ހަބަރު

ބަލަނީ ކޯޓުގެ އަމުރަށް، ދީދީ މަސައްކަތަށް ނުކުންނަވާ: ޑީޖޭއޭ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން މައްސަލާގައި އަމަލު ކުރަނީ ސުޕްރީމް ކޯޓުން ނެރެފައިވާ ވަގުތީ އަމުރަށް ކަމަށާއި ފަނޑިޔާރު މިހާރުވެސް މަސައްކަތަށް ނުކުންނަވާ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފި އެވެ.

ޑީޖޭއޭގެ ތަރުޖަމާނު ފައިސަލް އާދަމް ވިދާޅުވީ ސުޕްރީމް ކޯޓުން އަމުރެއް ނެރެފައި އޮތުމުން އަމަލު ކުރަމުން ދާނީ އެ އަމުރަށް ކަމަށެވެ. އެ އަމުރުގައިވާ ގޮތުން ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޝަން ފަސް ކޮށްފައި ވާތީ ފަނޑިޔާރު މިހާރު ވެސް މަސައްކަތަށް ނުކުންނަވާ ކަމަށެވެ.

ފަނޑިޔާރު އަބްދުﷲ ދީދީ ބައްލަވާ މައްސަލައެއްގެ ޝަރީއަތެއް މާދަމާއެއް ވަނީ ތާވަލް ވެސް ކޮށްފަ އެވެ. އެއީ އަމިއްލަ ދެ މީހެއްގެ މެދުގައި ކުރިއަށްދާ ފައިސާ ހޯދުމުގެ މައްސަލައެކެވެ.

ޖޭއެސްސީއިން ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރަން ނިންމީ އޭނާއާ ދެކޮޅަށް ފުލުހުން ތަހުގީގު ކުރަމުންދާ ރިޝްވަތުގެ މައްސަލައާ ގުޅިގެންނެވެ. އެ މައްސަލަ ތަހުގީގު ކުރުމަށް އެދިވަޑައިގެންފައިވަނީ ޖޭއެސްސީގައި ވެސް އިންނަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ މައްސަލާގައި ތުހުމަތު ކުރަނީ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޖަލު ހުކުމެއް އިއްވުމަށް އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ނެންގެވި ކަމަށެވެ. ފަނޑިޔާރު ދީދީ އޭރު ހުންނެވީ ކުރިމިނަލް ކޯޓުގަ އެވެ. އެ ތުހުމަތު އަބްދުﷲ ދީދީ ދޮގު ކުރައްވާފައިވާއިރު އެ މައްސަލަ ފުލުހުން ވެސް ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީއިން ނިންމުމުން ފަނޑިޔާރު ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅުއްވައި އެ ސަސްޕެންޝަން ބާތިލް ކުރުމަށް އެދިވަޑައިގެންފަ އެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރުގައި އެންގީ ސަސްޕެންޝަން ފަސްކުރުމަށާއި އެ މައްސަލާގެ އެއްވެސް އިތުރު އިޖުރާއަތެއް ކުރިއަށް ނުގެންދިޔުމަށެވެ.

ނަމަވެސް އަމުރު ނެރުމުން ޖޭއެސްސީގެ ކުއްލި ބައްދަލުވުމެއް ބާއްވައި ސުޕްރީމް ކޯޓުގެ އަމުރަކީ ޖޭއެސްސީގެ މަސައްކަތަށް ހުރަސް އަޅައި އަމުރެއް ކަމަށް ކަނޑައަޅައި އެ އަމުރު ގަބޫލު ނުކުރަން ނިންމި އެވެ. އަދި ފަނޑިޔާރު ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ ކަމަށް ނިންމި އެވެ. އެ ނިންމުމާއެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި އެހެން ކޯޓުތަކުގެ އިސް ފަނޑިޔާރު އެކުލެވޭ ޖުޑިޝަލް ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ވެސް ބޭއްވި އެވެ. ނަމަވެސް އެ ބައްދަލުވުމުގެ ނިންމުންތަކެއް ހާމައެއް އަދި ނުކުރެ އެވެ.