އިސްލާމިކް ބޭންކް

އެމްއައިބީގެ ހިއްސާއަށް ކައުންސިލްތަކުން ބޮޑު ތަރުހީބެއް

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ހިއްސާ ގަންނަން ހަ ކައުންސިލަކުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

އެމްއައިބީގެ ހިއްސާ ގަންނަން މިހާތަނަށް ޝައުގުވެރިކަން ފާޅުކުރީ އައްޑޫ އަތޮޅު ކައުންސިލާއި ފުވައްމުލަކު ކައުންސިލާއި ބ.އަތޮޅު ކައުންސިލާއި ށ.އަތޮޅު ކައުންސިލާއި ނައިފަރު ކައުންސިލުގެ އިތުރުން އޭދަފުށީ ކައުންސިލުންނެވެ.

އެންމެ ގިނަ ހިއްސާ ގަންނަން މިހާތަނަށް ޝައުގުވެރިކަން ފާޅުކުރި ކައުންސިލަކީ ށ. އަތޮޅު ކައުންސިލެވެ. އެ އަތޮޅު ކައުންސިލުން ވަނީ ތިން މިލިއަން ރުފިޔާގެ ހިއްސާ ގަންނަން ނިންމާފަ އެވެ. އައްޑޫ ކައުންސިލުން 700 ލައްކަ ރުފިޔާގެ ހިއްސާ ގަންނަން ނިންމާފައިވާއިރު ބ. އަތޮޅު ކައުންސިލުން ވަނީ 1.75 މިލިއަން ރުފިޔާގެ ހިއްސާ ގަންނަ ނިންމާފައި އެވެ. މީގެ އިތުރުން ނައިފަރު ކައުންސިލާއި އޭދަފުށީ ކައުންސިލުން ވެސް ވަނީ 700 ލައްކަ ރުފިޔާގެ ހިއްސާ ގަންނަން ނިންމާފަ އެވެ.

އެމްއައިބީއިން ބުނި ގޮތުގައި އެ ކުންފުނީގެ ހިއްސާ އަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

އެ ބޭންކުން ވަނީ ހިއްސާ ވިއްކައިގެން 244 މިލިއަން ރުފިޔާ ހޯދަން ޓާގެޓް ކޮށްފަ އެވެ. އެއީ ޖުމަލް ހިއްސާގެ ތެރެއިން 31 ޕަސެންޓް ވިއްކަން ނިންމާފައިވަނީ ޕަބްލިކް އަށެވެ.

އެ ބޭންކުން ވަނީ ހިއްސާ ގަންނަން ބޭނުންވާ ފަރާތްތަކުގެ ފޯމް ބަލައިގަންނަން ކަލެކްޝަން ސެންޓަރެއް ހުޅުވައިފަ އެވެ. ކަލެކްޝަން ސެންޓަރު ހުންނާނީ މެޑިކާ ހޮސްޕިޓަލު ކުރިމަތީގައި ހުންނަ މ. ފާމުދޭރި ބިލްޑިންގު ގައެވެ. އަދި އެ ބޭންކުގެ ހިއްސާގެ ފޯމް ހެޑް އޮފީހުން ވެސް މިހާރު ބަލައިގަނެވޭނެ އެވެ. ހިއްސާ ގަތުން ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާއިފަވެ އެވެ.