ހަބަރު

އަންހެނުން ފަނޑިޔާރުކަން ކުރުމަކީ ހުއްދަކަމެއް ނޫން: ފަތުވާ މަޖިލިސް

އަންހެނުން ފަނޑިޔާރުކަން ކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށް އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުން ބުނެފި އެވެ.

ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ދެ އަންހެން ބޭފުޅަކު އައްޔަން ކުރުމާއި މެދު ލަފަޔަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަނުގައި އެދިވަޑައިގެންފަ އެވެ. އެކަމާއި ގުޅިގެން ގިނަ އަދަދެއްގެ އިލްމުވެރިން ވަނީ އަންހެނުން ފަނޑިޔާރުކަން ކުރުމަކީ ހަރާމް ކަމެއް ކަމަށާއި، އެ ނިންމުން ބަދަލު ކުރަން ރައީސަށް އިލްތިމާސް ކޮށްފަ އެވެ.

ސަރުކާރުން އެފަދަ ވިސްނުމެއް ގެންގުޅޭ އިރު، އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުން އަންހެނުން ފަނޑިޔާރުކަން ކުރުމާބެހޭ ގޮތުން މިދިޔަ ޖުލައި މަހުގެ 9 ވަނަ ދުވަހު ނެރެފައިވާ ފަތުވާއެއް ވަނީ އާންމުވެފަ އެވެ.

އިސްލާމީ ފަތުވާދޭ އެންމެމަތީ މަޖިލީހުން ނެރެފައިވާ އެ ފަތުވާގައި ބުނެފައިވަނީ އެ މަޖިލީހުން ކީރިތި ގުރުއާނާއި، ކީރިތި ރަސޫލާގެ ސުންނަތާއި، އިލްމުވެރިންގެ އިޖުމާއު އާއި، ޢިލްމުވެރިންގެ ބަސްފުޅުތަކުގެ އަލީގައި، އަންހެނުން ފަނޑިޔާރުކަން ކުރުމާއި ބެހޭ ގޮތުން އިސްލާމީ ޝަރީއަތުގައި އޮންނަ ގޮތް ހޯދަން ކުރި ދިރާސާއިން ހާމަވެ އެނގުނީ، އަންހެނުން ފަނޑިޔާރުކަން ކުރުމާބެހޭ ގޮތުން، އިސްލާމީ ޝަރީއަތުގައި ތިން ރައުޔެއް އޮންނަ ކަމެވެ.

ފުރަތަމަ ރައުޔު

ފަތުވާދޭ އެެންމެ މަތީ މަޖިލީހުގެ ފަތުވާގައި ވާގޮތުން ފުރަތަމަ ރައުޔަކީ، ސުންނަތް ޖަމާއަތުގެ ހަތަރު މަޒުހަބު ކަމުގައިވާ މާލިކީ މަޒްހަބާއި، ޝާފިއީ މަޒްހަބާއި، ހަންބަލީ މަޒްހަބާއި، ހަނަފީ މަޒްހަބުގެ ގިނަ އިލްމުވެރިންނާއި، ސުންނަތް ޖަމާއަތުގައި ނުހިމެނޭ ޝީއާއިންގެ އަލްއިމާމިއްޔާއިންނާއި، ޝީއާއިންގެ ޒައިދީންނާއި، ހަވާރިޖުންގެ ތެރޭގައި ހިމެނޭ އިބާއީންގެ ރައުޔެވެ. އެ ރައުޔުގެ ހުލާސާއަކީ، އެއްވެސް ކަހަލަ ގަޒިއްޔާއެއްގައި، އެއީ މުދަލާއި ގުޅޭ ކަމަކަށް ވިޔަސް ނުވަތަ ގިސާސާއި، ހައްދުތަކާއި ގުޅުންހުރި ކަމެއްކަމުގައި ވިޔަސް، އަދި އެނޫން މައްސަލައެއް ކަމުގައި ވިޔަސް، އެ މައްސަލަތައް ބަލައި ހުކުމް ކުރުމަށް، އަންހެނަކާ ހަވާލު ކުރުމީ ހުއްދަ ނޫން ހަރާމް ކަމެކެކެވެ. އަދި އެކަމުގައި ހަވާލުކުރި މީހާއާއި ހަވާލު ކުރެވުނު މީހާ ފާފަވެރިވާނެ ކަމަށާއި އެ ހުކުމަކީ، ހައްގަށް ވާސިލް ވިޔަސް ތަންފީޒު ނުކުރެވޭނެ ހުކުމެއް ކަމަށެވެ.

ދެވަނަ ރައުޔު

ދެވަނަ ރައުޔަކީ، އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ހައްދުތަކާއި، ގިސާސް ހިފުމުގެ ގަޒިއްޔާތައް ފިޔަވައި އެހެން ހުރިހާ އެއީ މާލީ މައްސަލަތަކާއި އަންހެނުން އާދަކޮށް ދެކެއުޅޭ މައްސަލަތަކާއި، އަދި އެނޫނަސް އެފަދަ މައްސަލަތަކުގައި އަންހެނުންނަށް ފަނޑިޔާރުކަން ކުރެވިދާނެ ކަމަށް ބުނާ ރައުޔެވެ. އެއީ ހަނަފީ މަޒްހަބުގެ މަދު އިލްމުވެރިންގެ ރައުޔެވެ. މިގައުމުގެ އިލްމުވެރިންގެ ދަލީލަކީ އަންހެނާގެ ހެކިބަސް ގަބޫލު ކުރެވޭ ކަންކަމުގެ މައްޗަށް ގިޔާސްކޮށް، އެކަން ކަމުގައި އޭނާއަށް ހުކުމް ކުރުމުގެ އިހުތިޔާރު އޮތުމެވެ.

ކީރިތި ގުރްއާނުގެ ބަގަރާ ސޫރަތުގެ 282 ވަނަ އާޔަތުގައި، މާލީ ކަންކަމުގައި، ފިރިހެނަކާއި ދެ އަންހެނުންގެ ހެކިބަސް ގަބޫލު ކުރެވޭ ގޮތަށް އޮތުމުން، އަންހެނުންނަށް، ހައްދުތަކާއި، ގިސާސް ހިފުމުގެ ގަޒިއްޔާތައް ފިޔަވައި، އެހެން ހުރިހާ މައްސަލަތަކެއްގައި ފަނޑިޔާރުކަން ކުރެވޭނެ އެވެ. އެއީ މާލީ ކަންތައްތަކާއި އަންހެނުން އާދަކޮށް ދެކެއުޅޭ ކަންތައް ކަމުގައިވާ ހައިޟު ނިފާސާއި، ބަލިވެ އިނުމާއި، ކިރުދިނުމާއި، އިއްދާގައި އިނުމުގެ މައްސަލަތައްފަދަ މައްސަލަތަކެވެ.

ތިން ވަނަ ރައުޔު

ތިންވަނަ ރައުޔަކީ، އިސްތިސްނާއެއް ނެތި ހުރިހާ ބާވަތެއްގެ މައްސަލަތަކެއްގައި، އަންހެނުންނަށް ފަނޑިޔާރުކަން ކުރެވޭނެ ކަމަށް ބުނާ ރައުޔެވެ. މި ރައުޔުގެ ވެރިޔަކީ އަލްއިމާމުއް ތަބަރީ އެވެ. މި ރައުޔަށް ތާއީދުކުރާ އެއްވެސް ދަލީލެއް ނެތެވެ. އަދި މިއީ އަލްއިމާމުއް ތަބަރީގެ ރައުޔެއްކަން އެނގޭ އެއްވެސް ލިޔުމެއް ނެތެވެ. އޭނާއަކީ، ތަފްސީރާއި ތާރީހުގެ ގިނަ ފޮތްތަކެއް ލިޔުއްވާފައިވާ އިލްމުވެރިއެކެވެ. އެހެންކަމާއެކު ވެސް އެއިން އެއްވެސް ފޮތެއްގައި މި ރައުޔުގެ ވާހަކަ ލިޔުއްވާފައެއް ނުވެއެވެ.

އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުން ބުނީ ތަރްޖީހު ކުރުން އަންހެނުން ފަނޑިޔާރުކަން ކުރުމާއި ބެހޭގޮތުން، ނެރެފައިވާ ތިން ރައުޔަށް ބަލާއިރު، އޭގެ ތެރެއިން އެންމެ ހަރުދަނާ ރައުޔަކީ އިލްމުވެރިންގެ ޖުމްހޫރުންގެ ރައުޔު ކަމުގައިވާ ފުރަތަމަ ރައުޔެވެ. އެއީ އެރައުޔުގެ ދަލީލުތަކާއި ހުއްޖަތުތަކުގެ ވަރުގަދަ ކަމުންނާއި، ކީރިތި ގުރްއާނާއި ކީރިތި ރަސޫލާގެ ސުންނަތުން ސާބިތުވާ ރައުޔަށް ވާތީ ކަމަށެވެ. އަދި އެމަޖިލީހަށް ބޮޑަށް ބުރަ ވެވެނީ ވެސް އެ ރައުޔަށް ކަމަށެވެ.

މީގެ އިތުރުން ދެވަނަ ރައުޔަކީ، ދަލީލުގެ ގޮތުން ބަލިކަށިވެފައި، އިސްލާމީ ޝަރީއަތުގައި ހިމެނޭ ހުރިހާ ބާވަތެއްގެ މައްސަލަތައް ޝާމިލްވެފައިނުވާ ރައުޔަކަށްވާތީ، އެރައުޔުގެ ބުރަދަނެއް ނުވާކަން ފާހަގަކުރެވޭ ކަމަށާއި، ތިންވަނަ ރައުޔަކީ، ދަލީލެއް ނެތިފައި، އަލްއިމާމުއްތަބަރީގެ ބަސްފުޅެއް ކަމާމެދު ޝައްކު އުފެދިފައިވާ ރައުޔަކަށްވާތީ، އެރައުޔުގެ ވެސް ބުރަދަނެއް ނެތް ކަމަށް އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުން ވަނީ ނިންމާފަ އެވެ.