ހަބަރު

ޔާމީން މައްސަލާގައި ސިއްރު ހެކިންނަށް ދަނީ ނުފޫޒު ފޯރުވަމުން: ދައުލަތް

ރަހުމް ކުޑަ ގޮތަކަށް މަރާލާފައިވާ ޔާމީން ރަޝީދުގެ މައްސަލާގައި ސިއްރު ހެކިވެރިން ހާޒިރު ކުރުމުގައި ދަތިތަކާއި ކުރިމަތިވަމުންދާ ކަމަށާއި ސިއްރު ހެކިވެރިންނަށް ނުފޫޒު ފޯރުވަމުން ގެންދާ ކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވެއްޖެ އެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވަނީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.

މިއަދުގެ ޝަރީއަތަކީ ފުލުހުންގެ ދެ މީހުންގެ ހެކިބަސް ނެގުމަށް ބޭއްވުނު އަޑުއެހުމެކެވެ. ނަމަވެސް މިއަދު އެއްވެސް މީހެއްގެ ހެކިބަސް ނުނަގައި ޝަރީއަތް ވަނީ ނިންމާލައްވާފަ އެވެ.

މިއަދުގެ ޝަރީއަތުގައި ދައުވާ ލިބޭ އިސްމާއިލް ރަޝީދުގެ ވަކީލް މައުމޫން ހަމީދު ވަނީ ޝަރީއަތުގައި ހެކިބަސް ނަގާ ފަރާތްތަކުގެ މައުލޫމާތު ކުރިން ހާމަ ނުކުރާތީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. އެގޮތުން ކުރީ ޝަރީއަތުގައި ހެކިބަސް ނަގަން ބުނި މީހުން ނޫން މީހުން މިއަދުގެ ޝަރީއަތުގައި ހެކިބަސް ނަގަން ނިންމާފައިވާ ކަމަށެވެ. އަދި މިއަދު ހާޒިރު ކުރާ ހެކިވެރިންގެ މައުލޫމާތުތައް ލިބިފައިވަނީ އިއްޔެ ކަމަށެވެ. އެކަމަކީ އިންސާފުވެރިކަމާއެކު ޝަރީއަތް ކުރިއަށް ގެންދިއުމަށް ހުރަސް އަޅަމުންދާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ ފަރާތުން ވިދާޅުވީ ހާޒިރު ކުރަން ނިންމާފައިވާ ސިއްރު ހެކިން ހާޒިރު ކުރުމަށް ދަތިތަކާއި ކުރިމަތިވަމުންދާ ކަމަށެވެ. އަދި ބައެއް ސިއްރު ހެކިވެރިން ހާޒިރުވާނެ ކަމަށް ބުނި ނަމަވެސް އެފަރާތްތަކަށް ނުފޫޒު ފޯރުވަމުންދާތީ ހާޒިރު ނުކުރެވޭ ކަމަށެވެ. ސިއްރު ހެކިވެރިންގެ ބައިގައި ބައެއް ދަތިތައް އެބަހުރި ކަމަށާއި މައްސަލައިގެ ބާވަތުގެ ގޮތުން އެފަރާތްތަކަށް ނުފޫޒު އެބަހުރި ކަމަށްވެސް ދައުލަތުގެ ވަކީލުން ވިދާޅުވި އެވެ.

އެކަމަށް ރައްދު ދެއްވައި މައުމޫން ހަމީދު ވަނީ ގިނަ ސުވާލުތަކެއް ދައުލަތަށް ކުރިމަތިކޮށްފަ އެވެ. އެގޮތުން ދިމާވާ ދަތިތަކަކީ ކޮބައި ކަމާއި ފޯރުވާ ނުފޫޒު ތަކަކީ ކޮބައިކަން ސާފުކޮށް ދިނުމަށެވެ. އަދި އެފަދަ ނުފޫޒުތަކެއް ފޯރުވާނަމަ ފުލުހުން އެމައްސަލަ ބަލަމުންދެތޯވެސް ވަނީ ސުވާލު އުފައްދާފަ އެވެ.

މައުމޫން ހަމީދު ވިދާޅުވީ އެއްވެސް އަސާސެއްނެތި ދައުލަތުން އެގޮތަށް ވަކި މީހަކަށް ތުހުމަތު ނުކުރެވޭނެ ކަމަށާއި ހެއްކާއި އެގޮތަށް ތުހުމަތު ކުރާނަމަ ހެއްކާއި ގަރީނާއާއެކު ހުށަހަޅަންޖެހޭނެ ކަމަށެވެ. އެކަން ކުށްވެރިކުރާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލުން ވިދާޅުވީ ދަތިތަކެއް އެބަހުރި ކަމަށެވެ. ނަމަވެސް ދައުލަތުން އެސަބަބުތައް ބަޔާންކޮށްފައެއްނުވެ އެވެ.

އޭނާ އިތުރަށް އެދުނީ ފުލުހުން ހާޒިރު ކުރުމަށް ހުރި ދަތިތައް ވެސް ބަޔާންކޮށްދިނުމަށެވެ. ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން އެއްވެސް ވަރަކަށް ފުލުހުން ހާޒިރު ކުރުމަށް މަސައްކަތް ކުރޭތޯ ވަނީ ސުވާލު އުފައްދަވާފަ އެވެ. އޭނާ ވިދާޅުވީ ޕީޖީއިން ފުލުހުން ހާޒިރު ކުރަން އަންގަން ޖެހޭނެ ކަމަށާއި އެކަމަކީ ހަމައެކަނި ކޯޓުން ކުރަން އޮންނަ މަސައްކަތެއް ގޮތުގައި ދޫކޮށްލައިގެން ނުވާނެ ކަމަށެވެ. އަދި ހެކިންގެ ގޮތުގައި ހާޒިރު ކުރަންޖެހޭ ފުލުހުންނަށް ދުރާލާ އަންގައި އެކަންކަން މަގުފަހި ވާނެ ގޮތަށް އަމަލު ކުރަންޖެހޭ ކަމަށެވެ.

ހުސައިން ޒިޔާދުގެ ވަކީލް އަބުދުﷲ ޝާއިރުވެސް ނެގީ އެއް ނުކުތާއެކެވެ. އެއީ ކުރީ ޝަރީއަތުގައި ހާޒިރު ކުރަން އަންގާފައިވާ ހެކިވެރިން ނޫން އެހެން ބަޔަކު ހާޒިރު ކުރާ މައްސަލަ އެވެ. އޭނާ ވިދާޅުވީ، ކޯޓުން ގާނޫނު އަސާސީއަށް އިހުތިރާމް ކުރަންޖެހޭ ކަމަށާއި ކޯޓުން ކުރިން އަމަލު ކުރަން އަންގާފައިވާ ގޮތަށް އަމަލު ކުރަމުން ނުދާ ކަމަށެވެ. ޕީޖީއިން ދަނީ ހިތުހުރި ގޮތަކަށް އަމަލު ކުރަމުން ކަމަށާއި ކުރިން އަންގާފައިވާ ހެކިވެރިޔާގެ ހެކިބަސް ނެގުމަށް އޭނާ އެދުނެވެ.

ދައުލަތުން ވަނީ އެކަމަށް އެއްބަސްވެފަ އެވެ. އަދި ހެކިވެރިންގެ ނަންތައް ކޯޓަށް ހުށަހެޅުނީ މިދިޔަ ހޯމަ ދުވަހު ކަމަށާއި ނަންތައް ހުށަހެޅުން ލަސްވެފައިވަނީ ދަތިތައް ހުރުމުން ކަމަށެވެ. އެހެން ކަމުން ދެން އަންނަ ދުވަހަކަށް ހުރިހާ ހެކިވެރިންގެ ހެކިބަސް ނެގުން ފަސް ކުރުމަށް ދައުލަތުން އެދުނެވެ.

މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ހުސެއިން ނިންމެވީ ދެން އޮންނަ ޝަރީއަތެއްގައި ހެކިބަސް ނެގުން ފަސްކުރުމަށެވެ. މައްސަލައިގެ ޝަރީއަތެއް އަންނަ އަންގާރަ ދުވަހު ބޭއްވުމަށް ނިންމައި މިއަދު ޝަރީއަތް ގާޒީ ވަނީ ނިންމަވާލައްވާފަ އެވެ.