އެމްއެމްޕީއާރުސީގެ ހިޔާނާތް

ރަށްތަކުގެ މައްސަލާގައި ފިޔަވަޅު އެޅޭނީ ތަހުގީގު ނިމުމުން: މިނިސްޓަރު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ކުއްޔަށް ދޫކުރި ރަށްރަށާއި ފަޅުތަކާ ގުޅިގެން އެއް ތަންތަން ދޫކުރި ފަރާތްތަކާމެދު ފިޔަވަޅެއް އަޅާނީ އެ ކަމާ ގުޅިގެން މިނިވަން މުއައްސަސާތަކާއި ބަންޑާރަ ނައިބުގެ އޮފީހުން ވަކި ގޮތެއް އެންގުމުން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މެންބަރުން ކުރެއްވި ސުވާލުތަކުގެ ޖަވާބުގައި މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވީ އެމްއެމްޕީއާރްސީ މެދުވެރިކޮށް އޭރު ދޫކުރި ރަށްރަށާއި ފަޅުތަކާ ގުޅިގެން ކަންކަން ކުރިއަށް ދާނީ އޮޑިޓް ރިޕޯޓުގައި ދީފައިވާ ލަފާތަކާއި ބަންޑާރަ ނައިބުގެ ލަފައަށް ކަމަށެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ދޫކުރި ރަށްތަކާމެދު ވަކި ގޮތަކަށް އަމަލު ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އެހެނިހެން ތަހުގީގީ އިދާރާއަކުން ވެސް އަންގާފައި ނުވާ ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެއްވެސް ރަށެއް ގާނޫނާ ހިލާފަށް ދީފައިވާ ކަމަށް ކަނޑައަޅައި އެ ރަށެއް އަތުލަން ވެސް ތަހުގީގީ އިދާރާއަކުން މިހާތަނަށް އަންގާފައި ނުވާ ކަމަށެވެ.

"މިހާތަނަށް ވެސް އެއްވެސް ތަހުގީގީ އިދާރާއަކުން އަންގައިފައެއް ނުވޭ މިވެނި ރަށެއް ޓާމިނޭޓް ކުރާކަށް. ކުރަން ހަމަ އެންގުމާއެކު އަޅުގަނޑު އެ ކަމެއް ކުރާނަން. އެހެންވީމާ އަޅުގަނޑު ދަންނަވާނީ ތަހުގީގު ނިމުމަށް ފަހު އެކަން އެންގުމުން އެ ކަމެއް އަޅުގަނޑުމެން ތަންފީޒު ކުރާނަމޭ." މިނިސްޓަރު އަލީ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރާ އޮޑިޓާ ޖެނެރަލްގެ އޮފީހާއި އޭސީސީ އާއި ފުލުހުންގެ އިތުރުން ގެއްލުނު ފައިސާ ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނުން ކުރަމުންދާ ތަހުގީގުތަކަށް އެ މިނިސްޓްރީން އެއްބާރުލުން ދޭ ކަމަށެވެ.

"އަޅުގަނޑު އެދެނީ ތަހުގީގީ އިދާރާތަކުގެ ކިބައިން ރަނގަޅު ގޮތުގައި ތަހުގީގު ނިންމައި ވަކި ގޮތެއް މި ކަމުގައި ނިންމައި ދޭން. އަދި އިހުމާލުވި ފަރާތްތަކާ މެދު ވެސް އަޅަންވާ ފިޔަވަޅުތަކެއް އަޅުއްވަން. އަދި އެ ކަމުގައި ޓޫރިޒަމް މިނިސްޓްރީން އަމަލު ކުރަންވީ ގޮތެއް މިނިވަން މުއައްސަސާތަކުން އަންގަން." މިނިސްޓަރު އަލީ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ތަހުގީގީ އިދާރާއަކުން ނުވަތަ ކޯޓަކުން ވަކި ގޮތަކަށް އަމަލު ކުރަން ނާންގާހާ ހިނދަކު ޓޫރިޒަމް ސިނާއަތުގައި ހިމެނޭ ވަކި ރަށަކީ "ވަގަށް ނެގި" ރަށެއް ކަމަށް ކަނޑައަޅައި އެ ރަށެއް ލިބިފައިވާ ބައެއްގެ އަތުން އެ ރަށެއް އަތުލައިފިނަމަ ފަހުން ދައުލަތަށް މާ ބޮޑު ގެއްލުންތައް ވެދާނެ ކަމަށެވެ.

"ތަހުގީގީ އިދާރާތަކުން ޝަރުއީ ކޯޓުތަކުން ވަކި ގޮތެއް ކަނޑަނާޅަނީސް އެ ރަށްތަކާ މެދު ފިޔަވަޅު އަޅައިފިނަމަ، އަޅުގަނޑުމެން ވެސް ވާނީ މުދާ ނަގާ ބަޔަކަށް، ވަކި ބަޔަކު ވީތީވެ އަތުލި ކަމުގެ ތުހުމަތު އަޅުގަނޑުމެންނަށް ވެސް އަންނާނެ، ފަހުން ދައުލަތުން ބަދަލު ދައްކަން ޖެހޭނެ ގޮތަކަށް މި ސަރުކާރަކުން އެއްވެސް އެއްބަސްވުމެއް ބާތިލެއްް ނުކުރާނަން،" އަލީ ވަހީދު ވިދާޅުވި އެވެ.