ވާހަކަ

ދާނޭހެ ޔާދުން ހިތާއޭ

(20 އޯގަސްޓް 2019 އާ ގުޅޭ)

ވީޑިއޯ ކުރުން ހުއްޓާލައިފަ ހޭޒަލް ބަލާލި ވީރާ ބުނި ދިމާއަށެވެ. ހުޅުގަނޑުގެ އޮރެންޖު އަލިން ދުރުގައި އެ ހުރި ޒުވާނާގެ ފެންނަނީ އެއްފަޅިއެވެ. ހޭޒަލް ބަލަން ހުއްޓައި އޭނާ ދުރަށް ހިނގައިގެންފާ އަނެއްކާ ވެސް އެނބުރިއްޖެއެވެ. އެއާއެކު ތަނަށް ވެރިވެފައި އޮތް ހުޅުގަނޑުގެ އަލިން އެއީ ކާކުކަން ހޭޒަލްއަށް އެނގުނެވެ.

ހޭޒަލްގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އެ ޒުވާނާގެ ނަން ކިޔާލެވުނެއްކަމަކު މާޙައުލުގެ އަޑުފަށްގަނޑުގެ ތެރެއަށް އެ އަޑު ހިނދިގެން ދިޔައީއެވެ. ދުރުގައި އެހުރީ ހޭޒަލްގެ ރައްޓެއްސެއްކަން ވީރާގެ ކަންފަތް ދޮށުގައި ބުންޏެވެ. އަދި އޭނާއާއެކު އެ ޒުވާނާގެ ގާތަށް ދިއުމަށް ވީރާގެ ގާތުން އެދުނެވެ. ވީރާއަށް ވެސް އެ ޒުވާނާއަށް ބެލެނީ އޭނާއަށް ލިބިފައިވާ ރީތި ސޫރައިގެ ސަބަބުންނެވެ. ރީތިވުމަކީ ބޭއިޚްތިޔާރުގައި އަނެކުންގެ ސަމާލުކަން ހޯދާކަމެއްވިއްޔާއެވެ. ލިބުނު ފުރުޞަތުގައި އެއީކާކުތޯ އެނގެން ވީރާ ޝައުގުވެރިވިއެވެ. ހޭޒަލްއާއެކު ވީރާ ހިނގައިގަތީ އަމިއްލަ އެދުން ފަރުދާކޮށްގެންނެވެ. އެވަގުތު ޒައިދަން ނިކަން ބާރަށް ގޮވާލައިފިއެވެ. އަދި ވީރާގެ މުލައްދަނޑީގައި ހިފިއެވެ. މީހުންތަކު ތެރޭ ދެ އަންހެންކުދީން ދަނީ ކޮންތާކަށްތޯ އެނގެން ޒައިދަން ބޭނުންވިއެވެ. އެ ދެމީހުންވަނީ އޭނާގެ ބެލުމުގެ ދަށުގައިކަން އެނގޭތީއެވެ.

"ޒެއްލު ދައްތަގެ ފްރެންޑެއް ކައިރިއަށް" ވީރާ އަވަސްއަވަހަށް ބުނެލިއެވެ. ޒައިދަން ވަށައިގެން ބަލާލީ އެމީހަކު ކޮބާހޭ އަހާލާފަދައިންނެވެ. އެ ޒުވާނާ ހުރި ދިމާއަށް ހޭޒަލް އިޝާރާތްކޮށްލިއެވެ. ކުޑައިރުކޮޅަކަށް ޒައިދަންއަށް އެ ދިމާއަށް ބަލަން ހުރެވުނެވެ. އަދި ބޯޖަހާލައިފިއެވެ.

"އެ ރުއްކައިރީ ތިބޭނީ، އެހެންތަނަކަށް ނުދާތި" ވީރާއާއި ހޭޒަލްއަށް ބަލާލަމުން ޒައިދަން ބުންޏެވެ. އޭނާގެ ޢަމަލުތަކުން ވެސް އެއީ ހުރިހާ ކުދީންގެ ދޮންބެކަން ހެކި ދެއެވެ.

ނިކަން އަވަހަށް ޒައިދަން އެދުނު ގޮތާ ދެ އަންހެންކުދީން އެއްބަސްވެއްޖެއެވެ. ވީރާ ހިނިތުންވެލައި ހޭޒަލްއަށް ބަލާލަމުން އެ ޒުވާނާ ހުރި ދިމާއަށް ހިނގައިތީ ދެނެވެ. ދެތިން ފިޔަވަޅު އެޅެންވާއިރަށް ހޭޒަލްގެ އަތުގައި އޮތް އައިފޯނު ރިންގުވާން ފަށައިފިއެވެ. އިސްކުރީނުން އިނގިރޭސި އަކުރުން "ލަވް" ޖަހާފައި އޮތްތަން ފެނުނެވެ. ހުރިދިމާގައި ފިޔަވަޅު މަޑުކޮށްލުމާއެކު އަވަހަށް ފޯނު ނަގައި ކަންފަތުގައި ޖަހާލިއެވެ. އަދި ވީރާއާ ނަޒަރު ސީދާކޮއްލާ ސިއްރުން ލިއަމްގެ ނަން ކިޔާލިއެވެ. ގުޅީ ލިއަމްކަން ވީރާއަށް އެނގުނީ ދެނެވެ.

ފޯނުގެ އަނެއްކޮޅުން ވާހަކަދައްކަމުންދިޔަ ލިއަމްގެ އަޑުގައިވަނީ ނިދިބަރުކަމެވެ. އޭނާއަށް ރަނގަޅަށް ހޭލެވުނުކަމެއް ވެސް ނޭނގެއެވެ. ހޭޒަލްއަށް ގޮވާލީ ވެސް އަނގައިގައި ވަރުނެތިގެން އުޅޭހެނެވެ. ކޮޓަރިން ހޭޒަލް ނުފެނުމުން އޭނާ ހުރީ ކޮންތާކުތޯ ލިއަމް ސުވާލުކުރިއެވެ. އެއާއެކު ޢާއިލާގެ ދެންތިބި މެންބަރުންނާއި ތިމާކުދީންނާއެކު ޢީދު ހުޅުޖަހާތަން ބަލަން އައިސްކަން އުޅެނީ ހޭޒަލް ބުންޏެވެ. އޭނާގެ މި ވާހަކައިން ލިއަމްގެ އަޑު ކުއްލިއަކަށް ބަދަލުވިކަން ހޭޒަލްއަށް ފާހަގަކުރެވުނެވެ. އޭނާ އަވަސްއަވަހަށް އެއީ ކޮންދިމާއެއްތޯ އެއްސެވެ. ހޭޒަލްއަށް ކިޔައިދޭކަށް ނޭގުނެވެ. އެ ރަށަކީ އޭނާއަށް ވެސް ބީރައްޓެހި މާޙައުލެކެވެ. އެހެންވެ ފޯނު ކަންފަތުގައި ޖައްސާލައިގެން ހުރެ އަނެއްއަތުން ވީރާގެ އަތުގައި ހިފާ ދަމާލިއެވެ. އެނބުރި ޒައިދަންމެން ގާތަށް އައުމަށެވެ. ނަމަވެސް ހޭޒަލް ކުރަން ގަސްދުކުރި ކަންތައް ހަނދާންވުމުން ފަސްއެނބުރި ރުއްކައިރީ ހުރި ޒުވާނާ ހޯދާލިއެވެ. އޭނާއެއް ނެތެވެ. ވީރާއަށް މިކަން އެނގުމުން އޭނާ އަތުންކޮއްލި އިޝާރާއެކު އެ ޒުވާނާ ދިޔައީކަން ހޭޒަލްއަށް ނަގައިގަނެވުނެވެ. ފޯނުން ލިއަމްއާ ވާހަކަދައްކަމުން އައިސް ޒައިދަންގެ އަތަށް ހޭޒަލް ފޯނު ދިއްކޮށްލިއެވެ. އެމީހުން ތިބިތަން ލިއަމްއަށް ކިޔައިދޭން ހޭޒަލް އެދުނެވެ. އެމީހުންނާއެކު ތިބި ވަހީދާގެ ދޮށީ ދަރިފުޅު ނިކަން ތަފްސީލުކޮށް ރަށުގެ އެހިސާބު ކިޔައިދިނެވެ. އޭނާ ދައްކާ ވާހަކަ އަނގައިގަޔަށް ޒައިދަން އަޅައިދިނެވެ. އެހެންވިޔަސް ލިއަމްއަކަށް ނޭނގުނެވެ. އެކަންވާނީ އެހެންކަން ހޭޒަލްއަށް ކުރިން ވެސް އެނގެއެވެ. ރަށަކީ ލިއަމްގެ މަންމަގެ ރަށަށް ވިޔަސް އެ މާޙައުލަށް ހޭޒަލްއެކޭ ވަކި ތަފާތެއް ލިއަމް ނުވާނެކަން އެނގެއެވެ. އެންމެންގެ ދިރިއުޅުން އޮތީ މާލޭގައެވެ. ވީއިރު ރަށުގެ ކަންކަން އެނގޭނީ ކިހިނެއް ހެއްޔެވެ. އެންމެފަހުން ޒައިދަން އެދުނީ ގޭގައި ލިއަމް މަޑުކުރުމަށެވެ. ނިދާ މީހުންނަށް ވާނީ އެވަރުކަމަށޭ ބުނެ ދިމާކޮށްލިއެވެ. އަދި ގިނައިރެއްނުވެ އެނބުރި ދާނަންކަމާއި ހޭޒަލް ސަލާމަތުން ގެންގޮސްދޭނަމޭ ބުނެ ހިނިގަނޑެއް ޒައިދަން ޖަހާލިއެވެ. އޭނާ ދިއްކޮށްލި ފޯނުގައި ހޭޒަލް ހިފިއެވެ. ވަށައިގެންވާ ހިނގާ ކަންކަމަށްވުރެ ހޭޒަލްގެ ސަމާލުކަން ފޯނުން ވާހަކަދެއްކި ލިއަމް ހޯދައިފިއެވެ.

ޢީދު ހުޅާއެކު ޢީދުގެ އުފާވެރިކަން ފެށިއްޖެއެވެ. ދަންވަންދެން ރަށުގެ ޒުވާނުން ހޭލާ އުޅުނެވެ. ޢީދު ދުވަހަށް އަލިވިލުމާއެކު ވަކިން ރަށުތެރޭ ފޯރި ގަދައެވެ. ޢީދު ނަމާދަށް ޢާއިލާގެ ހުރިހާ ކުދީން ދިޔައެވެ. ހެނދުނަށް ގޭ ގޭގައި ގަދަޔަށް އޮތީ ސައި ހަދާފައެވެ. މާލެއިން ޢީދު ޗުއްޓީއަށް އަންނަ ގުރޫޕުތައް ރަށަށް އަރަން ފަށައިފިއެވެ. ސަޔަށް ގޮވާނުލާ ގެޔެއް މަދެވެ. ތިމާގެކަމާއި ރަޙުމަތްތެރިކަމުގެ ގާތް ގުޅުން މުޅި ރަށުން ފެންނަމުންދިޔައެވެ. ކޮންމެ މޫނަކުން ފެންނަނި ހިތްހެޔޮ ހިނިތުންވުން ތަކެވެ.

ވަހީދާގެ ފިރިމީހާ، ގާސިމާއި އެމީހުންގެ ދޮށީ ދެ ފިރިހެންކުދީންކަމަށްވާ ހުޝާމްއާއި ފާރިޝްއާއެކު ޝަމާޢިލް ދިޔައީ ކޯޑި ހަދާތަނެވެ. އެހެން ކުދީން ތައްޔާރުވަމުންދިޔައީ ކުލަޖެހުމުގެ ހަރަކާތްތައް ފެށުމަށެވެ. މާލެއިން އަންނަމުން ގެނައި ކުލަ ކޮތަޅުތައް ހިފައިގެން ޒައިދަން މެދު ގޯތިތެރެއަށް ނުކުތެވެ. އެންމެންވެސް ތިބީ ޢީދާ ގުޅޭ "ގްރެފީޓީ"އެއް ޖަހާފައިވާ ހުދު ޓީޝާޓުގައެވެ. ހެނދުނު ދިހައެއް ޖަހަންވީއިރު އަވަށްޓެރި ކުދީންތައް ގެއަށް ވަންނަން ފަށައިފިއެވެ. ފެންޖެހުމާއި ކުލަޖެހުމުގައި ދެ ޖިންސުގެ ޒުވާނުން ޝާމިލުވިއެވެ.

މަގުތައް މައްޗަށް ނުކުތުމާއެކު ކޮޅުކޮޅަށް ރަކިހިނި ހެމުން ދުވާ ޒުވާން ކުދީންތައް ފެނުނެވެ. އެމީހުންގެ އިތުރުން ހަރުފުރައިގެ މީހުންނާއި ކުޑަކުދީން ވެސް ކުލަޖެހުމާއި ފެންޖެހުމުގައި އުޅޭތަން ފެނުނެވެ. ޒައިދަންގެ ބުރަކަށް އެރި ފެނުގެ ހަމަލާއާއެކު ފަސް އެނބުރި ބަލާލެވުނެވެ. އޭރު ފެންޖަގެއް ހުސްކޮށްލައިގެން އަންހެންކުއްޖަކު ހެމުންހެމުން ދުވެ ރައްކާވަނީއެވެ. ހަރަކާތެއްކޮށްނުލެވިގެން އުޅެނިކޮށް ފެހިކުލައިގެ ކުނޑިތައް މޫނަށް ބުރައިގެން ހިނގައްޖެއެވެ. އެމީހަކު ދިޔައީ ޒައިދަންގެ ޓީޝާޓުގައި އަތް އުނގުޅާލާފައެވެ. ދެ ލޯ ފުހެލައި ބަލާލިއިރު ކުރިމަތީ ހޭން ހުރީ އިހު ފެނުނު ޒުވާން އަންހެންކުއްޖާއެއްނޫނެވެ.

"ޝަހީދާ ދައްތަ!..." މުހުސިނާގެ ކޮއްކޮ ފެނުމުން ޒައިދަންއަށް ބުނެލެވުނީ ހައިރާންކަމާއެކުއެވެ. އުމުރުން ދޮށީވެފައި މަންމަގެ ކޮއްކޮއަށްވާތީ އެ ފަދަ ޢަމަލެއް އޭނާގެ ފުށުން ފެނިދާނޭ ހީނުކުރެވުނީއެވެ. ލިއަމްގެ ލާނެތްކަން ފެށުނީ ދެނެވެ. ބަލާކަށް ނުހުރެ އަތުގައި އޮތް ފެންބަޑި އަމާޒުކޮށްލައި ކުލަތަކާއެކު ފެންތައް ޝަހީދާގެ ގަޔަށް ޖަހައިފިއެވެ.

ކުލަޖަހަމުން ދުވެދުވެފައި އުޅުނުއިރު ގެއާ ދުރަށް އެންމެންނަށް ތިބީ އާދެވިފައެވެ. އެޔެއްމިޔެއް ވަކިނުވާހާ މީހުންތައް ގިނައެވެ. ދަންނަމީހެއްތޯ ބެލުމެއްނެތެވެ. ފެންނަ ކޮންމެ މީހެއްގެ ގަޔަށް ކުލަފެން ޖަހައެވެ. މެންދުރުވީއިރު ވެސް އެއްވެސް ކުއްޖެއްގެ ޚަބަރެއް ނުވެގެން މުހުސިނާ ދޮރޯށި ދޮށަށް ނުކުތެވެ. ބަދިގޭގައި އުޅެފައި އައީމަ ހުރީ މޫނުމަތިން ހިސާބަކަށް ދާހިއްލާލާފައެވެ. އަޅާފައި ހުރި ޓީޝާޓު ފޮތީގެ ވަށްބުރުގާގެ ބައެއް ނަގައި އޭނާ މޫނު ފުހެލިއެވެ. އަދި މަގުގެ ދެފަރާތަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ. އެ ބޮޑު މަގުގައި އޭރު ވެސް ކުދީންތައް ދުވެދުވެފައި އޫޅޭތަން ފެނެއެވެ. ތޫލި އަޑުތަކުން ހޭޅަވަމުން ހުއްޓުމެއްނެތް ހުނުންތަކާއެކުއެވެ. އެމީހުންގެ ތެރެއިން އޭނާގެ ދަރީންނެއް ނުފެނުނެވެ. އިރުކޮޅަކު އެގޮތުގައި މަޑުކޮށްލައިގެން ހުއްޓާ މަގުކޮޅުން ދުވެފައި އަންނަ ބޮޑު ގުރޫޕު ފެނުނެވެ. އެންމެންގެ ކުރީން ވީރާއާއި ހޭޒަލް ފެނުނެވެ. މުހުސިނާއަށް ހިނިތުންވެވުނެވެ. ތަންކޮޅެއް ބޮޑަށް ދޮރޯށި ކައިރިން މަގުމައްޗަށް ނުކުތެވެ. ދުވެފައި އައި ހޭޒަލްއާއި ވީރާ ވަނީ މުހުސިނާގެ ފުރަގަހަށެވެ. މާނޭވާ ލަމުންނެވެ. އެމީހުންގެ ފަހަތުން ނުވެސް ދަންނަ ކުދިބަޔަކު ވެސް އުޅެއެވެ. ފެނުނު މަންޒަރު މުހުސިނާއަކަށް ކަމަކު ނުދިޔައެވެ. އެހެންނަމަވެސް އިރުކޮޅަކު އޭނާ ހިމޭނުން ބަލަން ހުއްޓެވެ.

ގުރޫޕުގަނޑާ ވަކިކޮށް ޒައިދަންގެ އަތުގައި ހިފާ ދަމަމުން ރަފާ އައެވެ. އެއްއަތުގައި އޮތް ކެމެރާއާ ނަޒަރު ވަކިވެ ކުރިމައްޗަށް ޒައިދަންގެ ނަޒަރު އަމާޒުވިއެވެ. މަންމަ ފެނުމުން ޒައިދަންގެ ސަކަރާތްޖެހުން ހުއްޓިއްޖެއެވެ. ހީވީ މަންމަގެ ކުރިމަތީ ކުޑަކުއްޖަކަށް އޭނާ ބަދަލުވީ ހެނެވެ. ނިކަން ބަސްއަހައިގެން ރަފާއާއެކު އައިސް މުހުސިނާ ގާތު މަޑުކޮށްލިއެވެ. ކިހިނެއްވެފައިތޯ ޒައިދަން އަހާލިއެވެ.

"މެންދުރު ނަމާދަށް ގޮވިކަން އެނގޭތަ؟ ގެޔަށް ނައިސްގެން މަންމަ މިނުކުތީ" މުހުސިނާ ބުނެލިއެވެ. ކަންތައް ގޯސްވެއްޖެކަން ޒައިދަންއަށް ވިސްނުނެވެ. އިތުރު އެއްޗެއް ބުނާކަށް އޭނާއަކަށް ނުކެރުނެވެ. ކުށްވެރިއެއް ފަދައިން ހަނުހުރީއެވެ.

އެންމެންގެ ސަމާލުކަން އަތުލީ އަންހެންކުއްޖަކު ހަޅޭލަވައިގަތް އަޑެވެ. ފެނުނު މަންޒަރުން އިތުރަށް މުހުސިނާގެ ޠަބީޢަތް ގޯސްވެއްޖެއެވެ. އޭނާގެ ނަޒަރު ފާރުކައިރީ ހުރި ހޭޒަލްއަށް ހުއްޓުނެވެ. ހޭޒަލްގެ ސަމާލުކަން ހުރީ ކާކަށްކަން ދެނެގަންނަން މުހުސިނާއަށް އުނދަގުލެއްނުވިއެވެ. އެހެންވެ އޭނާއަށް ވެސް ބަލާލެވުނީ އަންހެނުންތަކުގެ މެދުގައި ހުރި ލިއަމްއަށެވެ. އަންހެންކުއްޖެއްގެ އުނަގަނޑުގައި ބައްދައިގަނެގެން އޭނާ އަތުކޮޅަށް އުފުލާލަން ލިއަމް އުޅޭ ކަހަލައެވެ. ދެފަރާތުން ދެ އަންހެންކުއްޖަކު އޭނާގެ ގައިގާ ތަތްވެގަންނަން އުޅޭ ކަހަލައެވެ. ގާތުގައި ހުރި ޒައިދަންއަށް އޭނާގެ މަންމަގެ މޫނު ފެނުމާއެކު ދެ ލޯ ބޮޑުކޮށްލެވުނެވެ. އަވަސް އަވަހަށް ތަންކޮޅެއް ބާރަށް ލިއަމްއަށް އޭނާ ގޮވާލިއެވެ. ސަކަރާތުގައި ހުރި ލިއަމްއަށް އެ އަޑެއް ނީވެއެވެ. އޭނާ ހީނހީނފައި އެ އަންހެންކުދީންގެ މެދުގައި ހަރަކާތްތެރިވަމުންދިޔައީ އަތުގައި ޖެހުނު ކުއްޖެއްގެ ގައިގާ ހިކިކުލަ ހާކަމުންނެވެ. ޒައިދަން އަވަހަށް ކުރިއަށް ފިޔަވަޅު އަޅާލީ ލިއަމް ގޮވައިގެން އަންނާށެވެ. ނަމަވެސް އޭނާއަށް ހުރިހާކަމެއް މަނާވީ މުހުސިނާ އޭނާގެ އަތުގައި ހިފިވަގުތެވެ. ހަލުވި ފިޔަވަޅުގައި ކުރިއަށް ހިނގައިގަތް މުހުސިނާ ތަންކޮޅެއް ބާރަށް ލިއަމްއަށް ގޮވާލިއެވެ. ދެތިން ފަހަރަށް ގޮވާލުމުން ލިއަމްގެ ސަމާލުކަން އެ އަޑަށް ދެވުނެވެ.

"މަންމަ" ކުއްލިއަކަށް ހުއްޓުން އެރި ލިއަމްއަށް ބުނެވުނެވެ.

"މިހާރު ކުލަޖެހިއްޖެ... ދެން އާދޭ" މުހުސިނާ އަޑު މަޑުވިޔަސް އެ އަޑުގައިވި ނުރައްކާތެރި އިންޒާރު ލިއަމް ހިމޭންކުރުވައިފިއެވެ.

"ދަނީ... ޢީދު މުބާރިކު" ކުޑަކޮށް ހިނިތުންވެލަމުން ގާތުގައި އުޅުނު ކުދީންނަށް ލިއަމް ބުނެލިއެވެ. ހުއްޓުން އަރާފައި ތިބި އެ އަންހެންކުދީންތަކުގެ މޫނުތަކުން ނެތިގެން ދިޔަ ދިރުން އަލުން އަތުވެއްޖެ ކަހަލައެވެ.

"އޭތް!.... ޢީދު ނިމެންދެން މިރަށުގަ އުޅޭނެ ދޯ" ލިއަމް ދާން ހިނގައިގަތުމުން އަންހެން ކުއްޖަކު އަހާލިއެވެ. އޭނާއަށް ބަލާލާފައި ވެސް ލިއަމް ވަކި އެއްޗެއް ނުބުންޏެވެ. މަޑު ހިނގުމުގައި އައިސް މުހުސިނާއާ ލިއަމް ހަމަކުރަންވާއިރަށް އޭނާ ހިނގައިގަނެއްޖެއެވެ.

ގޭގެ ދޮރޯށިން އެންމެން ވަނީ މުހުސިނާގެ ފަހަތުންނެވެ. އެކަކަށް ވެސް ބާރަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. ވީކިހިނެއްތޯ ޒައިދަންގެ ގާތުން ލިއަމް އެހީ ލޮލުގެ އިޝާރާތުންނެވެ. ޒައިދަން ދަތްކުނޑިވިކާލައި ލިއަމްއަށް ލޯ އަޅާލިއެވެ. އޭނާގެ ކުށޭ ބުނާ ކަހަލައެވެ. އެމީހުންނާއެކު ނުކުތް ވަހީދާއާއި ޝަހީދާގެ ކުދީން ވެސް ތިބީ ހިމޭންވެފައެވެ. ކަމެއް ގޯސްވެއްޖެކަން އެންމެންނަށް ވެސް އެނގެއެވެ.

"ދޭ ފެންވަރަން... ކާން ލިބޭނީ ނަމާދުކޮށްގެން އައިމަ" ހުރިހާ ކުދީންނަށް ބަލާލަމުން މުހުސިނާ ބުންޏެވެ. އެއާއެކު ނިކަން ހަލުވިކޮށް އެންމެން މައިގޭ ތެރެއަށް ވަދެ ގެއްލިއްޖެއެވެ.

"ދައްތާ... ހާދަ ހަރުކަށިކޮއްލީ" ސިޓިންރޫމު ދޮރުމަތީ ގޯތިތެރެ ފެންނާނޭހެން ޝަހީދާ މަޑުކޮށްލައިގެން ހުއްޓެވެ. އޭނާއަށް މުހުސިނާ ބުނި އެއްޗަކާއި ހުރިހާ ކުދީން ހިމޭންވެފައި ތިބި ގޮތް ފެނުނެވެ.

"ކިތަންމެ ބޮޑުވިޔަސް ދަރީންވާނީ ދަރީންނަށް، ހެޔޮގޮތް ބުނެދޭން ޖެހޭނެ" މުހުސިނާ ބުންޏެވެ.

"އެވާނީ އެކުދީންނަށް އަޑުނީވުނީކަމަށް" ޝަހީދާ ބުނެލިއެވެ.

"ހަމައެކަނި އެޔެއްނޫން މައްސަލައަކީ، ފެންކުޅު ކުޅުނަސް ދެ ޖިންސުގެ ޒުވާނުން މަސްހުނިނުވެ އެކަން ކުރާނެނަމައޭ ހިތަށް އަރާ" މުހުސިނާގެ ހިތަށްވެފައި ހުރި އުނދަގުލާއެކު ބުނެލިއެވެ.

"އެއީ އެވަރުކަމެއްތަ؟... މިހާރުގެ ކުދީން އުޅޭނީ އެހެންނޭ، އެކަމާ އަޅާނުލާބަލަ، ދެން ހިނގާ އަހަންނާއެކު، ވަހިއްތަ އެބަ ހޯދާ ދައްތަ" ޝަހީދާއަށް މުހުސިނާގެ ވިސްނުން ހުރި ގޮތެއް ކަމަކު ނުދިޔައެވެ. އޭނާއަށް މުހުސިނާގެ ޢަމަލުތައްވީ މާ ބޯދާ ގޮތަކަށެވެ. ނަމަވެސް މުހުސިނާ އައިސް ހުންނަ ދެތިންދުވަހު އޭނާއާ ދެބަސްވުމުގެ ޚިޔާލެއް ޝަހީދާގެ ނެތެވެ. ކޮންމެ ގޮތެއް ވިޔަސް އެއީ އޭނާގެ އެއްބަނޑުއެއްބަފާ ދައްތައެވެ.

* * * * *

ހޭޒަލްގެ އިސްތަށިގަނޑު ދޮވެދޭން ލިއަމް ވެސް ހުރީ ފާޚާނާގައެވެ. މަންމަ ރުޅިގަދަވެފައި ހުރުމުން އެކަމާ ލިއަމް ވާހަކަދެއްކިއެވެ. ހޭޒަލް އިރުކޮޅަކު ހިމޭނުން ހުރެފައި ވާހަކަދެއްކިއެވެ.

"އެއީ ކޮންބައެއްތަ؟... އެމީހުން އުޅުނުގޮތުންކަން އެނގޭ މަންމަ ރުޅިއައީ" ހޭޒަލް ބުނެލިއެވެ.

"ނޭނގެ!... އެތަނުން ކުއްޖެއްބުނި ޢީދަށޭ އައީ" ލިއަމް ބުންޏެވެ.

"ލިއަމް ވެސް މާ ސަކަރާތްބޮޑީއޭ، އަންހެންކުދީންނާ އެހާ ގާތްކޮށް ސަމާސާކުރާކަށްނުވާނެ، އަންހެނުން ނިކަން ފާޑެއްވާނެ" ހޭޒަލްއަށް ބުނެވުނީ ފޫހިކަމާއެކުއެވެ.

"އެމީހުންނެއްނު ފެށީ... އަހަރެން ގޮސް އެމީހުންގެ ތެރެއަށް ވަނީކީނޫން" ލިއަމް ދިފާއުގައި ބުންޏެވެ.

"ލިއަމްގެ ހިތުގައި އެއްޗެއްނެތަސް އަނެކާގެ ހިތުގައި އޮންނަ އެއްޗެއް ނޭނގޭނެ" ހޭޒަލްއަށް ވެސް ފެނުނު މަންޒަރުން އަސަރުކޮށްފައި ވެއެވެ.

"ސޮރީ ބޭބީ، ދެން އެހެނެއްނުވާނެ، އިޓްސް މައި ފޯލްޓް... ވިސްނާނުލެވުނީ... ޒެއްލު ހިތްހަމަނުޖެހުނީތަ" ހޭޒަލްގެ އަޑަށް އައި ބަދަލު ލިއަމް ދެނެގަތެވެ.

ލިއަމްދެކެ ނުރުހުންވުމަކީ ހޭޒަލްއަށް މިހާތަނަށް ކުރެވުނުކަމެއްނޫނެވެ. އެހެންނަމަވެސް ހޭޒަލްއަށް ވެސް ލިއަމްއާއެކު އެތައް އަހަރުތަކެއް ހޭދަވީއިރު އޭނާގެ ކިބައިގައި ހުންނަ ނޭދެވޭ ސިފަތައް އެނގެއެވެ. މާބޮޑު ވިސްނުމެއްނެތި ލިއަމްއަކީ އަންހެންކުދީންނާ ސަމާސާ ކުރާ މީހެކެވެ. އެކަމުގެ ސަބަބުން އަނެކާއަށް ކުރާނޭ އަސަރާއި އޭނާއަށް ނުބައި މެސެޖެއް ދެވިދާނެތީ ލިއަމް ވިސްނައެއްނުލާނެއެވެ. ހަމައެއާއެކު ކަމެއް ވިސްނައިދީފިނަމަ ނިކަން އަވަހަށް ޤަބޫލުކޮށް ދެން އެހެންނުވާނޭ ބުނާނެއެވެ. އެކަމަކު އެކަން ހަނދާންހުންނަ ކަމަކަށްނުވެއެވެ. އެއީ އޭނާގެ މިޒާޖާއި ޠަބީޢަތުގައި ހުންނަ ކަމަކަށްވާތީ ބަދަލުކުރުން ފަސޭހަކަމަކަށްނުވާނޭ ހޭޒަލްއަށް ވެސް ޤަބޫލުކުރެވެނީއެވެ. އަނެއްކޮޅުން މިވީހާ ދުވަހު އޭނާގެ އިތުބާރު ގެއްލޭވަރުކަމެއް ލިއަމް ކޮށްފައެއް ވެސް ނެތެވެ. އޭނާއަކީ އެކަހަލަ ޒުވާނެއްނޫންކަން ދުވާލުގެ އަލިކަން ފަދައިން ހޭޒަލްއަށް ޤަބޫލުކުރެވެއެވެ. އެހެންވެ މައްސަލައަކީ ލިއަމްއެއްނޫނެވެ. މައްސަލައަކީ އޭނާގެ އެފަދަ ޢަމަލުތަކުން ފައިދާނަގާނޭ އަންހެނަކު ހުރެދާނެތީ އެކަމެވެ.

"އިޓްސް އޯކޭ... ދެން ވެސް އަވަސްކޮށްގެން ހިނގާ ނުކުންނަން، ދޮންބެއާއެކު ލިއަމްއަށް ނަމާދަށް ދެވޭނީ އޭރުން، ދެން މިއަދު ނުވާނެ ސަކަރާތް ބޮޑުކޮށްލައިގެން، އެހެން އަންނަ ގުރޫޕުތަކުގެ ދަޢުވަތު ޤަބޫލުނުކުރާތި، މަޖާކުރަން ބޭނުންވަންޏާ ޢާއިލާ ކުދީންނާއެކު އެމީހުންގެ ތެރޭގައި ސަކަރާތްޖަހާނީ" ހޭޒަލް ބުންޏެވެ.

"ޔެސް މޭމް" މަޖާވެލާފައި ލިއަމް ބުންޏެވެ.

* * * * *

އަޒްހަރާއި ގާސިމާއިއެކު ޝަމާޢިލް އިނީ ކާމޭޒު ދޮށުގައެވެ. އަޒުހަރަކީ ޝަހީދާގެ ފިރިމީހާއެވެ. ދެން ތިބީ ގާސިމުގެ ދެބެން ކަމަށްވާ ހުޝާމާއި ފާރިޝްއެވެ. ގޭތެރެއިން ދެންތިބި ކުދީން ނުފެންނަނީ ކީއްވެކަން ވާހީދާގެ ފަރާތުން ޝަމާޢިލްމެންނަށް އޮތީ އެނގިފައެވެ. ނަމާދުކޮށްގެން އެންމެން ގެއަށް ޖަމާވީއިރު ޝަމާޢިލްމެން ތިބީ ބަދިގެ ފަރާތު ހުސްބައިގައި ހުރި ޖޯލިފަތީގައެވެ. ވަހީދާއާއި މުހުސިނާ ކާގޭގައި ހަރަކާތްތެރިވަމުންދިޔައެވެ. ތަށިތަކުން މަދުވި ބައި ފުރާލިއެވެ. ހުރިހާ ކުދީންނަށް ތަށި އަތުރައިދީ ބިއްލޫރިތަށިތަކަށް ފަނި އަޅައިދިނެވެ.

ހަވީރާއި ރޭގަށް ރޭވިފައި އޮތް ކުޅިވަރުތަކުގެ ވާހަކަތައް ދެއްކީ ޝަހީދާގެ ފިރިހެން ދަރިފުޅު އަހުމެވެ. އޭނާއާ އެއްބައިވެ ވަހީދާ ވެސް ރަށުގައި ފޯރި ނަގާ ކުޅިވަރުތަކުގެ ވާހަކަ ދެއްކިއެވެ. ޚާއްޞަކޮށް ރެޔަށް ހަމަޖެހިފައި އޮތް ބޮޑުބެރުގެ ހަރަކާތްތައް ބަލަން ވަހީދާމެން ވެސް ދާން ގަސްދުކުރާކަން ހާމަކުރިއެވެ. ޢީދު ހަފުތާ ނިމެންދެން އެކިއެކި ކުޅިވަރުތައް ރަށުގައި އޮންނާނޭކަން ބުންޏެވެ. އާދެވުނު ފަހަރު ރަށުގެ ހުރިހާކަމެއް ބަލާލަން ދާންވާނޭކަމަށް ވަހީދާ އެދުނެވެ.

* * * * *

ޢީދުގެ ހަތަރުވަނައަށް ވީ ދުވަހެވެ. ހެނދު ދިހައެއް ޖަހަން ކައިރިވެއްޖެއެވެ. ރަށުގެ އެންމެ ރީތި މޫދު އޮންނަ ދިމާއަށް ދިއުމަށް ހއ.ކެލާ ސަންޝައިލް ވިލާގޭ ހުރިހާ އެންމެން ދަތުރު ފެށިއެވެ. ތެލިތަށިތައް ހިފައިގެންނެވެ. މެންދުރުގެ ކެއުން ވެސް އޮތީ އަތިރިމަތީގައެވެ. ޒައިދަން އިސްކަމެއް ދިނީ އޭނާގެ ކެމެރާ ކޮންމެހެން ވެސް ގެންނާށެވެ. ތިން އަހަރުގެ ޒަފްރާ ގޮވައިގެން ރަފާ ހުރީ ހޭޒަލްއާއި ވީރާއާއެކުއެވެ.

ހުރިހާ ފިރިހެނުންވެގެން ޓެންޓު ފަތުރާލައި އެ ހަރުކޮށް ނިންމައިފިއެވެ. އެއީ ހަމައެކަނި މަތި ހިޔާވާގޮތަށް ހުރި ޓެންޓެކެވެ. ޝަމާޢިލްއާއި މުހުސިނާއާ ދެ މީހުންވެގެން އެއްޗެހިތަކުގެ ތެރެއިން ނެގި ބޮޑު ދެ ކުނާ ގެނެސް ފަތުރާލިއެވެ. އޭގެ އެއްކޮޅުގައި ރަފާގެ އަތުގައި އޮތް ދަރިފުޅަށް ބޭނުންވާ އެއްޗެހި އެޅި ދަބަސް ބެހެއްޓިއެވެ. އަތިރިމަތީ މޫދަށް އެރެން އައިސް ތިބީ ހަމައެކަނި އެމީހުންނެއްނޫނެވެ.

"ލިއަމް... އެބަ އަންނަން އިނގޭ" ހޭޒަލް ދުރު ބަލަހައްޓައިގެން ހުރެ ބުންޏެވެ.

"ކޮންތާކަށް؟" ލިއަމް އަހާލިއެވެ.

"ދާރިއަން އެ ހުރީ، އޭނާ ވެސް މިކޮޅަށް އައިސްގެން އެބައުޅޭ" ހޭޒަލް ބުންޏެވެ. ލިއަމްއަށް ދާރިއަންއަކީ ހޭޒަލްގެ ރަޙުމަތްތެރިއެއްކަން އެނގެއެވެ. އެއަށްވުރެ އިތުރަށް އޮޅުންފިލުވުން މުހިންމުކަމަކަށް ލިއަމް ނުދެކެއެވެ. އޭނާ ހުއްދަ ދިނުމުން ހޭޒަލް ހިނގައިގަތީ ވެލިގަނޑު މަތީ އިށީނދެ މޫދަށް ނަޒަރު ހުއްޓާލައިގެން އިން ދާރިއަންގެ ގާތަށް ދިއުމަށެވެ.

(ނުނިމޭ)