ހަބަރު

ނަސަންދުރަ މައްސަލާގައި އޭޖީގެ ލަފާ އަދި ނުލިބޭ

ނަސަންދުރަ ޕެލަސް ހޮޓެލް ހުރި ތަން އިތުރު ބިމަކާއެކު 50 އަހަރަށް ކުއްޔަށް ދޭން ހެދި އެއްބަސްވުމުގެ މައްސަލާގައި އަމަލު ކުރާނެ ގޮތަކާ މެދު އެޓާނީ ޖެނެރަލް (އޭޖީ) ގެ ފަރާތްޕުޅުން ހޯދަން އެދިފައިވާ ލަފާ އަދިވެސް ލިބިފައި ނުވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މެންބަރުން ކުރެއްވި ސުވާލުތަކުގެ ޖަވާބުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އޭޖީގެ ގާނޫނީ ލަފާ އަދި ލިވަޑައި ނުގަންނަވާ ކަމަށެވެ. ގާނޫނީ ލަފާ ނެތި އެ މައްސަލާގައި ވަކި ގޮތަކަށް އަމަލު ކުރަން މިނިސްޓްރީއަށް ނިންމެން ނެތް ކަމަށެވެ.

"އެއްބަސްވުން މިހާރު އޮތް ގޮތަށް ކުރިއަށް ގެންދަން ދަތި. ނަމަވެސް އޮޑިޓް ރިޕޯޓުގައި އަޅުގަނޑުމެންނަށް ލަފާދީފައި ވަނީ އެމްއެމްޕިއާރްސީއާ ގުޅޭ ކަންކަމުގައި އޭޖީގެ ގާނޫނީ ލަފާއާ އެކީގައި ކުރިއަށްދާން. އަޅުގަނޑުމެން ކުރިއަށް މި ދަނީ ވެސް އެ ގޮތުގެ މަތިން. އެހެންވީމާ ގާނޫނީ ލަފާ ނެތި މިނިސްޓްރީއަށް ކުރިއަށް ދެވޭކަށް ނެތް،" އަލީ ވަހީދު ވިދަޅުވި އެވެ.

ނަސަންދުރަ ހުރި ބިން ކުއްޔަށް ދިނުމާބެހޭ އެއްބަސްވުމާ ގުޅޭ ގޮތުން އޭޖީގެ ގާނޫނީ ލަފައަކަށް އެދުނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

ނަސަންދުރަ މައްސަލާގައި އަވަހަށް ގޮތެއް ނިންމަން އޭޖީގެ ލަފާ އަވަސް ކުރަން މިނިސްޓްރީން މަސައްކަތް ނުކުރޭތޯ މެންބަރަކު ސުވާލު ކުރެއްވުމުން އަލީ ވަހީދު ވިދާޅުވީ އޭޖީގެ މަސައްކަތް ވެސް ލަސް ނޫން ކަމަށެވެ. އަދި ވިދާޅުވީ ދައުލަތުން ފަހުން އަނބުރާ ބަދަލު ދޭނެ ގޮތަށް މި ސަރުކާރުން އެއްވެސް އެއްބަސްވުމަކާ މެދު ގޮތެއް ނުނިންމާނެ ކަމަށެވެ.

"ބަންޑާރަ ނައިބުގެ އޮފީހަށް ދާނެ ސަރުކާރުގެ 19 މިނިސްޓްރީން ލަފާ ހޯދަން، އެހެންވީމާ އަޅުގަނޑު ދެކޭ ގޮތުގައި މުޅިއަކުން ބަންޑާރަ ނައިބުގެ މަސައްކަތް ލަސް ކަމަކަށް ވެސް ދެންނެވޭކަށް ނެތް، އަދި ފަހުން އެ ބޭފުޅުން އާބިޓްރޭޝަނަކަށް ދާނަމަ ވެސް ދައުލަތުގެ ފަރާތުން ވަކާލާތު ކުރާނީ ބަންޑާރަ ނައިބު، އެހެންކަމުން ބަންޑާރަ ނައިބުގެ ލަފާ ހޯދައިގެން ކުރިއަށް ދެވެން އޮތީ،" މިނިސްޓަރު ވިދާޅުވި އެވެ.

ނަސަންދުރަ ތަޅާލުމަށްފަހު، 25 ބުރީގެ ހޮޓަލެއް ތަރައްގީ ކުރަން ހަވާލު ކޮށްފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ. މި މަސައްކަތް ހަވާލު ކުރީ އެމަނިފާނުގެ ޅިޔަނު އެއްލައިދޫ މުހަންމަދު މަނިކުގެ މަސްހަލަތު އޮންނަ އެންޕީއެޗް އިންވެސްޓްމެންޓާ ކުންފުންޏަށެވެ. އެ ކުންފުންޏަށް އެ ބިން ދޫކުރީ 50 އަހަރަށެވެ.

އެ އެއްބަސްވުމާ މެދު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ސުވާލު އުފައްދާފަ އެވެ. އޭސީސީގެ ރިޕޯޓުގައިވާ ގޮތުން، ނަސަންދުރަ ހުރި ބިން އެންޕީއެޗް އިންވެސްޓްމަންޓަށް ހަވާލު ކުރުމުގައި ތުހުމަތު ކުރެވޭ ހިޔާނާތް 86 މިލިއަން ރުފިޔާއަށް އަރަ އެވެ.

އެ މައްސަލާގައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި ނަމަވެސް އެ މައްސަލާގައި ދައުވާ ކުރެވެން ނެތް ކަމަށް ބުނެ ޕީޖީން ފަހުން ވަނީ މައްސަލަ އަނބުރާ ފޮނުވާލާފަ އެވެ.