ބޭރު ކުޅިވަރު

އާސެނަލް މެޗަކީ ޒާތެއްގެ ފްރެންޑްލީ އެއް: މޮރީނިއޯ

Aug 1, 2015

އިނގިރޭސި ޕްރެމިއާ ލީގު ފެށުމުގެ ކުރިން މާދަމާރޭ ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗުގައި އާސެނަލްއާ ދެކޮޅަށް ކުޅެން ޖެހުމުން މިއީ ޒާތެއްގެ ރަހުމަތްތެރިކަމުގެ މެޗެއް ކަމަށް ޗެލްސީގެ ކޯޗު ހޯސޭ މޮރީނިއޯ ސިފަކޮށްފި އެވެ.

"މިއީ ލީގު މެޗެއްހާ ވާދަވެރި މެޗެއްނޫން. އަދި މިއީ ރަހުމަތްތެރިކަމުގެ މެޗަކަށްވުރެ ތަންކޮޅެއް ވާދަވެރި މެޗެއް. އަހަރެން މިހާރު އުފަލެއް ނުވޭ އާސެނަލް އަތުން މޮޅުވެގެން،" މޮރީނިއޯ ބުންޏެވެ.

އޭނާ މިހެން ބުނީ އޭނާގެ ކޯޗުކަމުގައި އާސެނަލްގެ ކޯޗު އާސެން ވެންގާ އަށް ފާއިތުވެދިޔަ 13 މެޗުގައި ޗެލްސީ ބަލިކުރެވިފައި ނެތުމުންނެވެ.

މިހެންވެ މޮރީނިއޯ ބުނީ ރެކޯޑްތަކުން މެޗުގެ ނަތީޖާ ވެސް އެނގޭ ކަމަށެވެ.

އަނިޔާގެ ސަބަބުން މި މެޗުގައި ނުކުޅެވޭނެ ކަމުގެ ބިރު ހީވެފައި ތިބި ޗެލްސީގެ ދެ ކުޅުންތެރިން ކަމަށްވާ ފޯވަޑް ޑިއެގޯ ކޯސްޓާ އާއި ޑިފެންޑަރު ގެރީ ކާހިލް އަށް ކުޅެވޭނެ ކަމަށް ވެސް މޮރީނިއޯ ބުންޏެވެ.

"އަހަރެން ހާސްވާންޖެހޭ އެއްވެސް ކަމެއްނެތް. އަހަންނަށް މި މެޗަށް ލިބެން އޮބައޮތް މުޅިން ފިޓްވެފައި އޮތް ޓީމެއް. އެ ދެމީހުން ވެސް ތިބީ މިހާރު ފިޓްކޮށް. އެއްވެސް ކަންބޮޑުވުމެއްނެތް،" މޮރީނިއޯ ބުންޏެވެ.

މި ދެ ކުޅުންތެރިންގެ ތެރެއިން ކޯސްޓާގެ ފަޔަށް ހާނިއްކަވީ ބާސެލޯނާ މެޗުގަ އެވެ. އަދި ގެރީ ކާހިލްގެ ނޯއްމަތި ފަޅައިގެންދިޔައީ ވެސް އެ މެޗުގަ އެވެ.