ކުޅިވަރު

ނޭޕާލް ބަލިކޮށް ރާއްޖެ ސެމީ ފައިނަލަށް

މުބާރާތް ބާއްވާ ގައުމު ނޭޕާލްގެ މައްޗަށް ސީދާ ތިން ސެޓުން ކާމިޔާބު ހޯދައި އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ރާއްޖެ ދަތުރު ކޮށްފި އެވެ.

ކިރިގިސްތާން އާއި ނޭޕާލާއި ރާއްޖެ ހިމެނޭ ގުރޫޕުން، އެއް ވަނައިގައި ސެމީ އަށް ދިޔައީ ގުރޫޕް ސުޓޭޖުގައި ރާއްޖެ އާއި ނޭޕޅާްވެސް ބަލި ކުރި އެންމެ ފަހުގެ ޗެމްޕިއަން ކިރިގިސްތާނެވެ.

ގުރޫޕްގެ ފަހު މެޗުގައި މިއަދު ނޭޕާލާ ދެކޮޅަށް ރާއްޖެއިން ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. ފުރަތަމަ ދެ ސެޓްގައި ނޭޕާލުން ރާއްޖޭގެ ޓީމަށް ވަރުގަދަ ފައިޓެއް ދިނެވެ. އެ ދެ ސެޓް ވަރަށް ވާދަވެރިކޮށް ދިޔަ އެވެ. ރާއްޖެއިން ފުރަތަމަ ދެ ސެޓް ކާމިޔާބު ކުރީ 25-22 އަދި 5-21 ންނެވެ.

ތިން ވަނަ ސެޓްގައި، ނޭޕާލްގެ ކުޅުންތެރިންގެ ހިތްވަރު ވަރަށް ބޮޑަށް އެލިގެން ދިޔަ އެވެ. އެ ސެޓް ރާއްޖެއިން ކާމިޔާބު ކުރީ ބޮޑު ލީޑަކާ އެކު 25-14 އިންނެވެ.

އިއްޔަ ރާއްޖެ އާއި ކިރިގިސްތާން ކުޅުނު މެޗު، ކިރިގިންސްތާން ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓްތައް ކިރިގިސްތާން ގެންދިޔައީ 25-15 ،26-24 އަދި 25-19 އިންނެވެ. އިއްޔަގެ ދެ ވަނަ ސެޓް ކާމިޔާބު ކުރުމާ ވަރަށް ގާތަށް ރާއްޖެ ދިޔަ އެވެ. ބާވިސް ޕޮއިންޓް ހޯދައި މެޗު ނިންމާލުމާ ތިން ޕޮއިންޓް ކައިރިގައި އޮތް ރާއްޖޭގެ ޓީމަށް މައްސަލަ ކުރިމަތިވެ ސެޓް ގެއްލުނީ އެވެ.