ކަޝްމީރުގެ މައްސަލަ

ކަޝްމީރު ހަމަނުޖެހުމުގައި ދެ މީހަކު މަރާލައިފި

ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތަށް އުވާލުމާއި ގުޅިގެން މިހާރު ހިނގަމުންދާ ހަމަނުޖެހުމުގެ ތެރޭގައި ދެ މީހަކު މަރާލާފައިވާ ކަމަށް އިންޑިއާގެ ފުލުހުން ބުނެފި އެވެ.

އިންޑިއާގެ ފުލުހުން ރޮއިޓާސްއަށް މައުލޫމާތު ދެމުން ބުނީ ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ފުލުހުން ހަރަކާތްތެރި ވަނިކޮށް، ޓެރަރިސްޓެއް ކަމަށް ބެލެވޭ މީހަކު ދިން އަތު ބޮމުގެ ހަމަލާއެއްގައި ދެ ފުލުހަކު މަރުވެފައިވާ ކަމަށެވެ. އޭގެ ތެރެއިން އެކަކު މަރުވީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

ކަޝްމީރުގެ ދިފާއުގައި ވަކާލާތު ކުރަމުންދާ ޕާކިސްތާނުން ބުނެފައިވަނީ، ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ހަރަކާތްތެރިވާ އިންޑިއާ ސިފައިން ދިން ހަމަލާއެއްގައި ޕާކިސްތާނުގެ ތިން އާންމުން މަރުވެފައިވާ ކަމަށެވެ. އެމީހުނަށް ހަމަލާ ދީފައިވަނީ ލައިން އޮފް ކޮންޓްރޯލް (އެލްއޯސީ) ކަައިރިން ކަމަށްވެސް ޕާކިސްތާނުން ވަނީ ބުނެފަ އެވެ.

ޓެރަރިސްޓެއް ކަމަށް ބެލެވޭ މީހާ ފުލުހުންނަށް އަމާޒުކޮށްގެން ދިން ހަމަލާގައި އިތުރު ހަތަރު މީހަކު ވެސް ވަނީ ޒަހަމްވެފަ އެވެ. ނަމަވެސް އިތުރު ތަފްސީލެއް ދީފައެއް ނުވެ އެވެ. އަދި ހަމަލާދިން ވަގުތު ޕާކިސްތާނު ސިފައިން ބަޑީގެ ހަމަލާދިން ކަމަށް ވެސް އިންޑިއާ ފުލުހުން ވަނީ ބުނެފަ އެވެ. މި ތުހުމަތުތަކަށް ޕާކިސްތާނުން އަދި ޖަވާބު ދީފައެއް ނުވެ އެވެ. ނަމަވެސް ހަމަލާދިން ކަމަށް ބުނާ ސަރަހައްދަށް ޕާކިސްތާނުން ވަނީ ހަތިޔާރު ޖަމާކޮށްފަ އެވެ.

އިންޑިއާގެ ދެ ފުލުހަކު ޓެރަރިސްޓު ހަމަލާއެއްގައި މަރުވެފައި މިވަނީ، ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތަށް އުވާލައިފިނަމަ، ކަޝްމީރު އަދި ޖައްމޫގައި ޓެރަރިސްޓު ހަމަލާތަށް އިތުރުވާނެ ކަމުގެ އިންޒާރު އދގެ ސެކިއުރެޓީ ކައުންސިލުންނާއި، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރާ އޯގަނިޒޭޝަންތަކާއި ބޮޑެތި ގައުމުތަކުން ވެސް ދީފައި ވަނިކޮށެވެ.