އެމެރިކާ

އިރާން ތެލުގެ ވިޔަފާރި ދަނީ ހަލާކު ވަމުން: އެމެރިކާ

އެމެރިކާއިން އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އިރާނަށް ކޮންމެ ދުވަހަކު 2.7 މިލިއަން ތެޔޮ ފީފާ ގެއްލިގެންދާ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ޓީވީ ޗެނަލަކަށް ދެއްވި އިންޓަވިއުއެއްގައި، ޕޮމްޕިއޯ ވިދާޅުވީ، އިރާންގެ ތެލުގެ ވިޔަފާރި މިހާރު ހަލާކުވަމުންދާ ކަމަށާއި އިރާނަށް އަޅާފައިވާ ފިޔަވަޅުތައް އުވާ ނުލައި އެ ގޮތުގައި ކުރިއަށް ގެންދާނެ ކަމަށެވެ. ޕޮމްޕިއޯ ވިދާޅުވީ، އިރާނުން ކޮންމެ ދުވަހަކުވެސް ތެޔޮ ނެގުމުގެ މަސައްކަތް ކުރާ ކަމަށާއި ނަމަވެސް އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެ ތެޔޮ ގަންނަން ގައުމުތައް ފަސް ޖެހޭ ކަމަށެވެ.

"ކޮންމެ ދުވަހަކު 2.7 މިލިއަން ފީފީ ތެޔޮ ގެއްލުމަށް ފޮނުވަމުން، އެއީ އިރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، އެ ފިޔަވަޅުތަކުގެ ސަބަބުން ގައުމުތަކުން އިރާންގެ ތެޔޮ ގަންނަން ފަސްޖެހޭ، މިކަން އެމެރިކާއިން ދަމަހައްޓާނަން،" ޕޮމްޕިއޯ ވިދާޅުވި އެވެ.

އިރާނަށް ދަތިކުރުމުގެ ފިޔަވަޅު އެމެރިކާއިން އަޅާފައިވަނީ، 2015 ވަނަ އަހަރު ދުނިޔޭގެ ބާރުތަކާއެކު ހެދި ނިއުކުލިއާ އެއްބަސްވުމާއި ހިލާފުވުމުންނެވެ. އެއްބަސްވުމުގައި ވާގޮތުން އިރާނަށް ނިއްކުލިއާ އަދި ޔޫރޭނިއަމް ފައްކާ ކުރެވޭނީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މިންވަރަށެވެ. ނަމަވެސް އިރާނުން ވަނީ އެއްބަސްވުމުގައި ބަޔާން ކޮށްފައިވާ މިންވަރަށްވުރެ އިތުރަށް ޔޫރޭނިއަމާއި ނިއްކުލިއާ ފައްކާ ކުރަން ފަށާފަ އެވެ. އެއްބަސްވުމުމާއި ހިލާފުވި ކަމަށް ބުނެ އެމެރިކާއިން އިރާނަށް ދަތިކުރުމުގެ ފިޔަވަޅު އެޅީ 2017 ވަނަ އަހަރު އެވެ. އޭރު އެމެރިކާ ވަނީ އެއްބަސްވުމުން ވަކިވެފަ އެވެ.

ފިޔަވަޅުތަކުގެ ސަބަބުން އިރާންގެ އިގްތިސޯދު ހަލާކުވެ، ރައްޔިތުން އަސާސީ ހިދުމަތްތަކުން މަހުރޫމްވެފައިވާ ކަމަށް އިރާންގެ ފޮރިން މިނިސްޓަރު ޖަވާދު ޒާރިފް ވަނީ މީގެ ކުރިން އދގެ ބައްދަލުވުމެއްގައި ވިދާޅުވެފަ އެވެ.

އެމެރިކާއިން އަޅައިފައިވާ ދަތިކުރުމުގެ ސަބަބުން އިގްތިސޯދީ ކުރިއެރުމަށް މަސައްކަތް ނުކުރެވޭ ކަމަށް އިޝާރާތް ކުރައްވާ ޒާރިފް ވަނީ އެއީ ވަރަށް ބޮޑު ކަންބޮނޑުވުމެއްގެ ގޮތު އދ. ގައި ފާޅު ކުރައްވާފަ އެވެ. އަދި ވިދާޅުވީ ފިޔަވަޅުތަކުގެ ސަބަބުން އިރާންގެ ހޮސްޕިޓަލްތަކަށާއި ފާމަސީތަކަށް ބޭނުންވާ ބޭސް ނުލިބުގެ އިތުރުން ކާބޯތަކެތި ވެސް އިރާންގައި ތަދު ވެފައިވާ ކަމަށެވެ.