި މަންހާ އާއި ދެމެދު އޮންނަ ގުޅުންވެސް ހީނަރުވެފައިވާތަނެއް.........އެދެމީހުން އެކަކު އަނެކަކު ދެކެ ވަރަށް ލޯބިން އުޅެނީ، ދާއިންގެ ދޮށީ އަނބިވެސް އުޅެނީ މަންހާ އާއި ވަރަށް ގުޅިގެން، އެހެންވެ މިބުނަނީ އެމީހުންގެ ބޮލުގައި ތިޔަފަދަ ބޮޑު ތުހުމަތެއް ނާޅުވާށޭ" ސަޢީދު ވަސީމާގެ ބޮލުގައި ފިރުމަމުން ވާހަކަދެއްކިއެވެ.

"ސަޢީދު، ދެން އެހެންވީރު ބުނެބަލަ، ކޮންދުވަހަކުންތަ އަހަރުމެންނަށް މަންހާ ފެންނަ ވަރުވާނީ" ވަސީމާ ސަޢީދުއަށް އިސްއުފުލާ ބަލާލަމުން ބުނެލިއެވެ.

"ޑޮކްޓަރ ޒައުލް ބުނުއްވީ މަންހާ ކުޑަކޮށް ހަމައަކަށް އެޅުނީމަ ކަމަށް ބައްދަލު ކުރަން އެކޮޅަށް ދެވޭނީ، ދެތިން ދުވަހެއްގެ ތެރޭ އަންގާލާނަން ކަމަށް، ވަސީ، ދެން ނުރޯތި، އަހަރެން އަންނާނަން ޝަރަފް ހަމައަކަށް އަޅުވާފަ، އެނގޭތަ.....އަހަރެން އަބަދުވެސް ކިޔަމެއްނު ކާކުގެ ރުޅިއެއްބާއޭ އަހަރުމެންގެ ޝަރަފްއަށް ލިބިގެން މިއުޅެނީ، މިއަދު މަށަށް އެނގިއްޖެ ކާކުގެ ރުޅިއެއްކަން ޝަރަފްއަށް ލިބިގެން އެއުޅެނީ...." ސަޢީދު މިހެން ބުނެ ވަސީމާއަށް ހިނިތުންވެލިއެވެ. ވަސީމާވެސް ދެލޯ ފޮހެލަމުން ސަޢީދު އެންމެފަހުން އެބުނެލި އެއްޗަކާއިމެދު ހިނިތުންވެލެވުނެވެ.

ޒާރާގެއަށް ވަތްގޮތަށް އިމީއަށް ގޮވާލީ ސައިތައްޔާރު ކުރަން ބުނަމުންނެވެ. އަދި ނެހާއަށް ދޭނެ ބުއްފުޅިއެއްވެސް ތައްޔާރު ކުރަން ބުންޏެވެ. ޒާރާ ނެހާ އާމުކޮށް ބާއްވާފައި އޮންނަ ހެއްލޭ ގޮނޑީގައި ބާއްވާލިއެވެ. އަދި އޭނަގެ ކޮޓަރިއަށް ވަދެގެން ދިޔައީ ލައިގެން ހުރި ހެދުން ބަދަލުކޮއްލުމަށެވެ. ދާއިން ސޯފާ އާއި ދިމާލަށް ދާންއުޅެފަވެސް ޒާރާގެ ވާހަކަތަށް އަޑުއިވުމުން އެނބުރި ބަލާލެވުނީ ހައިރާންވެހުރެއެވެ. ނެހާގެ އެއްވެސް ކަމެއް މަންހާ މީހަކާ ހަވާލުނުކުރާކަން ދާއިންއަށް ވަރަށް ރަނގަޅަށް އެނގެއެވެ. އޭނަ މަޑުމަޑުން ގޮސް ނެހާ އުރާލިއެވެ. އަދި ކޮޓަރިއަށް ގޮސް ވަނެވެ.

"ޒާރާ، މަންހާ ދުވަހަކުވެސް ނެހާގެ ކަމެއް ގެންގުޅޭ މީހަކާ ހަވާލެއްނުކުރާނެ، އަހަންނަށް އެގޮތް ވަރަށް ކަމުދޭ" ދާއިން ނެހާ އުރާލައިގެން ހުރެ ބުނެލިއެވެ.

"ދާން، އެވަރުކަމެއް ނޫނެއްނު އެއީ، އެކަމަކު ދާން ހިތްހަމަ ނުޖެހެންޏާ މިދަނީ ނެހާގެ ބުއްފުޅިހަދަން" ޒާރާ ބޮލުން ވައްޓާލި ޓީޝާޓުކޮޅު ގަޔަށް ހެޔޮވަރު ކޮއްލަމުން ލޯގަނޑުން ދާއިންއަށް ބަލާލިއެވެ. އޭރު ދާއިންވެސް ހުރީ އޭނައަށް ބަލަހައްޓައިގެންނެވެ. ޒާރާ ހީކުރިވަރަށްވުރެ ދާއިން މަންހާގެ ކަންތައްތަކަށް ސަމާލުކަން ދޭކަން އޭނައަށް އެނގުނެވެ. ކިތަންމެ ހިތްހަމަ ނުޖެހުނު ކަމުގައި ވިޔަސް އޭނަ ދާއިން ބޭނުންވާގޮތަކަށް ކަންތައް ކުރަން އެއްބަސްވިއެވެ. އެހެނީ ދާއިން ރުއްސައިގެން ނޫނީ އޭނަގެ މުޅިހިތް ހޯދުމަކީ ފަސޭހަކަމަކަށް ނުވާނެތީއެވެ. މާނައެއްނެތް ދެއްކުންތެރި ހިނިތުންވުމަކުން ޒާރާ ހިނިތުންވެލާފައި ދާއިންގެ ގާތުން ސައިބޯން ދާން ބުންޏެވެ. އަދި ނެހާގެ ކަންތައްތައް މީގެ ފަހުން ކުރާނީ ހުދު ޒާރާ އަމިއްލައަށް ކަމުގައި ބުންޏެވެ.

މަންހާގެ ހުރިހާ އުއްމީދަކާ ދެކުނު ހުރިހާ ހުވަފެންތަކެއްވަނީ ވިއްސިވިހާލިވެފައެވެ. މިއަދު އޭނަ އެހުރި ހާލަށް ހިނގައިދާނެ ކަމަށް ހުދު އޭނައަށްވެސް ގަބޫލެއް ނުކުރެވެއެވެ. އޭނަ ދާއިންއަށްޓަކައި ކިހާ އިންތިޒާރެއް ކުރިހެއްޔެވެ. އަދި ދިމާވި ހުރިހާ ކަމަކަށް ކެތްތެރިވިއެވެ. ނަމަވެސް މުޅި އުމުރު ދުވަހަކު ޒާރާގެ ނަފުރަތުގެ އަލިފާނުގައި އަނދަ އަނދާ ހުރުން އޭނައަށް ކުޅަދާނަކަމަކަށް ނުވީއެވެ. އަދި ދާއިންގެ ހިތުގައި މިހާ ދުވަސްވީއިރުވެސް މަންހާއަށްޓަކައި ޚާއްޞަ މަގާމެއް ނެއްކަން އެއީ އޭނަގެ ހިތް އިތުރަށް ރޮއްވާލި ކަމެކެވެ. ޒާރާގެ އެއްވެސް ކުށެއް ދާއިންއަށް ފާހަގަ ނުކުރެވުނީ އޭނަގެ ހިތުގައި ޒާރާއަށް ދެވިފައިވާ މަތިވެރި މަގާމުންކަން މަންހާއަށް އެނގެއެވެ. އެކަމަކު އޭނަ ދުވަހަކުވެސް ދާއިންގެ ފަރާތުން ގަދަކަމުން ލޯބި ހޯދާކަށް ބޭނުމެއްނުވެއެވެ. އެފަދަ ލޯތްބެއް ގިނަދުވަހަށް ދެމިގެނެއްވެސް ނުދާނެއެވެ. އަދި އެއީ ހަގީގީ ލޯތްބެސް ނޫނެވެ.

"މަންހާ......." ހިޔާލުތަކަށް ގެއްލިފައި އިން މަންހާއަށް ޒައުލްގެ އަޑު ދާދި ކައިރިން އިވުނެވެ. އިސްއުފުލާ ބަލާލިއިރު ޒައުލް އާއި އެތަނުން އޭނަ އާއި ދިމާވި އަންހެން ޑޮކްޓަރާ ދެމީހުން އައިސް މަންހާގެ ގާތުގައި ހުއްޓުނީއެވެ.

"ހިނގާ ދަމާދޯ" މިހެން ބުނެ މަންހާގެ ގޮނޑީގެ ފައިކައިރީ ބަހައްޓާފައި ހުރި ދަބަސްނަގަމުން ޒައުލް މަންހާ ތެދުވަންދެން މަޑުކޮއްލިއެވެ.

ޑޮކްޓަރ ޝަފާ ކުރިއަށް ހުރެ ޒައުލް އާއި މަންހާއަށް މަގުދައްކަމުން ކުރިއަށް ދިޔައެވެ. މަންހާ އަދިވެސް އަނގައިން ބަހެއްވެސް ބުނެނުލާ ޒައުލް ބުނާ ކޮންމެ އެއްޗަކަށް ބޯޖަހާލަމުންދެއެވެ. ޒައުލް މަންހާގެ ހުރުން ހަމަޖެއްސީ ޑޮކްޓަރ ޝަފާ އާއިއެކުއެވެ. އެކަމަށް އޭނަވަނީ މަންހާއަށް ޝަރުތުކޮއްފައެވެ. އެއީ ބަލިމީހުން ތިބޭ ތަނުގައި މަންހާ ބަހައްޓަން އެއްގޮތަކަށްވެސް ޒައުލް ބޭނުންނުވާތީއެވެ. މަންހާއަކީ ހަގީގަތުގައި ސިކުނޑި ހަމަނުޖެހޭ މީހަކަށް ނުވާތީއެވެ. އެކަން އޭނަވަނީ ޑޮކްޓަރ ޝަފާއަށްވެސް ކިޔާދީފައެވެ. އަދި ޝަފާގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމުގައި ބުނެފައެވެ. މަންހާގެ އެނިންމުން ބަދަލު ކުރުމުގައެވެ.

އާދައިގެ ކޮޓަރިއެކެވެ. ދެފަރާތުގައި ދެއެނދު ބަހައްޓާފައި ހުރިއިރު އެތަނުގައި ހުރީ އެންމެ އަލަމާރިއެކެވެ. އަދި ކޮޓަރީގެ ފަހަތުގައި ގޮނޑި އަކާއި މޭޒެއް ހުއްޓެވެ. އެތަނަށް ވަނުމާއިއެކު ޑޮކްޓަރ ޝަފާ ވާހަކަދައްކަންފެށިއެވެ. މަންހާއަށް އޭނަގެ އެނދަކީ އެތަނުން ކޮބައިކަން ބުނެދިނެވެ. އަދި އޭނަގެ އެއްޗެހި ބަހައްޓާނެ ތަނެއް ދެއްކުމަށްފަހު އެތަނުގައި ވަގުތު ވަރަށް ދިގުވާނެކަން މަންހާއަށް ވިސްނާދިނެވެ. ކުރާނެ ކަމެއް އަނެއްހެން ނޯންނާނެތީއެވެ. އެހެންނަމަވެސް މަންހާ ބޭނުމިއްޔާ ބައެއްފަހަރު ޑޮކްޓަރ ޝަފާއަށް އެހީތެރިވެދެވިދާނެ ކަމުގައި ބުނެލިއެވެ. އަދި އެތަނުގެ ކަންތައްތައް ހުންނަ ގޮތުގެ ވާހަކަތައްވެސް ކިޔާދިނެވެ.

މަންހާގެ ދުވަސް ހޭދަވެގެން ދިޔައީ ޑޮކްޓަރ ޝަފާ އާއި ޒައުލް އާއިއެކުއެވެ. ޒައުލް މަންހާ އާއި ވަކިވީ ރޭގަނޑު އަށެއްވެސް ޖެހިފަހުންނެވެ. ޑޮކްޓަރ ޝަފާ ވަރަށް ރަނގަޅެވެ. މަންހާ އެކަނިވެދާނެތީ ވަރަށް ގިނަ ވާހަކަތައް ދައްކައެވެ. ނަމަވެސް އެކަނިވެރިކަން މަންހާ ވަށާލީ ކޮޓަރީގެ ހޮޅިބުރި ނިވި ޖެހިގެން ހުރި އެނދުގައި ޑޮކްޓަރ ޝަފާ އޮށޮތްފަހުންނެވެ. މަންހާގެ ލޮލަށް ނިންޖަކީ ބީރައްޓެހި އެއްޗަކަށްވަނީ ވެފައެވެ. ދެކޮޅަށް ފުރޮޅެން ފެށުނީ ހިތަށްވާ އުނދަގޫތަކާއި ކުރެވޭ ހިޔާލުތަކާއި ދުރުވުމަށެވެ. އެހެންނަމަވެސް ނެހާގެ މަތިން ވަކިން ބޮޑަށް މަންހާ ހަނދާންވެ ރޮވެން ފެށުނެވެ. އެނދުގައި އޮތް ބާލީހުގެ ތެރޭ މޫނު ފޮރުވާލަމުން ބާރަށް ބައްދާލެވުނީ އެހެންވެއެވެ. ރޮމުންގޮސް ގިސްލެވެން ފެށުމުން ވަކިން ބޮޑަށް ބާލީހުގައި ފޮރުވާލެވިފައި އޮތް މޫނު ބާލީހާ ލާ ބާރުކޮއްލިއެވެ.

* * * * * *

މަންހާ ގުރައިދޫއަށް ގެންދިޔަތާ ތިންދުވަސް ހޭދަވެގެންދިޔައިރު ޒައުލް ކޮންމެ ދުވަހަކުވެސް އެތަނަށް މަންހާގެ ހާލުބަލަން އާދެއެވެ. ދާއިންއަށް އެކަން ނާންގައެވެ. މިކަމުގެ ސަބަބުން ޒައުލް އާއި ދާއިންގެ ގުޅުންވެސް ކޮންމެވެސް ވަރަކަށް ދުރުވެގެން ދިޔައެވެ. އެހެނީ ޒައުލްގެ ގިނަވަގުތު ދާއިން އާއި ދުރުގަ މަންހާގެ ގާތުގައި އޭނަ ހޭދަކުރަމުންދާކަމެވެ. ޒައުލް މަންހާގެ އާއިލާއަށް މަންހާ އާއި ބައްދަލު ކުރުމުގެ ހުއްދަ ދިނީ އޭނަގެ ކައިރީ ބުނެފައެވެ. އެހާ ގިނަ ދުވަހު އެމީހުންނާ ބައްދަލު ކުރުމުގެ ހުއްދަ ނުދީ ހުރުން އެއީ ރަނގަޅު ގޮތެއްކަމުގައި ޑޮކްޓަރ ޝަފާވެސް ހިޔާލު ދިނުމާއިއެކުއެވެ. އެހެންނަމަވެސް މަންހާ ހުރީ އެކަކާވެސް ބައްދަލު ކުރަން ތައްޔާރަކަށް ނޫނެވެ.

ދާއިން އާއި ޒާރާގެ ގުޅުމަށްވެސް ދުރުކަމެއްވަނީ ވެރިވެފައެވެ. ދާއިންގެ ގިނަ ވަގުތު ހޭދަ ކުރަނީ ނެހާ އާއިއެކު ނޫނީ އޮފީހުގައެވެ. ޒާރާއަށް ވަގުތު އޮންނަނީ ގިނަފަހަރަށް ނުދެވިފައެވެ. އޭނަ މީހަކާ ވާހަކަ ދައްކަންވެސް ބޭނުންނުވަނީއެވެ. ރޭގަނޑު ނިދަން ކޮޓަރިއަށް ވަދެއްޖެނަމަ އަވަހަށް ބަލަނީ އޮށޯވެ ނިދޭތޯއެވެ. ނިދި ލޮލުގައި ނެއްކަމުގައިވިޔަސް ދެލޮލެއް ނުހުޅުވާނެއެވެ. ޒާރާ ލޯބިން ފިރުމާލިޔަސް ކޮންމެވެސް އުޒުރެއް ދާއިން ދައްކައެވެ. މިކަންތައްތަކާ ޒާރާވަނީ ވަރަށް ކަންބޮޑުވެފައެވެ. އޭނަ އަނެއްކާވެސް ފަލަކްގެ ގާތުން ހިޔާލް ހޯދަން ފަށައިފިއެވެ. ނެހާ ގޮވައިގެން އޭނަގެ މަންމަގެ ގެއަށް ދާންފެށީ އެހެންވެއެވެ. ފަލަކް ޒާރާއަށް ދެމުން އަންނަ ނަސޭހަތްތައް އޭނަގެ މަންމަ ފަހީމާއަކަށް އެއްގޮތަކަށްވެސް ނޭގެއެވެ. އެހެންނަމަވެސް ތުއްތު ނެހާ ފެނިފަ ފަހީމާގެ ހިތް އުފަލުން ފުރިފައިވެއެވެ. އަދި އެތުއްތު ކުއްޖާއަކީ މަންހާގެ އަމާނާތެއްކަމުގައި ވިސްނާދިނެވެ. ވީއެންމެ ރަނގަޅަށް އެކުއްޖާ ބެލުމަކީ ޒާރާގެ މަސްއޫލިއްޔަތެއް ކަމުގައިވެސް ބުންޏެވެ. އެޒިންމާ އެންމެ ފުރިހަމައަށް އަދާކުރަން ނަސޭހަތްތެރިއެވެ. އެގެއަށް ދިޔައީއްސުރެން ނެހާ އުރާލައިގެން އުޅެނީ ފަހީމާއެވެ. ނެހާއަށް އޭނައަކީވެސް އެދަރިފުޅުގެ މާމައެއްކަމުގައި ބުނެ ވާހަކަދައްކަމުންދިޔައެވެ.

ޖޯލިފަތީގައި އޮށޯވެލައިގެން މަންހާ އޮތެވެ. އޭނަ އާއި އެތަނުގެ އުޅޭ ބަލިމީހުން ވާހަކަ ދައްކާ ހަދައެވެ. އަދި ރަނގަޅުވެފައިވާ އެތަށް މީހުނެއްވެސް އެތަނުގައި ދިރިއުޅެމުންދެއެވެ. އެމީހުންނަށް އަޅާލާނޭ މީހަކު ނެތެވެ. އެމީހުން ދެކެން އަންނާނެ މީހަކު ނުވެއެވެ. އެހެންނަމަވެސް އެމީހުންނަކީވެސް އާއިލާއެއް އޮތް ބައެވެ. ބައެއްމީހުންނަކީ މުސްކުޅިވެ ލޯބޯ ކޮށިވެފައިވާ މީހުންނެވެ. މަންހާގެ ހިތުގައި އެމީހުންނާއިމެދު ހަމްދަރުދީ އުފެދިފައިވެއެވެ. އެންމެ ތިން ދުވަހުގެ ތެރޭގައިވެސް އޭނައަށް ވަރަށް ގިނަ ކަންތައްތައް އެމާހައުލުން ނަގައިގަނެވުނެވެ. މަންހާގެ އެކަނިވެރިކަމަށް ބަދަލެއް ނާދެއެވެ. ހިތުގައި ދާއިންދެކެވާ ލޯތްބާއި ހަނދާންތަކާއި ދަރިފުޅު ނެހާގެ ހަނދާންތައް ފޮރުވާލައިގެން އުޅެމުންދަނީ ދިރިހުރީތީއެވެ. އެމޫނުގައި އެއްވެސް ދިރިމެއްނެތެވެ. ތިންދުވަހުގެ ތެރޭގައި އެމޫނު މިލާ މޯޅިވެފައިވަނީ ބަލާލާ ކޮންމެ މީހަކަށްވެސް މަންހާ ވަރަށް ބޮޑު ހިތާމައެއް ކުރާކަން ޔަގީންވާ މިންވަރަށެވެ. ބަހެއް ނުބުނި ކަމުގައި ވިޔަސް އެމޫނާ ނުފިލާ ކުޑަ ދުޅަކަމެއްހުންނަ ދެލޮލާ ހިކިފައިހުންނަ ތުންފަތް ލަފްޒުތަކަކާއިނުލާ އަނެކާ އާއި ވާހަކަ ދައްކާނެކަން ގައިމެވެ. މަންހާގެ އާއިލާ ބައްދަލު ކުރަން އަންނަން އޮތީ މެންދުރު ފަހު ތިނެއްޖަހާކަން ހާއިރުއެވެ. އޭގެ ކުރިން އޭނަ ޑޮކްޓަރ ޝަފާގެ ގާތުން އެތަނުން ބޭރަށް ނުކުމެލުމުގެ ހުއްދައަކަށް އެދުނެވެ. މަންހާއަށް އެއްވެސް ކަމަކަށް މަނާކުރުމެއްނެތެވެ. އޭނަ ބޭނުންވީ ދެވަނަ ދުވަހު ޒައުލް އޭނަ ގޮވައިގެން އަތިރިމައްޗަށް ނުކުތް ދިމާލަށް ދާށެވެ. ޑޮކްޓަރ ޝަފާ މަންހާއަށް ހުއްދަ ދިނީ އޭނަގެ އާއިލާގެ މީހުން ބައްދަލު ކުރަން އަންނަންވާއިރަށް އެނބުރި އެތަނަށް އައުމަށް އެދެމުންނެވެ. މަންހާ އާދައިގެ މަތިން ބޯޖަހާލާފައި ކުޑަކޮށް ހިނިތުންވެލިވެ.

ދާއިން މަންހާގެ ކަންތަކާ ކޮންމެ ދުވަހަކުވެސް ޒައުލްއަށް ގުޅައެވެ. ބައްދަލު ކުރަން ދާން އުޅޭއިރަށް ކޮންމެވެސް ބަހަނާއެއް ޒައުލް ދައްކައެވެ. ނޫނީ ދާއިން ގުޅާއިރަށް އޮންނާނީ ވޮއިސްމެއިލްއަށް ލާފައެވެ. ދާއިން ވަރަށް ކަންބޮޑުވެފައިވެއެވެ. އޮފީހުގައި އޭނަ އިނެއްކަމަކު ހުރިހާ މަސައްކަތެއް ކުރަމުން ދިޔައީ ކާއިލްއެވެ. ކާއިލްއަށް މަންހާގެ ޚަބަރު ލިބުމާއިއެކު އެކަން އަލީޝާއަށް އެނގިއްޖެއެވެ. އަލީޝާ ވަގުތުން ގުރައިދޫގެ ބަލިމީހުންނާ ބެހޭ ޚާއްޞަ ނަންބަރު ހޯދައިގެން އެތަނަށް ގުޅީ އެޚަބަރަކީ ޔަގީން ޚަބަރެއްތޯ ބެލުމަށެވެ. އޭނައަށް ހީވީ ކަރަންޓު ޝޮކެއް ލިބުނުހެންނެވެ. މަންހާ މޮޔައެއްނުވާނެކަން އޭނަ އެތަށް ފަހަރަކު ކާއިލްއަށް ވިސްނާދިނެވެ. ކާއިލް ނަސޭޚަތްތެރިވީ ދާއިންގެ ދިރިއުޅުމުގެ ތެރެއަށް ފާޑުކިއުމަށް އަލީޝާ ނުވަނުމެވެ. އަލީޝާ ހުރީ ރާއްޖޭން ބޭރުގައި ކަމަށްވީތީ މަންހާ އާއި ބައްދަލު ކުރަންދެވޭގޮތެއްނުވިއެވެ. އެހެންނަމަވެސް އޭނަ އަމާނީގެ ފޭސްބުކްއަށް ހޫނުކަމާއިއެކު އެޚަބަރު މެސެޖުކުރީ ކޮންމެވެސް އިރަކުން ފެންނާނެކަން އެނގޭތީއެވެ. އަދި ކާއިލްގެ ގާތުން ކިހިނެއްވެގެން ވީކަމެއްތޯ އޮޅުންފިލުވުމަށް އަލީޝާ އެދުނެވެ. ގޮނޑީގެ ތެރެއަށް ހަށިގަނޑު ދޫކޮއްލައިގެން އިން ދާއިންގެ ގާތުން އެއްވެސް އެއްޗެއް އަހާކަށް ކާއިލްއަކަށް ނުކެރުނެވެ. ލިޔުންތައް މޭޒުމަތީ ހުރި ޓްރޭއަށް ލުމަށްފަހު އޭނަ ނުކުތީއެވެ.

ދާއިން އެއްފަރާތަކަށް ބަލާލީ ހަނދާންތަކެއް އާކުރާފަދަ ގޮތަކަށެވެ. އޭނަ ހަނދާންކުރަމުން އެދަނީ މަންހާ އެއޮފީހުގައި އޭނަގެ ކެބިންގައި މަސައްކަތް ކުރި ދުވަސްތަކެވެ. އެތަށް ފަހަރަކު އޭނައަށް މަންހާގެ ހަރަކާތްތަކަށް އޭރުވެސް ބެލުނެވެ. ލިބިފައިވާ ރީތި ސިފަ އިތުރަށް ފުރިހަމަ ކޮއްދިނީ މަންހާގެ ރިވެތި މާތް އަޙްލާގެވެ. ހިތުގެ ސާފުކަމާއި އޯގާތެރި އަންހެން ކުއްޖެވެ. ކޮންމެ މީހަކުވެސް އެފަދަ އަންހެން ކުއްޖަކު އެމީހެއްގެ ހަޔާތުގެ ބައިވެރިއަކަށް ވުން އެދޭނެއެވެ. ދާއިންގެ އަނގައިން މަޑުއާހެއްގެ އަޑުނުކުތެވެ. އެއީ އޭނަގެ ހިތުގައި އަޅަމުންދިޔަ ގަދަ ވޭނެއެވެ. ހަށިގަނޑުން އެއްބައި ވަކިވުމުގެ ވޭނެއެވެ. ދެލޯ މަރާލަމުން ގޮނޑި އަނބުރާލީ މޭޒަށް ފުރަގަސް ދެމުންނެވެ. މޭޒުމަތީ ހުރި ފޯނު ރިންގުވާންފެށީ އެވަގުތުއެވެ. ނަގަން ބޭނުންނުވެފަ ހުރެވެސް ދާއިން މޭޒާދިމާލަށް އެނބުރިލާފައި ފޯނުގެ ސްޕީކާރ ފިތަށް އޮބާލިއެވެ.

"ހެލޯ......ދަރިފުޅުތަ" މޫމިނާގެ އަޑު ފޯނުން އިވިގެންދިޔައެވެ.

"މަންމާ........." ދާއިން ހާސްވެފައި ހުރެ އަވަސް އަވަހަށް ފޯނުގެ އަތްގަނޑު ހިއްލާލިއެވެ.

"ދާއިން، ދަރިފުޅު ކިހިނެއްތަ......މަންމަ ހިތަށްވެސް އެރިއޭ މިގަޑީގަ ދަރިފުޅު އުޅޭނީ އޮފީހުގައޭ، މާކިންވެސް ބުނި އެހެން.........އެކުން އަދި ކިރިޔާ މި ޑޮކްޓަރަށް ދައްކާ ހަމަޖެހިލެވުނީ.........ކޮބާ ކަންތައްތައް ކިހިނެއްތަ ތިކޮޅުގަ، ކޮބާ މަންމަގެ މާމަ ދަރިފުޅު، ވަރަށް ހަނދާންވޭ ތިކުދިންމަތިން، މަންހާ މަތިންވެސް........" މޫމިނާ ބުނެލިއެވެ. ވަކިން މަންހާގެ ނަންކިޔާލުމުންވެސް ދާއިންއަށް އޭނަގެ މަންމައަށް މަންހާ އަބަދުވެސް ވަރަށް ކަމުދާކަން އެނގެއެވެ. އެކަމަކު ދާއިންއަށް އެއްވެސް އެއްޗެއް ނުބުނެވުނީ ބުނާނެ ގޮތެއް ނޭގިގެންނެވެ.

"ދާއިން، ދަރިފުޅު އެބައިނިންތަ..........މާ މަސައްކަތް ބުރަ ވަގުތަކު ތަ މިގުޅާލެވުނީ" މޫމިނާއަށް އަހާލެވުނެވެ.

"މަންމާ............މަން......މަން......ވަރަށް ބޮޑަށް ބަލިވެއްޖެ" ދާއިން ވަރަށް ހިތްވަރުކޮއްފައި ބުނެވޭތޯ އުޅުނެވެ.

"ބަލިވިއްޔޭ، ވަރަށް ބޮޑަށޭ ތިބުނީ އަނެއްކާ ކިހިނެއްވީ، ބަލިއްޔާ މަންމަމެންގެ ގާތަށް މިކޮޅަށް ފޮނުވަންވީނު" މޫމިނާއަށް ދާއިން ބުނަން އުޅޭ އެއްޗެއް ނަގައިނުގަނެވުމުން ބުނެލިއެވެ. ދާއިން މޫމިނާއަށް މަންހާ ވީތަނެއް ބުނެދިނެވެ. ފޯނުގެ އަނެއްކޮޅުގައި ހުރި މޫމިނާ ހީވީ ރޮއެގަތްހެންނެވެ. އެހެނެއްނުވާނެއޭ ބުނެ ދާއިންއަށް ހަޅޭލަވައިގަތެވެ. އަދި އެހެންވާންވީ ކީއްވެތޯ ސުވާލުކުރިއެވެ. މޫމިނާ ބުނީ އެންމެ އަވަހަށް ފުރާ ފްލައިޓަކުން މާލެ އަންނަނީ ކަމުގައެވެ. ދާއިން އެކަމާ ދެކޮޅު ހެދުމުންވެސް މޫމިނާ އެއަޑެއް ނޭހިއެވެ.

އަތިރިމަތީ ހުރި ރުކެއްގައި ލެނގިލައިގެން ދުރަށް ފެތުރިފައިވާ މާސިންގާ ކަނޑަށް މަންހާ ބަލަހައްޓައިގެން ހުއްޓެވެ. ރާޅުޖަހާ އަޑާއި ދޭތެރެއަކުން ރުކުގެ ފަންތައްހެލިލާ އަޑުއިވެއެވެ. މެޔާއި ދިމާލުން ދެއަތް ހުރަސްކޮއްލައިގެން ހުރިއިރު ކުރިމަތިން ފެންނަން އޮތް ދޮންވެލި ގޮނޑުދޮށުން އޭނަގެ ހަނދާނަށް ގެނުވީ ދާއިން އާއިއެކު ރިސޯޓުގައި އެންމެ ފުރަތަމަ ހޭދަކުރި ވަގުތުތައްމަތިންނެވެ. ދެލޯ ފުރި ކޯތާފަތުގައި ބީހިލި ފުރަތަމަ ކަރުނަ އާއިއެކު އަވަސް އަވަހަށް މަންހާ އަތުގެ ނުފުށުން ފަހަރަކު ލޮލެއް ފޮހެލައިފިއެވެ. އަދި މަޑުމަޑުން ހުރިދިމާ ތިރީގައި އިށީނދެ ބާރަށް ރޯންފެށިއެވެ. އެރުއިމުންވެސް އޭނަގެ ހިތަށް ލުޔެއްލިބޭތޯއެވެ. ދާއިން އޭނަދެކެ ލޯބިނުވާކަން އެތަށް ފަހަރަކު އަމިއްލަ ޒަމީރަށް ވިސްނާދިނެވެ. އެހެންނަމަވެސް މަންހާ ދާއިންދެކެވާ ލޯތްބަށް ކުޑަވެސް އުނިކަމެއް ނާދެއެވެ. މަންހާއަށް ރޮމުން ދަރިފުޅު ނެހާއަށް ގޮވާލެވުނެވެ. މޭގައި ބާރަށް ދެއަތުން ހިފަހައްޓާލެވުނީ ހިތްކުދިކުދިވެ ނޭވާލަންވެސް އުނދަގޫވާހެން ހީވެގެންނެވެ.

ޒައުލް އައިސް އެލުވާފައި އޮތް ޖޯލީގައި އިން ޝަފާގެ ގާތުގައި ހުއްޓެމުން މަންހާ ކޮބާތޯ ސުވާލުކުރިއެވެ. ޝަފާ މަންހާ ދިޔައީ ބޭރަށް ކަމުގައި ބުންޏެވެ. އަދި އެނބުރި އޭނަގެ އާއިލާ މީހުން އަންނަންވާއިރަށް އަންނާނެ ކަމުގައިވެސް ބުންޏެވެ. ޒައުލް އެހެންދޯ އޭ ބުނަމުން ޝަފާއަށް ވަރަށް ފުން ނަޒަރަކުން ބަލާލިއެވެ.

"ޝަފް، ތޭންކްސް އިނގޭ" ޒައުލް ބުނެލިއެވެ.

"ކޮންކަމަކަށް" ޝަފާ ނޭގޭ ކަމަށް ހަދާލާފައި ބުނެލިއެވެ.

"އަސްލު ތިކޮއްދެނީ ވަރަށް ބޮޑުކަމެއް، އަހަރެން ހިއެއްނުކުރަން ޝަފް އަހަންނަށް މިކަން ކޮއްދޭނެއެކޭ......." ޒައުލް އިސްޖަހާލަމުން އަރައިގެން ހުރި ބޫޓުގެ ކޮޅުން ވެލިގަނޑާ ކުޅެމުން ބުނެލިއެވެ. އޭނަ ހުރީ ޝަފާ އާއި ކުރިމަތި ލާން ނުކެރިފައި ހުރިގޮތަކަށެވެ.

"ކީއްވެ ނުކޮއްދޭންވީ" ޝަފާ އަނެއްކާވެސް ސުވާލުކުރީ އޭނައަށް ޒައުލް ބުނަން އުޅޭއެއްޗެއް ނޭގެއޭ ބުނާފަދަ ގޮތަކަށެވެ.

"އައި އެމް ރިއަލީ ސޮރީ އިނގޭ، އަހަންނަށް ޝަފް އާއި އެހެން އަންހެން ކުދިންނާ އެއްވަރު ކުރެވުނީ........އަހަންނަށް އެނގޭ އެގޮތަށް މީހުންގެ ފީލިންގްސްއަށް ހާޓް ކުރާކަށް ނުވާނެކަން، އަސްލު އެރޭ ޝަފް އަންނާނަމޭ ކިޔާފަ އަންނާނެ ކަމަކަށް އަހަރެން ހިއެއްނުކުރަން، އެކަމަށް އަހަންނަށް މާފުކުރީތަ" ޒައުލް އެތަކެއް އަހަރުތަކެއް ކުރި ހަނދާންކޮއްލަމުން ބުނެލިއެވެ.

"އެއީ މާޒީ ދޯ، މާޒީއަށް ބަލަންޏާ ކުރިއަށް ދާނީ ކިހިނެއް..........މާޒީގެ އަނދިރިކަމުގެ ތެރެއަށް ގެއްލޭކަށް އަހަރެން ބޭނުމެއްނޫން، އަހަރެން އަބަދުވެސް ގަބޫލުކުރީ އަހަރެންގެ ކުރިމަގު އަލިވެ އުޖާލާވާނެކަމަށް..........އަހަރެން ޒައުލްއަށް މާފުކޮއްފިން...........އެކަމަކު އަހަރެން ސުވާލެއް ކުރަންތައް؟ މީ އަހަރެން ޒައުލް އާއި ބައްދަލުވެއްޖެނަމަ އެދުވަހަކުން އަހާލަން ވަރަށް ބޭނުންވި ސުވާލެއް" ޝަފާވެސް ޒައުލް އާއި ހަތަރުކަޅި ހަމަކުރަން ބޭނުންނުވާ ފަދަ ގޮތަކަށް އިނދެ ވާހަކަދެއްކިއެވެ.

"ހޫމް، މައްސަލައެއްނެތް، ޝަފް ބޭނުން ސުވާލެއް ކުރަންވީ، ދެން ދޮގެއް ނުހަދާނަން، އައި ސްވެއަރ.............ވަރަށް އުފާވެއްޖެ އަހަންނަށް މާފުކޮއްފީމޭ ބުނީމަ" ޒައުލް ޖީބަށް ދެއަތް ޖަހާލަމުން ބުނެލިއެވެ. ހީވަނީ ޝަފާ އަހަން އުޅޭ ސުވާލަށް ތައްޔާރުވެލި ހެންނެވެ.

"ޒައުލް އަހަރެންގެ މަތިން ކުޑަކޮށްވެސް ހަނދާންވޭތަ، އަހަންނާއިމެދު ކުޑަކޮށްވެސް ވިސްނާލިންތަ" ޝަފާ މިފަހަރު ޒައުލްއަށް ބަލާލީ އަހަރެން ކައިރީ ތެދަށް ބުނެބަލާށޭ ބުނާފަދައިންނެވެ.

"އަހަރެން ބުނިންދޯ ދޮގެއް ނުހަދާނަމޭ..........." ޒައުލްވެސް އިސްއުފުލާލަމުން ޝަފާއަށް ބަލާލުމާއިއެކު އެދެމީހުންގެ ހަތަރު ކަޅި ބައްދަލުވެގެންދިޔައެވެ. ޒައުލްގެ ބަސްހުއްޓި ޝަފާގެ ރީތި ދެލޮލުގެ ތެރެއަށް ގެނބެމުން ދާފަދަ އިޙްސާސްއެއް ކުރެވެމުންދިޔައެވެ. އެއީ ޒައުލް އަބަދުވެސް ތައުރީފު ކުރާ ތޫނު ދެލޮލޯ މަސްތީ ބަލާލުމެވެ. އެތަކެއް ހަނދާންތަކެއް ކުއްލިއަކަށް ލޮލުކުރިމައްޗަށް ކުލަވާން ފެށިކަހަލައެވެ. އަދި ޒައުލްގެ ހަށިގަނޑުގައި ނޭގޭ ކަރަންޓެއް ދުވެލިފަދައެވެ.

"އަޑު އެހިން ކައިވެނި ކުރި ވާހަކަ، އަނެއްކާ އެއީ ތެދެއްތަ؟ ވަރަށް ގަބޫލުކުރަން ދަތި........ޒައުލް އާއި ކައިވެންޏާ އޮންނަނީ ކޮން ދުޝްމަންކަމެއް ކަން އަހަންނަކަށް ނޭގޭ، ޔަގީނުންވެސް ކައިވެންޏޭ ބުނާއިރަށް އެކަމަށް އެންމެ ފާޑު ކިޔާ އުޅުނީ ޒައުލް............އެހެންވެ މިބުނީ ގަބޫލުކުރަން ވަރަށް ދައްޗޭ" ޝަފާ އިސްޖަހާލަމުން އޭނައަށް އަޑުއިވިފައިވާ ވާހަކައެއް ޔަގީންކޮއްލުމުގެ ގޮތުން އަހާލިއެވެ.

"ކޮންމެ މީހެއްގެ ފަރާތުން އަޑުއިވުނަސް ތިއިވުނީ ތެދު ޚަބަރެއް، އެކަމަކު މިހާރު އަހަރެންގެ އަންބެއްވެސް ދަރިއެއްވެސް ނެތް..............ފަހަރެއްގަވެސް ހީނުކުރައްޗޭ އަހަރެން ގޯހީއޭ" ޒައުލް އެއްއަތް ޖީބަށް ޖަހާލަމުން އަނެއްއަތުން ޝަފާ އިން އެލުވާފައިވާ ޖޯލީގެ ވާގަނޑުގައި ހިފަހައްޓާލަމުން މިހެން ބުނެލިއެވެ.

"ދެން ކީކޭ އަހަރެން ހީކުރަންވީ" ޝަފާ އިތުރަށް ޒައުލްގެ ދިރިއުޅުމާއި ބެހޭގޮތުން އޮޅުން ފިލުވަން ބޭނުންވިއެވެ.

"އޭނަގެ ދިރިއުޅުން އަހަންނަށް ކަމުނުދިޔައީ، އަހަންނަށް އެނގޭ އަހަރެންގެ އުޅުންވެސް އޭރުގަ މާރަނގަޅެއް ނޫންކަން، އެކަމަކު ކައިވެނި ކުރީ ރަނގަޅު ދިރިއުޅުމެއް ހޯދަންވެގެން............އެކަން ކާމިޔާބު ނުވީ..........ދެން ބުނެބަލަ، މިހާ ދުވަސް ވަންދެން ޝަފާ އުޅުނީ ކޮންތާކުތަ؟ ލޮލަށް ފެނިވެސް ނުލާ، އޭރު ކުއްލިއަކަށް ޝަފާ ކިޔަވަން ފުރައިގެން ދިޔައީމަ ވަރަށް ދެރަވި، އެވެސް ޚާއްޞަކޮށް އަހަންނަށް މާފަށް އެދޭނެ ފުރުޞަތެއް ނުދީ ދިޔައީމަ...........ވަރަށް ފަހުން އަހަންނަށް އެނގުނީ ޝަފާ ހުންނަނީ މިތަނުގެ ސީނިއަރ ޑޮކްޓަރަކަށްކަން، ގުޅަން ނުކެރިފަ ހުއްޓަ މިކަންދިމާވީ..........ވާހަކައެއް ބުނަންތަ؟ މަންހާ ފެނުނީމަ އަހަރެން ވަރަށް ހަނދާންވޭ ޝަފާ މަތިން، ޝަފާވެސް މީހަކާ އިނީތަ" ޒައުލް އޭނަގެ ހިތުގައި މިހާދުވަހު ފޮރުވައިގެން ހުރި ކަމެއް ބުނެލިއެވެ. ޝަފާ ޒައުލްއަށް އަވަސް ނަޒަރެއްދީފައި އިސްޖަހާލަމުން ހިނިތުންވެލިއެވެ.

"ޒައުލް މަންހާ ދެކެ ލައިކްވަނީތަ؟" އެސުވާލުގެ ޖަވާބު އެނގޭއިރުވެސް ޝަފާ ޒައުލްގެ ކައިރީ އެހިއެވެ.

"ވަޓް..........ނޯ...........މަންހާއަކީ އަހަރެންގެ ބެސްޓް ފްރެންޑްގެ ވައިފް، ޝަފާ........އަހަރެން މީ ކުރީގެ ޒައުލްއެއްނޫނޭ، އަދިވެސް އަހަރެން ޝަފާއަށް ކުރި ސުވާލަކަށް ޖަވާބެއް ނުދެމެއްނު" ޒައުލް ބުނެލިއެވެ.

"މަންހާ ތަންކޮޅެއް ލަސްވެއްޖެ އެއްނު، ޒައުލް ދާންވީނު އޭނަ ފެނޭތޯ ބަލާލަން، އޭނައަށް އަދިއެއްނޭގޭނެ މިރަށުގެ ތަންތަނެއް" ޝަފާ މިހެން ބުނެލިގޮތުން ހީވަނީ ޒައުލްއަށް އޭނަ ބޭނުންވާ ޖަވާބުދޭން ބޭނުންނުވެފައި އިންހެނެވެ. އޭނަ ތެދުވަމުން ޒައުލް އާއި ދުރަށް ޖެހިލަން އުޅުނު ވަގުތު ޒައުލް ކުއްލިއަކަށް ޝަފާގެ އަތުގެ މުލައްދަނޑީގައި ހިފިއެވެ.

"މަންހާ ވާނީ ކޮންތާކުކަން އަހަންނަށް އެނގޭ، އެކަމަކު ޝަފާ އަހަރެންގެ ސުވާލަށް ޖަވާބު ދޭން ބޭނުންނުވާ ސަބަބެއް ނުވިސްނުނު" ޒައުލް ބުނެލިއެވެ. ޝަފާ ލާނެތް ގޮތަކަށް ހިނިތުންވެލާފައި އަތްދަމައިގަންނަމުން އިމާރާތާ ދިމާލަށް ހިނގައިގަތެވެ. ޒައުލްއަށް ޝަފާގެ ލާނެތް ހިނިތުންވުން ފެނުމުން ހީލާފައި ބޮލުގެ ފުއްކިބައިގައި އަތްހާކާލިއެވެ. އަދި މަންހާ ހުރިތަނަކަށް ދިއުމަށް އޭނަވެސް ހިނގައިގަތީއެވެ.

(ނުނިމޭ)