ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ކުރި ސަސްޕެންޝަން އުވާލުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ، އެ ކޯޓަށް ހުށަހެޅުއްވި މައްސަލާގެ ޝަރީއަތް މާދަމާއަށް ތާވަލުކޮށްފި އެވެ.
މިހާރު ރާއްޖެއިން ބޭރުގައި ހުންނެވި ފަނޑިޔާރު ދީދީގެ މައްސަލަ ސުޕްރީމް ކޯޓުން ތާވަލުކޮށްފައިވަނީ މާދަމާގެ މެންދުރުފަހު 1:15 އަށެވެ. ޖޭއެސްސީއާ ދެކޮޅަށް ހުށަހަޅާފައިވާ މި މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަބްދުލްގަނީ މުހައްމަދެވެ.
ޖޭއެސްސީއިން ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޝަން ކުރި މައްސަލާގައި އޭނާ ސުޕްރީމް ކޯޓަށް ވެއްދި ދުސްތޫރީ މައްސަލާގައި މީގެކުރިން ވަނީ ވަގުތީ އަމުރެއް ނެރެފަ އެވެ. އެ އަމުރުގައި ސަސްޕެންޝަން ފަަސްކޮށް މައްސަލާގެ ޝަރީއަތް ނުނިމެނީސް ޖޭއެސްސީއިން ނިންމާފައިވާ ނިންމުމާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުން އަމުރުކުރި އެވެ.
އެހެންވެ އޭގެ ފަހުން ފަނޑިޔާރު ވަނީ ކޯޓުގެ މަސައްކަތަށް ނުކުންނަވާފަ އެވެ. ނަމަވެސް ޖޭއެސްސީއިން ވަނީ އެ ވަގުތީ އަމުރަށް ތަބާނުވާން ނިންމާފަ އެވެ. އަދި ފަނޑިޔާރު ދީދީގެ ތަހުގީގު ކޮމިޝަނުން ކުރިއަށް ގެންދިޔަ އެވެ.
ހުޅުވާލައިގެން ފަނޑިޔާރު ދީދީގެ ތަހުގީގު ކޮމެޓީ ކުރިއަށް ގެންދިޔަ އެވެ. އެ ކޮމެޓީ ބައްދަލުވުމުގައި ފަނޑިޔާރަށް ގިނަ ތުހުމަތުތަކެއް އަމާޒުވި އެވެ. ނަމަވެސް ތުހުމަތުތަކަށް އެއްވެސް ޖަވާބެއް އެ ދުވަހު ނުދެއްވި އެވެ. ފަހުން ފަނޑިޔާރު ވަނީ ލިޔުމުން ކޮމިޝަނަށް ޖަވާބު ހުށަހަޅުއްވާފަ އެވެ.
ޖަވާބު ހުށަހެޅުއްވުމަށްފަހު ފަނޑިޔާރު ދީދީ ރާއްޖެއިން ފުރާވަޑައިގެންވި އެވެ. މަސް ދުވަހަށް ވަޑައިގެންނެވި ނަމަވެސް މިހާރު ވަނީ އެއަށްވުރެ ގިނަ ދުވަސްވެފަ އެވެ. ރާއްޖެއިން އެނބުރި ފަނޑިޔާރު ވަޑައިނުގަންނަވާއިރު އަމިއްލަ އެދިލެއްވުމަށް އޭނާގެ ޑިޕްލޮމެޓިކް ޕާސްޕޯޓް ވެސް ވަނީ ކެންސަލްކޮށްފަ އެވެ.
ސަސްޕެންޑްކޮށްފައިވާ ފަނޑިޔާރު ދީދީ ގިނަ މައްސަލަތަކެއް މިހާރު ވެސް ޖޭއެސްސީއިން ބަލަމުންދާއިރު ސަސްޕެންޑް ކުރި މައްސަލާގެ ތަހުގީގު ނިންމައި އޭނާ ފަނޑިޔާރު ކަމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ތަހުގީގު ކޮމެޓީއިން ވަނީ ލަފާ ދީފަ އެވެ. ކޮމެޓީގެ އެ ރިޕޯޓަށް ޖަވާބުދާރީވާން މިހާރު ފަނޑިޔާރު ދީދީއަށް ވަނީ ފުރުސަތު ދީފަ އެވެ.