ކުޅިވަރު

ދެ އަހަރުތެރޭ ނަތީޖާ ނެރެވޭނެ ޓީމެއް ބިނާ ކުރާނަން

ކުރިއަށް އޮތް ދެ އަހަރުތެރޭ ނަތީޖާ ނެރެވޭވަރުގެ ޓީމެއް ބިނާ ކުރާނެ ކަމަށް، 15 އަހަރުން ދަށުގެ ގައުމީ ޓީމުގެ ހެޑް ކޯޗް މުހައްމަދު ނިޒާމް ބުނެފި އެވެ.

ގަތަރުގައި ބާއްވާ، 15 އަހަރުން ދަށުގެ މުބާރާތެއްގައި ވާދަ ކުރަން ގަތަރަށް ފުރުމުގެ ކުރިން މިއަދު ހެދުނު މާލޭގެ ބަސް ޓާމިނަލްގައި އަވަސްއާ ވާހަކަ ދައްކަމުން ނިޒާމް ބުނީ، މި ވަގުތު ނަތީޖާއަށް ނުވިސްނާ ކަމަށާއި ކުރިއަށް އޮތް ދެ އަހަރު ކުރާ މަސައްކަތުން ވަރުގަދަ ޓީމެއް ބިނާ ކުރެވޭނެ ކަމަށެވެ.

"މި ޓީމާއެކު އަދި އަޅުގަނޑަށް މަސައްކަތް ކުރެވުނީ ހަތް ދުވަހު، ހުނަރުވެރިން ކުދިން އެބަތިބި، ދެ އަހަރު ތެރޭ ކުރެވޭ މަސައްކަތުން ނަތީޖާ ނެރެވޭނެ،" މި މަހު 15 އަހަރުން ދަށުގެ ޓީމާ ހަވާލުވި ތަޖުރިބާކާރު ކޯޗް ބުންޏެވެ. "މި މަސައްކަތުގެ ތެރޭ މި ޓީމަށް އާ ކުޅުންތެރިން އިތުރުވެގެން ދާނެ، އެ މަސައްކަތާއެކު ވަރުގަދަ ޓީމެއް އެކުލަވައިލެވޭނެ."

އެފްއޭއެމުން ނިޒާމް އާ ހަވާލު ކޮށްފައިވާ ޓާގެޓަކީ 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ވަރުގަދަ ޓީމެއް ތައްޔާރު ކުރުމަށެވެ. ނިޒާމް އާ މަސައްކަތް ހަވާލު ކޮށްފައިވަނީ ޓީމުގައި ތިބި ކުޅުންތެރިން މައްޗަށް ދާވަރަކަށް މި އެ ކުޅުންތެރިންނާއެކު ނިޒާމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ގޮތަށެވެ.

އިންޑީއާގައި މިހާރު ކުރިއަށްދާ، ސާފް ޗެމްޕިއަންޝިޕްގެ 15 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖެއިން ބައިވެރި ނުވެ އެވެ. އެފްއޭމުން ބުނީ އެ މުބާރާތުގައި ވާދަ ނުކުރީ ގަތަރުގައި ބާއްވާ 15 އަހަރުން ދަށުގެ މުބާރާތުގައި ވާދަކޮށް ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ރާއްޖޭގެ ޓީމަށް ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.

"ކުރިއަށް އޮތް މުބާރާތަށް ވަރަށް ކުރު މުއްދަތެއްގެ ތެރޭ ތައްޔާރުވާން މި ޖެހުނީ އެ މުބާރާތުގައި އަޅުގަނޑަކަށް ހުރިހާ ކަމެއް ނުކުރެވޭނެ،" ނިޒާމް ބުންޏެވެ. "އެހެންނަމަވެސް އިރާދަ ކުރެއްވިއްޔާ މިއަދުން ފެށިގެން ބަލަމާ ހިނގާ އަހަރެއް ނުވަތަ ދެ އަހަރު ދުވަސް ތެރޭގައި މި ޓީމުގެ ނަތީޖާއާއެކު ދެން އަޅުގަނޑު ވާހަކަ ދައްކާއިރު ބަލަމާ ހިނގާ ކޮން ކަހަލަ ތަފާތެއް ތޯ ހުރީ."