ލައިފްސްޓައިލް

އާދަތައް ބަދަލު ކޮށްގެން ރަނގަޅު ހަކަތަ ހޯދޭ!

އޮފީހަށް މަސައްކަތް ކުރަން ދިޔައަސް ނުވަތަ ގޭގައި ކުދިން ބަލަން ހުންނަ މަންމައެއް ނަމަވެސް އަބަދު ވަރުބަލި ކަމުގެ އިހުސާސް ކުރެވޭ ހެއްޔެވެ؟ ކަންކަން ކުރުމުގެ ހަކަތަ ހަށިގަނޑުގައި ނުހުންނަ މައްސަލަ ބައެއް ކުދި ކުދި އާދަ ބަދަލު ކޮށްލައިގެން ނިމުމަކަށް ގެނެވިދާނެއެވެ.

ރަނގަޅަށް ނިދަން ވަގުތު ހޯދުން

ގާތުން ދޭ ވަރުގެ ކުއްޖެއް އޮންނަ ނަމަ ރޭގަނޑު އެތައް ފަހަރަކު ދަރިފުޅަށް ގާތުން ދިނުމަށް ހޭލަން ޖެހިދާނެ އެވެ. މިކަން ކޮންޓްރޯލް ނުކުރެވުނަސް އަމިއްލައަށް ލިބޭ ވަގުތު ކޮންޓްރޯލް ކުރެވިދާނެ އެވެ. އެހެން ކަމުން ރޭގަނޑު ގަޑީގައި ކުދިން ނިދުމުން އެންމެ އަވަހަށް ފޯނު ނުވަތަ ލެޕްޓޮޕް ނަގާ ސްކްރީނެއްގެ ޖެހި އެތައް ވަގުތު ހޭދަކުރުމުގެ ބަދަލުގައި އަރާމު ނިދި ހޯދަން މަސައްކަތް ކުރާށެވެ. ރޭގަނޑުގެ އަރާމު ނިދި ހޯދުމަކީ މީހާގެ ހަކަތަ އިތުރު ކޮށްދީ ވަރުބަލި ފިލުވައިލެވޭނެ ގޮތެކެވެ. ނިދުމުގެ 30 މިނެޓު ކުރިން ހުރިހާ އިލެކްޓްރޯނިކް ޑިވައިސްތަކެއް ނިންވާލުމަށްފަހު މީހާ ހަމަޖެހިލާ ރިލެކްސް ކުރުމަކީ ނިދުމުގެ ކުރިން ކުރުމަށް އާދަކުރެވިދާނެ ރަނގަޅު ކަމެކެވެ.

ނާސްތާ ކުރަންވީ ޕްރޮޓީން ގިނަ ކާނާ އިން

ގިނައިން ޕްރޮޓީން ހިމެނޭ ބާއްވަތް ނާސްތާގައި ހިމަނާނަމަ މީހާގެ ހަކަަތަ އިތުރު ކޮށްދެެ އެވެ. ގިނަ ފަހަރަށް ކޮފީތައްޓެއް އެކަނި ބޯލައިގެން ދެން އިތުރު އެއްޗެއް ނުކައި ހުންނަ ހުރުން ބަދަލުކޮށްލަންވީ އެވެ. ހަށިގަނޑަށް ފައިދާ ހުރި ކާނާ އިން ދުވަސް ފަށާ ނަމަ މުޅި ދުވަހުގައި ކުރަން ހުންނަ ކަންކަން ކުރުމަށް ހަކަތަ ލިބެއެވެ. އަދި ހެނދުނު ގަޑީގައި ކުރަންވީ ކަންކަން ކުރުމަށް ހަކަތަ ލިބި އުފެއްދުން ތެރިކަން އިތުރުވެ ފައިދާ ހުރި ގޮތަކަށް ދުވަސް ހޭދަ ކުރެވެއެވެ.

މިގޮތުން ގްރީކް ޔޯގަޓް، ބިސް، ޕީނަޓް ބަޓާ، އޯޓްސް ފަދަ ކާނާ ކެއުމަށް ހިޔާރު ކުރެވިދާނެ އެވެ.

ކޮންމެވެސް ކަހަލަ ރޫޓީން އެއް ގެންގުޅުން

ރޫޓީންކޮށް ކަންކަން ކުރުމަކީ މީހާ ވަކި ޑިސިޕްލެނެއްގައި ހުރުމަށް އެހީތެރިވާނެ ކަމެކެވެ. މިގޮތުން ވަކި ގަޑިއެއްގައި ނިދުމަށާއި ވަކި ގަޑިއެއްގައި ހޭލުމަށް އާދަ ކުރަންވީ އެވެ. މިގޮތަށް ކަންކުރުމުން ހަށިގަނޑަށް މީހާގެ ޝެޑިއުލް ދަސްވެއެވެ. އަދި ހެދުނުގަޑީގައި ވެސް ވަކި ރޫޓީންއެއް ގެންގުޅޭނަމަ މީހާގެ ހަކަތަ އިތުރު ކޮށްދެއެވެ. ކޮންމެ ދުވަހަކުވެސް ރަނގަޅު ގޮތަކަށް ރަނގަޅު މޫޑެއްގައި ހޭލައިގެން ދުވަހައިގެން ކުރިއަށް ދެވޭނެއެވެ.

ގިނައިން ފެންބުއިން

ގިނައިން ފެންބޮއި މީހާގެ ހަށިގަނޑު ހައިޑްރޭޓް ކުރުމުން މީހާގެ ހަކަތަ އަށް ހީވެސް ނުކުރާހާ ބޮޑު ބަދަލެއް އާދެއެވެ. ގިނައިން ފެންބުއިމަށް އާދަ ކުރުމަށް ކުރެވިދާނެ ކަންކަން ތެރޭގައި ކޮންމެ ދުވަހަކު ވަކި ވަރަކަށް ފެން ބުއިމަށް ކަނޑައަޅާ ޓާގެޓެއް ހަދާށެވެ. އަދި ފެން ބުއިން އިތުރު ކުރުމަށް ތަފާތު އެކި މޭވާ އާއި ތަރުކާރީ އަޅައިގެން އިންފިއުސްޑް ވޯޓާވެސް ހެދިދާނެ އެވެ.

ހަކަތަ އިތުރުކުރުމަށް ކަސްރަތު

މީހާގެ ހަކަތަ އިތުރު ކުރުމަށް ކަސްރަތުކުރުން ވަރެއް ނެތެވެ. ކަސްރަތު ކުރުމުން މުޅި މީހާގެ ސިއްހަތަށް ވެސް ގިނަ ފައިދާ ކުރެއެވެ. ކަސްރަތު ކުރަން ވަގުތު ހޯދުމަށް ކުދިން ގޮވައިގެން ވެސް މިކަން ކުރެވިދާނެ އެވެ. ނުވަތަ ޖިމަކަށް ދިއުމަށްވެސް ހިޔާރު ކުރެވިދާނެއެވެ. އަދި ގޭގައި ކުރެވޭނެ އެތައް ކަސްރަތެއް ވެސް ހުރެ އެވެ. އެންމެ ކުރާހިތްވާ ކަމެއް ހޯދާ އެކަމެއް ގަވާއިދުން ކުރާށެވެ.

ވަރުބަލިވާ ނަމަ ހަކުރު މަދުކުރުން

ނިދި އައިސް ވަރުބަލިވާނަަމަ ހަކުރު މަދުކުރުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. ހަކުރު މަދު ކުރުމަށް ކުރެވިދާނެ ބައެއް ކަންކަމުގެ ތެރޭގައި ގިނައިން ފެން ބުއިމާއި، ފޮނި އެއްޗެއް ކާ ހިތްވެއްޖެ ނަމަ ކޮންމެވެސް ކަހަލަ މޭވާ އެއް އިހުތިޔާރު ކުރެވިދާނެ އެވެ.

ކުދިން ގޮވައިގެން ގޭތެރޭ މަސައްކަތް ކުރަމުން ދުވާލު ގަޑީގައި ޖައްސާލަން ވަގުތު ހޯދުމަކީ އުނދަގޫ ކަމެކެވެ. އެހެން ނަމަވެސް މާ ބޮޑަށް ވަރުބަލިވާނަަމަ އިރުކޮޅަކަށް ޖައްސާލާށެވެ. ކުދިން ބަލަން މީހަކާއި ހަވާލުކޮށް ނިދާލާށެވެ. އެހެން ނޫންނަމަ އެކުދިން ދުވާލު ނިދާ ވަގުތުގައި ޖައްސާލުމަށް ވަގުތު ހޯދާށެވެ. ހަށިގަނޑަށް ބޭނުންވާ ރެސްޓް ލިބުުމުން މީހާ ތާޒާވެއެވެ. އަދި ދެން ކުރަން ހުރި ކަންކަން ކުރުމަށް ހިއްވަރު ލިބެއެވެ.

ވަރުބަލިވާ ނަމަ ބޭރަށް ނިކުމެލަންވީ

ބޭރުގައި ހޭދަކުރާ ވަގުތު ތާޒާ ވައި ހޯދުމަށާއި އަވީގައި ވަގުތު ކޮޅެއް ހޭދަކޮށްލުމަކީ މީހާގެ މޫޑު ރަނގަޅު ވެ ހަކަތަ އިތުރު ކޮށްދޭ ކަމެކެވެ. ކޮންމެ ދުވަހަކުވެސް ބޭރުގައި އުޅުމަށް ވަގުތުކޮޅެއް ހޯދަންވީ މި ސަބަބާއި ހެދިއެވެ.