އިންޑޮނޭޝިއާ

އިންޑޮނޭޝިއާގެ މުޒާހަރާ ހުއްޓުވަން އިތުރު ސިފައިން ނެރެނީ

އިންޑޮނޭޝިއާގެ ހުޅަނގުގެ ޕްރޮވިންސެއް ކަމަށްވާ ޕަޕުއާގެ ރައްޔިތުންނަށް އެ ގައުމުގެ އެހެން ރައްޔިތުންނަށް އޮންނަ ހަމަހަމަ ފުރުސަތު ނުލިބޭ ކަމަށް ބުނެ ކުރަމުންދާ މުޒާހަރާތަކުގައި އިތުރު މީހުން ބައިވެރިވާތީ، ދިމާވެދާނެ ހަމަނުޖެހުންތައް ހުއްޓުމަށް އިތުރު ސިފައިން އެ ސަރަހައްދަށް ނެރެން އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

ހަމަހަމަ ފުރުސަތު ނުލިބޭކަމަށް ބުނެ މިދިޔަ ހޯމަ ދުވަހާ ހަމައިން ކުރަން ފެށި މުޒާހަރާގެ ފުރަތަމަ ދުވަހު ވެސް ބައިވެރިން ވަނީ، ސަރުކާރުގެ އިމާރާތްތަކުގައި އަލިފާން ރޯކޮށް މުދަލަށް ގެއްލުންދީފަ އެވެ. މި މުޒާހަރާ އެންމެ ފުރަތަމަ ކުރަން ފެށީ، މަންކްވާރީ އަވަށުގަ އެވެ.

އިތުރު ސިފައިން ނެރުމާ ގުޅޭ ގޮތުން މައުލޫމާތު ދެމުން، އިންޑޮނޭޝިއާގެ އަސްކަރިއްޔާގެ ތަރުޖަމާނު މޭޖާ ޖެނެރަލް ސިސްސިރިޑާލީ ވިދާޅުވީ، އެންމެ ފުރަތަމަ މުޒާހަރާ ކުރަން ފެށި މަންކްވާރީ އަވަށަށް 300 ސިފައިން ފޮނުވާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، އިތުރު ސިފައިން ނެރެން މަޖުބޫރުވީ، އެންމެ ފަހުން ކުރި މުޒާހަރާތަކުގައި ފުލުހުންނަށް އަނިޔާކޮށްފައިވާތީ ކަމަށެވެ.

ހޯމަ ދުވަހު މުޒާހަރާ ކުރި މީހުންގެ ތެރެއިން ބައެއް މީހުން ހައްޔަރު ކޮށްފައިވާއިރު، އެމީހުންގެ މައްޗަށް 15 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބެލެވެ އެވެ. އެމީހުން ހައްޔަރުކުރީ ހުޅަނގު ޕަޕުއާގައި އަޑީ ދައުލަތެއް ހަދައިގެން އުޅޭ މީހުން ބޭނުންކުރާ ދިދައެއް ބޭނުން ކުރުމުގެ ސަބަބުންނެވެ.