ކްރިސްޓިއާނާ ރޮނާލްޑޯ

ރޮނާލްޑޯ ރިޓަޔާ ކޮށްފާނެކަމުގެ އިޝާރާތެއް

އަންނަ އަހަރު ކުޅުން ހުއްޓާލަން ޖެހިދާނެ ކަމުގެ އިޝާރާތެއް، ޔުވެންޓަސްގެ ޕޯޗްގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ދީފި އެވެ.

ޕޯޗްގަލްގެ ޓީވީ އައި އަށް ދިން އިންޓަވިއުގައި ރޮނާލްޑޯ ބުނީ އަންނަ އަހަރުވެސް ރިޓަޔާ ކުރަންވެސް ވިސްނާ ކަމަށާއި އެހެންނަމަވެސް އުމުރުން 40 ނުވަތަ 41 އަހަރު ވަންދެން އޭނާ އަށް ކުޅެވިދާނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ. މިހާރު އުމުރުން 34 އަހަރުގެ ފޯވަޑް ބުނީ ކުޅުން ހުއްޓާލާނެ އިރެއް އޭނާ އަށް ނޭންގޭ ކަމަށެވެ.

"އަހަރެން ކުޅުން ހުއްޓާލާނެ އިރެއް އަހަންނަކަށް ނޭންގެ، އަހރެން އެކަމަކާ ނުވިސްނަން، އެހެންނަމަވެސް އެއީ މާ ދުރުގައިވެސް އޮތް ކަމެއް ނޫން،" އިންޓަވިއުގައި ރޮނާލްޑޯ ބުންޏެވެ. "ފަހަރެއްގައި އަންނަ އަހަރުވެސް އަހަރެންގެ ކެރިއާ ނިންމާލަން ޖެހިދާނެ، އެކަމަކު 40 ނުވަތަ 41 އަހަރު ވަންދެން އަހަންނަށް ކުޅެވިދާނެ."

ރޮނާލްޑޯ ބުނީ އޭނާ މަސައްކަތް ކުރަނީ އާ ޗެލެންޖުތަކެއް ނަގައިގެން ގިނަ ރެކޯޑްތަކެއް ގާއިމު ކުރަން ކަމަށެވެ.

އިންޑަވިޖުއަލް ގިނަ އެވޯޑްތަކެއް ހޯދާފައިވާ ރޮނާލްޑޯ ވަނީ ޔޫއެފާ ޗެމްޕިއަންސް ލީގްވެސް ފަސް ފަހަރު ހޯދާފަ އެވެ. އެއީ ރެއާލް މެޑްރިޑާއެކު ހަތަރު ފަހަރު އަދި މެންޗެސްޓާ ޔުނައިޓަޑާއެކު އެއް ފަހަރު އެވެ.