ސައިންސް

ބްލެކް ހޯލްގެ ތެރޭގައި ނެއުޓްރޯން ދެ ތަރި!

ޖައްވުގައި ގްރެވިޓީ ނުވަތަ ދަމާބާރު ގިނަ އަދަދަކަށް އެކުލެވިގެންވާ ހޮހަޅައިގެ ސިފަ ލިބިފައިވާ ތަންތަން ހުރެ އެވެ. މި ތަންތަނަކީ ދަމާބާރު ގިނަ އަދަދަކަށް އެކުލެވިގެންވާ ތަންތަނަށް ވާތީ ކިތަންމެ ބޮޑު އެއްޗެއް ވެސް އެއިން ތަނަކަށް ދަމައިގަންނަން ނަގާނީ ސިކުންތު ކޮޅެކެވެ.

ޖައްވުގައި ހުންނަ މިފަދަ ތަންތަނަށް ސައިންސް ވެރިން ކިޔަނީ ބްލެކް ހޯލް އެވެ. މިތަން އުފެދިފައިވާ ގޮތް ސައިންސްވެރިން ހޯދާފައިވީ ނަމަވެސް މިތަނުގެ ތެރެއަށް ދަމައިގަންނަ އެއްޗެއްސަށް ވާގޮތެއް ޔަގީންކަމާއެކު ބުނާކަށް ނޭގެ އެވެ. ބުނެވޭ ގޮތުގައި ބްލެކް ހޯލްގެ ތެރެއަށް އެއްޗެއް ދަމައިގަނެ، އެތެރެއަށް ގެންދާއިރު، ބްލެކް ހޯލް އެތެރޭގައި ހުންނަ ޕްރެޝަރުގެ ސަބަބުން އެ އެއްޗެއް ހިމުން ވެލި ފުކެއްހާ ކުޑަ ކޮށްލަ އެވެ. އަދި ބްލެކްހޯލް އިން އެ އެއްޗެއް ބޭރުވާއިރު އަނެއްކާވެސް އެ އެއްޗެއް އޭގެ އަސްލު ސައިޒަށް ބަދަލުވެ އެވެ.

ބްލެކް ހޯލްގެ ތެރެއިން އެއްޗެއް ފެނެތޯ ސައިންސްވެރިން އަހަރުތަކެއް ވަންދެން ކުރަމުންދިޔަ މަސައްކަތުގައި ކުލަ ޖައްސައި ދިނީ ޖައްވީ އުޅަނދެއް ކަމަށްވާ ލޭޒާ އިންފާމީޓާ ގްރެވިޓޭޝަނަލް ވޭވް އޮބްޒަވޭޓަރީ (ލިގޯ) އެވެ. ލިގޯ އިން ވަނީ ބްލެކް ހޯލް ގައި އެއްޗެއްވާ ކަމުގެ ހެކި ސައިންސްވެރިންނާ ހަމައަށް ފޮނުވައިދީފައި އެވެ. އެއީ ކޯންޗެއްކަން ހޯދަން ސައިންސްވެރިން ކުރި މަސައްކަތުން އެއީ މީގެ 900 މިލިއަން އަހަރު ކުރިން ބްލެކް ހޯލަށް ދަމައިގެންފައިވާ ނެއުޓުރޯން އާއިލާއަށް ނިސްބަތްވާ ދެ ތަރި ކަން އެނގިގެން ދިޔަ އެވެ.

ނެއުޓްރޯން ތަރީގެ ބޮޑު މިނަކީ ގާތްގަނޑަކަށް 17 މޭލެވެ. މިއީ އެންމެ ކުދި ތަރީގެ ގިންތީގައި ހިމެނޭ ތަރިއެކެވެ. އިޓަލީގެ ސައިންސްވެރިންނާއި އެމެރިކާގެ ޖައްވީ އިދާރާ، ނާސާގެ ސައިންސްވެރިން މިހާރު މަސައްކަތް ކުރަނީ މި ތަރިތައް ބްލެކް ހޯލްގެ ތެރެއަށް "ވެއްޓެން" ދިމާވި ސަބަބު ހޯދާށެވެ.

އެގޮތުން މިހާތަނަށް ހޯދިފައިވަނީ ދެ ގޮތެވެ. އެއް ގޮތަކީ މި ތަރިތަކަށް ބްލެކް ހޯލްގެ ދަމާބާރު ފޯރާ ހިސާބަށް ދަތުރު ކުރެވުނީ އެވެ، ނޫނީ ދެ ތަރި ވެއްޓިގެން ދިޔަ ވަގުތު ބްލެކް ހޯލާ ދިމާވީ އެެވެ. ނަމަވެސް އޮސްޓްރޭލިއާގެ ސައިންސްވެރިން ގަބޫލު ކުރާ ގޮތުގައި ޖައްވުގައި އުފެދޭ ތޫފާންތަކުގެ ސަބަބުން ބްލެކްހޯލް ވެސް ތޫފާނާއެކުގައި ދިމަ ދިމާއަށް ގެންދެ އެވެ. އަދި އެގޮތަށް ގޮސް ބްލެކްހޯލް މަޑުޖެހޭ ވަގުތު ބްލެކް ހޯލް ވަށައިގެން ހުންނަ ތަރިތައް ދަމާ ބާރުގެ ސަބަބުން ބްލެކް ހޯލްގެ ތެރެއަށް ދަމައިގަންނަނީ އެވެ.

ޖައްވުގައި އެތަކެއް ތޫފާން އުފެދޭ ކަމަށް ޖައްވީ އިދާރާތަކުން ބުނެ އެވެ. އަދި އެތަކެއް ހާސް ގިނަ ބްލެކް ހޯލްތައް ޖައްވުމުގައި ހިމެނޭތީ އެހުރިހާ ބްލެކްހޯލެއްގެ ތެރެއިން އެންމެ ބްލެކް ހޯލްއަކުން ތަރި ފެނުނީ ކީއްވެކަން ސާފު ނުވާ ކަމަށް އެމެރިކާގެ ސައިންސްވެރިން އޮސްޓްރޭލިއާގެ ސައިންސްވެރިންނަށް ސުވާލުތައް ކުރިމަތި ކުރުވަ އެވެ.

ނާސާގެ ސައިންސްވެރިން ވަނީ އިތުރު ސުވާލުތަކެއް ވެސް އުފައްދާފަ އެވެ. އެއީ 900 މިލިއަން އަހަރު ވަންދެން ބްލެކް ހޯލްގައި ދެ ތަރި އޮތް ގޮތުގެ ސުވާލުތަކެވެ. ބްލެކް ހޯލްގައި ތަރި އޮތްއިރު އޭގެ ސައިޒު އަދި ނޭނގެ އެވެ.

ދުނިޔޭގެ ވަގުތާއި ޖައްވުމުގެ ވަގުތު ތަފާތެވެ. މިސާލަކަަށް ޖައްވީ މިޝަނެއް ނިންމާފައި ދުނިޔޭގެ ގަޑިން އެއް އަހަރު ކޮށްފައި އަންނަ މީހާ ޖައްވުމުގައި މަދު ވެގެން ވާނީ ތިން އަހަރަށް ވުރެ ގިނަ ދުވަސް ހޭދަ ކޮށްފަ އެވެ.

ނެއުޓުރޯން ތަރި ބްލެކް ހޯލަށް ވެއްޓެން ދިމާވި ސަބަބަކީ ކޮބައިކަން ޔަގީންކަމާއެކު ބުނެވޭނީ މިހާރު ޖައްވުމުގައި ވަގުތު ބަލަން ބޭނުންކުރާ ގޮތް ބަދަލު ކޮށްގެންނެވެ. ދުނިޔޭގެ ވަގުތުން 900 މިލިއަން އަހަރު ވަންދެން ނެއުޓްރޯން ތަރި ބްލެކް ހޯލުގައި އޮތް ނަމަވެސް، ޖައްވުގެ ވަގުތުން ގުނައިގެން މި މުއްދަތު ތަފާތުވާނެ އެެވެ.

ޖައްވީ ހޯދުންތައް ހޯދައި ސީދާ ޖަވާބެއް ދިނުމަށް އަދިވެސް ދިގު މުއްދަތެއް ބޭނުންވާނެ އެވެ. ބްލެކް ހޯލުން ނެއުޓްރޯން ތަރި ފެނިފައި އިއްޔެ އެވެ. އެހެން ކަމުން ތަރި ބްލެކް ހޯލަށް ވެއްޓެން ދިމާވި ސަބަބު ސައިންސްވެރިން ހޯދަން އަދި ވަރަށް ގިނަ ދުވަސް ނަގާނެ އެވެ.