ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމި ނިންމުމުގައި އެ ކޮމިޝަންގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ޒާތީ މަސްލަހަތު އެބަ އޮތް ކަމަށް ފަނޑިޔާރުގެ ވަކީލުން ސުޕްރީމް ކޯޓުގައި ވިދާޅުވެއްޖެ އެވެ.
ޖޭއެސްސީއިން ފަނޑިޔާރު ދީދީ ސަސްޕެންޑްކުރި މައްސަލާގައި އޭނާގެ ފަރާތުން ސުޕްރީމް ކޯޓަށް ވަނީ ދުސްތޫރީ މައްސަލައެއް ހުށަހަޅުއްވަވާފަ އެވެ. އެއީ ސަސްޕެންޝަން އުވާލުމަށެވެ. ޖޭއެސްސީއިން ދީދީ ސަސްޕެންޑްކުރިއިރު ރިޝްވަތުގެ ތުހުމަތެއްކޮށް ރައީސް ނަޝީދު އޮތީ ޖޭއެސްސީއަށް ދީދީގެ މައްސަލައެއް ހުށަހަޅުއްވާފަ އެވެ.
މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި މި މައްސަލާގެ ފުރަތަމަ އަޑުއެހުމުގައި ފަނޑިޔާރު ދީދީ ވަކީލް ހައްމަދު ސަލީމް (ރޭނިސް ސަލީމް) ވިދާޅުވީ ފަނޑިޔާރު ދީދީގެ މައްޗަށް ތުހުމަތުވާ ރިޝްވަތުގެ މައްސަލައަކީ ރައީސް ނަޝީދު 13 އަހަރަށް ޖަލަށްލުމަށް ހުކުމްކުރި މައްސަލައާ ގުޅޭ މައްސަލައެއް ކަމަށެވެ. އެ ހުކުމް އިއްވުމުގެ ބެންޗުގައި ފަނޑިޔާރު ދީދީ ހިމެނިވަޑައިގަންނަވަ އެވެ.
ސަލީމް ވިދާޅުވީ ޖޭއެސްސީ މެންބަރެއްގެ ގޮތުގައި އެ މައްސަލަ ރައީސް ނަޝީދު ހުށަހެޅުއްވީ ޒާތީ ގޮތެއްގައި ކަމަށް ކަމަށާއި އެކަން އެގޮތަށް ނުކުރެއްވޭނެ ކަމަށެވެ. ފަނޑިޔާރު ދީދީ ސަސްޕެންޑްކުރި ޖަލްސާގައި ރައީސް ނަޝީދުގެ އިތުރުން އެކަމުގައި މަސްލަހަތު އޮތް އެހެން ތިން ބޭފުޅުން ވެސް ބައިވެރިވިކަން ސަލީމް ފާހަގަކުރެއްވި އެވެ. އެއީ މިހާރުގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި މަޖިލީހުން ޖޭއެސްސީއަށް ކަނޑައަޅާފައިވާ މެންބަރު ހިސާން ހުސެއިނާއި ރައީސްގެ މެންބަރު މަސްތޫރު ހުސްނީ އެވެ. އެ ތިން ބޭފުޅުންނަކީ ރައީސް ނަޝީދުގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގެން ތިން ބޭފުޅުންނެވެ.
ރައީސް ނަޝީދުގެ މައްޗަށް ހުކުމްކުރިތާ ހަ އަހަރުވެފައިވާއިރު މިވީހާ ދުވަހު އެފަދަ އެއްވެސް މައްސަލައެއް އެއްވެސް ތަނަކަށް ރައީސް ނަޝީދުގެ ފަރާތުން ހުށަހަޅާފައިނުވުމަކީ މި މައްސަލައަކީ "ޔޯލަ" ވާހަކަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މައްސަލައެއްކަން އެނގޭ ކަމެއް ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.
ސަލީމް އިތުރަށް ވިދާޅުވީ ރައީސް ނަޝީދު، ފަނޑިޔާރު ދީދީއަށް ކުރައްވަނީ ޖިނާއީ ތުހުމަތެއް ކަމަށާއި ޖިނާއީ އިޖްރާއާތުގެ އުސޫލުތަކުގެ ތެރެއިން މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައިނެތް ކަމަށެވެ. އެހެންވެ އެ މައްސަލާގައި ޖޭއެސްސީއަށް ނިިންމުމެއް ނުނިންމޭނެ ކަމަށެވެ. ފަނޑިޔާރުގެ ޖިނާއީ މައްސަލައެއް ނުބަލާކަން ފުލުހުން އަންގާފައިވާ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ. މީގެއިތުރުން ފަނޑިޔާރު ސަސްޕެންޑްކުރީ އޭނާގެ ބަހެއް ހޯދުމެއް ނެތި ކަމަށާއި މައްސަލަ ބަލާކަން ވެސް އަންގާފައިނުވާ ކަމަށް ސަލީމް ވިދާޅުވި އެވެ. އެހެންވެ ސަސްޕެންޝަން ބާތިލްކޮށް ދިނުމަށް ސަލީމް އެދިވަޑައިގެންނެވި އެވެ.
ސަސްޕެންޑްކުރީ ނަޝީދު ހުށަހެޅި މައްސަަލައަކު ނޫން
ޖޭއެސްސީގެ ވަކީލެއްގެ ގޮތުގައި ވަޑައިގެންނެވި އެތަނުގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ ފަނޑިޔާރު ދީދީ ސަސްޕެންޑްކޮށްފައިވަނީ ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލައާ ގުޅިގެން ނޫން ކަމަށެވެ. އޭނާ ސަސްޕެންޑްކުރީ ފުލުހުން މައްސަލައެއް ބަލަމުންދާކަން ޖޭއެސްސީއަށް އެންގުމުން ޖޭއެސްސީގެ ގަވައިދުގެ ދަށުން އެކަމުގައި ގޮތެއް ނިންމަން ލާޒިމްކުރާތީ ކަމަށެވެ. އެ ހާލަތުގައި ފަނޑިޔާރުގެ ބަހެއް ހޯދުމަށް ގާނޫނު ލާޒިމް ނުކުރާ ކަމަށް ވެސް ޒަހީން ވިދާޅުވި އެވެ.
މީގެއިތުރަށް ޒަހީން ވިދާޅުވީ ހުރިހާ ފަނޑިޔާރުންގެ މައްސަލަތައް ބެލުމުގެ ބާރު ވެސް ޖޭއެސްސީއަށް އޮންނާނެ ކަމަށާއި ކޮންމެ ފަނޑިޔާރަކާ ގުޅޭ މައްސަލައެއް ހުށަހަޅަން ކޮންމެ މީހަކަށް ވެސް ފުރުސަތު އޮންނާނެ ކަމަށެވެ. އަދި މައްސަލައެއް ހުށަހެޅިއްޖެނަމަ އެ މައްސަލައެއް ބެލުމަކީ ޖޭއެސްސީގެ ގާނޫނީ ވާޖިބެއް ކަމަށެވެ.
ޒަހީން ވަނީ ފަނޑިޔާރު ދީދީއަށް އަޅާފައިވާ ފިޔަވަޅު ހުއްޓުވައި އެ މައްސަލަ ބެލުން އެއްވެސް ފަރާތަކަށް ނުުހުއްޓުވޭނެ ކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓުގައި އެދިވަޑައިގެންފަ އެވެ.
ފަނޑިޔާރުންގެ ސުވާލުތަކެއް ޖޭއެސްސީއަށް
ޖޭއެސްސީގެ ވާހަކަތަކާއެކު ފަނޑިޔާރުން ސުވާލުތަކެއް އަމާޒު ކުރެއްވި އެވެ. އެގޮތުން ފަނޑިޔާރު ދީދީ ސަސްޕެންޑްކުރި ޖަލްސާގައި ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލަ އެޖެންޑާކޮށްފަ އޮތް ނޫންތޯ އެއްސެވި އެވެ. ޖަވާބުގައި ޒަހީން ވިދާޅުވީ އެ މައްސަލަ އެޖެންޑާކޮށްފަ ކަމަށާއި ނަމަވެސް ފަނޑިޔާރު ސަސްޕެންޑްކުރަން ނިންމީ ފުލުހުން ފޮނުވި ސިޓީއަށް ރިއާޔަތްކޮށް ކަމަށެވެ.
ސަސްޕެންޑްކުރުމުގެ ދެ ދުވަސް ކުރިން ފުލުހުން ވަނީ ފަނޑިޔާރު ދީދީގެ މައްސަލައެއް ނުބަލާ ކަމަށް އޭނާއަށް އަންގާފަ އެވެ. އެހެންވެ އެކަމާ ގުޅިގެން ފަނޑިޔާރުން ސުވާލު ކުރެއްވި އެވެ. ފުލުހުން މައްސަލަ ބަލަން ފެށީ ކޮން އިރަކުތޯ އެއްސެވި އެވެ. ޒަހީން ވިދާޅުވީ އެ މައުލޫމާތު ނޭނގޭ ކަމަށެވެ.
މައްސަލާގެ އަޑުއެހުން މިއަދު ކުރުކޮށްލީ މައްސަލާގައި ހިމެނޭ ބައެއް ވަކީލުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކުރިމިނަލް ކޯޓުގެ އަޑުއެހުމަށް ވަޑައިގަންނަވަން ޖެހޭތީ އެކަމަށް ވަގުތު ދިނުމަށެވެ. މައްސަލާގެ އިތުރު އަޑުއެހުމެއް އެހެން ދުވަހަކަށް ތާވަލުކުރާނެ އެވެ.
މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އަދި ފަނޑިޔާރު އަބްދުލްގަނީ މުހައްމަދެވެ.
މި މައްސަލާގައި މީގެކުރިން ވަނީ ވަގުތީ އަމުރެއް ނެރެފަ އެވެ. އެ އަމުރުގައި ސަސްޕެންޝަން ފަަސްކޮށް މައްސަލާގެ ޝަރީއަތް ނުނިމެނީސް ޖޭއެސްސީއިން ނިންމާފައިވާ ނިންމުމާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުން އަމުރުކުރި އެވެ.
އެހެންވެ އޭގެ ފަހުން ފަނޑިޔާރު ވަނީ ކޯޓުގެ މަސައްކަތަށް ނުކުންނަވާފަ އެވެ. ނަމަވެސް ޖޭއެސްސީއިން ވަނީ އެ ވަގުތީ އަމުރަށް ތަބާނުވާން ނިންމާފަ އެވެ. އަދި ފަނޑިޔާރު ދީދީގެ ތަހުގީގު ކޮމިޝަނުން ކުރިއަށް ގެންދިޔަ އެވެ.
ހުޅުވާލައިގެން ފަނޑިޔާރު ދީދީގެ ތަހުގީގު ކޮމެޓީ ކުރިއަށް ގެންދިޔަ އެވެ. އެ ކޮމެޓީ ބައްދަލުވުމުގައި ފަނޑިޔާރަށް ގިނަ ތުހުމަތުތަކެއް އަމާޒުވި އެވެ. ނަމަވެސް ތުހުމަތުތަކަށް އެއްވެސް ޖަވާބެއް އެ ދުވަހު ނުދެއްވި އެވެ. ފަހުން ފަނޑިޔާރު ވަނީ ލިޔުމުން ކޮމިޝަނަށް ޖަވާބު ހުށަހަޅުއްވާފަ އެވެ.
ޖަވާބު ހުށަހެޅުއްވުމަށްފަހު ފަނޑިޔާރު ދީދީ ރާއްޖެއިން ފުރާވަޑައިގެންވި އެވެ. މަސް ދުވަހަށް ވަޑައިގެންނެވި ނަމަވެސް މިހާރު ވަނީ އެއަށްވުރެ ގިނަ ދުވަސްވެފަ އެވެ. ރާއްޖެއިން އެނބުރި ފަނޑިޔާރު ވަޑައިނުގަންނަވާއިރު އަމިއްލަ އެދިލެއްވުމަށް އޭނާގެ ޑިޕްލޮމެޓިކް ޕާސްޕޯޓް ވެސް ވަނީ ކެންސަލްކޮށްފަ އެވެ.
ސަސްޕެންޑްކޮށްފައިވާ ފަނޑިޔާރު ދީދީ ގިނަ މައްސަލަތަކެއް މިހާރު ވެސް ޖޭއެސްސީއިން ބަލަމުންދާއިރު ސަސްޕެންޑް ކުރި މައްސަލާގެ ތަހުގީގު ނިންމައި އޭނާ ފަނޑިޔާރު ކަމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ތަހުގީގު ކޮމެޓީއިން ވަނީ ލަފާ ދީފަ އެވެ. ކޮމެޓީގެ އެ ރިޕޯޓަށް ޖަވާބުދާރީވާން މިހާރު ފަނޑިޔާރު ދީދީއަށް ވަނީ ފުރުސަތު ދީފަ އެވެ.